މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
އިޢުލާން - އިންކަމް ޓެކްސް ހުށަހެޅުމަށް އެހީތެރިވުމުގެ ޕްރޮގްރާމް 2025

2024 ވަނަ އަހަރަށް އިންކަމް ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ފަރާތްތަކުގެ ތެރެއިން 10 މިލިއަން ރުފިޔާ ނުވަތަ އެއަށްވުރެ މަދުން އާމްދަނީ ލިބިފައިވާ ފަރާތްތަކަށް އެހީތެރިވެދިނުމަށް، މި އަހަރުގެ އެޕްރީލް މަހުގެ 6 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ޚާއްޞަ ޕްރޮގްރާމެއް ކުރިޔަށް ގެންދިއުމަށް މީރާއިން ވަނީ ހަމަޖައްސާފައެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، ޓެލެފޯން، އީމެއިލް އަދި އެނޫންވެސް އޮންލައިން ވަސީލަތްތައް ބޭނުންކޮށްގެންނެވެ.

އިންކަމް ޓެކްސް ޤާނޫނުގެ ދަށުން ޓެކްސް ދައްކަންޖެހޭ އާމްދަނީގެ ތެރޭގައި ވިޔަފާރި އާމްދަނީ، އުޖޫރަ އަދި އެ ޤާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެންމެހައި ބާވަތްތަކުގެ އާމްދަނީ ހިމެނެއެވެ. ވީމާ، 2024 ވަނަ އަހަރުގައި 10 މިލިއަން ރުފިޔާ ނުވަތަ އެއަށްވުރެ މަދުން އާމްދަނީ ލިބިފައިވާ ފަރާތްތަކުގެ ތެރެއިން "ކޭޝް ބޭސިސް" އަށް ހިސާބުތައް ތައްޔާރުކުރުމަށް އިޚްތިޔާރުކޮށްފައިވާ ފަރާތްތަކުން، 2024 ވަނަ އަހަރަށް އެ ފަރާތުން ހުށަހަޅާ އިންކަމް ޓެކްސް ބަޔާނާއި މާލީ ހިސާބުތައް ތައްޔާރުކުރުމުގައި އެހީތެރިކަން ބޭނުންފުޅުވާނަމަ، މީރާގެ 9821415 ނަންބަރަށް ވައިބަރ މެދުވެރިކޮށް މެސެޖުކުރައްވައިގެން ނުވަތަ މީރާގެ އީމެއިލް [email protected] އަށް އީމެއިލްކުރައްވައިގެން ނުވަތަ މީރާގެ ހޮޓްލައިން 1415 އަށް ގުޅުއްވައިގެން ނުވަތަ މީރާ ވެބްސައިޓުގެ ލައިވް ޗެޓް ފަންކްޝަން މެދުވެރިކޮށް ނަން ނޯޓުކުރުމުގެ ފުރުސަތު މިހާރުވަނީ ހުޅުވައިލައިފައެވެ.

ތިޔަ ފަރާތަކީ 2024 ވަނަ އަހަރުގެ އިންކަމް ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ފަރާތެއްތޯ ބެއްލެވުމަށް ތިރީގައިވާ ލިންކު ބޭނުންކުރެވިދާނެއެވެ. 2024 ވަނަ އަހަރުގެ އިންކަމް ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ސުންގަޑިއަކީ 30 ޖޫން 2025 އެވެ.

https://www.mira.gov.mv/Guides/View/income-tax-requirement-2024

06 އެޕްރީލް 2025
ހޯދާ