އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ރިޔާސީ އިންތިޚާބުގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައް މޮނިޓަރކުރުން

2013 ޖޫން 23 ވީ އާދީއްތަ ދުވަހު ކުރެވިފައިވާ ކޮމިޝަނުގެ ނަންބަރު (A)EC-2013/253 ރިޔާސީ އިންތިޚާބުގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައް މޮނިޓަރކުރުމަށް ފުރުސަތު ހުޅުވާލައި ކުރެވިފައިވާ އިޢުލާނާ ގުޅޭގޮތުން ދަންނަވަމެވެ.

ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާންމަހު، މޮނިޓަރކުރުމަށް އެދޭ ފަރާތްތަކުގެ އެޕްލިކޭޝަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00އިން މެންދުރު 13:00 އަށް އިލެކްޝަންސް ކޮމިޝަނުގެ އިދާރާއިންނާއި، ރަށު އިލެކްޝަންސް ފޯކަލް ޕޮއިންޓެވެ. އަދި ކޮންމެ ހޮނިހިރު ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 13:00 އަށް އިލެކްޝަންސް ކޮމިޝަނުގެ އިދާރާއިން އެޕްލިކޭޝަން ބަލައިގަތުމަށްވަނީ ހަމަޖެހިފައެވެ.

މި ރިޔާސީ އިންތިޚާބު މޮނިޓަރކުރުމުގެ ހުއްދަ ދެވޭނީ އަންނަނިވި ޝަރުޠު ފުރިހަމަވާ ފަރާތްތަކަށެވެ. 

  1. އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުން.
  2. ޖިނާއީ ކުށެއްގައި ޙުކުމް ތަންފީޒު ކުރެވެމުންދާ މީހެއްކަމުގައި ނުވުން.
  3. ރޭޑިއޯ/ ޓީވީ ސްޓޭޝަންތަކުން ހުށަހަޅުއްވާ ފަރާތްތަކަކީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގައި ރަޖިސްޓަރީ ކޮށްފައިވާ ރޭޑިއޯ/ ޓީވީ ސްޓޭޝަނުގައި މަސައްކަތް ކުރާ މީހެއްކަން އިލެކްޝަންސް ކޮމިޝަނަށް ކަށަވަރުވާ މީހެއްކަމުގައިވުން.
  4. ނޫސް މަޖައްލާތަކުން ހުށަހަޅުއްވާ ފަރާތްތަކަކީ ނޫސް މަޖައްލާފަދަ ތަކެތީގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާއެއްގައި މަސައްކަތް ކުރާ މީހެއްކަން އިލެކްޝަންސް ކޮމިޝަނަށް ކަށަވަރުވާ މީހެއްކަމުގައިވުން.
  5. ރިޔާސީ އިންތިޚާބާ ބެހޭ މަސައްކަތެއް ކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ޙަވާލުވެގެން ހުރި މީހެއްކަމުގައި ނުވުން.

ރާއްޖޭން ބޭރުގެ ފަރާތްތަކުން މޮނިޓަރ ކުރުމަށް ހުށަހަޅުއްވާނަމަ، ބައިނަލް އަޤްވާމީ މީޑިއާއެއްގައި މަސައްކަތް ކުރާ މީހެއްކަން އިލެކްޝަންސް ކޮމިޝަނަށް ކަށަވަރުވާ ފަރާތެއްކަމުގައިވާންވާނެއެވެ.

ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންތައްތައް މޮނިޓަރކުރުމަށް ޝައުޤުވެރިވާ ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާތަކާއި ނޫސް އޭޖެންސީތަކުން އިލެކްޝަންސް ކޮމިޝަނުން އެކަމަށް ކަނޑައަޅާފައިވާ އެޕްލިކޭޝަން ފޯމާއި އިޤުރާރު ފުރިހަމަ ކުރުމަށްފަހު، އެ ތަކެތި ސީދާ އިލެކްޝަންސް ކޮމިޝަނުގެ އިދާރާއަށް ހުށަހަޅަން ވާނެއެވެ. އަދި ރަށްރަށުގައި ހިންގާ ނޫސް މަޖައްލާތަކާއި ނޫސް އޭޖެންސީތަކުން އެޕްލިކޭޝަން ހުށަހަޅުއްވާނީ އެރަށެއްގެ އިލެކްޝަންސް ފޯކަލް ޕޮއިންޓަށެވެ. އެޕްލިކޭޝަން ފޯމު ހުށަހަޅާއިރު، އެ ނޫސް މަޖައްލާއެއް ނުވަތަ އޭޖެންސީއެއްގެ ފަރާތުން ހުށަހަޅާ ފޯމުގެ ޢަދަދު ބަޔާންކޮށް އިލެކްޝަންސް ކޮމިޝަނުގެ އިދާރާއަށް ސިޓީއެއް ހުށަހަޅަން ވާނެއެވެ.

ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް މޮނިޓަރކުރުމަށް ޝައުޤުވެރިވާ ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާތަކާއި ނޫސް އޭޖެންސީތަކަށް އެޕްލިކޭޝަން ހުށަހެޅުއްވޭނީ ބަހައްޓާ ވޯޓު ފޮށީގެ ޢަދަދަށްވުރެ ފާހުގެ ޢަދަދު އިތުރުނުވާ ގޮތެއްގެ މަތީންނެވެ.

އެއްވެސް ފޯމެއްގައި ފުރިހަމަ ކުރަންޖެހޭ ބައެއް ފުރިހަމަ ނުވެ ހުރިނަމަ ނުވަތަ އެ ފޯމާއެކު ހުށަހަޅަންޖެހޭ އެއްވެސް އެއްޗެއް މަދުނަމަ އެފޯމެއް ބާޠިލު ކުރެވިދާނެއެވެ. އަދި އެޕްލިކޭޝަން ފޯމު ހުށަހަޅުއްވާނީ ފޯމުގައި ހިމެނޭ މަޢުލޫމާތު ފުރިހަމަކުރުމަށްފަހު، އޮބްޒާވަރުންނާއި، މޮނިޓަރުންނާއި، ކެންޑިޑޭޓުންގެ މަންދޫބުންގެ އެޕްލިކޭޝަން ފޯމު ބަލައިގަތުމާއި، ފާސްދޫކުރުމަށް  ހަމަޖެހިފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅުއްވަންޖެހޭ ތަކެތި އުސޫލުގައި ބަޔާންކުރެވިފައި ވާނެއެވެ.

ރިޔާސީ އިންތިޚާބު މޮނިޓަރ ކުރުމަށްއެދޭ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ އެޕްލިކޭޝަން ފޯމާއި އިޤުރާރު އަދި އޮބްޒާވަރުންނާއި، މޮނިޓަރުންނާއި، ކެންޑިޑޭޓުންގެ މަންދޫބުންގެ އެޕްލިކޭޝަން ފޯމު ބަލައިގަތުމާއި، ފާސްދޫކުރުމަށް  ހަމަޖެހިފައިވާ އުސޫލު އިލެކްޝަންސް ކޮމިޝަނުގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި، އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުން (www.elections.gov.mv) ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

17 ޝަޢުބާން 1434

26 ޖޫން 2013
ހޯދާ