އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ރިޔާސީ އިންތިޚާބުގައި ރ. ދުވާފަރާއި ތ. ވިލުފުށީގެ ރަށްވެހިންނަށް އެމީހަކު ވޯޓުލުމަށް ހަމަޖެހިފައިވާ ވޯޓު ފޮށި ބަދަލުކުރުމަށް ދެވޭ ޙާއްޞަ ފުރުޞަތު

2013 ސެޕްޓެމްބަރ 7 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި، ރަށްވެހިވެފައިވާ ރަށްނޫން އެހެން ރަށެއްގައި ނުވަތަ ތަނެއްގައި ހުރެގެން ވޯޓުލުމަށްޓަކައި، ރަޖިސްޓަރީ ކުރުމަށް ހުޅުވާލެވޭ މުއްދަތުގައި، ރ. ދުވާފަރާއި ތ. ވިލުފުށީގެ ރައްޔިތުންނަށް އެމީހަކު ދިރިއުޅޭ ސަރަޙައްދާ ކައިރި ވޯޓުފޮށްޓަކަށް ވޯޓުލެވޭގޮތަށް ފުރުޞަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި 2 ރަށުގެ ރައްޔިތުންނަށް މި ފުރުޞަތު ދިނުމަށް ނިންމާފައިވާނީ، މިރަށްރަށަކީ ސުނާމީ ކާރިޘާގެ ފަހުން އަލުން މީހުން އާބާދުވެ، ނަމަވެސް މިރަށްރަށުގައި މިހާރު މީހުން ދިރިއުޅެމުންދާ ގެތަކުގެ ރަށްވެހިންގެ ރަޖިސްޓަރީ ހެދިފައި ނުވާތީއެވެ.

ރ. ދުވާފަރާއި ތ. ވިލުފުށީ ރައްޔިތުންގެ ތެރެއިން، އެމީހަކު ވޯޓުލުމަށް ހަމަޖެހިފައިވާ ވޯޓުފޮށި ބަދަލުކުރުމަށް އެދޭ ފަރާތްތަކަށް އެފުރުޞަތު ލިބޭނީ، ރަށްވެހިވެފައިވާ ރަށްނޫން އެހެން ރަށެއްގައި ނުވަތަ ތަނެއްގައި ހުރެގެން ވޯޓުލުމަށްޓަކައި ހުޅުވާލެވޭ މުއްދަތުގައި އެކަމަށް އެދި ހުށަހަޅަންޖެހޭ ފޯމު ފުރިހަމަކޮށް ހުށަހެޅުމުންނެވެ.

 މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

18 ޝަޢުބާން 1434

27 ޖޫން 2013
ހޯދާ