ދިވެހިރާއްޖެ
ގަވާއިދު ނަންބަރު 2016/R-88 (ބަންޑާރަ ގޯއްޗާއި، އަމިއްލަ ގޯއްޗާއި، އެފަދަ ގޯތީގައި ހަދާ ޢިމާރާތް ރަޖިސްޓްރީކުރުމާބެހޭ ގަވާއިދު) އަށް 12 ޖަނަވަރީ 2023 ގައި ގެނެވުނު 1 ވަނަ އިޞްލާޙު ގެ ދަށުން ދިރިއުޅުމަށް ގޯތި ދޫކުރާ ތާރީޚުން ފެށިގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި، މި ގަވާއިދު 6 ވަނަ މާއްދައިގައި ވާ ކަންކަން ފުރިހަމަކޮށް، މި ގަވާއިދުގެ 7 ވަނަ މާއްދައިގައި ބަޔާންކޮށްފައިވާ ލިތުންތަކާއެކު ގޯތީގެ ދާއިމީ ރަޖިސްޓަރީ ހެދުމަށް ހުށައަޅާންވާނެއެވެ. އަދި މި މުއްދަތުގެ ތެރޭގައި ދާއިމީ ރަޖިސްޓަރީ ހެދުމަށް ގޯތީގެ ވެރިފަރާތުން ހުށަނާޅައިފިނަމަ، އެ މުއްދަތު ހަމަވުމަށްފަހު ރަޖިސްޓްރީ ކުރާއިރު، ދުވާލަކަށް -/5 (ފަހެއް) ރުފިޔާގެ ރޭޓުން، -/2000 (ދެހާސް) ރުފިޔާއާ ހަމައަށް ގޯތީގެ ވެރިފަރާތް ޖޫރިމަނާ ކުރުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.
ޖޫރިމަނާކުރުމާއެކު، ދާއިމީ ރަޖިސްޓަރީ ހެދުމުގެ ފުރުޞަތު ދެވޭނީ، ގޯތި ހަވާލުކުރިކަމުގެ ލިތުން އެފަރާތަކަށް ދޫކުރާ ތާރީޚުން ފެށިގެން 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަކަށެވެ. ބުނެވުނު މުއްދަތުގެ ތެރޭގައި ދާއިމީ ރަޖިސްޓަރީ ހެދުމަށް ހުށަނާޅައިފިނަމަ ދޫކޮށްފައިވާ ވަގުތީ ރަޖިސްޓަރީއާއި ގޯތި ހަވާލުކުރިކަމުގެ ލިޔުން ބާޠިލްކޮށް، އެ ފަރާތުގެ ކިބައިން ގޯތި ވަކިކުރުމުގެ އިޙްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.
ދެންނެވިފައިވާ ޤަވާއިދުގެ މަތިން ގޯތި ލިބި ރަޖިސްޓްރީ ހައްދާފައި ނުވާ ފަރާތްތަކުން އެ ފަރާތްތަކުގެ ގޯތި ރަޖިސްޓްރީ ކުރުމަށް ހުށަހެޅުމަށް އެންގީމެވެ. އަދި މި ގަވާއިދުގެ 19 ވަނަ މާއްދާގެ (ހ) ގެ 7 ވަނަ ނަންބަރގައިވާފަދައިން އެންމެހައި ފަރާތްތަކުން އެ ފަރާތްތަކަށް ދޫކޮށްފައިވާ ގޯތިތެރެއާއި ގޯތި ގުޅިފައިވާ މަގުތައް ކުނިކަހައި ވިނަނޮޅައި ސާފުކޮށް ބެލެހެއްޓުމަށް އެންގީމެވެ.
ވީމާ މިކަން އާންމުންގެ މަޢުލޫމަތަށްޓަކައި ދެންނެވީމެވެ.