ދިވެހިރާއްޖެ
އިޢުލާން
1. ތަޢާރުފު
ޤާނޫނު ނަންބަރު 2012/3 (ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު) ވުޖޫދުވެގެން އައީ، ގެވެށި އަނިޔާގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކުން އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތައް ރައްކާތެރިކޮށް، އެ ފަރާތްތައް ދުޅަހެޔޮ ދިރިއުޅުމަކަށް ރުޖޫއަ ކޮށްދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމުގެ މަޤުޞަދުގައެވެ.
މިގޮތުން، ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ކުރިމަތިވާ ޖިސްމާނީ، ނަފުސާނީ، އިޤުތިޞާދީ، އިޖުތިމާޢީ އަދި ޞިއްޙީ ގެއްލުންތަކުން އަރައިގައިގަތުމަށާއި ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް ބޭނުންވާ ޚިދުމަތްތަށް ފޯރުކޮށްދީ، ޤާނޫނުގައި ކަނޑައަޅާފައިވާ މަޤުޞަދުތަށް ހާސިލުކުރުމަށްޓަކައި ގެވެށި އަނިޔާ ހުއްޓުވުމަށް މަސައްކަތްކުރާ އެންމެހާ މުއައްސަސާތަކާއި މަދަނީ ޖަމުޢިއްޔާ ޖަމާޢަތްތަށް ގުޅިގެން މަސައްކަތްކުރުމަކީ މުހިންމު ކަމެކެވެ.
ވުމާއެކު، ގެވެށި އަނިޔާ ހުއްޓުވުމަށް ގުޅިގެން މަސައްކަތް ކުރުމުގައި ދިމާވާ ގޮންޖެހުންތަކާއި، އެ ގޮންޖެހުންތައް ޙައްލުކުރާނެ ގޮތްތަކާއި، މުއައްސަސާތަކުން މަސައްކަތް ކުރާ އިޖުރާޢަތުތަކާއި، މަދަނީ ޖަމުޢިއްޔާ ޖަމާޢަތްތަކާއިއެކު މަސައްކަތްކުރެވޭނެ ގޮތްތަށް ދެނެގަތުމަށްޓަކައި، މިފަދަ ސިމްޕޯސިއަމްއެއްގައި ބައިވެރިވެ މަޝްވަރާކޮށް މަސައްކަތް ހަރުދަނާ ކުރެވޭނެ ގޮތްތަށް ހޯދުމަކީ މުހިންމު ކަމެކެވެ.
2. ސިމްޕޯސިއަމްގެ މަޤުޞަދު
- ގެވެށި އަނިޔާގެ ޝިކާރަޔަކަށްވާ ފަރާތްތަކަށް ޚިދުމަތް ފޯރުކޮށްދޭ އެންމެހާ މުއައްސަސާތަކާއި މަދަނީ ޖަމުޢިއްޔާ ޖަމާޢަތްތަކަށް ކުރިމަތިވާ ގޮންޖެހުންތަކާއި ގުޅޭގޮތުން މަޝްވަރާކުރުން.
 - ގެވެށި އަނިޔާ ހުއްޓުވުމަށް މަސައްކަތްކުރާ އެންމެހާ ފަރާތްތައް އެއްތަނެއްގައި ތިބެ ތަޖުރިބާ ޙިއްޞާކޮށް އެކި މުއައްސަސާތަކުން ކުރާ މަސައްކަތްތަށް ދެނެގަނެ ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ ދަށުން ފޯރުކޮށްދޭ ޚިދުމަތްތައް ހަރުދަނާ ކުރާނެ ގޮތްތަކެއް ހޯދުން.
 - ގެވެށި އަނިޔާ ހުއްޓުވުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ މަދަނީ ޖަމުޢިއްޔާ ޖަމާޢަތްތަކަށް އެ ފަރާތްތަކުން ކުރާ މަސައްކަތްތަކަކީ ކޮބައިކަން ޙިއްޞާކޮށް ސަރުކާރުގެ މުއައްސަސާތަކާއި ގުޅިގެން ހަރުދަނާ ގޮތެއްގައި އަނިޔާ ލިބޭ ފަރާތްތަކާ އެކީ މަސައްކަތްކުރާނެ ގޮތްތައް ދެނެގަތުން.
 - ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ ދަށުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ "މިނިމަމް ސްޓެންޑަރޑް" އެއް ކަނޑައަޅައި ގެވެށި އަނިޔާ ހުއްޓުވުމަށް މަސައްކަތްކުރާ ފަރާތްތަކަށް ޙިއްޞާކުރުން.
 - ގެވެށި އަނިޔާ ހުއްޓުވުމަށް މަސައްކަތްކުރާ މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ވަރުގަދަ ކުރުން.
 - ގެވެށި އަނިޔާ ހުއްޓުވުމަށް މަސައްކަތްކުރާ ފަރާތްތަކުގެ މެދުގައި ނެޓްވޯކިންގ ހަރުދަނާކޮށް މަޢުލޫމާތުތައް ޙިއްޞާކުރާނެ "ޕްލެޓްފޯމް" އެއް ޤާއިމު ކުރުމާއެކު "ރިފަރަލް ޕާތްވޭ" އެއް ކަނޑައެޅުން.
 
3. ސިމްޕޯސިއަމް އާއި ގުޅުންހުރި މަޢުލޫމާތު
- ތީމް: "ގުޅިގެން ބަދަލެއް: ގެވެށި އަނިޔާ ހުއްޓުވުމަށް ޢިޖާބަދިނުމުގައި ބާރުވެރި މުޖުތަމައެއް ބިނާ ކުރުން"
 - ބޭއްވުމަށް ރާވާފައިވާ މުއްދަތު: 2 ދުވަސް، ނޮވެންބަރު 2024 ގައި (އިތުރު ތަފުޞީލު ފަހުން ފޯރުކޮށްދެވޭނެ).
 - ބޭއްވުމަށް ރާވާފައިވާ ތަން: ކ. މާލެ (އިތުރު ތަފުޞީލު ފަހުން ފޯރުކޮށްދެވޭނެ).
 - ޚަރަދު: ސިމްޕޯސިއަމްގައި ބައިވެރިވުމަށް މާލެއަށް ދަތުރުކުރަން ޖެހޭ ފަރާތްތަކަށް، ދަތުރުކުރުމުގެ ޚަރަދާއި، ހުރުމުގެ ޚަރަދާއި، ކެއުމުގެ ޚަރަދު، ދަޢުލަތުގެ މާލިއްޔަތުގެ ގަވާއިދު ތަންދޭ އުޞޫލެއްގެ މަތިން ފޯރުކޮށްދެވޭނެއެވެ.
 
4. ސިމްޕޯސިއަމްގައި ބައިވެރިވުމަށް ރަޖިސްޓްރީވުން
- މި ސިމްޕޯސިއަމްގައި ބައިވެރިވާން ބޭނުންވާ މަދަނީ ޖަމްޢިއްޔާތަކުން ތިރީގައިވާ ގޫގުލް ފޯމް މެދުވެރިކޮށް ރަޖިސްޓްރީ ވާންވާނެއެވެ.
 - https://forms.gle/hnvJrD7DK3Ub2pLa9
 - ރަޖިސްޓްރީވުމުގެ ސުންގަޑި: 31 ޖުލައި 2024 (ބުދަ)ދުވަހުގެ މެންދުރު 12:00 އަށް.
 
5. ސިމްޕޯސިއަމްގައި ބައިވެރިވާނެ ޖަމުޢިއްޔާތައް ހޮވުން
- މި ސިމްޕޯސިއަމްގައި ބައިވެރިވުމަށް ހޮވާލެވޭނީ ރަޖިސްޓްރީވާ މަދަނީ ޖަމުޢިއްޔާ ޖަމާޢަތްތަކުގެ ތެރެއިން 20 ޖަމުޢިއްޔާއެކެވެ.
 - މި 20 ޖަމުޢިއްޔާ ހޮވުމަށްޓަކައި ބެލެވޭނީ އަންނަނިވި ކަންކަމަށެވެ:
- ފާއިތުވި 3 އަހަރު ދުވަހުގެ ތެރޭގައި ޖަމުޢިއްޔާއިން އިސްވެ ހިންގާފައިވާ ހަރަކާތްތައް – %60
 - ފާއިތުވި 3 އަހަރު ދުވަހުގެ ތެރޭގައި ޖަމުޢިއްޔާއިން ބައިވެރިވެފައިވާ ހަރަކާތްތައް - %40
 
 - މަތީގައި ބަޔާންކޮށްފައިވާ ކަންކަމަށް މާކްސް ދެވޭއިރު، ގެވެށި އަނިޔާ އަދި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ ހުއްޓުވުމަށްޓަކައި މަސައްކަތް ކުރާ ފަރާތްތަކަށާއި، ކުޑަކުދިން، އުމުރުން ދުވަސްވީ މީހުން އަދި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކާއި ގުޅުންހުރި މަސައްކަތްތައް ކުރައްވާ ޖަމުޢިއްޔާ ޖަމާޢަތްތަކަށް އިސްކަންދެވޭނެއެވެ.
 - މަތީގައި ބަޔާންކޮށްފައިވާ ކަންކަމަށް މާކްސް ހޯދުމަށްޓަކައި، ޖަމުޢިއްޔާއިން އިސްވެ ހިންގާފައިވާ ޙަރަކާތްތަކާއި ބައިވެރިވެފައިވާ ޙަރަކާތްތަކާއި ގުޅުންހުރި މަޢުލޫމާތު ހިމެނޭ ލިޔެކިޔުންތައް ނުވަތަ އެ މަޢުލޫމާތު ލިބޭނެ ލިންކުތައް، ރަޖިސްޓްރީ ވާން ބޭނުންކުރާ ގޫގުލް ފޯމް މެދުވެރިކޮށް ހުށަހަޅަންވާނެއެވެ.
 - އެއްވެސް ޙަރަކާތަކާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯދަން ޖެހިއްޖެނަމަ، ރަޖިސްޓްރީ ފޯމުގައި ނޯޓު ކުރާ ޖަމުޢިއްޔާގެ ފޯކަލް ޕޮއިންޓަށް އޮތޯރިޓީން ގުޅައި އިތުރު މަޢުލޫމާތު ސާފުކުރާނެއެވެ.
 
6. އިތުރު މަޢުލޫމާތު
މި އިޢުލާނާއި ގުޅިގެން އެއްވެސް ސުވާލެއް އޮތްނަމަ، 2024 ޖުލައި 28 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މި އޮތޯރިޓީގެ އީމެއިލް އެޑްރެސް [email protected] އަށް އީމެއިލް މެދުވެރިކޮށް ލިޔުއްވުން އެދެމެވެ.
