މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދުގައި ލޭނުއަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަންކުރުމުގެ ލައިސަންސަށް ހޯދުމަށް އެދި ހުށަހެޅުމުގެ ދަޢުވަތު

ދިވެހިރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދުގައި ލޭނު އަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަންކުރުމުގެ ލައިސަންސަށް ހޯދުމަށް އެދި ހުށަހެޅުމުގެ ދަޢުވަތު

ސިޓީ ހުށަހެޅުމުގެ ދަޢުވަތު

ދިވެހިރާއްޖޭގެ އާކިޕެލަޖިކް ބޭސްލައިންއިން ފެށިގެން 100 މޭލު ފާހަގަކޮށް، އެއިމުން ފެށިގެން ބޭރުގައިވާ ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައާއި އަދި އިންޑިއަން އޯޝަން ޓޫނާ ކޮމިޝަންގެ އިޚްތިޞާސްގެ ތެރޭގައި ހިމެނޭ މާކަނޑުގެ ސަރަޙައްދުގައި (އެއްވެސް ޤަޢުމެއްގެ އިޚްތިޞާޞްތެރޭގައި ނުހިމެނޭ ސަރަޙައްދު)ގެ ތެރޭގައި ލޭނުއަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަންކުރުމަށް ޝައުޤުވެރިވާ ދިވެހިންނަށް ނުވަތަ ދިވެހިންގެ ކުންފުނިތަކަށް ލޭނު މަސްވެރިކަމުގައި ހަރަކާތްތެރިވުމަށް ބޭނުންވާ ކޯޓާއަށް އެދި ހުށަހެޅުމަށް މިމިނިސްޓްރީގެ ފަރާތުން ދަޢުވަތު އަރުވަމެވެ. އިސްވެދެންނެވުނު ކޯޓާ ވިއްކުމަށް ހަމަޖެހިފައިވަނީ [ލޭނު އަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމުގެ ގަވާއިދު] އާއި [ބޭރުކަނޑުގައި ލޭނު އަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަންކުރުމަށް ކޯޓާ ދޫކުރުމުގެ އުސޫލު]ގެ ދަށުންނެވެ. މިގަވާއިދު އަދި އުސޫލު މިނިސްޓްރީގެ ވެބްސައިޓް (www.fishargi.gov.mv) އިން ލިބިވަޑައިގަންނަވާނެއެވެ.

ކޯޓާ ވިއްކުމަށް ހަމަޖެހިފައިވާ އަދަދު

2015 ވަނަ އަހަރުގެ ޖޫން 1 އިން ފެށިގެން 2016 ވަނަ އަހަރުގެ މޭ 31 ގެ ނިޔަލަށް ވިއްކުމަށް ހަމަޖެހިފައިވަނީ -/12,500 (ބާރަހާސް ފަސްސަތޭކަ) މެޓްރިކް ޓަނުގެ ކޯޓާއެވެ. ކޯޓާއަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުން މިއަދަދަށްވުރެ ގިނައިން ކޯޓާއަށް އެދި ހުށަހަޅާފައިވާ ނަމަ، ކޯޓާ ދޫކުރާނީ ނީލަމުގެ އުސޫލުން އެންމެ މަތީ އަގު ހުށަހަޅާ ފަރާތަކަށެވެ.

ކޯޓާއަށް އެދި ހުށަހެޅުއްވަންޖެހޭ ލިއެކިޔުންތައް

ކޯޓާއަށް އެދިލައްވާ ފަރާތްތަކުން ކޯޓާއަށް އެދި ހުށަހަޅުއްވަންޖެހޭ ލިޔެކިއުންތަކުގެ ތަފުސީލު ތިރީގައި މިވަނީއެވެ.

  • ކޯޓާއަށް އެދި ހުށަހަޅުއްވާ ސިޓީ

ސިޓީ ހުށަހަޅުއްވާ ފަރާތުން ލޭނު މަސްވެރިކަމަށް ނެރުމަށް ގަސްދުކުރާ އުޅަނދުގެ އަދަދާއި އެއުޅަނދަކުން އަހަރެއްގެ މައްޗަށް ބޭނޭނެ ކަމަށް އަންދާޒާކުރާ މިންވަރު އަދި ކޯޓާގެ ގޮތުގައި އެކުންފުނީގެ ހުރިހާ އުޅަނދަކަށް އެއްކޮށް ބޭނުންވާ މިންވަރު މެޓްރިކް ޓަނުން ސާފުކޮށް ޖައްސަވަންވާނެއެވެ.

ކޯޓާގެ ދަށުން ލޭނު މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުފަހަރުގައި ބިދޭސީން ހިމެނޭނެ ނިސްބަތް (އިން ސައްތައިން) ސިޓީގައި ބަޔާންކުރަންވާނެއެވެ. އިސްވެދެންނެވުނު ލޭނުމަސްވެރިކަމާ ބެހޭ ގަވާއިދުގެ 15 ވަނަ މާއްދާގެ ދަށުން ލޭނުމަސްވެރިކަމުގައި ބިދޭސީންނަށް ހަރަކާތްތެރިވެވޭނެ އެންމެ މަތީ ނިސްބަތަކީ އެއުޅަނދެއްގައި ހަރަކާތްތެރިވާ ޖުމުލަ ފަޅުވެރިންގެ 80 އިން ސައްތައެވެ. ނަމަވެސް މިމާއްދާގެ ދަށުން މިމިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ މަތިން އިތުރު ފީއަކާއެކު ލޭނުމަސްވެރިކަން ކުރާ އުޅަނދުގައި ބިދޭސީން ގެންގުޅުމުގެ ނިސްބަތް 90 އިން ސައްތައަށް އިތުރު ކުރެވިދާނެއެވެ.

  • ކޯޓާއަށް އެދި ހުށަހަޅުއްވަނީ ދިވެހި ފަރުދެއްނަމަ އެފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަނގައިދޭ ކާޑުގެ ކޮޕީ
  • ކޯޓާއަށް އެދި ހުށަހަޅަނީ ޕާޓްނަރޝިޕަކުންނަމަ، އެޕާޓްނަރޝިޕެއްގެ ރަޖިސްޓްރީ އާއި ޕާޓްނަރޝިޕް އެއްބަސްވުން އަދި ހުރިހާ ބައިވެރިންގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ޕާސްޕޯޓްގެ ކޮޕީ، އަދި ޕާޓްނަރޝިޕްގެ މަޤްޞަދުތަކުގެ ތެރޭގައި ލޭނު މަސްވެރިކަމުގައި ސިނާޢާތުގައި ހަރަކާތްތެރިވުން ހިމެނިފައި އޮންނަވާނެއެވެ.
  • ކޯޓާއަށް އެދި ހުށަހަޅަނީ ކުންފުންޏަކުން ކަމުގައިވާނަމަ، އެކުންފުނީގެ ރަޖިސްޓްރީއާއި ކުންފުނީގެ އަސާސީ ގަވާއިދު އަދި އެވަގުތު ކުންފުނީގެ ހިއްސާދާރުންނާއި ޑިރެކްޓަރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ މީހުން އެނގޭނެހެން ރަޖިސްޓްރަރ އޮފް ކޮމްޕެނީސްއިން ދޫކޮށްފައިވާ ލިއުމަކާއި ހުރިހާ ހިއްސާދާރުންގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ޕާސްޕޯރޓްގެ ކޮޕީ، ކުންފުންޏަކުން ހުށަހަޅާނަމަ ކުންފުނީގެ މަޤްޞަދުތަކުގެ ތެރޭގައި މަސްވެރިކަމުގައި ސިނާޢަތުގައި ހަރަކާތްތެރިވުން ހިމެނިފައި އޮންނަވާނެއެވެ.

ކޯޓާއަށް އެދި ހުށަހެޅުން

ލޭނު މަސްވެރިކަމުގައި ހަރަކާތްތެރިވުމަށް ކޯޓާއަށް އެދި ސިޓީ ހުށަހެޅުއްވުމުގެ އެންމެ ފަހު ތާރީޚަކީ 24 މޭ 2015 ވަނަ ދުވަހުގެ 15:00 ކުރިންނެވެ. ނަމަވެސް މިމުއްދަތުގައި ކޯޓާއަށް ހުށަހަޅާފައިވާ ޖުމުލަ އަދަދު 12500 މެޓްރިކްޓަނަށް ވުރެ މަދުވާނަމަ، މިއަދަދު ހަމަވަންދެން، ކޯޓާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތަރުތީބުން 31 މޭ 2016 ގެ ނިޔަލަށް ކޯޓާ ވިއްކުމަށް ހަމަޖެހިފައި ވެއެވެ.

މިގޮތުން ހުށަހަޅުއްވާ ސިޓީ އުރައިގެ ބޭރުގައި [ލޭނު މަސްވެރިކަމުގެ ކޯޓާއަށް އެދި] ޖައްސަވަންވާނާއެވެ. ސިޓީ އެޑްރެސް ކުރައްވާނީ ތިރީގައިވާ ގޮތަށެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ،

ވެލާނާގެ، 7 ވަނަ ފަންގިފިލާ، އަމީރުއަހުމަދު މަގު، މާލެ، ދިވެހިރާއްޖެ.

މަޢުލޫމާތު ސާފުކުރުން

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މިމިނިސްޓްރީގެ 3339252 ނުވަތަ 3339266 ނަންބަރު ފޯނަށެވެ.

23 ރަޖަބު 1436

12 މޭ 2015
ހޯދާ