ހެލްތު ޕްރޮޓެކްޝަން އެޖެންސީ
ދިވެހިރާއްޖެ
ކާބޯތަކެތީގެ ޚިދުމަތް ދިނުމުގައި ހުންނަންޖެހޭ މިންގަނޑުތައް ބަޔާންކުރާ ގަވާއިދަށް ޢަމަލުކުރުމާބެހޭ

29 އޮކްޓޫބަރު 2014 ގައި ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކޮށްފައިވާ "ކާބޯތަކެތީގެ ޚިދުމަތް ދިނުމުގައި ހުންނަންޖެހޭ މިންގަނޑުތައް ބަޔާންކުރާ ގަވާއިދު" (ނަންބަރު:2014/R-380) އަށް 29 އެޕްރީލް 2015 އަށް 06 މަސްދުވަސް ފުރިހަމަވާނެއެވެ. ވީމާ، 29 އެޕްރީލް 2015 އިން ފެށިގެން މިގަވާއިދަށް ޢަމަލުކުރަން ފެށޭނެ ކަމުގައި ޢާންމުކޮށް އިޢުލާން ކުރަމެވެ.

މި ގަވާއިދަށް ޢަމަލުކުރަން ފެށުމާއެކު އަލަށް ކާބޯތަކެތީގެ ޚިދުމަތް ދިނުމަށް ފަށާ ހޮޓާ، ކެފޭ އަދި ރެސްޓޯރަންޓް ފަދަ ތަންތަން ރަޖިސްޓަރީކޮށް ހުއްދަދެވޭނީ މި ގަވާއިދުގެ ދަށުންނެވެ. ކާބޯތަކެތީގެ ޚިދުމަތް މިހާރު ދެމުންގެންދާ ހޮޓާ، ކެފޭ އަދި ރެސްޓޯރެންޓް ފަދަ ތަންތަން މިގަވާއިދަށް ޢަމަލުކުރަން ފަށާތާ 06 މަސްދުވަހުގެ ތެރޭގައި ރަޖިސްޓަރީ ކުރައްވަންވާނެއެވެ. ރަޖިސްޓަރީކުރެއްވުމަށް ހުށަހަޅުއްވާނީ މާލޭގައިނަމަ ހެލްތު ޕްރޮޓެކްޝަން އޭޖެންސީއަށް އަދި އަތޮޅުތެރޭގައިނަމަ އެރަށެއްގައި ހުންނަ ޕަބްލިކް ހެލްތު ޔުނިޓަށެވެ. ގަވާއިދުގައިވާ ގޮތުގެ މަތިން ރަޖިސްޓަރީ ކޮށްދެވޭނީ ކަނޑައަޅާފައިވާ ރަޖިސްޓްރޭޝަން ފީ ދެއްކުމުން ކަމަށާއި ކާބޯތަކެތީގެ ޚިދުމަތް ދޭ އެއްވެސް ތަނަކުން ދައްކަންޖެހޭ ޖޫރިމަނާއެއް އޮތްނަމަ ޖޫރިމަނާ ދެއްކުމަށްފަހުގައިކަން ހުރިހާ ފަރާތްތަކަށް ހަނދުމަފުޅުކޮށް އަރުވަމެވެ.

ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަން ރަޖިސްޓަރީ ކުރުމަށް އެދޭ ފޯމު މިނިސްޓްރީ އޮފް ހެލްތުގެ ކައުންޓަރުންނާއި މިއެޖެންސީގެ ވެބްސައިޓް www.hpa.gov.mv އިން 2014 އެޕްރީލް 29 ގެ ފަހުން ލިބެމުން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ މިއެޖެންސީގެ ނަންބަރު 3014488 ފޯނާ ގުޅުއްވުން އެދެމެވެ.

09 ރަޖަބު 1436

28 އޭޕްރިލް 2015
ހޯދާ