މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ޔޫ.އެން.ޑަބްލިއު.ޓީ.އޯ ގެ "ބެސްޓް ޓޫރިޒަމް ވިލެޖަސް 2023" އަށް ވާދަކުރުމަށް ރަށްރަށުގެ ނަން ހުށަހެޅުމަށް ޝައުޤުވެރިކަން ފާޅުކުރުމުގެ ފުރުޞަތު ހުޅުވާލުން

ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމްއިއްޔާ، ޔޫ.އެން.ޑަބްލިއު.ޓީ.އޯ އިން އިސް ނަންގަވައިގެން ކުރިއަށް ގެންދާ "ބެސްޓް ޓޫރިޒަމް ވިލެޖަސް 2023" އަށް ވާދަކުރުމަށް ރަށްރަށުގެ ނަން ހުށަހެޅުމުގެ ފުރުޞަތު ރާއްޖެއަށް ވަނީ ލިބިފައެވެ. މިގޮތުން ރާއްޖޭގައި ރަށްފުށުފަތުރުވެރިކަމަށް ޙާއްސަ 8 (އަށެއް) ރަށެއްގެ ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ލިބިފައިވެއެވެ.

 

"ބެސްޓް ޓޫރިޒަމް ވިލެޖަސް" އަކީ ރަށްފުށުގެ ކުރިއެރުމާއި، ތަރައްޤީ އަދި ދުޅަހެޔޮ ދިރިއުޅުމަށް މަގުފަހިކޮށްދޭ މައި ވަޞީލަތުގައި ފަތުރުވެރިކަން ބޭނުންކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން، ރަށްފުށުފަތުރުވެރިކަމަށް އަމާޒުކޮށްގެން 2021 ވަނައަހަރުން ފެށިގެން ޔޫ.އެން.ޑަބްލިއު.ޓީ.އޯ އިން ކުރިއަށް ގެންދާ ޕްރޮގްމެކެވެ. މިޕްރޮގްރާމްގެ ދަށުން މިހާތަނަށް 40 ޤައުމަކުން 70 އަށް ވުރެ ގިނަ އަވަށާއި، ރަށް ދުނިޔޭގެ ފެންވަރުގައި ވަނީ ފާހަގަކޮށްފައެވެ. ޔޫ.އެން.ޑަބްލިއު.ޓީ.އޯ ގެ މެންބަރު ޤައުމުތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މިޕްރޮގްރާމްގައި ބައިވެރިވެ ހޮވޭ އަވަށާއި ރަށްތައް ފަތުރުވެރިކަން ތަރައްޤީކުރުމުގެ ލާމަޞީލު ނަމޫނާއެއް ގޮތުގައި ދުނިޔޭގެ ފެންވަރުގައި ފާހަނގަކުރެވިގެން ދެއެވެ. އަދި "ބެސްޓް ޓޫރިޒަމް ވިލެޖް" ނެޓްވޯކްގައި ބައިވެރިވެ، މިނެޓްވޯކްގައި ހިމެނޭ އެހެން ޤައުމުތަކާއި އެކު ފަތުރުވެރިކަމާއި ގުޅުންހުރި އެކި ޕްރޮގްރާމްތަށް ކުރިއަށް ގެންދިއުމުގެ ފުރުޞަތުވެސް އެރަށަކަށް ލިބިގެން ދެއެވެ. މިކަމުގެ ސަބަބުން އެރަށަކާއި ރަށުގެ ފަތުރުވެރިކަން ދުނިޔޭގެ ފެންވަރުގައި އިޝްތިހާރުވުމަށް މަގުފަހިވެގެންދާނެއެވެ. މިއީ ރަށުގެ ތަރައްޤީއަށް އެކަމުގެ ސަބަބުން ގިނަ ފައިދާތަކެއް ކުރާނެކަމެކެވެ.

 

ވީމާ، މިޕްރޮގްރާމްގައި ވާދަކުރަށްވަން ޝައުޤުވެރިވާ ރަށްތަކުން 20 އޭޕްރީލް 2023 ވާ ބުރާސްފަތިދުވަހުގެ 12:00 ގެ ކުރިން މިޢިއުލާނާއިއެކު މިވާ ފޯމު މެދުވެރިކޮށް މިމިނިސްޓްރީއަށް ނަން ހުށަހެޅުމުގެ ފުރުޞަތު ރަށު ކައުންސިލްތަކަށް ހުޅުވާލަމެވެ. މިޕްރޮގްރާމް ގައި ބައިވެރިވެވޭނީ، ރާއްޖޭގައި ފަތުރުވެރިކަން ތަރައްޤީވެ ކުރިއެރުމަށް މަގުފަހިވެފައިވާ ރަށްތަކުގެ ތެރެއިން ރަށުގައި ދިރިއުޅޭ އާބާދީގެ ޢަދަދު 15،000 އަށް ވުރެ މަތިނޫން ރަށްރަށުންނެވެ. މިގޮތުން ނަން ހުށަހަޅާ ރަށްތަކުގެ ތެރެއިން ފަތުރުވެރިކަން ފުޅާވުމަށް މަގުފަހިވެފައިވާ މިންވަރަށް ބެލުމަށްފަހު އެންމެ ރަނގަޅު ރަށްތަކުގެ ތެރެއިން ގިނަވެގެން 8 ރަށް ރާއްޖޭގެ ފަރާތުން "ބެސްޓް ޓޫރިޒަމް ވިލެޖަސް 2023" އަށް ހުށަހެޅިގެން ދާނެއެވެ. އަދި މިކަމަ ބޭނުންވާ އެޕްލިކޭޝަން ފޯމާއި، "ކެނޑިޑެސީ ޑޮކިއުމެންޓް" ފުރިހަމަކުރުމަށާއި ވީޑިއޯ އަދި ޖެނެރަލް ޕްރެޒެންޓޭޝަން ތައްޔާރުކުރުމުގައި މިމިނިސްޓްރީއިން މިރަށްތަކަށް އެހީތެރިކަން ފޯރުކޮށްދީ، "ބެސްޓް ޓޫރިޒަމް ވިލެޖަސް 2023" ގައި ވާދަކޮށް ކާމިޔާބު ކުރުމަށްޓަކައި މިމިނިސްޓްރީގެ ފަރާތުން މިރަށްތަކާއިއެކު މަސައްކަތް ކުރުމަށް ހަމަޖެހިފައިވާކަންވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

13 އޭޕްރިލް 2023
ހޯދާ