އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
އދ. ދިއްދޫ ކައުންސިލް މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި- އިލެކްޝަން

 (IUL)38-AC/38/2023/127 :ނަންބަރު

އިޢުލާން

އދ. ދިއްދޫ ކައުންސިލް މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި- އިލެކްޝަން

ޤާނޫނު ނަންބަރު: 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ 15 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާގޮތަށް، އދ. ދިއްދޫ ކައުންސިލް މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން، 2023 މޭ 06 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް ހަމަޖައްސައިފީމެވެ.

ދާއިރާ

އިންތިޚާބު ކުރަންޖެހޭ މެންބަރުންގެ އަދަދު

އދ. ދިއްދޫ ކައުންސިލް މެންބަރު

1

އދ. ދިއްދޫ ކައުންސިލް މެންބަރު މަޤާމަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުޞަތު، 2023 މާރިޗު 22 ވާ ބުދަ ދުވަހުގެ 09:00 ން ފެށިގެން،2023 އެޕްރީލު 06 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ނިޔަލަށް ހުޅުވާލައިފީމެވެ.

(ހ) ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާގޮތަށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލާ މީހެއްގައި އަންނަނިވި ޝަރުޠުތައް ފުރިހަމަ ވާންވާނެއެވެ.

  1. ދިވެހި ރައްޔިތަކަށްވުން.
  2. ބޭރު ޤައުމެއްގެ ރައްޔިތަކަށް ނުވުން.
  3. ބޭރު ޤައުމެއްގެ ރައްޔިތަކު ދިވެހި ރައްޔިތަކަށް ވެފައިވާނަމަ އެމީހަކު ދިވެހި ރައްޔިތަކަށްވުމަށްފަހު 5 (ފަހެއް) އަހަރު ފާއިތުވެފައިވުން.
  4. މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާޢަތުގެ މީހަކަށްވުން.
  5. ޢުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން.
  6. ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުން.
  7. އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހަކު ކަމުގައިވުން.
  8. އެއްވެސް ޖިނާއީ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެ، ޙުކުމެއް ތަންފީޛުކުރަމުންދާ މީހަކު ކަމުގައި ނުވުން.
  9. ކުޑަކުއްޖަކާމެދު ބަދުއަޚްލާޤީ ޢަމަލެއް ހިންގިކަން ނުވަތަ މީހެއްގެ ޢިއްފަތްތެރިކަން ފޭރިގަތްކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައިނުވުން.
  10. މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެ، އެމީހެއްގެ މައްޗަށް ޙުކުމެއް ކޮށްފައިވާނަމަ، އެ ޙުކުމެއް ތަންފީޛުކޮށް ނިމުނުތާ 7 (ހަތެއް) އަހަރު ފާއިތުވެފައިވުން ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފުކޮށްދެވުނުތާ 7 (ހަތެއް) އަހަރު ފާއިތުވެފައިވުން.
  11. (9) ވަނަ ނަންބަރާއި (10) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކުށްތައް ފިޔަވައި އެހެން ޖިނާއީ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެ، އެމީހެއްގެ މައްޗަށް 12 (ބާރަ) މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ކޮށްފައިވާނަމަ، އެ ޙުކުމެއް ތަންފީޛުކޮށް ނިމުނުތާ 3 (ތިނެއް) އަހަރު ފާއިތުވެފައިވުން ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފުކޮށްދެވުނުތާ 3 (ތިނެއް) އަހަރު ފާއިތުވެފައިވުން.

 

(ށ)   ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭމީހާ، އިންތިޚާބަށް ކުރިމަތިލުމަށް އެދޭއިރު، އަންނަނިވި ލިޔުންތަކާއި ތަކެތި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންވާނެއެވެ.

  1. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ނުވަތަ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލުމަށް އެދި ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު.
  2. އިންތިޚާބަށް ކުރިމަތިލާ މީހާގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ސާފު ފޮޓޯކޮޕީ.
  3. ލޯކަލް ކައުންސިލް އިންތިޚާބަށް އަމިއްލަ ގޮތުން ކުރިމަތިލާނަމަ، ތާއީދު އޮތްކަން ހާމަކުރުމުގެ ގޮތުން، އެމީހަކު ކުރިމަތިލާ އިންތިޚާބީ ދާއިރާގެ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މަދުވެގެން 50 މީހުންގެ ފުރިހަމަ ނަން، ދާއިމީ އެޑްރެސް، އައިޑީ ކާޑު ނަންބަރު، ގުޅޭނެ ނަންބަރު އަދި ސޮއި ހިމެނޭ ލިސްޓާއި އެމީހުންގެ އައިޑީ ކާޑުގެ ދެފުށުގެ ސާފު ކޮޕީ.
  4. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލާ މީހާގެ އިޤުރާރު.
  5. ސިޔާސީ ޕާޓީއެއްގެ ފަރާތުން ކުރިމަތިލާނަމަ، އެމީހަކު ތަމްސީލުކުރާ ސިޔާސީ ޕާޓީއިން އެކަން ކަށަވަރުކޮށްދޭ އެ ސިޔާސީ ޕާޓީގެ ސިއްކަ ޖަހާފައިވާ ޕާޓީގެ ޤަރާރު.
  6. އިންތިޚާބުގައި ތާއީދު ހޯދުމުގެ ގޮތުން ނިޝާން ނުވަތަ ލޯގޯ ބޭނުންކުރާނަމަ ނިޝާން ނުވަތަ ލޯގޯ.
  7. އަމިއްލަގޮތުން ކުރިމަތިލާ ކެންޑިޑޭޓުން ވޯޓު ކަރުދާހުގައި ނިޝާނެއް ނުވަތަ ލޯގޯއެއް ބޭނުންކުރާނަމަ އެ ނިޝާނެއް ނުވަތަ ލޯގޯ.
  8. އިދާރީ ފީގެ ގޮތުގައި ދައްކަންޖެހޭ -/1500 (ފަނަރަ ސަތޭކަ) ރުފިޔާ (ފައިސާ ދައްކާނީ ބަނޑޭރި ޕޯޓަލް ލިންކު https://bandeyripay.finance.gov.mv/ މެދުވެރިކޮށެވެ. މި ޕޯޓަލް މެދުވެރިކޮށް ފައިސާ ދައްކާނެގޮތުގެ މެނުއަލް މި އިޢުލާނުގެ އެޓޭޗްމަންޓެއްގެ ގޮތުގައި ހިމެނިފައިވާނެ އަދި މުއްދަތު ހަމަވާ ދުވަހުގެ 13:00 ގެ ކުރިން ފައިސާ ދައްކަން ވާނެއެވެ.)
  9. ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ފުރިހަމަކޮށްފައިވާ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލާ މީހާގެ ދަރަނީގެ ރެކޯޑާއި، ކުށުގެ ރެކޯޑް ސާފުކުރި ފޯމު.
  10. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ފުރިހަމަކޮށްފައިވާ، އިންތިޚާބަށް ކުރިމަތިލާ މީހާގެ ކުށުގެ ރެކޯޑް ސާފުކުރި ފޯމު.
  11. ފޮޓޯ/ލޯގޯ/ނިޝާން
  • ކެންޑިޑޭޓުގެ ޕާސްޕޯޓު ސައިޒްގެ ކުލަ ފޮޓޯ (ޕާސްޕޯޓުގެ މިންގަނޑަށް ފެތޭ JPEG/PNG ފޯމެޓުގައި ސޮފްޓް ކޮޕީ)
  • އިންތިޚާބުގައި ނިޝާނެއް ނުވަތަ ލޯގޯއެއް ބޭނުންކުރާނަމަ އެ ނިޝާނެއް ނުވަތަ ލޯގޯ ގެ ސޮފްޓް ކޮޕީ (JPEG/PNG ފޯމެޓުގައި)  
  • އަމިއްލަގޮތުން ކުރިމަތިލާ މީހުން ވޯޓު ކަރުދާހުގައި ނިޝާނެއް ނުވަތަ ލޯގޯއެއް ބޭނުންކުރާނަމަ އެ ނިޝާނެއް ނުވަތަ ލޯގޯ ގެ ސޮފްޓް ކޮޕީ (JPEG/PNG ފޯމެޓުގައި)

އިންތިޚާބަށް ކުރިމަތިލާ މީހާގެ ދަރަނީގެ ރެކޯޑާއި، ކުށުގެ ރެކޯޑަކީ 2023 މާރިޗު 21 މި ތާރީޚުގެ ފަހުން ސާފުކޮށްފައިވާ ރެކޯޑަކަށް ވާންވާނެއެވެ. އދ. ދިއްދޫ ކައުންސިލް މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2023 މާރިޗު 22 ވާ ބުދަ ދުވަހުގެ 09:00 ން ފެށިގެން،2023 އެޕްރީލު 06 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ނިޔަލަށް އީމެއިލް މެދުވެރިކޮށެވެ. އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމު މެއިލްކުރާނީ މި ކޮމިޝަނުގެ [email protected] މެއިލަށެވެ. އަދި އިންތިޚާބަށް ކުރިމަތިލުމަށް ހުށަހެޅި ހުށަހެޅުމާމެދު ނިންމިގޮތާއި ކެންޑިޑޭޓުންނަށް އަންގަންޖެހޭ އެންގުންތައް އިލެކްޝަންސް ކޮމިޝަނުން އަންގާނީ އެޕްލިކޭޝަން ފޯމުގައި އެފަދަ އެންގުންތައް ފޮނުވުމަށް ކެންޑިޑޭޓުން ބަޔާންކޮށްފައިވާ މެއިލަށެވެ.

އދ. ދިއްދޫ ކައުންސިލް މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، 2023 މޭ 06 ވާ ހޮނިހިރު ދުވަހުގެ 8:00 އިން 16:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 (ތިރީސް) މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހުގައެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ 2023 މޭ 08 ވާ ހޯމަ ދުވަހުގައެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު މިކޮމިޝަންގެ ވެބްސައިޓް www.elections.gov.mv އިން ލިބޭނެ ވާހަކަ ދެންނެވީމެވެ.

21 މާރިޗު 2023
ހޯދާ