މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
'ނޯއޮބްޖެކްޝަން' ހޯދަން ނުޖެހޭގޮތަށް ހަމަޖެއްސުން

ދިވެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމަންޓާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 25/79) ގެ ދަށުން، ޓޫރިޒަމާ ގުޅުން ހުރި މަސައްކަތްކުރުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ރަޖިސްޓަރީކުރާ ނުވަތަ ރީރަޖިސްޓަރީކުރާ ބޭރުގެ ފަރާތެއް ހިއްސާވާ ކުންފުންޏެއް ރަޖިސްޓަރީކުރުމުގެ ކުރިން މިމިނިސްޓްރީން ހޯދަންޖެހޭ 'ނޯ އޮބްޖެކްޝަން' 14 ޑިސެންބަރު 2014 އިން ފެށިގެން ހޯދަންނުޖެހޭނެ ވާހަކަ ޢާންމުކޮށް އަންގައި އިޢުލާނުކުރީމެވެ. އަދި މީގެ އިތުރަށް، ޓޫރިޒަމާ ގުޅުންހުރި މަސައްކަތްކުރުމަށް ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ކުންފުނީގެ ހިއްސާ ބޭރުގެ ފަރާތަކަށް ބަދަލުކުރުމުގެ ކުރިން މިހާރު މިމިނިސްޓްރީން ހޯދަންޖެހޭ 'ނޯއޮބްޖެކްޝަން' ވެސް 14 ޑިސެންބަރު 2014 ގެ ފަހުން ހޯދަންނުޖެހޭނެވާހަކަ ވެސް ޢާންމުކޮށް އަންގައި އިޢުލާނުކުރީމެވެ.

ނަމަވެސް، ޓޫރިސްޓް ރިޒޯޓެއް ނުވަތަ ޔޮޓް ބަނދަރެއް ނުވަތަ ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގުމަށް މިމިނިސްޓްރީން ކުއްޔަށްދޫކޮށްފައިވާ ރަށެއް ނުވަތަ ބިމެއް ކުއްޔަށް ހިފާފައިވާ ފަރާތަކީ ކުންފުންޏެއްނަމަ (އެކުންފުންޏަކީ ހަމައެކަނި ދިވެހިން ހިމެނޭ ކުންފުންޏެއް ކަމުގައިވީނަމަވެސް) އެފަދަ ކުންފުންޏެއްގެ ހިއްސާ ބަދަލުކުރުމުގެ ކުރިން ޓޫރިޒަމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 2/99) ގައި ބުނެފައިވާ ގޮތަށް މިމިނިސްޓްރީން ހުއްދަ ނަގަންވާނެއެވެ.

މިގޮތަށް މިމިނިސްޓްރީން ނިންމާފައިވަނީ ޓޫރިޒަމާ ގުޅުންހުރި މަސައްކަތްކުރާ ފޮރިން އިންވެސްޓަރުން ރާއްޖޭގައި ރަޖިސްޓަރީކުރާ ކުންފުނިތައް ރަޖިސްޓަރީކުރުމަށް މިހާރު އޮންނަ ޕްރޮސީޖަރ ވީހާވެސް ފަސޭހަކުރުމުގެ ގޮތުންނެވެ.

ޓޫރިސްޓް ރިޒޯޓާއި ޔޮޓްބަނދަރު ތަރައްޤީކުރާ ރަށްރަށާއި ހޮޓާ ތަރައްޤީކުރާ ރަށްރަށް ނުވަތަ ބިންބިން ކުއްޔަށް ހިފުމާއި އަދި އެފަދަ ތަންތަން ތަރައްޤީކޮށް ހިންގުމާއި، ޑައިވް ސްކޫލް ތަރައްޤީކޮށް ހިންގުމާއި، އަދި 40 އެނދު ނުވަތަ އެއަށްވުރެ ބޮޑު ޓޫރިސްޓް އުޅަނދު އޮޕްރޭޓުކުރުމުގެ ވިޔަފާރިއަކީ ބޭރުގެ އެންމެހައި ފަރާތްތަކަށްވެސް ރާއްޖޭގައި ކުރެވޭނެ ޓޫރިޒަމާ ގުޅުންހުރި ވިޔަފާރިތަކެވެ. ނަމަވެސް، ގެސްޓްހައުސް ހިންގުމާއި، 40 އެނދަށްވުރެ އެނދުގެ އަދަދު ދަށް ޓޫރިސްޓް އުޅަނދުތައް އޮޕަރޭޓުކުރުމާއި، ޓުއަރގައިޑުކަންކުރުމާއި ދަތުރު ރާވައި ހިންގުމުގެ ވިޔަފާރިއަކީ، މިމިނިސްޓްރީގެ ގަވާއިދުތަކުގެ ދަށުން ބޭރުގެ ފަރާތްތަކަށް ހުއްދަދެވޭ ވިޔަފާރިތަކެއްނޫނެވެ.

04 ޑިސެންބަރު 2014
ހޯދާ