ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ބާ އިމްތިޙާނުގެ ފީ

19 ނޮވެންބަރު 2022 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ބާ އިމްތިޙާނުގެ ފީ ގެ ގޮތުގައި ކެނޑިޑޭޓުން ދައްކަންޖެހޭނީ 6,500 ރ (ހަ ހާސް ފަސް ސަތޭކަ ރުފިޔާ) އެވެ. 

19 ނޮވެންބަރު 2022 ގައި ބާއްވާ އިމްތިޙާނުގެ ފީ ކަނޑައެޅުމުގައި ރިޢާޔަތްކޮށްފައިވާ ކަންކަން

ބާ އިމްތިޙާނުގެ ފީ ކަނޑައެޅުމުގައި ރިޢާޔަތްކޮށްފައިވާ މައިގަނޑު ކަންތައްތަކަކީ އިމްތިޙާނު ފަރުމާކުރުމަށާއި އިމްތިޙާނު ބޭއްވުމަށް ހިނގާނެ ޚަރަދާއި، މި އަހަރު ބާ އިމްތިޙާނުގައި ބައިވެރިވާނެކަމަށް ލަފާ ކުރެވޭ ކެނޑިޑޭޓުންގެ އަދަދާއި، އަދި ބާ އިމްތިޙާނު ބޭއްވުމަށް ލިބިފައިވާ ގްރާންޓް އެހީއެވެ.  

އެގޮތުން އިމްތިޙާނުގެ ޚަރަދު، އިމްތިޙާނުގައި ބައިވެރިވާނެކަމަށް ލަފާކުރާ ކެނޑިޑޭޓުންގެ ޢަދަދުން ބަހާލުމުން، ކޮންމެ ކެންޑިޑޭޓަކަށް ޖެހޭ ޢަދަދު މިއަށްވުރެ މަތި ނަމަވެސް، ބާ ކައުންސިލަށް ލިބިފައިވާ ގްރާންޓް އެހީ މި ޢަދަދުން އުނިކޮށް، ކެނޑިޑޭޓުން ދައްކަންޖެހޭ ފީ އަށް ލުއި ދިނުމަށް، ދެވަނަ އެގްޒެކެޓިވް ކޮމިޓީއިން ވަނީ ނިންމަވާފައެވެ.

2022 ވަނަ އަހަރުގެ ބާ އިމްތިޙާނުގައި ބައިވެރިވާ ފަރާތްތަކަށް ޚާއްސަކޮށް މި ލުއި ދިނުމަށް ނިންމާފައިވަނީ ބާ އިމްތިޙާނުގެ ފީ ގެ ގޮތުގައި ދައްކަންޖެހޭނެ ޢަދަދެއް ދުރާލާ ކެނޑިޑޭޓުންނަށް އެނގިފައިނެތުމުގެ ސަބަބުން މިފަދަ ޚަރަދެއްކުރުމަށް ލިބިފައިވާ ވަގުތަކީ އެކަށީގެންވާ ވަގުތެއް ނޫންކަމަށް އިމްތިޙާނުގައި ބައިވެރިވާ ކެނޑިޑޭޓުންގެ ފަރާތުން ބާ ކައުންސިލާ ޙިއްސާކޮށްފައިވާ ކަންބޮޑުވުންތަކަށް ރިޢާޔަތްކޮށެވެ.  

2023 އިން ފެށިގެން ބޭއްވޭ އިމްތިޙާނުތަކުގެ ފީ

ބާ އިމްތިޙާނުގެ ފީ އަކީ ކޮންމެ އަހަރަކު ބާއްވާ ބާ އިމްތިޙާނަކަށް ހިނގާނެ ޖުމްލަ ޚަރަދަށް ބަލައިގެން އެ އިމްތިޙާނަކަށް ވަކިން ކަނޑައެޅޭ ފީ އަކަށްވާތީ، ކޮންމެ އިމްތިޙާނަކަށްވެސް ކަނޑައެޅޭ ފީ އަކީ ތަފާތު ފީ އަކަށްވާނެއެވެ. އަދި ފީ ކަނޑައެޅުމުގައި ބެލޭ ކަންކަމަކީ އިމްތިޙާނު ފަރުމާކުރުމަށާއި އިމްތިޙާނު ބޭއްވުމަށް ހިނގާނެ ޚަރަދާއި އެ އިމްތިޙާނެއްގައި ބައިވެރިވާނެކަމަށް ލަފާ ކުރެވޭ ކެންޑިޑޭޓުންގެ ޢަދަދު ކަމަށްވެފައި، 2023 ވަނަ އަހަރުން ފެށިގެން ބާ އިމްތިޙާނު ބޭއްވުމަށް ބާ ކައުންސިލަށް ގްރާންޓް ފައިސާ ލިބިފައި ނުވާތީ، ކުރިއަށް އޮތް ތަނުގައި އިމްތިޙާނުގެ ފީ ބޮޑުވެދާނެކަމާއި، އިމްތިޙާނު ދެމެހެއްޓެނިވި ގޮތެއްގެ މަތިން ބޭއްވުމަކީ މި ކައުންސިލުގެ މަސްއޫލިއްޔަތެއް ކަމުގައިވާތީ، މިކަން، 2023 ވަނަ އަހަރުން ފެށިގެން ބާ އިމްތިޙާނުގައި ބައިވެރިވެ ޤާނޫނީ ދާއިރާއަށް ވަނުމަށް ޤަސްދުކުރާ އެންމެހާ ފަރާތްތަކުގެ ސަމާލުކަމަށް ގެންނަމެވެ.

ފީ ދެއްކުމަށް ހަމަޖެހިފައިވާ ގޮތާއި ޑެޑްލައިން

ބާ އިމްތިޙާނުގެ ފީ ދެއްކުމުގެ އިޖުރާއަތުތަކާ ގުޅޭ ތަފްސީލީ މަޢުލޫމާތު ލިބިވަޑައިގަންނަވާނީ ބާ އިމްތިޙާނަށް ރަޖިސްޓަރީ ކުރުމާއި ގުޅޭ އިޢުލާނުންނެވެ.

ބާ އިމްތިޙާނުގެ ފީ އަކީ ނޮން-ރީފަންޑަބަލް ފީ އެކެވެ. މި ފީ ދެއްކުމުގެ ސުންގަޑި އަކީ 20 އޮކްޓޫބަރު 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ޖަހާއިރެވެ. އެހެންކަމުން، 20 އޮކްޓޫބަރު 2022 ވާ ބުރާސްފަތި ދުވަހަކީ ފީ ދެއްކުމަށް ލިބޭނެ އެންމެ ފަހު ތާރީޚު ކަމަށް ބަލައިގެން އެންމެހާ ކެންޑިޑޭޓުން ތައްޔާރުވުމަށް އިލްތިމާސްކުރަމެވެ.

ފީ ދައްކަން ޖެހޭނީ ފީ ގެ ގޮތުގައި ކަނޑައެޅިފައިވާ ޢަދަދު އެއްކޮށެވެ.

އިމްތިޙާނާ ބެހޭ އިތުރު މަޢުލޫމާތު 'ބާ އެގްޒާމް ސްޓެންޑަޑްސް 2022' އަދި 'އެސެސްމަންޓް ރޫލްސް އެންޑް ޕޮލިސީސް' އިން ލިބިވަޑައިގަންނަވާނެއެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް، [email protected] އަށް އީ-މެއިލް ކުރައްވާ، ނުވަތަ 3333990 މެދުވެރިކޮށް ބާ ކައުންސިލްއާ ގުޅުއްވާލަދެއްވާށެވެ.

19 އޮގަސްޓް 2022
ހޯދާ