ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގައި ދިރިއުޅޭ ބިދޭސީން މަސައްކަތް ކުރުމުގެ ދުވަހު އުޖޫރަ ކަނޑައެޅުމާއިބެހޭ އުޞޫލު

ރަށުގައި ދިރިއުޅޭ ބިދޭސީން މަސައްކަތް ކުރުމުގެ ދުވަހު އުޖޫރަ ކަނޑައެޅުމާއިބެހޭ އުޞޫލް

2022

1-ތަޢާރަފް:

(ހ) މިއީ، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 148 ވަނަ މާއްދާގެ (ޖ) ގެ ދަށުން ބާރުލިބިގެންނާއި 149 ވަނަ މާއްދާއިން ބާރުލިބިގެން ދާންދޫ ކައުންސިލުގެ 4 ވަނަ ދައުރުގެ 52 ވަނަ ޢާންމު ޖަލްސާއިން ފާސްކޮށް ޢަމަލުކުރުމަށް ހަދާފައިވާ ރަށުގައި ދިރިއުޅޭ ބިދޭސީންގެ މަސައްކަތުގެ ދުވަހު އުޖޫރަ ކަނޑައެޅުމާއި ބެހޭ އުޞޫލެވެ.

(ށ) މިއުޞޫލުގައި ބަޔާން ވެގެންވާނީ ދާންދޫގައި ދިރިއުޅޭ ބިދޭސީން ކުރާ މަސައްކަތްތަކަށް ދުވަހު އުޖޫރަ ކަނޑައެޅުމުގައި މަސައްކަތް ކުރުވާ ފަރަތާތްތަކުންނާއި އަދި މަސައްކަތްކުރާ ފަރާތްތަކުން ޢަމަލުކުރަންވީ ގޮތުގެ އުޞޫލުތަކެވެ.

(ނ) މި އުޞޫލަށް ޢަމަލު ކުރުމަށް ފެށުމާއެކު ދާންދޫގައި ދިރިއުޅޭ ބިދޭސީން ކުރާ މަސައްކަތުގެ ދުވަހު އުޖޫރަ ދިނުމުގައި ޢަމަލު ކުރަންވާނީ މި އުސޫލުގައި ބަޔާންކޮށް ފައިވާ ގޮތަށެވެ.

(ރ) މިއުސޫލަށް ޢަމަލް ކުރަން ފެށުމާއެކު ދާންދޫގައި ކުރާ އެންމެހައި މަސައްކަތް އެސްޓިމޭޓް އުސޫލުން ކުރެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ޤަވާއިދުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. އަދި ރަށުގައި ދިރިއުޅޭ ބިދޭސީން އެސްޓިމޭޓް އުސޫލުން މަސައްކަތް ނަގައިގެން ދާންދޫގައި މަސައްކަތް ކުރުމަކީ މަނާކަމެކެވެ.

2-ޢަމަލު ކުރަން ފަށާ ތާރީޚް:

މި އުޞޫލަށް އަމަލުކުރަން ފަށާނީ، މި އުޞޫލު ގެޒެޓްގައި ޝާއިޢު ކުރާ ދުވަހުން ފެށިގެންނެވެ.

3- މި އުސޫލުގެ ދަށުން ބިދޭސީންނަށް ދުވަހު އުޖޫރަ ދިނުމުގައި މަސައްކަތް ވަޒަން ކުރާނެ މިންގަޑުތަކާއި ކެޓަގަރީތައް:

3.1 ގެދޮރު އިމާރާތްކުރުން ( ކެޓަރީ 1 )

އިމާރާތްކުރުމުގެ މަސައްކަތަށް ދުވަހު އުޖޫރަ ދިނުމުގައި ގިންތި ކުރެވިފައިވާ ގޮތް ތިރީގައި އެވަނީއެވެ.

(ހ) ކޮންކްރިޓް މަސައްކަތް ކުރާ ބިދޭސީ  މަސައްކަތު މީހަކަށް ދުވާލަކަށް ކެއުމާއެކު ދެވޭނެ ދުވަހު އުޖޫރަ 250.00 ރުފިޔާ

(ށ) ރާނާ ސިމެންތިޖަހާ މޭސަނަކަށް ދުވާލަކަށް ކެއުމާއެކު ދެވޭނެ ދުވަހު އުޖޫރަ 300.00 ރުފިޔާ

(ނ) ތަށި މުށިޖެހުމުގެ މަސައްކަތް ކުރާ ބިދޭސީ  މަސައްކަތު މީހަކަށް ދުވާލަކަށް ކެއުމާއެކު ދެވޭނެ ދުވަހު އުޖޫރަ 250.00 ރުފިޔާ

(ރ) ފެންވަރިންގެ މަސައްކަތް ކުރާ ބިދޭސީ މަސައްކަތު މީހަކަށް ދުވާލަކަށް ކެއުމާއެކު ދެވޭނެ ދުވަހު އުޖޫރަ  250.00 ރުފިޔާ

(ބ) ފެންވަރިން މަސައްކަތް ކުރާ ޕްލަމްބަރ ނުވަތަ މޭސަނުންނަށް ދުވާލަކަށް ކެއުމާއެކު ދެވޭނެ ދުވަހު އުޖޫރަ 300.00 ރުފިޔާ

(ކ) ކަރަންޓް ވަރިން ކުރުމުގެ މަސައްކަތް ކުރާ ބިދޭސީ މަސައްކަތު މީހާއަށް ދުވާލަކު ކެއުމާއެކު ދެވޭނެ ދުވަހު އުޖޫރަ 250.00 ރުފިޔާ

(އ) ކަރަންޓް ވަރިން ކުރުމުގެ މަސައްކަތް ކުރާ ބިދޭސީ އިލެކްޓްރިޝަން އަށް ދުވާލަކު ކެއުމާއެކު ދެވޭނެ ދުވަހު އުޖޫރަ 300.00 ރުފިޔާ

(ވ) އިމާރާތުގައި ޓިނުޖަހާ ހިޔާކުރުމުގެ މަސައްކަތް ކުރާ ބިދޭސީ ކާޕެންޓަރ މީހަކަށް ދުވާލަކު ކެއުމާއެކު ދެވޭނެ ދުވަހު އުޖޫރަ 300.00 ރުފިޔާ

(މ) އިމާރާތުގައި ޓިނުޖަހާ ހިޔާ ކުރުމުގެ މަސައްކަތް ކުރާ ބިދޭސީ މަސައްކަތް މީހަކަށް ދުވަލަކު ކެއުމާއެކު ދެވޭނެ ދުވަހު އުޖޫރަ 250.00 ރުފިޔާ

(ފ) އިމާރާތް ސީލިންގ ކުރުމުގެ މަސައްކަތް ކުރާ ބިދޭސީ މަސައްކަތު މީހަކަށް ދުވާލަކު ކެއުމާއެކު ދެވޭނެ ދުވަހު އުޖޫރަ 250.00 ރުފިޔާ

(ދ) އިމާރާތް ސީލިންގ ކުރުމުގެ މަސައްކަތް ކުރާ ބިދޭސީ ކާޕެންޓަރަކަށް ދުވާލަކު ކެއުމާއެކު ދެވޭނެ ދުވަހު އުޖޫރަ 300.00 ރުފިޔާ

(ދ) ކުލައާއި ދަވާދު ލުމުގެ މަސައްކަތް ކުރާ ބިދޭސީ މަސައްކަތު މީހަކަށް ދުވާލަކަށް ކެއުމާއެކު ދެވޭނެ ދުވަހު އުޖޫރަ 250.00 ރުފިޔާ

3.2 ރަށުގެ ޢާންމުންގެ ގޯތިގެދޮރުގައި ހުންނަ ރުއްގަސް ކަނޑާ ސާފުކުރުމާއި ގޯތި ގެދޮރު ވިނަ ނޮޅާ ސާފުކުރުމުގެ މަސައްކަތް ކެޓަގަރީ:2 

 (ހ) ޢާންމު ރައްޔިތުންގެ ގޯތި ގެދޮރުގައި ރުއްގަސްތައް ކަނޑާ ސާފުކުރުމުގެ މަސައްކަތް ކުރާ ބިދޭސީ މަސައްކަތު މީހަކަށް :-

- ރުއްގަސް ކެނޑުމުގައި ދެގުޅި ( 10ފޫޓް އުސްމިނުގައި ހުންނަ ރުކެއް ކަނޑުމަށް ) އަށް ކަނޑާ އުސްމިނުގެ ރުއްގަސް ކަނޑާ ބިންގަޑު ސާފުކުރުމުގެ މަސައްކަތް ކުރާ މީހަކަށް ދުވާލަކަށް ދެވޭނެ ދުވަހު އުޖޫރަ  250.00 ރުފިޔާ

- ރުއްގަސް ކެނޑުމުގައި ދެގުޅި އަށް ވުރެ ދިގު ރުއްގަހުން ދެގުޅިއަށް ވުރެ އިތުރަށް ކަނޑާ ކޮންމެ ގުޅިއަކަށް 100.00 ރުފިޔާ އަދި 5 ގުޅި އަށް ވުރެ މަދުން ގުޅި ކަނޑާ ރުއްގަހަކަށް، މަސައްކަތް ކުރާ ބިދޭސީ މަސައްކަތު މީހަކަށް ދުވާލަކަށް ދެވޭނެ ދުވަހު އުޖޫރަ 800.00ރުފިޔާ

(ށ) ޢާންމު ރައްޔިތުންގެ ގޯތި ގެދޮރުގެ ވިނަ ނޮޅާ ސާފުކުރުމުގެ މަސައްކަތް ކުރާ ބިދޭސީ މަސައްކަތު މީހަކަށް ދުވާލަކު ދެވޭނެ ދުވަހު އުޖޫރަ  250.00 ރުފިޔާ

3.3 ރަށުގެ ޢާންމު ރައްޔިތުންނަށް ކޮށްދޭ ކުދިކުދި މަސައްކަތަށް އުޖޫރަ ނަގާނެ ގޮތް ( ކެޓަގަރީ :3 )

(ހ) މިއޫސުލުގެ އެހެން މާއްދާއެއްގައި ނުހިމެނޭ މަސައްކަތުގެ ތެރެއިން އެއްގަޑިއިރަށް ވުރެ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ކުރެވޭ މަސައްކަތަށް ބިދޭސީ މަސައްކަތު މީހަކަށް އުޖޫރަ ދޭނެ ގޮތުގެ ތަފްސީލް:

- ބަރޯގާޑިއާ އެއްގައި މުދާ އެއްތަނުން އަނެއްތަނަށް ގެންގޮސް ދިނުން އެއްދާގީނާއަށް ވުރެ ގިނަ ނޫންނަމަ ދޭންޖެހޭ އުޖޫރައަކީ 20.00 ރުފިޔާ

- ބަރޯގާޑިއާ އެއްގައި މުދާ އެއްތަނުން އަނެއްތަނަށް ގެންގޮސް ދިނުން އެއްދާގީނާއަށް ވުރެ ގިނަ ނަމަ ދޭންޖެހޭ އުޖޫރަ އަކީ 30.0 ރުފިޔާ

- އަތްގާޑިއާ އެއްގައި މުދާ އެއްތަނުން އަނެއް ތަނަށް ގެންގޮސް ދިނުމުގެ އުޖޫރަ ބިދޭސީ މަސައްކަތު މީހަކަށް 50.00 ރުފިޔާ

- އިމާރާތުގެ ފުރާޅާއި ދިޔަ ދޮވި ފޮޅާ ސާފުކުރުމުގެ މަސައްކަތް ކުރާ ބިދޭސީ މަސައްކަތު މީހެއްގެ އުޖޫރައަކީ 150.00 ރުފިޔާ

- ރުއްރުކުގެ ކޮޅުހަދާ ސާފުކުރުކުގެ  އަގު  80.00 ރުފިޔާ (އަގު ރުކަކަށް )

- ކުރުބާ، ކާށި، ގަބުޅި އެޅުން ކޮންމެ ރުކަކަށް އެރުމުގެ އަގު 50.00 ރުފިޔާ

3.4 ނަރުދަމާ ޖަންގްޝަން ސާފުކުރުމާއި އެކިއެކި ބޭނުމަށް  ކޯރު ކޮނުމުގެ މަސައްކަތަށް އުޖޫރަ ދޭނެ ގޮތުގެ ތަފްސީލް ( ކެޓަގަރީ : 4 )

- ފާޚާނާއި ޖަންގްޝަން ހޮޅި ބެދިގެން،ކުދި ޖަންގްޝް އާއި ހޮޅިތައް ސާފުކުރުގެ މަސައްކަތް ކުރާ ބިދޭސީ މަސައްކަތު މީހަކަށް ދެވޭނެ ދުވަހު އުޖޫރަ  300.00 ރުފިޔާ

- އެކިއެކި ބޭނުމަށް ރަށުގެ ބިމުގައި ކޭބަލާއި ހޮޅިފަދަ ތަކެތި އަދި މިނޫންވެސް ބޭނުމަށް ކޯރުކޮނުމުގެ މަސައްކަތުގެ އުޖޫރަ ދޭންވާނީ މަގުގެ ދިގުމިނުގައި ކޮންނަ ކޮންމެ ކޮޑިމީޓަރަކަށް 10.00ރުފިޔާ

3.5 ފައިބަރު މަސައްކަތް ކުރާ ބިދޭސީ މަސައްކަތު މީހުންނަށް މަސައްކަތުގެ އުޖޫރަ ދޭނެ ގޮތުގެ ތަފްސީލް ( ކެޓަގަރީ:5 )

(ހ) ފައިބަރ މަސައްކަތް ކުރާ ބިދޭސީ މަސައްކަތު މީހަކަށް ދުވާލަކު ކެއުމާއެކު ދެވޭނެ ދުވަހު އުޖޫރަ 300.00 ރުފިޔާ

3.6 ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިޚްތިޞާޞް ހިމެނޭ ފަޅުތެރެއިން ދޮންވެލި ކަށިވެލި ނެގުމުގެ އުސޫލާއި އެއްގޮތަށް ދޮންވެލި، ކަށިވެލި ނެގުމުގެ މަސައްކަތުގެ އަގު މިންކުރެވިފައިވާ ގޮތް:-

(ހ) ކައުންސިލްގެ އިޚްތިޞާޞް ހިމެނޭ ރަށުގެ ފަޅުތެރެއިން ނަގާ ކޮންމެ ދޮންވެލި ބަސްތާއެއްގެ ވިއްކޭނެ އަގަކީ -/8 ރުފިޔާ އެވެ.

(ށ) ކައުންސިލްގެ އިޚްތިޞާޞް ހިމެނޭ ރަށުގެ ފަޅުތެރެއިން ނަގާ ކޮންމެ ކަށިވެލި ބަސްތާއެއްގެ އަގަކީ -/25 ރުފިޔާ އެވެ.

(ނ) ރަށުގެ ފަޅުތެރެއިން ނަގާ ކޮންމެ ދޮންވެލި، ކަށިވެލި ބަސްތާއަކަށް -/1ރުފިޔާ ހުވަދުއަތޮޅު އުތުރުބުރީ ދާންދޫކައުންސިލް އިދާރާއަށް ދޭންވާނެއެވެ.

(ރ) މި މާއްދާގެ ދަށުން  ރަށުގެ ފަޅުތެރެއިން ދޮންވެލި ކަށިވެލި ނެގުމަށް ޚާއްޞަކޮށްފައިވާ ތަނަކުން ދޮންވެލި ކަށިވެލި ނަގާނަމަ ނަގަންވާނީ އެކަމަށް އެދޭފޯމުން ދާންދޫ ކައުންސިލްގައި އެދުމުން އެކަމަށްދޫކުރާ  "ދޮންވެލި ކަށިވެލި ނެގުމުގެ ޗިޓް" ހުއްދަ ދެވޭ އަދަދަށް ކޮންމެ ބަސްތާއަކަށް -/1ރ (އެކެއް) ރުފިޔާ މި މާއްދާގެ  (ނ) ގައިވާ ގޮތަށް ދާންދޫ ކައުންސިލަށް ދެއްކުމަށް ފަހުއެވެ. "ދޮންވެލި ކަށިވެލި ނެގުމުގެ ޗިޓް" ދޫކުރެވޭނީ މިފައިސާ ދާންދޫ ކައުންސިލް އިދާރާއަށް ދެއްކުމުންނެވެ. އަދި "ދޮންވެލި ކަށިވެލި ނެގުމުގެ ޗިޓް" ގައިވާ މުއްދަތުގެ ތެރޭގައި ޗިޓްގައި ހުއްދަ ދެވިފައިވާ އަދަދަށް ވެލި ނެގުމަކީ އެކަމުގެ ހުއްދަ ނަގާ ފަރާތުގެ ޒިންމާއެކެވެ. އަދި "ދޮންވެލި ކަށިވެލި ނެގުމުގެ ޗިޓް" ގައިވާ މުއްދަތު ހަމަވެއްޖެނަމަ އެޗިޓް ބާޠިލުވީއެވެ. ދެން އެޗިޓަކަށް ވެލި ނުނެގޭނެއެވެ. މި ފަދަ ކަމެއް ދިމާވެގެން ދިޔަކަމުގައި ވިޔަސް ކައުންސިލަށް ދައްކާ ފައިސާ އަނބުރާ ނުދެވޭނެއެވެ.

(ބ) މި މާއްދާގެ ދަށުން ދޮންވެލި ކަށި ވެލި ނަގަންވާނީ ކައުންސިލްގެ އިޚްތިޞާޞް ހިމެނޭ ރަށުގެ ފަޅުތެރެއިން ދޮންވެލި ކަށިވެލި ނެގުމަށް ޚާއްޞަ ކުރެވޭ ތަނަކުންނެވެ.

(ޅ) ހުވަދުއަތޮޅު އުތުރުބުރީ ދާންދޫކައުންސިލް އިދާރާގެ ފަޅުތެރެއިން ދޮންވެލި ކަށިވެލި ، އެހެން އެއްވެސް ރަށަކަށް ގެންދިއުމަކީ މަނާކަމެވެ.

(ކ) އަދ ރަށުގެ ފަޅިތެރެއިން ދޮންވެލި،ކަށިވެލި ނަގަން ވާނީ ހުވަދުއަތޮޅު އުތުރުބުރީ ދާންދޫކައުންސިލް އިދާރާއިން ފާސްކޮށްފައިވާ ދޮންވެލި ކަށިވެލި ނެގުމުގެ އުސޫލާއި ޚިލާފު ނުވާ ގޮތުގެ މަތިންނެވެ.

4 – މި އުސޫލުގެ ދަށުން މަސައްކަތް ކުރާ ބިދޭސީންނަށް އުޖޫރަ ދިނުމުގައި ދުވަހެއް ކަމަށް ކަނޑައަޅާނީ:-

(ހ) މަސައްކަތު ދުވަހެއް ކަމަށް ބަލަންވާނީ 1 ގަޑި އިރުގެ ހުސްވަގުތު ކޮޅަކާއެކު ޖުމްލަ 8 ގަޑި އިރެވެ.

5- މި އުޞޫލާއި ޚިލާފުވުމުން އަޅާނެ ފިޔަވަޅު:

(ހ) މި އުޞޫލާއި ޚިލާފު ވުމުން ފުރަތަމަ ފަހަރަށް އެފަރާތެއް ޙާޒިރުކޮށް އެކަމާބެހޭ ސުވާލުތައްކޮށް އިޢުތިރާފް ވާނަމަ ނުވަތަ ދެ ފަރާތެއްގެ ހެކިބަސް އެކަމަކަށް ލިބިފައިވާނަމަ އެފަރާތަކަށް މި އުޞޫލާއި ޚިލާފަށް ޢަމަލުނުކުރުމަށް ފޮތުގައިލިޔެ ނަޞީޙަތްދިނުމާއެކު އެފަދަ ކަމެއް ތާކުރާރު ނުކޮށް މި އުސޫލާއި އެއްގޮތަށް އަމަލް ކުރުމަށް ނަސޭހަތް ދެވޭނެއެވެ.   

(ށ) އަދި މި އުޞޫލާއި ޚިލާފަށް މަސައްކަތުގެ އުޖޫރަ ފުރަތަމަ ފަހަރަށް ނަގައިފިކަމަށް ސާބިތު ވެއްޖެނަމަ ފުރަތަމަ   ފަހަރަށް އެ ބިދޭސީ އަކު -/500ރ ( ފައްސަތޭކަ ރުފިޔާ ) އިން ޖޫރިމަނާ ކުރެވޭނެއެވެ.

(ނ) މި އުޞޫލާއި ޚިލާފަށް މަސައްކަތުގެ އުޖޫރަ ދެވަނަ ފަހަރަށް ނަގަފިކަމަށް ސާބިތު ވެއްޖެނަމަ ދެވަނަ ފަހަރަށް އެ ބިދޭސީ އަކު -/1500ރ ( ފަނަރަސަތޭކަ ރުފިޔާ ) އިން ޖޫރިމަނާ ކުރެވޭނެއެވެ.

(ރ) މި އުޞޫލާއި ޚިލާފަށް މަސައްކަތުގެ އުޖޫރަ ތިންވަނަ ފަހަރަށް ނަގަފިކަމަށް ސާބިތު ވެއްޖެނަމަ ތިންވަނަ  ފަހަރަށް އެ ބިދޭސީ އަކު -/3000ރ ( ތިންހާސް ރުފިޔާ ) އިން ޖޫރިމަނާ ކުރެވޭނެއެވެ.

(ބ) 4 ވަނަ ފަހަރަށް ކުށް ތަކުރާރު ކޮށްފި ނަމަ އެފަރާތެއް -/5000ރ (ފަސްހާސް ރުފިޔާ) އިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި މީގެ އިތުރުން ޤަވާއިދާއި ޚިލާފަށް ރަށުގައި އުޅޭ ކަމުގެ ކުށުގައި މޯލްޑިވްސް ޕޮލިސް ސަރވިސް މެދުވެރިކޮށް ޤަވާއިދާއި ޚިލާފަށް ދާންދޫގައި ހަރަކާތްތެރިވާ ބިދޭސީ އެއްކަމަށް ކަނޑައަޅައި ފިޔަވަޅު އެޅޭނެއެވެ.

(ޅ) ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާއިބެހޭ ގޮތުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން ފާސްކޮށްފައިވާ ނަންބަރ:2021/R-16  ގަވާއިދާއި އެއްގޮތަށް ފިވަޅު އެޅޭނެއެވެ.

6- ޖޫރިމަނާ ފައިސާ ބަލައިގަތުން:

(ހ) މި އުޞޫލާއި އެއްގޮތަށް  ޖޫރިމަނާ ފައިސާ ދާންދޫ ކައުންސިލްގެ އިދާރާއަށް ދެއްކުމަށް ފަހު ފައިސާ ބަލައިގަތް ކަމުގެ ރަސީދު އެމީހަކު ލިބިގަންނަންވާނެއެވެ.

(ށ) ޖޫރިމަނާ ކުރެވޭ ފަރާތްތަކަށް ޖޫރިމަނާ ފައިސާ ދެއްކުމަށް ދެވޭނެ މުއްދަތަކީ ޖޫރިމަނާ ކުރާ ދުވަހުން ފެށިގެން ރަސްމީ 7ދުވަހެވެ.

(ނ) އެއްވެސް ފަރާތަކަށް، ޖޫރިމަނާ ކޮށް ޗިޓު ހަވާލުކޮށްފި ނަމަ ޖޫރިމަނާ ކުރިފަރާތަށް ޖޫރިމަނާ ޗިޓުގެ އަސްލު ހަވާލުކުރުމަށް ފަހު ޗިޓުގެ 1 ކޮޕީ ދާންދޫ ކައުންސިލްގެ އިދާރާގެ ފައިސާ އާއި ބެހޭ ބަޔަށް ހަވާލުކުރަން ވާނެއެވެ. އަދި އަނެއްކޮޕީ ދާންދޫ ކައުންސިލްގެ އިދާރާގެ އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް ޔުނިޓުގައި އޮންނަންވާނެއެވެ.

7- ޝަރީޢަތުން ބަދަލު ހޯދުން:

މި އުޞޫލާއި ޚިލާފުވެގެން ޖޫރިމަނާ ޗިޓް ލިބިފައިވާ ފަރާތްތަކުން ކައުންސިލަށް ދައްކަންޖެހޭ ޖޫރިމަނާ ފައިސާ، އެއްވެސް ޙާލަތެއްގައި ކަނޑައެޅޭ މުއްދަތުގެ ތެރޭގައި ނުދައްކައިފިނަމަ އެފަދަ ފަރާތްތަކާއި މެދު ކޯޓްގައި ދައުވާކޮށްގެން އެ ފައިސާ ދާންދޫ ކައުންސިލުން އެފަރާތްތަކުން އެއްފަހަރާ ހޯދޭނެއެވެ.

8- މި އުޞޫލާއި އެއްގޮތަށް ޢަމަލުކުރުން:

ދާންދޫ ކައުންސިލުން ފާސްކޮށްގެން އިތުރު ވަކިގޮތެއް ނާންގާހާ ހިނދަކު ނުވަތަ މި އުޞޫލު ބާޠިލު ނުކުރާހާ ހިނދަކު މި އުޞޫލާއި އެއްގޮތަށް ދާންދޫގައި ދިރިއުޅޭ ބިދޭސީން މަސައްކަތުގެ އުޖޫރަ ކަނޑައަޅައި،މި އުޞޫލާއި ޤަވާޢިދު ތަންފީޒް ކޮށް ނަގަހައްޓައި ހިންގަމުން ގެންދިއުން ދާންދޫގައި މިއުސޫލު ލާޒިމް ކުރެއެވެ.

9- އުޞޫލަށް ބަދަލު ގެނައުން:

މި އުޞޫލަށް ބަދަލު ގެނެވޭނީ ދާންދޫ ކައުންސިލުން ކަނޑައަޅާ ޤަވާޢިދު ކޮމިޓީ އިން ދިރާސާކޮށް ގެންނަންޖެހޭ ބަދަލެއް ދާންދޫ ކައުންސިލްގެ އާންމު ޖަލްސާއަކަށް ހުށަހަޅައި،  ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އަޣްލަބިއްޔަތުން ފާސްކޮށްގެންނެވެ.

16 ޖޫން 2022
ހޯދާ