ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
2021 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ނޯޓިސް

1.     ޖަލްސާގެ ދަޢުވަތު

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކގެ 2021 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާއަށް ކުންފުނީގެ އެންމެހާ ހިއްސާދާރުންނަށް ދަޢުވަތު އަރުވަމެވެ. ކުންފުނީގެ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ 30 މޭ 2022 ވާ ހޯމަ ދުވަހުގެ 21:00 ގައި، މަރީނާ ކްރޮސްރޯޑްސް އިވެންޓް ހޯލްގައި އަދި އޮންލައިކޮށް، މައިކްރޮސޮފްޓް ޓީމްސް ލައިވް އިވެންޓްސް މެދުވެރިކޮށެވެ.

 

2.     ޖަލްސާގައި ބައިވެރިވެވޭނެ ފަރާތްތައް

މި ޖަލްސާގައި ބައިވެރިވެވޭނީ 12 މޭ 2022 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުންފުނީގެ ހިއްސާދާރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ކަމުގައި 25 އޭޕްރީލް 2022 ގައި ޝާއިޢުކޮށްފައިވާ، މި ކުންފުނީގެ ނަންބަރު 60-CS/2022/200  އިޢުލާނުން ވާނީ އެންގިފައެވެ.

 

3.     ޖަލްސާގެ އެޖެންޑާ

  1. ކީރިތި ޤުރުއާނުގެ ބަރަކާތުން ޖަލްސާ ފެށުން.
  2. ޖަލްސާގައި ފާސްކުރުމަށް ހުށަހަޅާ އައިޓަމްތަކަށް ވޯޓަށް އެހުން؛

2.1.   31 މޭ 2021 ވީ ހޯމަ ދުވަހު ބޭއްވި މި ކުންފުނީގެ 2020 ވަނަ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ.

2.2.   2021 ވަނަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓް.

2.3.   2021 ވަނަ އަހަރުގެ އޮޑިޓް ކޮށްފައިވާ މާލީ ހިސާބުތައް.

2.4.   ޑިރެކްޓަރުންގެ ބޯޑުން ހިއްސާދާރުންނަށް ބަހަން ހުށަހަޅާ ފައިދާ.

2.5.   2022 ވަނަ އަހަރަށް ޢައްޔަންކުރާ ކުންފުނީގެ އޮޑިޓަރުން ހޮވާ، އެފަރާތުގެ އުޖޫރަ ކަނޑައެޅުން.

2.6.   ކުރިޔަށް އޮތް އަހަރަށް ޑިރެކްޓަރުން ޢައްޔަންކުރުން.

2.6.1.    ސަރުކާރުގެ ފަރާތުން ޑިރެކްޓަރުން ހޮވުން.

2.6.2.    ޕަބްލިކް ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރ ހޮވުން

3. ވޯޓުގެ ނަތީޖާ އިޢުލާންކުރުން.

4. ފާއިތުވި އަހަރު ކުންފުނީގެ ޕަރފޯމަންސް ރިޕޯޓް ހުށަހެޅުން

5. ހިއްސާދާރުން ހުށަހަޅާފައިވާ ސުވާލުތަކަށް ޑިރެކްޓަރުންގެ ބޯޑުން ޖަވާބުދެއްވުން.

6. ޖަލްސާ ނިންމުން.

 

4.     ޖަލްސާއަށް ރަޖިސްޓަރީކުރުން

  • މި ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި މި އަހަރު 3 ގޮތަކަށް ބައިވެރިވެވިދާނެއެވެ. އެއީ ޖަލްސާއަށް ހާޒިރުވާގޮތަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް ނުވަތަ މައިކްރޮސޮފްޓް ލައިވް އިވެންޓްސް މެދުވެރިކޮށް އޮންލައިންކޮށެވެ.
  • އެހެން އަހަރުތަކެކޭވެސް އެއް ފަދައިން، މި ޖަލްސާއަށް ރަޖިސްޓަރީކުރުމަށް ހަމަޖެހިފައިވަނީ ކުންފުނީގެ ވެބްސައިޓްގައި ހޮސްޓުކުރެވިފައިވާ، agm.sto.mv ވެބް ޕޭޖް މެދުވެރިކޮށެވެ.
  • ޖަލްސާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން، 29 މޭ 2022 ވާ އާދިއްތަ ދުވަހުގެ 21:00 ގެ ކުރިން، މި ވެބް ޕޭޖް މެދުވެރިކޮށް ރަޖިސްޓަރީ ކުރަންވާނެއެވެ.
  • ޕްރޮކްސީ ޢައްޔަންކުރާއިރު، ކުންފުނީގެ ހިންގާ ގަވާއިދުގެ 44  ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުން އައްޔަންކުރުމަށް ހަނދުމަކޮށްދެމެވެ.
  • ކޮންމެ ހިއްސާދާރަކަށްވެސް އޭނާގެ ބަދަލުގައި ޖަލްސާގައި ބައިވެރިވެ، ވޯޓު ދިނުމަށް އައްޔަންކުރެވޭނީ 1 (އެކެއް)  ޕްރޮކްސީއެވެ. އެކަކަށްވުރެއް އިތުރު ފަރާތްތަކަށް ޕްރޮކްސީ ދީފައިވާ ހާލަތުގައި، އެ ފަރާތެއްގެ ނަމުގައި ހުށަހަޅާފައިވާ ހުރިހާ ޕްރޮކްސީއެއް ބާތިލްކުރެވޭނެއެވެ.
  • ޕްރޮކްސީ ޤަބޫލްކުރެވޭނީ ކޮންމެ ވަކި ފަރާތަކަށް ގިނަވެގެން 100 (ސަތޭކަ) މެންބަރުންގެ ޕްރޮކްސީއެވެ.
  • 18 އަހަރުން ދަށުގެ ހިއްސާދާރުން، ޖަލްސާއަށް ރަޖިސްޓަރީކުރާއިރު، ބެލެނިވެރިޔާ / ބަލަދުވެރިޔާގެ އައި.ޑީ ކާޑު ހުށަހަޅަންވާނެއެވެ.
  • ކުންފުންޏަކުންނަމަ، ކުންފުނީގެ ބޯޑުން ވަކި ފަރާތަކަށް ޕްރޮކްސީ ހަވާލުކުރަން ނިންމާފައިވާކަމުގެ ބޯޑު ރިޒޮލިއުޝަނަކާއެކު، ކުންފުނީގެ ރަޖިސްޓަރޭޝަންގެ ކޮޕީއަކާއި ޕްރޮކްސީގެ ގޮތުގައި އައްޔަންކުރާ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.
  • ޕްރޮކްސީގެ ގޮތުގައި އައްޔަންކުރާ ފަރާތަކީ ހިއްސާދާރަކަށްވުން ލާޒިމެއް ނޫނެވެ. މި ކުންފުނީގެ ބޯޑު ޑީރެކްޓަރަކަށް ޕްރޮކްސީ ހަވާލެއް ނުކުރެވޭނެއެވެ.
  • ރަޖިސްޓްރީކުރުމުގައި ހުށަހަޅާފައިވާ މަޢުލޫމާތެއް، ޖަލްސާ ފެށުމުގެ 24 ގަޑިއިރު ކުރިން ކުންފުންޏަށް ޔަގީން ނުކުރެވިއްޖެނަމަ، ނުވަތަ ސާފުނުވާނަމަ، ނުވަތަ ފުރިހަމަކޮށްފައި ނުވާނަމަ ނުވަތަ ހުށަހަޅަންޖެހޭ ލިޔުމެއް ހުށަހަޅާފައި ނުވާނަމަ، ރަޖިސްޓްރޭޝަން ބާތިލްކުރުމުގެ އިހްތިޔާރު ކުންފުންޏަށް ލިބިގެންވެއެވެ.
  • ޕްރޮކްސީ ފޯމް ހުށަހެޅުމުގައި މަކަރުހަދާ، އޮޅުވާލުމުގެ އަމަލެއް ހިންގައިފިނަމަ ނުވަތަ އެފަދަ އަމަލެއް ހިންގުމަށް މަސައްކަތްކޮށްފިނަމަ، އެ ފަރާތެއްގެ ނަމުގައި ހުށަހެޅި ހުރިހާ ޕްރޮކްސީއެއް ބާތިލްކުރެވޭނެއެވެ. އަދި އެ ޖަލްސާގައި އެ ފަރާތަކަށް ބައިވެރިއެއްނުވެވޭނެއެވެ. ހަމަމިއާއެކު، ކުންފުނީގެ ހިންގާ ގަވާއިދުގައި ބަޔާންކޮށްފައިވާގޮތުގެމަތީން ފިޔަވަޅު އެޅޭނެއެވެ.
  • އަހަރީ އާންމު ޖަލްސާ އަދި ރަޖިސްޓަރީކުރުމާގުޅޭ އިތުރު މަޢުލޫމާތު agm.sto.mv ވެބް ޕޭޖުން ލިބެން ހުންނާނެއެވެ.

 

5.     ރަޖިސްޓްރޭޝަން އަދި ޕްރޮކްސީ ބާތިލްކުރުން.

ރަޖިސްޓްރޭޝަން އަދި ޕްރޮކްސީ ބާތިލްކުރަން އެދޭ ހިއްސާދާރުން، 30 މޭ 2022 ވާ ހޯމަ ދުވަހުގެ 20:00 ގެ ކުރިން “ރަޖިސްޓްރޭޝަން އަދި ޕްރޮކްސީ ބާތިލްކުރަން އެދޭ ފޯމް” ފުރިހަމަކުރުމަށްފަހު [email protected] އަށް ފޮނުވަންވާނެއެވެ. މި ފޯމް ކުންފުނީގެ ވެބްސައިޓް އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.

 

6.     ޖަލްސާގައި  ވޯޓުދިނުން

2021 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައިވެސް ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، "އެސްޓީއޯ އޭ.ޖީ.އޭމް ޕޯޓަލް" މެދުވެރިކޮށް، އޮންލައިންށެވެ.

  • "އެސްޓީއޯ އޭ.ޖީ.އޭމް ޕޯޓަލް" އަކީ މީގެ ކުރީ އަހަރުތަކުގައިވެސް އެސްޓީއޯއިން އަހަރީ އާންމު ޖަލްސާގައި ވޯޓުނަގަން ބޭނުންކުރި ސިސްޓަމެވެ.
  • ކުންފުނީގެ އާންމު ޖަލްސާގައި ފާސްކުރާ ކޮންމެ ޤަރާރެއްވެސް ފާސްކުރާނީ މެންބަރުންގެ ވޯޓަށް އަހައިގެންނެވެ.
  • އެހެން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު، ޖަލްސާގައި ބައިވެރިވާ ކޮންމެ މެންބަރަކަށް ދެވޭނީ 1 (އެކެއް) ވޯޓެވެ. ކުންފުނީގެ ރައުސްމާލުގެ ހިއްސާގެ 10% (ދިހައެއް އިންސައްތަ) ތަމްސީލުކުރާ މެންބަރުން އެދިއްޖެނަމަ، ޕޯލްގެ އުޞޫލުން ވޯޓު ނެގިދާނެއެވެ. މިހެން ވޯޓު ނަގާނަމަ، ކޮންމެ މެންބަރަކަށް އެ މެންބަރެއްގެ މިލްކުގައިވާ ކޮންމެ ހިއްސާއަކަށް 1 (އެކެއް)  ވޯޓު ދެވޭނެއެވެ.
  • ކޮންމެ އައިޓަމަކަށްވެސް ވޯޓު ދެވޭނީ 1 (އެކެއް) ފަހަރުއެވެ. އަދި ވޯޓު ދިނުމަށްފަހު ވޯޓު ބަދަލެއް ނުކުރެވޭނެއެވެ. ޖަލްސާގައި ފާސްކުރާ އައިޓަމްތަކަށް ވޯޓު ދިނުމަށް ވަގުތެއް ކަނޑައެޅޭނެއެވެ. އެގޮތުން ކަނޑައެޅޭ ވަގުތުގެ ތެރޭގައި ވޯޓު ދީ ނިންމަންވާނެއެވެ.
  • ކުންފުނީގެ ހިންގާ ގަވާއިދުގެ 46 ވަނަ މާއްދާގައި ވާގޮތުގެމަތީން، އެއްވެސް އައިޓަމެއްގެ ވޯޓު އެއްވަރު ވެއްޖެނަމަ، މެންބަރެއްގެ ހައިސިއްޔަތުން ޗެއަރމަން ދޭ ވޯޓުގެ އިތުރުން، ގޮތެއް ނިންމުމަށް ކާސްޓިންގ ވޯޓެއް ޗެއަރމަނަށް ދެވިދާނެއެވެ. އަދި ހިންގާ ގަވާއިދުގެ 45 ވަނަ މާއްދާގެ (ނ) ގައި ވާގޮތުގެ މަތިން، މިފަދަ ޖަލްސާއެއްގައި ނެގޭ ވޯޓުގެ ސައްހަކަމާމެދު ގޮތެއް ނިންމުމުގެ ބާރު ލިބިގެންވަނީ، އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓި ފަރާތަށެވެ.

 

7.     ޖަލްސާގައި ބައިވެރިވުން

  • ޖަލްސާގައި ބައިވެރިވުމަށާއި، ވޯޓިންގ ޕޯޓަލްއަށް ލޮގްއިން ކުރުމަށް ބޭނުންވާ އިރުޝާދުތައް، ޖަލްސާއަށް ރަޖިސްޓަރީކުރާއިރު ހިއްސާދާރުން ރަޖިސްޓަރީ ކުރާ ފޯނު ނަންބަރަށް، އެސް.އެމް.އެސްއެއްގެ ޒަރިއްޔާއިން ފޮނުވޭނެއެވެ.
  • ޖަލްސާއަށް ހާޒިރުވުމަށް ރަޖިސްޓަރީ ކޮށްފައިވާ އަދަދު ޖަލްސާކުރާ މާލަމުގެ ކެޕޭސިޓީއަށްވުރެއް އިތުރުވާނަމަ، ޖަލްސާގައި ބައިވެރިވުމަށް ރަޖިސްޓަރީކޮށްފައިވާ ތަރުތީބުން ޖަލްސާއަށް ހާޒިރުވެ، ބައިވެރިވުމަށް ފުރުސަތު ދެވޭނެއެވެ. އަދި މި އަދަދަށްވުރެއް އިތުރަށް ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ޖަލްސާގައި އޮންލައިންކޮށް ބައިވެރިވުމަށް ފުރުސަތު ދެވޭނެއެވެ.
  • ޖަލްސާގައި ބައިވެރިވާ މެންބަރުންކަމަށް ބެލެވޭނީ، މި ކުންފުނިން ފޮނުވާ އެސް.އެމް.އެސްގައި ބަޔާންކުރާ އިރުޝާދުތަކާއި އެއްގޮތަށް، 30 މޭ 2022 ވަނަ ދުވަހުގެ 20:30 އިން 20:55 އާއި ދެމެދު، އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް، “އެސްޓީއޯ އޭ.ޖީ.އެމް ޕޯޓަލް” ގައި ލޮގްއިން ކޮށްފައިވާ މެންބަރުންނެވެ.
  • ޖަލްސާއަށް ހާޒިރުވާ ފަރާތްތަކުން އެ ފަރާތެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު، ޕާސްޕޯރޓް، ނުވަތަ ޑްރައިވިންގ ލައިސަންސް ގެންދަވަންވާނެއެވެ.

 

8.     ފާސްކުރަން ހުށަހަޅާ އެޖެންޑާ އައިޓަމްތަކާގުޅޭ މަޢުލޫމާތު

އެޖެންޑާ އައިޓަމް  .2.1. 2020 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ

31 މޭ 2021 ވީ ހޯމަ ދުވަހު ބޭއްވި މި ކުންފުނީގެ 2020 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާއަށް އެއްވެސް އިސްލާހެއް ހުށަހަޅަން ބޭނުންވާނަމަ، 29 މޭ 2022 ވާ އާދިއްތަ ދުވަހުގެ 21:00 ގެ ކުރިން[email protected]  އަށް ފޮނުއްވުން އެދެމެވެ. މި ޑޮކިއުމަންޓް ކުންފުނީގެ ވެބްސައިޓްގައި ވަނީ ޝާއިޢުކުރެވިފައެވެ.

 

އެޖެންޑާ އައިޓަމް 2.2. އަދި 2.3. 2021 ވަނަ އަހަރުގެ އަހަރީ ރިޕޯޓް އަދި އޮޑިޓްކޮށްފައިވާ މާލީ ހިސާބުތައް

ކުންފުނީގެ 2021 ވަނަ އަހަރުގެ އަހަރީ ރިޕޯޓް އަދި އޮޑިޓްކޮށްފައިވާ މާލީ ހިސާބުތައްވެސް، މި ނޯޓިސްއާއެކު ވަނީ ކުންފުނީގެ ވެބްސައިޓްގައި ޝާއިޢުކުރެވިފައެވެ.

 

އެޖެންޑާ އައިޓަމް 2.4. ކުންފުނީގެ ފައިދާއިން 2021 ވަނަ އަހަރު ހިއްސާދާރުންނަށް ބަހަން ހުށަހަޅާ އަދަދު.

ކުންފުނީގެ ފައިދާއިން 2021 ވަނަ އަހަރު ހިއްސާދާރުންނަށް ބަހަން ހުށަހެޅުމަށް، ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައިވަނީ، ހިއްސާއަކަށް 65ރ. (ފަސްދޮޅަސް ފަސް ރުފިޔާ) އެވެ. ހިއްސާގެ ފައިދާ ލިބޭނީ 12 މޭ 2022 ގެ ނިޔަލަށް ކުންފުނީގެ ހިއްސާދާރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށެވެ.

ބޭންކް އެކައުންޓް ކުންފުނީގައި ރަޖިސްޓަރީކޮށްފައި ނުވާ ފަރާތްތަކުން، "ބޭންކަށް ޖަމާކުރަން އެދޭ ފޯމް" ފުރިހަމަކުރުމަށްފަހު [email protected] އަށް އީމެއިލްކުރުމުން ހިއްސާގެ ފައިދާ ބޭންކަށް ޖަމާކޮށްދެވޭނެއެވެ. މި ފޯމް، ކުންފުނީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

 

އެޖެންޑާ އައިޓަމް 2.5. 2022 ވަނަ އަހަރު ކުންފުނި އޮޑިޓްކުރުމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ މަޢުލޫމާތު

2022 ވަނަ އަހަރު ކުންފުނި އޮޑިޓް ކުރުމަށް ރާއްޖޭގައި ހަރަކާތްތެރިވާ ބައިނަލްއަޤްވާމީ އޮޑިޓް ފަރމްތަކުން އަގު ހުށަހެޅުމަށް އެދުމުން، އަގު ލިބިފައިވަނީ ތިރީގައިވާ ފަރާތްތަކުންނެވެ.

އޮޑިޓް ފަރމް

އަގު ޔޫއެސް ޑޮލަރުން

ފާއިތުވި އަހަރު އެސްޓީއޯއަށް ދިން ޚިދުމަތް

ޕްރައިސްވޯޓަރހައުސްކޫޕަރސް

60,800

ފާއިތުވި 2 އަހަރު ކުންފުނީގެ އެކްސްޓަރނަލް އޮޑިޓަރުން

އަރނެސްޓް އެންޑް ޔަންގް

65,000

-

މި ދެ ފަރާތުގެ ތެރެއިން 2022 ވަނަ އަހަރު ކުންފުނި އޮޑިޓްކުރުމަށް ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅާ ފަރާތަކީ 60,800 ޔޫއެސް ޑޮލަރަށް ޕްރައިސްވޯޓަރހައުސްކޫޕަރސްއެވެ.  

އެޖެންޑާ އައިޓަމް 2.6. ކުރިޔަށް އޮތް އަހަރަށް ޑިރެކްޓަރުން އައްޔަންކުރުން

ކުރިޔަށް އޮތް ދައުރަށް، ސަރުކާރުން އައްޔަންކުރާ 6 މެންބަރުންނާއި ޕަބްލިކް ހިއްސާދާރުންގެ ފަރާތުން އިންތިހާބްކުރާ 1 މެންބަރު ހޮވުމަށްޓަކައި، ނަން ހުށަހެޅުމަށް ނޯޓިސް ދީފައިވަނީ 8 މާރިޗް 2022 ގައެވެ. އަދި މި ފުރުސަތު ހަމަވެފައިވަނީ 31 މާރިޗް 2022  ގައެވެ.

 

އެޖެންޑާ އައިޓަމް 2.6.1. ސަރުކާރުގެ ފަރާތުން އައްޔަންކުރާ ޑިރެކްޓަރުން ހޮވުން.

ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ސަރުކާރު ތަމްސީލުކުރާ ޑިރެކްޓަރުންނަށް ބަދަލެއް ނުގެންނަކަމަށް، 12 މޭ 2022 ގައި ލިބުނު މިނިސްޓްރީ އޮފް ފިނޭންސްގެ ނަންބަރު 2/2021/60/454 ސިޓީއިން ވަނީ އަންގަވާފައެވެ. އެގޮތުން، ކުރިޔަށް އޮތް ދައުރަށް، ޑިރެކްޓަރުންގެ ބޯޑުގައި ސަރުކާރު ތަމްސީލްކުރައްވާނެ ފަރާތްތަކުގެ ގޮތުގައި ލިބިފައިވާ ނަންތައް ތިރީގައި ބަޔާންކުރެވިފައި އެވަނީއެވެ.

  1. އަލްފާޟިލް ޙާމިދު ނަޝީދު މުޙައްމަދު / މއ. ޗަނބޭލީމާގެ
  2. އަލްފާޟިލް ޙުސެއިން ޢަމްރޫ މުޙައްމަދު ރަޝާދު / ގ. ހައްދުންމަތީ ދެކުނުގެ
  3. އަލްފާޟިލް މުޙައްމަދު ނިޒާމް / ނަސީމީ ހައުސް، ހއ. ހޯރަފުށި
  4. އަލްފާޟިލް ޝިމާދު އިބްރާހިމް / ދިލްޝާދުގެ، ގއ. ދެއްވަދޫ
  5. އަލްފާޟިލް އިސްމާޢީލް ޒުމައިލް ރަޝީދު / މ. އައިޝަތު މަންޒިލް
  6. އަލްފާޟިލް ޤައިސް އިސްމާޢީލް / އަންޑާޕޫލްގެ، ގއ. ދާންދޫ

މި ފަރާތްތަކުގެ ވަނަވަރު، agm.sto.mv އިން ފެންނަން ހުންނާނެއެވެ.

އެޖެންޑާ އައިޓަމް 2.6.2. ޕަބްލިކް ހިއްސާދާރުންގެ ފަރާތުން އައްޔަންކުރާ ޑިރެކްޓަރ ހޮވުން

2023-2022 ވަނަ އަހަރަށް ޕަބްލިކް ޙިއްޞާދާރުންގެ ފަރާތުން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް 2 ފަރާތަކުން ކުރިމަތިލައްވާފައިވެއެވެ. މި މަޤާމަށް ނަން ހުށަހެޅުއްވި ފަރާތްތަކުން ހުށަހެޅުއްވި ޑޮކިއުމަންޓްތަކާއި، ކުންފުނީގެ ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮމިޓީއިން ކުރެއްވި އިންޓަވިއުއަށް ރިޢާޔަތްކޮށް، އެ ކޮމިޓީން ހުށަހެޅުއްވި ރެކޮމެންޑޭޝަންއާއި އެއްގޮތަށް، އަހަރީ އާންމު ޖަލްސާގައި އިންތިޚާބްކުރުމަށް، ޑިރެކްޓަރުންގެ ބޯޑުން ފާސްކުރައްވާފައިވާ ފަރާތްތަކަކީ؛

  1. އަލްފާޟިލާ އާމިނަތު ރުޝްމާ / ހ. މޮސްކޯގެ
  2. އަލްފާޟިލް އަބްދުﷲ ސަޢީދު / ވ. ޝެހެނާޒް މަންޒިލް

މި ފަރާތްތަކުގެ ވަނަވަރުވެސް، agm.sto.mv އިން ފެންނަން ހުންނާނެއެވެ.

9.   ޑިރެކްޓަރުންނާއި ކުރަން ބޭނުންވާ ސުވާލުތައް ނުވަތަ ކުންފުނީގެ ކަންކަން ރަނގަޅުކުރުމަށް ދޭން ބޭނުންވާ ހިޔާލުތައް

2021 ވަނަ އަހަރުގެ އަހަރީ ރިޕޯޓް އަދި އޮޑިޓްކޮށްފައިވާ ހިސާބުތަކާއި ގުޅޭގޮތުން ސާފުކުރައްވަން ބޭނުންފުޅުވާ ކަމެއްވާނަމަ ނުވަަތަ އަހަރީ އާންމު ޖަލްސާގެ އެޖެންޑާ އައިޓަމަކާމެދު ސުވާލެއްވާނަމަ، ނުވަތަ އަހަރީ އާންމު ޖަލްސާއާގުޅިގެން ކުންފުނިން ހާމަކޮށްފައިވާ މަޢުލޫމާތަކާބެހޭގޮތުން ޑިރެކްޓަރުންގެ ބޯޑާއި ސުވާލެއް ކުރައްވަން ބޭނުންފުޅުވާނަމަ ނުވަތަ ކުންފުނީގެ ކަމެއް ރަނގަޅުކުރުމަށް ހިޔާލެއް ދެއްވަން ބޭނުންފުޅުވާނަމަ 29 މޭ 2022 ވާ އާދިއްތަ ދުވަހުގެ 21:00 ގެ ކުރިން، [email protected] އީމެއިލް އެޑްރެހަށް ނުވަތަ ކުންފުނީގެ ވެބްސައިޓްގައިވާ agm.sto.mv ވެބް ޕޭޖްގައި ހިމެނޭ ފެސިލިޓީ މެދުވެރިކޮށް، ސުވާލާއި ހިޔާލު ފޮނުއްވުމަށް، ހުރިހާ ހިއްސާދާރުންނަށް ދަންނަވަމެވެ.

16 މޭ 2022
ހޯދާ