ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
އިންވެސްޓުކުރުމަށް ޢާންމުކޮށް ދަޢުވަތުދީ ހުޅުވާލައިގެން ފަންޑު ހޯދުމާ ގުޅޭ:

ޤާނޫނު ނަންބަރު: 2/2006 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނު)ގެ ދަށުން ދިވެހިރާއްޖޭގެ ހިއްސާގެ ބާޒާރު ރެގިއުލޭޓްކޮށް، ސެކިއުރިޓީޒްގެ ޚިދުމަތް ފޯރުކޮށްދިނުމުގެ އެންމެހާ ހުއްދަތައް ދޫކުރުމާ، އިންވެސްޓަރުންގެ މަސްލަހަތު ހިމާޔަތްކޮށް ރައްކާތެރިކުރުމަށްޓަކައި ސެކިއުރިޓީޒްގެ މުޢާމަލާތުތަކުގައި ނޭދެވޭ ޢަމަލުތައް ކުރިޔަ ނުދިނުމާއި، ސެކިއުރިޓީޒްގެ ބާޒާރާމެދު އިތުބާރު ގެއްލޭފަދަ ޢަމަލު ހިންގިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ މި އޮތޯރިޓީގެ މަސްއޫލިއްޔަތެކެވެ.

ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނުގެ 67 ވަނަ މާއްދާގެ ދަށުން 'ސެކިއުރިޓީޒް' ކަމަށް ބަޔާންކޮށްފައިވަނީ؛

  • ސަރުކާރުން ނެރޭ ނުވަތަ ނެރުމަށް ހުށަހަޅާ ޑިބެންޗަރ އާއި ބިލް ނުވަތަ ބޮންޑު؛ އަދި
  • ކުންފުންޏަކުން ނުވަތަ އެހެން ޖަމާޢަތަކުން ނެރޭ، ނުވަތަ ނެރުމަށް ހުށަހަޅާ ޑިބެންޗަރއާއި، ސްޓޮކާއި، ހިއްސާ އާއި، ބޮންޑާއި، ނޯޓާއި، މިއިން އެއްޗަކާބެހޭ ޙައްޤެއް، ނުވަތަ ވޮރަންޓެއް ނުވަތަ އޮޕްޝަނަކާއި؛
  • މި ޤާނޫނުގެ ބޭނުމަށް ސެކިއުރިޓީޒް ކަމުގައި އޮތޯރިޓީން ކަނޑައަޅާ ކޮންމެ ލިޔުމެކެވެ.

 އެގޮތުން، މި ޤާނޫނުގެ ދަށުން ހަދާފައިހުރި ގަވާއިދުތަކުގެ ދަށުން، 'ސެކިއުރިޓީޒް' މާނަކޮށްފައިވާ ގޮތަށް ބަލާއިރު، އެއް ފަރާތަށްވުރެ ގިނަ ފަރާތުން ފޯރުވައިދޭ ފައިސާއިން ނުވަތަ މުދަލުން ވިޔަފާރިއަކަށް ނުވަތަ ނަފާ ހޯދުމަށް ހިންގާ ހަރަކާތަކަށް އިންވެސްޓްކޮށް، ފައިސާ ނުވަތަ މުދާ ލިބިދެވުނު ފަރާތުގެ މަސައްކަތުން އެ ވިޔަފާރިއަކުން ލިބޭ ފައިދާއިން، ނުވަތަ އެފަދަ އެހެން ގޮތަކުން ނަމަވެސް، ފައިސާ ނުވަތަ މުދާ ފޯރުކޮށްދިން ފަރާތަށް މާލީ ފައިދާއެއް ނުވަތަ މާލީ ނަފާއެއް ލިބިދިނުމުގެ ނުވަތަ ލިބިގަތުމުގެ މަގުސަދުގައި އަދި އެފަދައިން ބަޔާންކޮށް އެ ފޯރުކޮށްދޭ ކޮންމެ ފަރާތަކާ އެ ލިބިދެވޭ ފަރާތާ ދެމެދު ވެވޭ އިންވެސްޓްކުރުމުގެ އެންމެހާ ކޮންޓްރެކްޓަކީ ނުވަތަ މުޢާމަލާތަކީ، 'ސެކިއުރިޓީޒް' މާނައިގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

އެހެންކަމުން، ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާ އެއްގޮތަށް އެކަމަށް ނަގަންޖެހޭ ހުއްދަ ނުވަތަ ލައިސަންސް ނުނަގައި، 'ސެކިއުރިޓީޒް'ގެ އެއްވެސް މުޢާމަލާތެއް ހިންގުމަކީ ނުވަތަ އެގޮތަށް ދޭހަވާފަދަ ގޮތަކަށް އިސްތިހާރުކޮށް ޢަމަލުކުރުމަކީ މަނާކަމެކެވެ.

މި އޮތޯރިޓީގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ފަންޑު ތަކުގެ މަޢުލޫމާތު މި އޮތޯރިޓީގެ ވެބްސައިޓުން (www.cmda.gov.mv) އާންމުކޮށް ފެންނަން ހުންނާނެއެވެ. އަދި ރަޖިސްޓްރީކޮށްފައި ނުވާ ސްކީމްތަކުގައި އިންވެސްޓްކުރުމުގެ ސަބަބުން، އެއްވެސް އިންވެސްޓަރަކަށް މާލީ ގެއްލުމެއް ލިބިފައިވާނަމަ، ލިބުނު ގެއްލުމުގެ ތަފުޞީލާއެކު މި އޮތޯރިޓީއަށް، އީމެއިލް ([email protected]) މެދުވެރިކޮށް ޝަކުވާ ހުށަހެޅުމަށްވެސް ދަންނަވަމެވެ.

23 ރަމަޟާން 1443

24 އޭޕްރިލް 2022

 
24 އޭޕްރިލް 2022
ހޯދާ