ދިވެހިރާއްޖެ
މާލޭގެ އެކި ސަރަޙައްދުތަކުގައި ސްޓޭޓް އިލެކްޓްރިކޮ ކޮމްޕެނީ ( ސްޓެލްކޯ ) އާއި މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ( އެމް.ޑަބްލިޔޫ.އެސް.ސީ ) ގެ ފަރާތުން މަގުތައް ބަންދުކޮށްފައި ހުރުމުގެ ސަބަބުން އެކަމުގެ ތަކްލީފްތައް ޢާއްމުންނަށް ލިބެމުންދާތީ އެފަރާތްތަކުން ދަނީ ކައުންސިލަށް އެކަންކަން ހުށަހަޅަމުންނެވެ.
އެހެންކަމުން މިކަންކަމަށް ރިޢާޔަތްކޮށް މާލޭގެ އެކި ސަރަޙައްދުތަކުން ރައްޔިތުންނަށް އުނދަގޫވާގޮތަށް ބަންދުކޮށްފައިވާ މަގުތަށް ޢާއްމުންނަށް ހުޅުވާލުމަށް މާލޭ ސިޓީ ކައުންސިލުން ސްޓެލްކޯއާއި އެމް.ޑަބްލިޔު.އެސް.ސީ އަށް މިހާރުވާނީ އެންގިފައިކަން ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.
މާލޭ ސިޓީ ކައުންސިލުން މިކަން އެންގީ އެ ދެކުންފުންޏަށް ސިޓީ ކައުންސިލުން މިމަހުގެ 8 ވަނަދުވަހު ފޮނުވި ސިޓީއެއްގައެވެ. މި ސިޓީގައި ފާހަގަކޮށްފައިވަނީ ސްޓެލްކޯގެ ފަރާތުން ކުޑަކުދިންގެ ބަގީޗާ ކޮއްޓާއި، ސްޓެލްކޯ އޮފީސްއިމާރާތް ހިމެނޭ ކޮއްޓާ ދޭތެރޭ އޮންނަ ކަށިމާ ހިނގުން ( ބްލޮކް ނަމްބަރ 349 ) އާއި ސްޓެލްކޯ ޕަވަރ ހައުސް ކޮއްޓާއި ކުޑަކުދިންގެ ބަގީޗާ އާއި ދޭތެރޭ ހުޅަނގުން އިރަށް އޮންނަ ފެންމީރު ހިނގުން ( ބްލޮކް ނަމްބަރ 348.347 ) ސްޓެލްކޯގެ ފަރާތުން ޢާއްމުންނަށް ނުހިނގޭ ފަދަ ގޮތަކަށް ބަންދުކޮށްފައިވާކަމަށެވެ. އަދި އެމްޑަބްލިޔޫ އެސް ސީ ގެ ފަރާތުން އެމް.ޑަބްލިޔޫ.އެސް.ސީ ކޮއްޓާއި އާ ސަހަރާ ކޮއްޓާއި ދޭތެރޭ އޮންނަ ނިކަގަސް ހިނގުމާއި ފަޅުމަތީމަގު ( ބްލޮކް ނަމްބަރ 380،377،376 ) ބަންދުކޮށްފައިވާކަމަށެވެ.
ސިޓީ އާއި ސިޓީގައި ހިމެނޭ އަވަށް އަވަށުގެ މަގާއި ޕާކުތަކާއި މައިޒާންފަދަ ތަންތަން ވަގުތީގޮތުން ނުވަތަ ދާއިމީ ގޮތުން ހުޅުވާލުމާއި ބަންދުކުރުމަކީ ލާމަރުކަޒީ ޤާނުން ސިޓީކައުންސިލަށް ލިބިދޭ ބާރުތެރޭގައި ހިމެނޭކަމެކެވެ.
ވީމާ، ރައްޔިތުންގެ ޝާކުވާތަށް އަޑުއަހައި ދެކުންފުންޏަށް އެކަންކަން ރަނގަޅުކުރުމަށް އެންގިކަން ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.