މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ރޯދަ މަހުގައި ކާބޯތަކެތީގެ ހަމަ އަގު ހިފެހެއްޓުމާ ބެހޭ

 ނޫސް ބަޔާން

ރޯދަ މަހުގައި ކާބޯތަކެތީގެ ހަމަ އަގު ހިފެހެއްޓުމާ ބެހޭ

ރޯދަ މަހަކީ ކާބޯތަކެތީގެ އަގަށް ބޮޑެތި ފިއްތުންތައް އަބަދުވެސް އަންނަ މަހަކަށް ވާތީ، ކުރިއަށް އޮތް ރޯދަ މަހުގައި ކާބޯތަކެތީގެ ހަމަ އަގު ހިފެހެއްޓުމަށް މި މިނިސްޓްރީން މިދަނީ ކަމާ ގުޅޭ ފަރާތްތަކާއެކު ވާހަކަދައްކައި މަޝްވަރާ ކުރަމުންނެވެ.

މިގޮތުން، މިނިސްޓްރީން ވަނީ ކަނޑުމަހުގެ ބާވަތްތައް އުފައްދާ ފަރާތްތަކާއި، ރީޓެއިލް ކުރާ ފަރާތްތަކާއި އަދި އިންޕޯޓްކުރާ ބޮޑެތި ކުންފުންނިތަކާ މަޝްވަރާ ކޮށްފައެވެ. ހުރިހާ ފަރާތްތަކުންވެސް ރޯދަ މަހަށް ބޭނުންވާ ސްޓޮކް އިތުރުކޮށް، ސަޕްލައި ކުރެވޭނެ ގޮތްތައް ހަމަޖައްސަމުން ގެންދާކަމަށާއި، މުޅި ރޯދަމަހަށް ސަޕްލައިކުރެވޭނެ ކަމަށް ވިދާޅުވެފައިވެއެވެ. އަދި، ނަހަމަ ގޮތުގައި އަގުތައް މައްޗައް ދިޔަނުދޭން ގަދައަޅާ މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދެއްވާފައިވެއެވެ.

ރޯދަމަހުގައި ކާބޯތަކެތީގެ އަގުތަށް އުފުލުމުގެ މައްސަލަ އަކީ އަބަދުވެސް މި މިނިސްޓްރީން ވަރަށް ގާތުން ބަލައި ދިރާސާ ކުރާ ކަމަކަށް ވާއިރު، މިފަދަ މަސައްކަތްތަކުގައި ރައްޔިތުންނަށް ހަމައަގުގައި ކާބޯތަކެތި ފޯރުކޮށްދިނުމަށް، ވިޔަފާރި ކުރައްވާ ފަރާތްތަކާއި ގުޅިގެން ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރާނެ ކަމުގެ ޔަގީންކަން އަރުވަމެވެ.

މި ފުރުސަތުގައި، މި މިނިސްޓްރީން ބާޒާރުގެ އަގުތައް ބަލައި ދިރާސާ ކުރުމަށާއި، ހަމަ އަގު ހިފެހެއްޓުމަށާއި މަޢްލޫމާތު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދެއްވާ ހުރިހާ ފަރާތްތަކަށް މިނިސްޓްރީން ޝުކުރު ދަންނަވަމެވެ.

 

02 ޖޫން 2014
ހޯދާ