ދިވެހިރާއްޖެ
އިޢްލާން
އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލުން: ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ބިލު
'ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ބިލު' އެކުލަވާލާފައިވަނީ، ދިވެހިރާއްޖޭގައި ޤާއިމުވެގެން ހިންގާ ވިޔަފާރިތަކުގެ މެދުގައި، ވާދަވެރިކަން އުފައްދައި ދެމެހެއްޓުމަށާއި، ވިޔަފާރިތަކުގެ މެދުގައި، ވާދަވެރިކަން ހަނިވާގޮތަށް ހިންގާ ވިޔަފާރީގެ ޢަމަލުތަކުގެ ސަބަބުން ޤައުމުގެ އިޤްތިޞާދީ ކުރިއެރުމަށް ކުރާ ނޭދެވޭ އަސަރުތައް ހުއްޓުވުމަށެވެ. އަދި، މިބިލުގައި، ވާދަވެރިކަމަށް ހުރަސްއަޅާ އެއްބަސްވުންތަކާއި ވިޔަފާރީގެ ޢަމަލުތައް މަނާކުރުމާއި، މާކެޓުގައި ނުފޫޒުފޯރުވޭނޭ މަޤާމެއް ލިބިފައިވާ ވިޔަފާރިއަކުން އެފަދަ މަޤާމެއްގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރާ ކުރުން މަނާކުރެވޭނެ ނިޒާމެއް ޤާއިމުކުރެވޭނެ ގޮތްތައް ކަނޑައަޅާފައިވާނެއެވެ. މީގެ އިތުރުން، އެއް ވިޔަފާރިއެއް އަނެއް ވިޔަފާރިއަކާ 'މާރޖާރއެއް' ހެދުމުގެ ސަބަބުން ވިޔަފާރީގެ ދާއިރާގެ ވާދަވެރިކަމަށް އާދަޔާ ޚިލާފަށް ހުރަސްއެޅިގެންދާދިޔުން ކޮންޓްރޯލްކުރުމުގެ ގޮތުން ކަމާބެހޭ އުޞޫލުތައް އެކުލަވާލުމަށްވެސް މަގުފަހިވެގެންދާނެއެވެ. މިބިލަކީ، ޖުމްލަގޮތެއްގައި، ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމާބެހޭ ކަންކަން ބަލަހައްޓާ އިދާރާގެ ބާރުތަކާއި މަސްއޫލިއްޔަތުތައް ބަޔާންކުރުމަށް އެކުލަވާލާފައިވާ ބިލެކެވެ.
މިބިލު ޢާންމުންގެ ޚިޔާލަށް ހުޅުވާލައި، މިމިނިސްޓްރީގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާނެއެވެ. ޚިޔާލު ހުށަހަޅުއްވަން ޝައުޤުވެރިވާ ފަރާތްތަކުން، 11 މާރިޗު 2019 ވާ ހޯމަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މި މިނިސްޓްރީގެ އީމެއިލް އެޑްރެސް،[email protected] އަށް ކޮމެންޓުތައް ފޮނުއްވައިދެއްވުން އެދި ދެންނެވީމެވެ.