އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިއުލާން - ބޭނުންނުކޮށް ދޫކޮށްލާފައިވާ ތަކެއްޗާއި ހުއްދަ ނުހޯދައި ހަދާފައިވާ ބިނާތައް ނެގުމާބެހޭ

އިޢުލާން

އައްޑޫގެ ޢާންމު ތަންތަނަށާއި މަގުމައްޗަށާއި ބަނދަރު މައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެއްޗާއި ކައުންސިލްގެ ހުއްދަ ނުހޯދައި އެފަދަ ތަންތަނުގައި ހަދާފައިވާ ދާއިމީ ބިނާތައް ނެގުމާބެހޭ

 

މިހާރަކަށް އައިސް އައްޑޫގެ ހުރިހާ އަވަށެއްގެ ޢާންމު ތަންތަނަށާއި މަގުމައްޗާއި ބަނދަރުމައްޗާއި ފަޅުތެރޭގައި ބޭނުން ނުކޮށް ދޫކޮށްލާފައިވާ ވަރަށް ގިނަ އަދަދެއްގެ ތަކެތި ހުރިކަން ވަނީ މި ކައުންސިލަށް ފާހަގަކުރެވިފައެވެ. އަދި މީގެ އިތުރުން މި ދެންނެވި ތަންތަނުގައި ކައުންސިލްގެ ހުއްދަ ހޯދުމެއްނެތި ދާއިމީ ބިނާތައް ހަދާފައިވާކަން ވެސް ވަނީ ފާހަގަކުރެވިފައެވެ. އަދި މިކަމުގެސަބަބުން މިފަދަ ތަންތަން ބޭނުންކުރާ ޢާންމު ރައްޔިތުންނަށް ނުހަނު ބޮޑެތި ދަތިތަކާއި ކުރިމަތިވެ މިކައުންސިލަށް ދަނީ ޝަކުވާ ހުށަހަޅަމުންނެވެ.

އެހެންކަމުން ބޭނުންނުކޮށް ގިނަ ދުވަސްތަކެއްވަންދެން ޢާންމު ތަންތަނަށާއި ބަނދަރުތަކަށާއި މަގުމައްޗަށް ދޫކޮށްލެވިފައިވާ އެއްގަމު އުޅަނދުތަކާއި ކަނޑުގެ އުޅަނދުތަކާއި ބާ ފްރިޖްތަކާއި އަދިވެސް މި ނޫންވެސް އެހެނިހެން ތަކެއްޗާއި ބަނދަރު މަތީގައި ޖާހާފައިވާ ވެލިފުނިތަކާއި ވެލި ބަސްތާތަކާއި ޤަވާޢިދާއި ޚިލާފަށް އެކި ތަންތަނުގައި ޕާކްކޮށް ގިނަދުވަސްވެ  ހަލާކުވެ ދޫކޮށްލެވިފައިވާ އެއްގަމު އުޅަނދުތަކާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ކަނޑުގެ އުޅަނދުތަކާއި ދާތަކާއި މިބާވަތުގެ އެންމެހާތަކެތި މިއަދުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ނެގުމަށް އެތަކެތީގެ ވެރިފަރާތްތަކަށް އަންގަމެވެ. އަދި މި މުއްދަތުގެފަހުން މިފަދަ ތަކެތި ނުނަގައިފިނަމަ އެތަކެތި އެތަންތަނުން ނަގާނެ ކަމުގައި ޢާންމުކޮށް އަންގާ ޢިޢުލާން ކުރީމެވެ. އަދި މިގޮތުގެ މަތިން ނެގޭ ތަކެތި ނެގޭތާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި އެއެއްޗެއްގެ ވެރިފަރާތުން ޙަވާލުނުވެއްޖެނަމަ އެއެއްޗެއް ނީލަންކިޔައި ނުވަތަ ނައްތާލާނެ ކަމުގައިވެސް ދެންނެވީމެވެ. އަދި މިފަދައިން ނެގޭ  އެއްޗެއް ވެރިފަރާތާއި ޙަވާލުކުރެވޭނީ އެއެއްޗެއް އެތަނުން ނެގުމަށް ހިނގި ޚަރަދު ކައުންސިލަށް ދެއްކުމުންނެވެ.

އަދި މީގެ އިތުރުންވެސް ޢާންމު ތަނަތަނާއި ބަނދަރުތަކުގައި ކައުންސިލްގެ ހުއްދަ ހޯދުމަކާއި ނުލައި އެކި ފަރާތްތަކުން ހަދާފައިވާ ދާއިމީ ބިނާތައް ނެގުމަށާއި އެފަދަ ތަންތަނުގައި އެއްވެސް ފަރާތެއްގެ މުދަލެއްވާނަމަ އެތަކެތި 30 (ތިރީސް) ދުވަހުގެ ތެރޭގައި ނެގުމަށް އެތަކެތީގެ ވެރިފަރާތްތަކަށް އަންގަމެވެ. އަދި މި މުއްދަތުގެފަހުން މިފަދަ ތަކެތި ނުނަގައިފިނަމަ އެފަދަ ތަންތަން ރޫޅާލައި އެތަނުގައި ހުންނަ ތަކެތި ނައްތާލެވޭނެކަން ޢާންމުކޮށް އަންގާ ޢިޢުލާން ކުރީމެވެ. އަދި މިފަދަ ތަކެތި ނައްތާލުމުގެ ސަބަބުން ލިބޭ އެއްވެސް ގެއްލުމަކަށް މިއިދާރާއިން ޒިންމާ ނުވާނެ ކަމުގައިވެސް ދެންނެވީމެވެ.

16 ޖުމާދަލްއޫލާ 1440

22 ޖަނަވަރީ 2019
ހޯދާ