މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
"ސިމެންތި ބަސްތާ ވެއްޓުނީ ޤަވާއިދާ އެއްގޮތަށް މަސައްކަތް ކުރަމުން ދިޔަ ތަނަކުން" ކަމަށް ބުނެ ލިޔެފައިވާ ޚަބަރުތަކާއި ގުޅޭ

ސިމެންތި ބަސްތާއެއް ވެއްޓި ބިދޭސީ ކުޑަ ކުއްޖަކު ނިޔާވި ހާދިސާ ހިނގި ކޮންސްޓްރަކްޝަން ސައިޓް އަކީ ޤަވާއިދާ އެއްގޮތަށް މަސައްކަތް ކުރަމުންދިޔަ ސައިޓެއް ކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވި ކަމަށް، ވަގުތު.އެމްވީ އަދި މިއަދު.އެމްވީގައި 20 ޑިސެމްބަރު 2018 ވަނަ ދުވަހު ޝާއިޢުކުރި ޚަބަރަކީ ހަގީގަތާ ހިލާފު، ދޮގު ޚަބަރެއްކަމުގައި ދަންނަވަމެވެ.

      މި މިނިސްޓްރީން 20 ޑިސެމްބަރު 2018 ވީ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަސްލަމް، އަދި މިނިސްޓްރީގެ އެހެން އޮފިޝަލަކު ވެސް އެފަދަ ސްޓޭޓްމެންޓެއް ދެއްވާފައެއް ނުވެ އެވެ.

      ދޮގު ހަބަރު ފަތުރާއި ރައްޔިތުންނަށް ޚަޤީގަތް އޮޅޭފަދަ މައުލޫމާތު ގެނެސްދިނުމަކީ ތަހުޒީބު އަމަލެއް ނޫނެވެ. އަދި ނޫސްވެރިކަމުގެ މިންގަނޑުތަކާއި އުސޫލްތަކާ ވެސް ކަނޑައެޅިގެން ހިލާފު އަމަލެކެވެ. އެފަދަ ޚަބަރެއް ވަގުތު.އެމްވީ އާއި މިއަދު.އެމްވީގައި ޝާއިޢުކުރެއްވުމަކީ މި މިނިސްޓްރީން ނުހަނު ހިތާމަކުރާ ކަމެކެވެ.

      މި މިިނިސްޓްރީއާއި ސަރުކާރުގެ ކަމާގުޅޭ އެހެން އިދާރާތަކުން ގެންދަނީ ކޮންސްޓްރަކްޝަން ސައިޓުތަކަކީ، މަގުމަތި ބޭނުންކުރާ ފަރާތްތަކަށާއި އެ ސައިޓްތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ވެސް ސަލާމަތްތެރި އަދި ރައްކާތެރި ތަންތަނަށް ހެދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންނެވެ.

      މި މިނިސްޓްރީއަކީ މީޑިއާއަށާއި ދިވެހިރައްޔިތުންނަށް ހާމަކަން ބޮޑު ގޮތެއްގައި ހިންގަމުންދާނެ މިނިސްޓްރީއެކެވެ. މިގޮތުން 20 ޑިސެމްބަރު 2018 ވަނަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގެ ވީޑިއޯ މި މިނިސްޓްރީގެ ފޭސްބުކް ޕޭޖުގައި ޝާއިޢުކުރެވިފައިވާނެ ވާހަކަ ދެންނެވީމެވެ.

14 ރަބީޢުލް އާޚިރު  1440ހ.

21 ޑިސެންބަރު 2018
ހޯދާ