އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޮޑިހަރުގެ އެޅުމަށް ބިން ދޫކުރާ އުސޫލު

އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ކައުންސިލްގެ އިދާރާ

އއ.ހިމަންދޫ، ދިވެހިރާއްޖެ

 

 

 

                  އޮޑިހަރުގެ އެޅުމަށް ބިންދޫކުރުމާއި ބެހޭ އުޞޫލް

 

 

 ތަޢާރަފް: 1

  

 މިއީ ޤާނޫނޫ ނަންބަރ 2010/7 (ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 151 ވަނަ މާއްދާއިން ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން ހަދާފައިވާ ނަންބަރ: R-253/214 ޤަވާޢިދުގެ 15 ވަނަ މާއްދާއިން ބާރު ލިބިގެން އެޤަވާއިދުގެ 15 ވަނަ މާއްދާއިން ބާރު ލިބިގެން އެޤަވާޢިދު ނަގަހައްޓާ ހިންގުމަށްޓަކާ ހިމަންދޫ ކައުންސިލްގެ 03 ވަނަ ދައުރުގެ 2017 ވަނަ އަހަރުގެ 08 ވަނަ ޢާންމު ޖަލްސާއިން ފާސްކޮށް ޢަމަލު ކުރުމަށް ހަދާފައިވާ އޮޑިހަރުގެ އެޅުމަށް ބިންދޫ ކުރުމާއިބެހޭ އުޞޫލެވެ.

 

އަމަލު ކުރަންފަށާ ތާރީޚް: 2

 

(1)   މި އުޞޫލު ހިމަންދޫ ކައުންސިލުން ޢާންމުކޮށް އަންގައި އިޢުލާން ކުރާ ދުވަހުން ފެށިގެން މި އުޞޫލަށް ޢަމަލުކުރަން ފެށުނީއެވެ.

(2)   މި އުޞޫލަށް ޢަމަލުކުރަން ފެށުމާއިއެކު މީގެ ކުރިން ޢަމަލު ކުރަމުން އައި " އޮޑިހަރުގެ އެޅުމަށް ވަގުތީގޮތުން ބިން ދޫކުރުމުގެ އުޞޫލު" ބާޠިލުވީއެވެ.

 

އޮޑިހަރުގެ އެޅުމަށް ބިންދޫކުރުމާއި އަދި އެކަމާއި ގުޅިގެން އަމަލު ކުރަންޖެހޭ ގޮތް: 3

 

(1)   ވިޔަފާރި އުޞޫލުން އޮޑިފަހަރު ބަނުން ފިޔަވައި، އޮޑިފަހަރު ބަނުމާއި، މަރާމާތކުރުމަށް ، އޮޑިހަރުގެ އެޅުމަށް ރަށުން ބިންދޫކުރެވޭނީ، އޮޑިހަރުގެ އެޅުމަށް ކަނޑައެޅިފައިވާ ސަރަހައްދަކުން ހުސްބިން އޮތް ނިސްބަތަކުން އެކަމަށް އެދޭ އޮޑިދޯނިފަހަރު ގެންގުޅޭ ފަރާތްތަކަށް އިސްކަންދީގެންނެވެ. މިގޮތުން އޮޑިހަރުގެ އެޅުމަށް ސަރަހައްދު ކަނޑައަޅާނީ ރަށުގެ ޕްލޭނާއި އެއްގޮތްވާ ގޮތުގެ މަތިން ހިމަންދޫ ކައުންސިލުންނެވެ.

(2)   މި މާއްދާގެ (1) ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން އޮޑިހަރުގެ އެޅުމަށް ބިންދޫކުރުމަށް އިސްކަންދެވޭނީ އޮޑިހަރުގެ ހެދުމަށް ބިން ހޯދުމަށް އެދޭ ތަރުތީބުންނެވެ.މިގޮތުން އޮޑިހަރުގެ ހެދުމަށް ބިން ހޯދުމަށް އެދޭ ފަރާތްތަކާއި، އަދި އޮޑިހަރުގެ އެޅުމަށް ބިންދެވިފައިވާ ފަރާތްތަކުގެ ރަޖިސްޓްރީ އެއް ކައުންސިލް އިން ބަލަހައްޓަންވާނެއެވެ.

(3)   އަލަށް އުޅަނދެއް ބަނުމަށް އޮޑިހަރުގެ އެޅުމަށް ބިންދޫކުރެވޭނީ ގިނަވެގެން 24 (ސައުވީސް) މަސްދުވަހުގެ މުއްދަތަށެވެ. މި މުއްދަތު ކަނޑައަޅާނީ މަސައްކަތުގެ ކުޑަ ބޮޑު މިނަށް ބަލައި  ހިމަންދޫ ކައުންސިލުންނެވެ.

(4)   ވިޔަފާރި އުޞޫލުން އޮޑިދޯނި ފަހަރު ބަނުމަށް ނުވަތަ ވިޔަފާރި އުޞޫލުން އޮޑިދޯނިފަހަރުތައް މަރާމާތު ކުރުމަށް އޮޑިހަރުގެ އަޅާތަނެއްނަމަ، އެއްވެސް ފަރާތަކަށް އޮޑިހަރުގެ އެޅުމަށް ބިން ދޫކުރަންވާނީ، ވިޔަފާރި އުޞޫލުން އޮޑިހަރުގެ އެޅުމަށް ބިންކަނޑައަޅައި ކުއްޔަށް ދިނުމަށް އިއުލާނުކުރުމުން ހުށަހެޅޭ އެންމެ ރަނގަޅު ހުށަހެޅުމަށް އިސްކަންދީގެން ވިޔަފާރި އުސޫލުންނެވެ. ވިޔަފާރި އުޞޫލުން އޮޑިދޯނި ފަހަރު ބަނުމަށް ނުވަތހަ ވިޔަފާރި އުޞޫލުން އޮޑިދޯނިފަހަރުތައް މަރާމާތު ކުރުމަށް އޮޑިހަރުގެ އަޅަން ބިން ދޫކުރުމުގެ މުއްދަތު ކަނޑައަޅާނީ ބިމާއި ބެހޭ ޤާނޫނުގައި ކަނޑައޅާފައިވާ މުއްދަތާއި، ޚިލާފު ނުވާ ގޮތަށް ހިމަންދޫ ކައުންސިލުންނެވެ.

(5)   ދިރިއުޅުމުގެ ބޭނުމަށް ދޫކޮށްފައިވަ ބިމެއްގައި އޮޑިހަރު އެޅުމަކީ މަނާކަމެކެވެ.އެއްވެސް ފަރާތަކުން މިފަދަ އަމަލެއް ކޮށްފިނަމަ އެކަމެއް އިސްލާޙް ކުރުމަށް ހިމަންދޫ ކައުންސިލުން ނަޞީޙަތްތެރި ވާނެއެވެ. މިގޮތުން ނަޞީޙަތްދީ އިޞްލާޙް ނުކޮށްފިނަމަ އެފަރާތެއް 3000.00ރ (ތިންހާސް ރުފިޔާ) އިން ޖޫރިމަނާ ކުރުމާއިއެކު އެ ހަރުގެއެއް ނެގުމަށް ހިމަންދޫ ކައުންސިލުން އެފަރާތަކަށް އެންގޭނެއެވެ.

(6)   އޮޑިހަރުގެ އެޅުމަށް ވަކި ފަރާތަކަށް ދޫކޮށްފައިވާ ބިމެއް ދެވަނަ ފަހަރަށް އެފަރާތަށް ދޭންވާނީ ރަށުގެ އޮޑިހަރުގެ އެޅުމަށް ކަނޑައެޅިފައިވާ ސަރަހައްދަށް ރިއާޔަތް ކޮށް އޮޑިހަރުގެ އެޅުމަށް އެހެންފަރާތަކުން އެދިފައި ނުވާނަމައެވެ. މިގޮތުން ބޭނުންވާ ބިންބިމުގެ މުއްދަތު އިތުރުކުރުމަށް ބޭނުންވާނަމަ އެފަރާތަކުން މި އުޞޫލާއި އެއްގޮތަށް ކުރިޔަށް ގެންދިއުމަށް ބިމުގެ މުއްދަތު އިތުރު ކުރުމަށް ވެވިފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ 15 ދުވަހުގެ ކުރީން ލިޔުމުން އެކަން ހިމަންދޫ ކައުންސިލްގެ އިދާރާއަށް އަންގަންވާނެއެވެ.

(7)   އޮޑިހަރުގެ އެޅުމަށް ދޫކުރާ ބިމުގެ އެއްބަސްވުމެއް އެކުލަވާލަން ވާނެއެވެ.އަދި މިގޮތުން އެކުލަވާލެވޭ އެއްބަސްވުމުގައި އޮޑިހަރުގެ ދޫކުރާ ބޭނުމާއި މުއްދަތު އޮންނަންވާނެއެވެ.އަދި އޮޑިހަރުގޭގެ ބޮޑުމިން އަކަފޫޓުން އޮންނަންވާނެވެ.

(8)   އޮޑިހަރުގެ އެޅުމަށް ދޫކުރާ ބިން ޙަވާލުކުރެވޭ ފަރާތުގެ ފުރިހަމަ މަޢުލޫމާތު އޮޑިހަރުގެ އެޅުމަށް ބިމާއި ޙަވާލުވާ ފަރާތާއި ހިމަންދޫ ކައުންސިލާއި ދެމެދު ހެދޭ އެއްބަސްވުމުގައި ބަޔާން ކުރަން ވާނެއެވެ.އަދި ބަދަލުގައި އެހެން ފަރާތެއް ހަމަޖައްސާފައި ވާނަމަ އެފަރާތެއްގެ މަޢުލޫމާތުވެސް ބަޔާން ކުރަން ވާނެއެވެ.

(9)   މި މާއްދާގެ (8) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން އޮޑިހަރުގެ އެޅުމަށް ބިން ދޫކުރާ ފަރާތުގެ ބަދަލުގައި އެހެން ފަރާތަކާއި ހިމަންދޫ ކައުންސިލުން މުޢާމަލާތް ކުރާ ގޮތަށް ހަމަޖައްސާފައިވާނަމަ އެކަން އެނގޭނެ ޕަވަރ އޮފް އެޓާރނީ އެއް އޮންނަންވާނެއެވެ.

(10)                       އޮޑިހަރުގެ އެޅުމަށް ދޫކުރާ ބިމުގެ ކުލި ނަގާނީ ދޫކުރެވޭ ބިމުގެ ނިސްބަތުން ކޮންމެ މަހަކު އަކަފޫޓަކަށް 25 ލާރި (ފަންސަވީސް ލާރި ) ގެ ރޭޓުންނެވެ.

(11)                       މި އުޞޫލުގެ ދަށުން ނެގޭ ކުލި ދައްކަންވާނީ ހިމަންދޫ ކައުންސިލްގެ އިދާރާއަށެވެ.މިގޮތުން ނެގޭ ކުލި ދައްކަންވާނީ ފާއިތުވީ މަހުގެ ކުލި، ހިނގާ މަހުގެ 10 ވަނަ ދުވަހުގެ ކުރިން ދައްކާ އުޞޫލުންނެވެ.

(12)                       އެއްވެސް ފަރާތަކަސް އޮޑިހަރުގެ އެޅުމަސް ދޫކޮށްފައިވާ ބިމެއް އޮޑިހަރުގެ އެޅުމަށް ވެވިފައިވާ އެއްބަސްވުމާއި ޚިލާފު ވެއްޖެނަމަ އެޚިލާފުވި ކަމެއް ސާފުކޮށް ބަޔާންކޮށް އެކަން އިސްލާޙް ކުރުމަށް 30 ދުވަހުގެ މުހުލަތު ލިޔުމުން ދިނުމަށްފަހު އެކަން އެ މުއްދަތުގައި އިސްލާޙް ނުކޮށް އެއްފަހަރަށްވުރެ ގިނަ ފަހަރު އެކަން ތަކުރާރުކޮށްފިނަމަ މި އެއްބަސްވުމާއި  އަދި އޮޑިހަރުގެއާއި ބެހޭ ޤަވަޢިދު (ނަންބަރ:R/253-2014) އާއި އަދި މިއުޞޫލާއި ޚިލާފުވީ ކަން ސަބަބާއި އެކު ބަޔާންކޮށް ލިޔުމުން އެންގުމަށްފަހު އެއްވެސް ބަދަލެއް ދިނުމަކައި ނުލައި ބިން ކުއްޔަށް ހިފި ފަރާތުން ބިން ވަކި ކުރުމުގެ އިޚްތިޔާރު ހިމަންދޫ ކައުންސިލަށް ލިބިގެންވެއެވެ.

(13)                       މި މާއްދާގެ (12) ވަނަ ނަންބަރުގައިވާ ފަދައިން ބިން ވަކި ކުރެވޭ އިރު އެބިން ސާފުކުރުމަށް ހިނގާ ޚަރަދު އެބިން ނަގާފައިވާ ފަރާތުން އަތުލުމުގެ ބާރު ހިމަންދޫ ކައުންސިލަށް ލިބިގެންވެއެވެ.

(14)                       އޮޑިހަރުގެ އެޅުމަށް ދޫކޮށްފައިވާ ބިމުގައި ކުރެވޭނީ ހަމައެކަނި އެބިން ބޭނުން ކުރުމަށް އެދި ހިމަންދޫ ކައުންސިލަށް ހުށަހެޅި ސިޓީގައި ބަޔާންކޮށްފައިވާ ބޭނުމަށެވެ. އަދި އޮޑިހަރުގެ އެޅުމަށް ދުކޮށްފައިވާ ބިމުގައި އިތުރު އެހެން އެއްވެސް މަސައްކަތެއް ނުކުރެވޭނެއެވެ. އަދި އޮޑިހަރުގެ އެޅުމަށް ބިން ދޫކޮށްފައިވާ މުއްދަތުގެ ތެރޭގައި އެހެން ފަރާތަކަށް ބިން ބޭނުން ކުރުމުގެ ހުއްދަ ނުދެވޭނެ  ކަމާއި އެއްވެސް ފަރާތެއްގެ ދާއިމީ ބިނާއެއް އެ ބިމުގައި ނުހެދޭނެކަން، ވެވޭ އެއްބަސްވުމުގައި ބަޔާންކޮށްފައި އޮންނަންވާނެއެވެ.

(15)                       މި މާއްދާގެ (4) ވަނަ ނަންބަރުގެ ދަށުން ދޫކުރެވޭ ބިން ފިޔަވައި އޮޑިހަރުގެ އެޅުމަށް ކުއްޔަށްދޫކުރެވޭ ބިމުގައި ދާއިމީ ބިނާއެއް ހަދައިގެން ނުވާނެއެވެ. އަދި އޮޑިހަރުގެ އެޅުމަށް ދޫކޮށްފައިވާ ބިމުގެ މުއްދަތު ހަމަވެގެން ނުވަތަ އެނޫންވެސް ސަބަބަކާއި ހެދި ދޫކޮށްލާނަމަ އެބިން ހިމަންދޫ ކައުންސިލާއި ހަވާލުކުރަންވާނީ ނުވަތަ ދޫކޮށްލަންވާނީ އެބިން ކުއްޔަށް ހަވާލުވެފައިވާ ފަރާތުން އެބިމުގައި އަޅާފައިވާ ހަރުގެ ނަގައި ބިން ސާފުކޮށްފައެވެ.

(16)                       އޮޑިހަރުގެ އެޅުމަށް ދޫކޮށްފައިވާ ބިން ކަނޑައެޅިފައިވާ މުއްދަތުގައި މި މާއްދާގެ (15) ވަނަ ނަންބަރުގައި ވާ ފަދައިން ބިން ހަވާލުކޮށްފައި ނުވާނަމަ އެކުރި ކަމެއް އިސްލާޚް ކުރުމަށް އެންގުމާއި އެކު ފުރަތަމަ ފަހަރު 500.00 ރ އިން ޖޫރިމަނާ ކުރުން، ދެވަނަ ފަހަރަށް ތަކުރާރުކޮށްފިނަމަ 1000.00 ރ އިން ޖޫރިމަނާކުރުން، ތިންވަނަ ފަހަރު ތަކުރާރުކޮށްފިނަމަ 3000.00 ރ އިން ޖޫރިމަނާ ކުރުން،ތިން ފަހަރަށވުރެ އިތުރަށް ކުށްތަކުރާރު ކުރާ ކޮންމެ ފަހަރަކު 5000ރ އިން ޖޫރިމަނާ ކުރުމުގެ އިކްތިޔާރު ހިމަންދު ކައުންސިލަށް ލިބިގެންވެއެވެ.މިގޮތުން އޮޑިހަރުގެ ނަގަން އަންގާތާ ،30 ދުވަހުގެ ތެރޭގައި ނުނަގައިފިނަމަ، އޮޑިހަރުގެ ހިމަންދޫ ކައުންސިލުން ނަގައި އެކަމަށް  ދިޔަ ޚަރަދު ބިން ކުއްޔަށް ހިފި ފަރާތުން  ހޯދުމުގެ ބާރު ހިމަންދޫ ކައުންސިލަށް ލިބިގެންވެއެވެ.

(17)                       މި މާއްދާގެ (15) ވަނަ ނަންބަރުގެ ދަށުން ބިން ހަވާލު ނުކުރާނަމަ ދެވިފައިވާ މުއްދަތަށްވުރެ އިތުރުވާ ކޮންމެދުވަހަކަށް ބިން ދޫކުރެވިފައިވާ ކުލީގެ %1 (އެކެއް އިންސައްތަ) ގެ ނިސްބަތުން ޖޫރިމަނަ ކުރެވޭނެއެވެ.މި ގޮތުން މުއްދަތު ހަމަވުމަށްފަހު އިތުރަށް ހިނގާ މުއްދަތު 03 މަސްދުވަހަށްވުރެ އިތުރުވެއްޖެނަމަ މި މާއްދާގެ 16 ވަނަ ނަންބަރުގައިވާ ގޮތަށް ޢަމަލުކޮސް އޮޑިހަރުގެ އެޅުމަށް ދޫކޮށްފައިވާ ބިން ހުސްކުރުމުގެ ބާރާއި އިޚްތިޔާރު ހިމަންދޫ ކައުންސިލަށް ލިބިގެންވެއެވެ.

(18)                        އޮޑިހަރުގެ އެޅުމަށް ބިމަށް އެދިފައުވާ ފަރާތްތަކަސް ބިން ހަވަލުކުރަންވަނި ބިން ބެނުންވެގެން ހުށަހަޅާފައިވާ ފަރާތާއި ހިމަންދޫ ކައުންސިލާއި ލިޔުމުން ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ. މިގޮތުން އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި އެފަރާތަކަށް ކަނޑައަޅާ ބިން އިން ވަކިކޮށް ދައްކަން ވާނެއެވެ. ބިމުގެ މުއްދަތު ގުނަންވާނީ ބިން ހަވަލުކުރި ދުވަހުން ފެށިގެންނެވެ.އެކަން ވެވޭ އެއްބަސްވުމުގައި ބަޔަން ކުރަންވާނެއެވެ.

(19)                       އޮޑިހަރުގެ އެޅުމަށް ދޫކޮށްފައިވާ ބިމުގައި ބަލިމަޑުކަމެއް ފެތުރިދާނެ ފަދަ ގޮތަކަށް އެތާނގެ އެތެރެއާއި ބޭރު ސާފުނުކޮށް ހުރެގެން ނުވާނެއެވެ. އަދި އޮޑިހަރުގެ ދާފުކޮށްފަ އުކާ ކުނި ނުވަތަ އެހެން ގޮތަކަށްވެސް  އުކާލެވޭ ކުނި އުކަން ވާނީ ހިމަންދޫ ކައުންސިލުން  ހަދައި ޢަމަލު ކުރަމުން އަންނަ ، ކުނި އުކާލުމާއި  ކުނި ނައްތާލުމާއި ބެހޭ އުޞޫލާއި ޤަވައިދާއި އެއްގޮތަށެވެ.

(20)                       މި އުޞޫލަށް ޢަމަލުކުރުމުގެ ކުރިން ހެދިފައިވާ އެއްބަސްވުން ވެވިފައިވާ މުއްދަތަށް އެބިމުގެ މުއްދަތު ދެމި އޮތްނަމަވެސް އަދި އެބިމަކީ ކުރިން ކުލި ނުހިނގާ ގޮތަށް ދޫކުރެވިފައިވާ ބިމެއް ކަމުގައި ވީނަމަވެސް މި އުޞޫލަށް އަމަލުކުރަން ފަށާދުވަހުން ފެށިގެން އެބިމެއްގެ ކުލި މި އުޞޫލުގައި ކަނޑައެޅިފައިވާ ގޮތަށް ނެގެން ފެށޭނެއެވެ. އަދި މި އުޞޫލަށް ޢަމަލު ކުރަން ފެށުމުގެ ކުރިން ކަނޑައެޅިފައިވާ ކުއްޔެއް މި އުޞޫލާއި އެއްގޮތަށް ރުޖޫޢު ކުރެވޭނެއެވެ.އަދި މި އުޞޫލަށް ޢަމަލު ކުރަން ފެށުމުގެ ކުރިން އެބިމަކުން ނެގުމަށް ކަނޑައެޅިފައިވާ ބިމުގެ ކުލި މިއުޞޫލަށް އަމަލު ކުރަން ފަށާ ތާރީޚާއި ހަމަޔަށް ދައްކަން ވާނީ މި އުޞޫލަށް ޢަމަލު ކުރަން ފެށުމުގެ ކުރިން ކަނޑައެޅިފައިވާ އުޞޫލާއި އެއްގޮތަށް ކަނޑައެޅިފައިވާ ރޭޓަކުންނެވެ.

(21)                       އޮޑިހަރުގެ އެޅުމަށް ދޫކޮށްފައިވާ ބިމުގައި އެއްވެސް ފަރާތެއްގެ ދާއިމީ ބިނާއެއް ނުހެދޭނެއެވެ.

(22)                       އޮޑިހަރުގެ އެޅުމަށް ދޫކޮށްފައިވާ ބިމުގައި ބިންދޫކުރެވުނު މުއްދަތުގައި ކުރެވޭނީ އޮޑި، ދޯނި ބަނުމުގެ މަސައްކަތެވެ. މި މުއްދަތުގައި އެހެން ފަރާތެއްގެ އެއްވެސް ބޭނުމަކަށް އޮޑިހަރުގެ ދޫކޮށްގެން ނުވަތަ ދީހަދައިގެން ނުވާނެއެވެ.

(23)                       ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އާއި ޤާނޫނު އަސާސީން ބާރުލިބިގެން ހަދާފައިވާ އެއްވެސް ޤާނޫނަކުން ނުވަތަ ޤަވައިދަކުން މަނާކުރެވިފައިވާ އެއްވެސް ބާވަތެއްގެ މަސައްކަތެއް، ނުވަތަ އަމަލެއް، އޮޑިހަރުގެ އެޅުމަށް ދޫކޮށްފައިވާ ބިމުގައި ކުރުމަކީ މަނާކަމެކެވެ. މިހެންކަމުން މިފަދަ އަމަލެއް ހިންގި ކަމަށް މިއިދާރާއަށް ސާބިތުވެއްޖެ ނަމަ އޮޑިހަރުގެ އެޅުމަށް ބިން ދޫކުރެވިފައިވާ ޤަވައިދުގައިވާ ގޮތުގެ މަތިން އެފަރާތަކާއި މެދު އަމަލު ކުރެވޭނެއެވެ.

(24)                       އޮޑިހަރުގެ އެޅުމަށް ދޫކުރެވިފައިވާ ބިމުގައި މަސައްކަތް ކުރާ އިރު އާއްމު ރައްޔިތުންނަށް ދަތި އުނދަގޫ ނުވާގޮތަށާއި ޚާއްސަކޮށް ކުޑަކުދިންނާއި މުސްކުޅިންނަށް ގެއްލުން ނުވާ ފަދަ ރައްކާތެރި ގޮތަކަށް އޮޑިހަރުގެ ހަދާފައި ހުންނަން ވާނެއެވެ.އަދި އޮޑިހަރުގޭގެ ބޭރުގައި އެއްވެސް މަސައްކަތެއް ކޮށްގެން ނުވާނެއެވެ.

(25)                       އޮޑިދޯނި ފަހަރު ބަނުމަށް އޮޑިހަރުގެއަށް ގެންދާ ތަކެތި ބަހައްޓަންވާނީ އޮޑިހަރުގެ  ތެރޭގައެވެ. އެއްވެސް ފަރާތަކުން ބަންނަމުންދާ އުޅަނދު ބަނުމަށް ގެންނަ ތަކެތި އޮޑިހަރުގެއިން ބޭރުގައި ބެހެއްޓުމަކީ މަނާކަމެވެ.

 

ޖޫރިމަނާ ފައިސާ ބަލައިގަތުން: 4

 

(1)   މި އުޞޫލާއި އަދި އޮޑިހަރުގެ އާއި ބެހޭ ނަންބަރ: R-253/214 ޤަވައިދާއި ޚިލާފްވެގެން ނެގޭ އެންމެހާ ޖޫރިމަނާ ފައިސާ  ދައްކާނީ ހިމަންދޫ ކައުންސިލްގެ އިދާރާއަށެވެ. ޖޫރިމަނާ ފައިސާ ހިމަންދޫ ކައުންސިލްގެ އިދާރާއަށް ދެއްކުމަށް ފަހު ފައިސާ ބަލައިގަތް ކަމުގެ ރަސީދު އެމީހަކު ލިބިގަންނަންވާނެއެވެ.

(2)   ޖޫރިމަނާ ކުރެވެ ފަރާތްތަކަށް ޖޫރިމަނާ ފައިސާ ދެއްކުމަށް ދެވޭނެ މުއްދަތަކީ ޖޫރިމަނާ ކުރާދުވަހުން ފެށިގެން ރަސްމީ 07 ދުވަހެވެ.

(3)   އެއްވެސް ފަރާތަކަށް، ޖޫރިމަނާކޮށް ޗިޓު ހަވާލުކޮށްފިނަމަ ޖޫރިމަނާ ކުރިފަރާތަށް ޖޫރިމަނާ ޗިޓުގެ އަސްލު ހަވާލުކުރުމަށް ފަހު ޗިޓުގެ 01 ކޮޕީ ހިމަންދޫ ކައުންސިލްގެ އިދާރާގެ ފައިސާ އާއި ބެހޭ ބަޔަށް ހަވަލުކުރަން ވާނެއެވެ.އަދި އަނެއް ކޮޕީ ހިމަންދޫ ކައުންސިލްގެ އިދާރާގެ އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް ޔުނިޓުގައި އޮންނަންވާނެއެވެ.

(4)   ޖޫރިމަނާ ޗިޓު އޮންނާނީ މި އުޞޫލުގެ އެނެކްސް 01 ގައި ބަޔާން ކޮށްފައިވާ ނަމޫނާއާއި އެއްގޮތަށެވެ.

 

ޝަރީއަތުން ބަދަލު ހޯދުން: 5

 

މި އުޞޫލައި ޤަވައިދާއި ޚިލާފްވެގެން ޖޫރިމަނާ ޗިޓު ލިބިފައިވާ ފަރާތުން ހިމަންދޫ ކައުންސިލަށް ދައްކަން ޖެހޭ ޖޫރިމަނާ ފައިސާ، އެއްވެސް ޙާލަތެއްގައި ކަނޑައެޅޭ މުއްދަތުގެ ތެރޭގައި ނުދައްކައިފިނަމަ އެފަދަ ފަރާތްތަކާއި މެދު ކޯޓްގައި ދައުވާކޮށްގެން އެފައިސާ ހިމަންދޫ  ކައުންސިލުން އެމީހެއްގެ އަތުން އެއްފަހަރާ ހޯދޭނެއެވެ.

 

އުޞޫލާއި އެއްގޮތަށް ޢަމަލުކުރުން: 6

 

ހިމަންދޫ ކައުންސިލުން ފާސްކޮށްގެން އިތުރު ވަކި ގޮތެއް ނާންގާގާ ހިނދަކު ނުވަތަ މި އުޞޫލު ބާތިލު ނުކުރާހާ ހިނދަކު މި އުޞޫލާއި އެއްގޮތަށް ހިމަންދޫ ގައި އޮޑިހަރުގެ އެޅުމަށް ބިންދޫކުރުމާއި ބެހޭ ކަންކަން ކުރުވައި މި އުޞޫލާއި ޤަވައިދު ތަންފީޒްކޮށް ނަގަހައްޓައި ހިންގަމުން ގެންދިޔުން ހިމަންދޫގައި ޢަމަލުކުރަމުން އަންނަ އޮޑިހަރުގެއާއި ބެހޭ ނަންބަރ:R-253/214 ޤަވައިދުގެ ދަށުން ކައުންސިލްގެ މައްޗަށް ލާޒިމްކުރެއެވެ.

 

އުޞޫލަށް ބަދަލު ގެނައުން: 7

 

 މި އުޞޫލަށް ބަދަލު ގެނެވޭނީ ހިމަންދޫ ކައުންސިލުން ކަނޑައަޅާ ޤަވައިދު ކޮމިޓީ އިން ދިރާސާކޮށް ގެންނަންޖެހޭ ބަދަލެއް ހިމަންދޫ ކައުންސިލްގެ އާންމު ޖަލްސާއަކަށް ހުށަހަޅައި، ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އަޣްލަބިއްޔަތުން ފާސްކޮށްގެންނެވެ.

18 އޮކްޓޫބަރު 2018
ހޯދާ