މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ހދ. ހަނިމާދޫ އިން ދޫކުރުމަށް ހަމަޖެހިފައިވާ 200 ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުން

ސަރުކާރުން ހދ. ހަނިމާދޫގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ހދ. ހަނިމާދޫ އިރުމަތީފަރާތު ހުސްބިމުން ދޫކުރުމަށް ހަމަޖެހިފައިވާ 2000 އަކަފޫޓުގެ 200 ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

 

އެގޮތުން ގޯއްޗަށް އެދި ހުށަހަޅާ ފޯމު 13 ސެޕްޓެމްބަރ 2018 އިން ފެށިގެން ހދ. ހަނިމާދޫގައި ޤާއިމްވެފައިވާ ފެނަކަ ކޯޕަރޭޝަން ލިމިޓެޑުންނާއި، މިމިނިސްޓްރީގެ ކައުންޓަރުތަކުގެ އިތުރުން މިމިނިސްޓްރީގެ ވެބްސައިޓުން (http://www.housing.gov.mv/v1) ލިބެން ހުންނާނެއެވެ.

 

 

ގޯއްޗަށް އެދި ހުށަހަޅާ ފަރާތުގައި ހުންނަންޖެހޭ ޝަރުތުތައް

  1. ދިވެހި ރައްޔިތަކަށްވުން.
  2. އުމުރުން 18 އަހަރު ވެފައިވާ މީހަކަށްވުން.
  3. ދިވެހިރާއްޖޭގެ އެއްވެސް ރަށަކުން، ތިރީގައި ބަޔާންކޮށްފައިވާފަދައިން ބިމެއް ލިބިފައި އޮވެގެން ނުވާނެއެވެ.
 

   

3.1– ދިވެހިރާއްޖޭގެ އެއްވެސް ރަށަކުން ބަންޑާރަ ގޯއްޗެއް، ނުވަތަ އަމިއްލަ ގޯއްޗެއް، އެމީހެއްގެ ނަމުގައި ރަޖިސްޓަރީ ވެފައިނެތުން.

3.2– ދިވެހިރާއްޖޭގެ އެއްވެސް ރަށަކުން އަމިއްލަ ނުވަތަ، ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ބޮޑު ބައެއް ލިބިފައިނެތުން.

3.3 އިސްވެ ބަޔާންކޮށްފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކުން، 600 އަކަފޫޓަށްވުރެ ކުޑަ ނުވަތަ ބޮޑުބައެއް ލިބިފައިވާނަމަ "ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާބެހޭ ޤަވާއިދު" އާއި އެއްގޮތް ވާގޮތުގެމަތިން އެބިން ދޫކޮށްލަން އެއްބަސްވުން. އަދި އެފަދައިން ބިން ދޫކޮށްލަން އެއްބަސްވާ ކަމުގެ ލިޔުމެއް ފޯމާއެކު ހުށަހަޅަންވާނެއެވެ. އަދި އެފަދަ ލިޔުމެއް ހުށަނާޅާނަމަ، ފޯމުބާތިލްވާނެއެވެ.

 

4. ރާއްޖޭގެ އެއްވެސް ރަށެއްގައި ސަރުކާރުން ހަދާފައިވާ ޢިމާރާތެއްގެ ފްލެޓެއް، ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން، ނުވަތަ މިފަދަ ތަނެއް އަމިއްލަ ނަމުގައި ރަޖިސްޓަރީކޮށްފައި ވީނަމަވެސް އެތަނެއް ދޫކޮށްލިތާ ނުވަތަ އެހެންފަރާކަށް ދޫކޮށްލިތާ ނުވަތަ އެހެން ފަރާތަކަށް ދީ ނުވަތަ ވިއްކާފައިވާތާ 2 އަހަރަށްވުރެ ގިނަދުވަސް ވެފައިވުން.

5. ފާއިތުވި 2 އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި ވާރުތަ މުދަލުގެ ގޮތުގައި ލިބިފައިވާ 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް ޝަރުޢީ މަރުހަލާގެ ތެރެއިން ދޫކޮށްލާފައިވާ ފަރާތަކަށް ނުވުން.

6. ރާއްޖޭގެ އެއްވެސް ރަށަކުން މީގެކުރިން ލިބިފައިވާ ގޯއްޗެއް ނުވަތަ ގޯއްޗަކުން ލިބިފައިވާ 600 އަކަފޫޓަށްވުރެ ބޮޑުބައެއް ވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި މީހަކަށްދީ ނުވަތަ ވިއްކާފައިވުން.

 
 
.
 
 
ނޯޓް: މިޝަރުތުތައް ހަމަނުވާ ފަރާތްތަކުގެ ފޯމް އިވެލުއޭޝަން މައުހަލާގައި ބާޠިލްވާނެއެވެ. އަދި އެ ފޯމްތައް ބާޠިލްވެފައިވާކަން ސަބަބާއެކު، ފޯމް ހުށަހެޅި ފަރާތަށް ލިޔުމުން އަންގާނެއެވެ.

ގޯތިލިބޭގޮތް :

    · ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ 2 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ:-

    1- އުމުރުން 18 އަހަރާއި 40 އަހަރާއި ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ޒުވާނުންނަށް ޚާއްސަ ކެޓަގަރީ

    2- ހުރިހާ ފަރާތްތަކަށް ޚާއްސަ ކެޓަގަރީ

 

  • ގޯތިލިބެންޖެހޭ ފަރާތްތައް ހޮވާނީ ޕޮއިންޓް ލިބިފައިވާ ތަރުތީބުން ގިނަޕޮއިންޓް ލިބިފައިވާ ފަރާތްތަކަށް އިސްކަންދީގެންނެވެ. އެގޮތުން އެފަހަރަކު ދޫކުރުމަށް ހަމަޖެހިފައިވާ ގޯތީގެ އެންމެފަހު ގޯއްޗަށް ވާދަކުރަން އެއްވަރަކަށް ޕޮއިންޓްލިބިފައިވާ ގިނަ  ފަރާތްތައް ތިބިނަމަ އެ ގޯތި ލިބޭމީހާ ކަނޑައަޅާނީ ގުރުއަތުލައިގެންނެވެ.
  • މީގެ އިތުރުން ރަށުގެ ޙާލަތަށް ރައްޔިތުންގެ ދިރުއުޅުމުގެ ހާލަތައް ބަލައި، ޕޮއިންޓްދިނުމުގެ އުޞޫލަށް ބަދަލު ގެނައުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

ގޯއްޗަށް އެދޭ ފަރާތްތަކަށް ޕޮއިންޓް ދެވޭ ގޮތް:

1. ކެޓަގަރީ :1- (އުމުރުން 18 އަހަރާއި 40 އަހަރާއި ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ޒުވާނުންނަށް)

   1.1. ކައިވެނީގެބައި :

 (ހ) މީހަކާ އިނދެގެންހުރިނަމަ                                           

20 ޕޮއިންޓް

 (ށ) ކައިވެންޏަށް 1 (އެކެއް) އަހަރު ވެފައިވާނަމަ އަހަރަކަށް        (މިގޮތަށް ގިނަވެގެން ދެވޭނީ 6 ޕޮއިންޓެވެ.)

01 ޕޮއިންޓް

 

 

 
2. ކެޓަގަރީ :2- (އުމުރުން 40 އަހަރުން މަތި ކައިވެނިކޮށްގެން އުޅޭފަރާތްތައް)

    2.1. ކައިވެނީގެބައި :

 (ހ) މީހަކާ އިނދެގެންހުރިނަމަ                                           

20 ޕޮއިންޓް

 (ށ) ކުރިން މީހަކާއިނދެ، ކައިވެނި ރޫޅިފައި ވީނަމަވެސް ދަރިން         ތިބިނަމަ                 

15 ޕޮއިންޓް

 (ނ) ކައިވެންޏަށް 1 (އެކެއް) އަހަރު ވެފައިވާނަމަ އަހަރަކަށް         (މިގޮތަށް ގިނަވެގެން ދެވޭނީ 6 ޕޮއިންޓެވެ.)

01 ޕޮއިންޓް

       

ނޯޓް: ނަމްބަރ 01 ގައިވާ ކައިވެނި ރޫޅިފައިކަމަށް ބަލާނީ ގޯތި ދޫކުރާކަން އިޢުލާނުކުރުމުގެ ކުރިން ކައިވެނި ރޫޅިފައި ވާނަމައެވެ.

2.2.ޢުމުރުގެބައި :

 (ހ) ޢުމުރުން 18 - 25 އަހަރާ ދެމެދު ނަމަ

       05 ޕޮއިންޓް

 (ށ) ޢުމުރުން 26 އަހަރުން މަތިނަމަ (ގިނަވެގެން        ދެވޭނީ 07 ޕޮއިންޓް)

       07 ޕޮއިންޓް

 
 
3. ދެކެޓަރީއައް ޚާއްޞަ:

3.1.  ދަރިންގެބައި:

 (ހ) 18 އަހަރުން ދަށުގެ ދަރިއަކުހުރިނަމަ      

05 ޕޮއިންޓް

 (ށ) 18 އަހަރުންދަށުގެ އެއްކުއްޖަކަށްވުރެ ގިނަކުދިންތިބިނަމަ ކޮންމެ         ކުއްޖަކަށް (މިބަޔަށްގިނަވެގެން ދެވޭނީ 16 ޕޮއިންޓް)

04 ޕޮއިންޓް

 (ނ) ދާއިމީގޮތެއްގައި ޚާއްޞަ އެހީއަށް ބޭނުންވާ 18 އަހަރުންދަށުގެ       ކުއްޖަކުހުރިނަމަ

03 ޕޮއިންޓް

 (ރ) ދާއިމީގޮތެއްގައި ޚާއްޞަ އެހީއަށް ބޭނުންވާ 18 އަހަރުންދަށުގެ 1     ކުއްޖަކަށްވުރެ ގިނަކުދިން ތިބިނަމަ ކޮންމެ ކުއްޖަކަށް (ގިނަވެގެން       ދެވޭނީ 08 ޕޮއިންޓް) 

04 ޕޮއިންޓް

 

 

3.2. މައިންބަފައިންގެބައި :

 (ހ) މަންމަ ބަލަމުންގެންދާނަމަ

03 ޕޮއިންޓް

 (ށ) ބައްޕަ ބަލަމުންގެންދާނަމަ

03 ޕޮއިންޓް

 (ނ) މައިންބަފައިންނާއި ދަރިންފިޔަވާ ޝަރުޢީގޮތުން ބަލަންޖެހިފައިވާ މީހަކު ބަލަމުންގެންދާނަމަ       

03 ޕޮއިންޓް

 (މި ބައިން ޕޮއިންޓް ދެވޭނީ މައިންބަފައިންނާ، މައިންބަފައިންނާއި ދަރިންފިޔަވާ ޝަރުޢީގޮތުން ބަލަންޖެހިފައިވާ މީހަކުގެ ގޯއްޗެއް ނެތި އެމީހުން ކައިރީގަ ބަހައްޓައިގެން ބަލަމުންގެންދާނަމައެވެ.

 

3.3. ރައްވެހިކަމުގެބައި

 (ހ) ރަށުގެ ރައްވެއްސެއްނަމަ

20 ޕޮއިންޓް

 (ށ) ރަށުގައި ދިރިއުޅޭނަމަ

10 ޕޮއިންޓް

 (ނ) ކުރިން ރަށްވެހިވެފައިވާ ރަށް ދޫކޮށް ހދ.ހަނިމާދޫގައި         ރަށްވެހިވެފައިވާތާ 5 އަހަރުވެފައިވާނަމަ

15 ޕޮއިންޓް

 

އިތުރު ތަފްޞީލް :

  • ނަމްބަރ 2.1 ގައިވާ ކައިވެނި ރޫޅިފައިކަމަށް ބަލާނީ ގޯތި ދޫކުރާކަން އިޢުލާނުކުރުމުގެ ކުރިން ކައިވެނި ރޫޅިފައި ވާނަމައެވެ. ކައިވެނީގެ މުއްދަތަށް ޕޮއިންޓް ދޭވޭނީ، ގޯއްޗަށް އެދި ހުށަހަޅާފަރާތުން ހުށަހަޅާފައިވާ ކައިވެނީގެ ސެޓްފިކެޓަތަކަށް ބަލައިގެންނެވެ.
  • ނަމްބަރ 2.2 ގައިވާ ޢުމުރުގެ ބައި ބަލާނި ގޯތި ދޫކުރުމަށް ކުރި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚާ ހަމައަށެވެ. އަދި މިބައިން ޕޮއިންޓް ދެވޭނީ ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތުން ހުށަހަޅާފައިވާ އެފަރާތުގެ އައި.ޑީ ކާޑްގެ ކޮޕީއަށް ބަލައިގެންނެވެ.
  • ނަމްބަރ 3.1  ގެ (ށ) ގައިވާ ދަރިންގެ ޢަދަދަށް ޕޮއިންޓް ދިނުމުގައި 04 ދަރިންނަށްވުރެ ގިނައިން ދަރިން ތިބިކަމުގައިވިޔަސް ދެވޭނީ ޖުމްލަ 16 ޕޮއިންޓެވެ. މިބައިން ޕޮއިންޓް ދެވޭނީ ގޯއްޗަށް އެދި ހުށަހަޅާފަރާތުން ހުށަހަޅާފައިވާ ދަރިންގެ އުފަންދުވަސް ސެޓްފިކެޓްތަކުގެ ކޮޕީއަށް ބަލައިގެންނެވެ. އަދި ދާއިމީ ގޮތެއްގައި ޚާއްސަ އެހީއަށް ބޭނުންޖެހިފައިވާ ކުދިންނަށް ޕޮއިންޓް ދެވޭނީ، އެ ކުދިންގެ އުފަންދުވަސް ސެޓްފިކެޓް އިތުރުން އެކުދިންނަކީ ޚާއްސަ އެހީއަށް ބޭނުންޖެހިފައިވާ ކުދިންކަން އަންގައިދެ ޑޮކްޓަރުގެ ލިޔުމެއް ހުށަހެޅުމުންނެވެ.
  • ނަމްބަރ 3.2 ގައިވާ މައިންބަފައިން ބަލަމުންގެންދާތީ ލިބޭޕޮއިންޓް ލިބޭނީ މަންމަ ނުވަތަ ބައްޕަގެ ގޯތިނެތި މަންމަ ނުވަތަ ބައްޕަ ބަލަމުން ގެންދާނަމައެވެ. އަދި މި ބައިގެ މަންމަ ނުވަތަ ބައްޕަ ބަލަމުންގެންދާނަމަ، ޕޮއިންޓްލިބޭނީ މަންމަ ނުވަތަ ބައްޕަ ބަލަމުންގެންދާކަމުގެ ލިޔުމެއް އެފަރާތުން ހުށަހަޅާފައިވާނަމައެވެ. 
  • ނަމްބަރ 3.2 ގެ (ނ) ގައިވާ ފަދަ ޝަރުޢީ ގޮތުން ބަލަންޖެހޭ މީހަކު ބަލަމުންދާކަމަށް ބެލެވޭނީ އެ މީހަކީ މުސްކުޅިވުމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކާހުރެ އަމިއްލައަށް އެއްވެސް މަސައްކަތެއް ކޮށްނޫޅެވޭފަދަ މީހަކަށްވެފައި އެ މިހެއްގެ ގޯއްޗެއް ނެތި އެމީހުން ކައިރީގަ ބަހައްޓައިގެން ބަލަމުންގެންދާނަމައެވެ. އަދި ޝަރުޢީ ގޮތުން ބަލަންޖެހޭ އެހެން މީހެއް ބަލަމުން ގެންދާނަމަ، ޕޮއިންޓްލިބޭނީ އެފަރާތެއް ބަލަމުންގެންދާކަމުގެ ޝަރުޢީ ލިޔުމެއް ގޯއްޗަށް އެދި ހުށަހަޅާފަރާތުން ހުށަހަޅާފައިވާނަމައެވެ.
  • ނަންބަރު 03 ގެ (ށ) ގައިވާ ބަޔަށް ޕޮއިންޓް ދެވޭނީ ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތުން އެރަށުގައި ދިރިއުޅޭކަން އަންގައިދޭ ރަސްމީ ލިޔުމެއް ނުވަތަ އެރަށުގައި ވަޒީފާ އަދާކުރަމުންދާކަމުގެ ރަސްމީ ލިޔުމެއް ނުވަތަ އެރަށުގައި ދިރިއުޅޭ ގެއެއްގެ ވެރިފަރާތުގެ ރަސްމީލިޔުމެއް އެފަރާތުގެ އައި.ޑީ ކާޑްގެ ކޮޕީއަކާއެކު ގޯއްޗަށް އެދޭފަރާތުން ހުށަހަޅާފައިވާނަމައެވެ. އަދި ރަށުން ބޭރުގައި ދިރިއުޅުނު ނަމަވެސް، ރަށުން ބޭރުގައި ދިރިއުޅެމުންދަނީ، ކިޔެވުމަށް ނުވަތަ ބޭސް ފަރުވާގެ ބޭނުމަށް 6 މަސް ނުވަތަ އެއަށްވުރެ ދިގު މުއްދަތަކަށް ކަމަށްވާނަމަ، އެކަން ސާބިތުކުރުމަށް ބޭސްފަރުވާގެ ލިޔުމުގެ ކޮޕީ ނުވަތަ ތަޢުލީމީ ލިޔުމުގެ ކޮޕީ ނުވަތަ ވަޒީފާގެ ލިޔުމުގެ ކޮޕީ ހުށަހަޅާފައިވާނަމައެވެ. 06 މަސް ދުވަހަށްވުރެ ކުރު މުއްދަތަކަށް ރަށުން ބޭރުގައި ދިރިއުޅުނު ނަމަވެސް އެއީ ރަށުން ބެރުގައި ދިރިއުޅެމުންދާ ފަރާތެއްގެ ގޮތުގައި ނުބެލެވޭނެއެވެ.
  • ނަންބަރު 03 ގެ (ނ) ގައިވާ ބަޔަށް ޕޮއިންޓް ދެވޭނީ ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތުން އެރަށުގައި ދިރިއުޅޭތާ 05 އަހަރުވެފައިވާކަން އަންގައިދޭ ރަސްމީ ލިޔުމެއް އެފަރާތުން ހުށަހަޅާފައިވާނަމައެވެ.
  • ގޯއްޗަށް އެދިފައިވާ ފަރާތަށް 600 އަކަފޫޓަށްވުރެ ބޮޑު
  • ގޯއްޗެއް ލިބި އެ ގޯތި ދަޢުލަތަށް ދޫކޮށްލުމަށް އެއްބަސްވާނަމަ، އެކަމައިގުޅޭ އެންމެހައި ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

 

ގޯއްޗަށްއެދި ފޯމްހުށަހަޅާފައިވާ މީހުންގެ މަޢުލޫމާތުތަކަށް އައިސްފައިވާ އުނިއިތުރު ބަލާނީ ގޯއްޗަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ތާރީޚާ ހަމައަށެވެ.

 

ގޯތިލިބޭގޮތް :

  • ގޯތިލިބެންޖެހޭ ފަރާތްތައް ހޮވާނީ ޕޮއިންޓް ލިބިފައިވާ ތަރުތީބުން ގިނަޕޮއިންޓް ލިބިފައިވާ ފަރާތްތަކަށް އިސްކަންދީގެންނެވެ. އެގޮތުން އެފަހަރަކު ދޫކުރުމަށް ހަމަޖެހިފައިވާ ގޯތީގެ އެންމެފަހު ގޯއްޗަށް ވާދަކުރަން އެއްވަރަކަށް ޕޮއިންޓްލިބިފައިވާ ގިނަ  ފަރާތްތައް ތިބިނަމަ އެ ގޯތި ލިބޭމީހާ ކަނޑައަޅާނީ ގުރުއަތުލައިގެންނެވެ.

މިގޮތުން ގޯއްޗަށް އެދި ހުށަހެޅުމަށް ޝައުޤުވެރިވާ ފަރާތްތަކުން "ހދ. ހަނިމާދޫއިން ގޯއްޗަށް އެދި ހުށަހެޅުމަށް އެދޭ ފޯމު" ފުރިހަމަކޮށް، އެފަރާތެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީއާއި، ފޯމާއެކު ހުށަހަޅަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ އެހެނިހެން ލިޔެކިއުންތައް 14 އޮކްޓޯބަރ 2018 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން މިމިނިސްޓްރީއަށް ނުވަތަ ހދ. ހަނިމާދޫގައި ޤާއިމްވެފައިވާ ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް ހުށަހެޅުއްވުން އެދެމެވެ.

 

ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ. މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މި މިނިސްޓްރީގެ ނަންބަރު 3004300 ނުވަތަ 3004366 ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

 

  03  މުޙައްރަމް   1440

  13  ސެޕްޓެންބަރު  2018  

13 ސެޕްޓެންބަރު 2018
ހޯދާ