ވަޒީފާއާބެހޭ ޓްރައިބިއުނަލް
ދިވެހިރާއްޖެ
ނޫސް ބަޔާން

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދު 2015 އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދާ ގުޅޭ:

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދު 2015 އަށް ގެނެވުނު 1 ވަނަ އިޞްލާޙާ ގުޅިގެން 'މިހާރު' ނޫހުގައި 10 ސެޕްޓެންބަރު 2018 ގައި 'ވަޒީފާގެ މައްސަލަތައް އަނބުރާ ގެންދިއުމަށްފަހު އަލުން ހުށަހެޅޭނީ އެއް ފަހަރަށް ކަމަށް ހަމަޖައްސައިފި' މި ސުރުޚީގެ ދަށުން ލިޔުއްވާފައިވާ ޚަބަރުގައި މަޢުލޫމާތު އޮޅޭގޮތަށް ގެނެސްދެއްވާފައިވާތީ ދަންނަވަމެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދު 2015 ގެ 12 ވަނަ މާއްދާއަށް ގެނެވުނު އިޞްލާޙުގައި ބަޔާންކޮށްފައިވަނީ މައްސަލައެއް އަނބުރާ ގެންދިއުމުން، އެ މައްސަލައެއް ޓްރައިބިއުނަލުން ނުބަލާނެކަން އެ މީހަކަށް އެންގި ތާރީޚުން ފެށިގެން ގިނަވެގެން 30 (ތިރީސް) ދުވަހުގެތެރޭގައި އެ މައްސަލައެއް އަލުން ހުށަހެޅުމާއެކު އިދާރީ ފީގެ ގޮތުގައި -/500 (ފަސްސަތޭކަ ރުފިޔާ) ދެއްކުމުން، އެ މައްސަލައެއް އަނބުރާ ގެންދިޔަ ސަބަބަށް ރިޢާޔަތްކުރުމަށްފަހު ބަލައިގަތުމުގެ އިޚްތިޔާރު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވާކަމަށެވެ. އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދު 2015 ގެ 23 ވަނަ މާއްދާއަށް ގެނެވުނު އިޞްލާޙުގައި ބަޔާންކޮށްފައިވަނީ ޓްރައިބިއުނަލުން ބާޠިލުކުރާ މައްސަލައެއް، އެ މައްސަލައެއް ބާޠިލުކުރިކަން އެ މީހަކަށް އެންގި ތާރީޚުން ފެށިގެން ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އިދާރީ ފީގެ ގޮތުގައި -/500 (ފަސްސަތޭކަ ރުފިޔާ) ދެއްކުމާއެކު އަލުން ހުށަހެޅިދާނެ ކަމަށެވެ. އަދި މިފަދައިން ހުށަހެޅޭ މައްސަލަތަކުގައި މައްސަލައިގެ ހާލަތަށް ރިޢާޔަތްކުރުމާއެކު، އެ މައްސަލައެއް އެއްފަހަރަށްވުރެ ގިނަފަހަރަށް ބަލައިގަތުމުގެ އިޚްތިޔާރު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވާކަމަށެވެ.

މި އިޞްލާޙު ގެނައުމުގެ ކުރިން ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބާޠިލްކުރެވޭ އަދި އަނބުރާ ގެންދާ މައްސަލަތައް އަލުން ހުށަހެޅި ބަލައިގަތުމުގައި، މުއްދަތު ގުނުމުގައި ބަލަނީ މައްސަލަ ހުށަހެޅުމަށް ވަޒީފާއާބެހޭ ޤާނޫނުން ނުވަތަ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދުން ކަނޑައަޅާފައިވާ މުއްދަތަށެވެ. މިގޮތުން އެ މުއްދަތަށް ރިޢާޔަތްކުރުމުން ދެވަނަ ފަހަރަށް މިފަދަ މައްސަލަތައް ޓްރައިބިއުނަލަށް ހުށަހެޅޭއިރު މުއްދަތު ފަހަނައަޅައި ދިއުމުގެ ސަބަބުން އެ މައްސަލަތައް އަލުން ޓްރައިބިއުނަލަށް ހުށަހެޅުމުގެ ފުރުޞަތު މައްސަލަ ހުށަހަޅާ ފަރާތްތަކަށް ހަނިވެގެންދެއެވެ. ނަމަވެސް މި އިޞްލާޙުގެ ސަބަބުން އަނބުރާ ގެންދާ މައްސަލަތަކާއި ޓްރައިބިއުނަލުން ބާޠިލުކުރެވޭ މައްސަލަތައް ޓްރައިބިއުނަލަށް އަލުން ހުށަހެޅުމަށް އިތުރު ފުރުޞަތު ލިބިގެންދާނެއެވެ. 

އަދި ޙަވާލާދީފައިވާ ޚަބަރުގައި "ވަޒީފާއާބެހޭ މައްސަލަތަކުގެ ތެރެއިން ޓްރައިބިއުނަލަށް އިހްތިސާސް ލިބިގެންވާ މައްސަލަތަކަކީ އެމައްސަލައެއް އުފެދުނު ތާރީޚުން ފެށިގެން ހަމަސް ތެރޭގައި ހުށަހަޅަންޖެހޭ މައްސަލަތަކެކެވެ" މިފަދައިން ބަޔާންކުރައްވާފައިވާތީ ދަންނަވަމެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދުގެ 8 ވަނަ މާއްދާގެ (ހ) ގައި ބަޔާންވެގެންވަނީ "ވަޒީފާއާބެހޭ ޤާނޫނުގައި އެހެންގޮތަކަށް ކަނޑައެޅިގެން ބަޔާންކޮށްފައި ނުވާނަމަ، ވަޒީފާއާގުޅޭ މައްސަލައެއް ނުވަތަ ޚިލާފެއް، އެ މައްސަލައެއް ނުވަތަ ޚިލާފެއް އުފެދުނު ތާރީޚުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އެ މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅަންވާނެއެވެ. އެހެންނަމަވެސް އުޖޫރައާގުޅުންހުރި މައްސަލަތައް ހުށަހެޅުމަށް މި މާއްދާ ހުރަހެއްނާޅައެވެ." މިފަދައިންނެވެ. މިގޮތުން، މުވައްޒަފަކު ވަޒީފާއިން ވަކިކޮށްގެން ހުށަހެޅޭ މައްސަލަތައް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމަށް ކަނޑައެޅިފައިވާ މުއްދަތަކީ ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން 03 (ތިނެއް) މަސް ދުވަސްކަމުން، ވަޒީފާއިން ވަކިކުރާ މައްސަލަތައް ހުށަހެޅުމުގައި ގުނާ މުއްދަތަކީ 6 (ހައެއް) މަސް ދުވަސް ނޫންކަމާއި، 3 (ތިނެއް) މަސްކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. 

13 ސެޕްޓެންބަރު 2018
ހޯދާ