މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އައްޑޫސިޓީން ދޫކުރުމަށް ހަމަޖެހިފައިވާ 400 ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުން:

ސަރުކާރުން އައްޑޫސިޓީން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ބޭނުންވާ ފަރާތްތަކަށް ގޯތިދޫކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. މިފަހަރު ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ:-  

#

ރަށް

އަކަފޫޓް

ގޯތީގެ އަދަދު

 

ސ.ހުޅުދޫ

2000

50

 

ސ.މީދޫ

2000

50

 

ސ.ފޭދޫ

1400

200

 

ސ.ހިތަދޫ 

2000

100

 

 

  • ގޯތި ދޫކުރެވޭނީ ތިރީގައި މިދަންނަވާ ޝަރުޠުތައް ފުރިހަމަވާ ފާރާތްތަކަށެވެ.

 

އެގޮތުން ގޯއްޗަށް އެދި ހުށަހަޅާ ފޯމު 13 ސެޕްޓެމްބަރ 2018 އިން ފެށިގެން މި މިނިސްޓްރީން، މިނިސްޓްރީގެ ލޭންޑް ސާރވޭ އޮތޯރިޓީން އަދި މިނިސްޓްރީގެ ލޭނޑް ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސަސްޑިޕާރޓްމަންޓް/އައްޑޫސިޓީ ހިތަދޫ، އަދި ފޭދޫ، އަދި ހުޅުދޫމީދޫ ގައި ޤާއިމުކުރެވިފައިވާ މިޑިޕާރޓްމަންޓްގެ ސެކްޝަން ތަކުން ލިބެން ހުންނާނެއެވެ.

 

 

ގޯއްޗަށް އެދި ހުށަހަޅާ ފަރާތުގައި ހުންނަންޖެހޭ ޝަރުތުތައް

 

  1. ދިވެހިރައްޔިތަކު ކަމުގައިވުން.
  2. އުމުރުން 18 އަހަރުވެފައިވުން.
  3. ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން.
  4. އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ބޮޑު ބައެއް ލިބިފައި ނެތުން، ނުވަތަ ލިބިފައިވާ މިފަދަ ބަޔެއް ގަވާއިދު ނަންބަރު 2018/R-51 (ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވައިދު) އާ އެއްގޮތްވާ ގޮތުގެމަތިން ދޫކޮށްލުން.
  5. ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން، އަދި މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، މިތަން ދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ 2 އަހަރު ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވުން.
  6. އެއްމެދު އިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން ނުވަތަ މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، މިތަން ދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ 2 އަހަރު ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވުން.

 

ގޯތިލިބޭގޮތް :

v     ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ 2 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ:-

1-      އުމުރުން 18 އަހަރާއި 40 އަހަރާއި ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ޒުވާނުންނަށް:-

2-      ހުރިހާ ފަރާތްތަކަށް ޙާއްޞަ

v     ގޯތިލިބެންޖެހޭ ފަރާތްތައް ހޮވާނީ ޕޮއިންޓް ލިބިފައިވާ ތަރުތީބުން ގިނަޕޮއިންޓް ލިބިފައިވާ ފަރާތްތަކަށް އިސްކަންދީގެންނެވެ. އެގޮތުން އެފަހަރަކު ދޫކުރުމަށް ހަމަޖެހިފައިވާ ގޯތީގެ އެންމެފަހު ގޯއްޗަށް ވާދަކުރަން އެއްވަރަކަށް ޕޮއިންޓްލިބިފައިވާ ގިނަ  ފަރާތްތައް ތިބިނަމަ އެ ގޯތި ލިބޭމީހާ ކަނޑައަޅާނީ ގުރުއަތުލައިގެންނެވެ.

v     މީގެ އިތުރުން ރަށުގެ ޙާލަތަށް ރައްޔިތުންގެ ދިރުއުޅުމުގެ ހާލަތަށް ބަލައި، ޕޮއިންޓްދިނުމުގެ އުޞޫލަށް ބަދަލު ގެނައުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

ގޯއްޗަށް އެދޭ ފަރާތްތަކަށް ޕޮއިންޓް ދެވޭ ގޮތް:

ކެޓަގަރީ :1- (އުމުރުން 18 އަހަރާއި 40 އަހަރާއި ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ޒުވާނުންނަށް)

 

1. ކައިވެނީގެ ބައި :

      (ހ) މީހަކާ އިނދެގެންހުރިނަމަ                                    20 ޕޮއިންޓް

      (ށ) ކައިވެންޏަށް 1 (އެކެއް) އަހަރު ވެފައިވާނަމަ އަހަރަކަށް                         01 ޕޮއިންޓް

      (މިގޮތަށް ގިނަވެގެން ދެވޭނީ 6 ޕޮއިންޓެވެ.)

ކެޓަގަރީ :2- (ހުރިހާ ފަރާތްތަކަށް ޙާއްޞަ)

1. ކައިވެނީގެ ބައި :

      (ހ) މީހަކާ އިނދެގެންހުރިނަމަ                                20 ޕޮއިންޓް

      (ށ) ކުރިން މީހަކާއިނދެ، ކައިވެނި ރޫޅިފައި ވީނަމަވެސް ދަރިން ތިބިނަމަ                 15 ޕޮއިންޓް

      (ނ) ކައިވެންޏަށް 1 (އެކެއް) އަހަރު ވެފައިވާނަމަ އަހަރަކަށް                     01 ޕޮއިންޓް

      (މިގޮތަށް ގިނަވެގެން ދެވޭނީ 6 ޕޮއިންޓެވެ.)

ނޯޓް: ނަމްބަރ 01 ގައިވާ ކައިވެނި ރޫޅިފައިކަމަށް ބަލާނީ ގޯތި ދޫކުރާކަން އިޢުލާނުކުރުމުގެ ކުރިން ކައިވެނި ރޫޅިފައި ވާނަމައެވެ.

2. ޢުމުރުގެ ބައި :

      (ހ) ޢުމުރުން 18 - 25 އަހަރާ ދެމެދު ނަމަ                           05 ޕޮއިންޓް

      (ށ) ޢުމުރުން 26 އަހަރުން މަތިނަމަ (ގިނަވެގެން ދެވޭނީ 07 ޕޮއިންޓް)                  07 ޕޮއިންޓް

 

ދެކެޓަރީއަށް ޚާއްޞަ:

3. ދަރިންގެބައި:

(ހ) 18 އަހަރުން ދަށުގެ ދަރިއަކުހުރިނަމަ                                05 ޕޮއިންޓް

      (ށ) 18 އަހަރުންދަށުގެ އެއްކުއްޖަކަށްވުރެ ގިނަކުދިންތިބިނަމަ ކޮންމެ ކުއްޖަކަށް              04 ޕޮއިންޓް

    (މިބަޔަށްގިނަވެގެން ދެވޭނީ 16 ޕޮއިންޓް)     

      (ނ) ދާއިމީގޮތެއްގައި ޚާއްޞަ އެހީއަށް ބޭނުންވާ 18 އަހަރުންދަށުގެ ކުއްޖަކުހުރިނަމަ           03 ޕޮއިންޓް

      (ރ) ދާއިމީގޮތެއްގައި ޚާއްޞަ އެހީއަށް ބޭނުންވާ 18 އަހަރުންދަށުގެ  1 ކުއްޖަކަށްވުރެ

   ގިނަކުދިން ތިބިނަމަ ކޮންމެ ކުއްޖަކަށް (ގިނަވެގެން ދެވޭނީ 08 ޕޮއިންޓް)                  04 ޕޮއިންޓް

4- މައިންބަފައިންގެ ބައި :

(ހ) މަންމަ ބަލަމުންގެންދާނަމަ                                     03 ޕޮއިންޓް

(ށ) ބައްޕަ ބަލަމުންގެންދާނަމަ                                    03 ޕޮއިންޓް

(ނ) މައިންބަފައިންނާއި ދަރިންފިޔަވާ ޝަރުޢީގޮތުން ބަލަންޖެހިފައިވާ މީހަކު ބަލަމުންގެންދާނަމަ               03 ޕޮއިންޓް

(މި ބައިން ޕޮއިންޓް ދެވޭނީ މައިންބަފައިންނާ، މައިންބަފައިންނާއި ދަރިންފިޔަވާ ޝަރުޢީގޮތުން ބަލަންޖެހިފައިވާ މީހަކުގެ ގޯއްޗެއް ނެތި އެމީހުން ކައިރީގަ ބަހައްޓައިގެން ބަލަމުންގެންދާނަމައެވެ.

5- ރައްވެހިކަމުގެބައި : 

      (ހ) ރަށުގެ ރަށްވެއްސެއްނަމަ                             20 ޕޮއިންޓް

      (ށ) ރަށުގައި ދިރިއުޅޭނަމަ                               10 ޕޮއިންޓް

      (ނ) ކުރިން ރަށްވެހިވެފައިވާ ރަށް ދޫކޮށް އައްޑޫސިޓީގައި ރަށްވެހިވެފައިވާތާ 5 އަހަރުވެފައިވާނަމަ      15 ޕޮއިންޓް

އިތުރު ތަފްޞީލް :

v     މިބައިން މާކްސް ދޭއިރު މަންމަ ދަރިން ބަލަމުން ގެންދިޔަ ނަމަވެސް ދަރިންގެ ބައްޕަ ދަރިންނަށް ޚަރަދު ކުރަމުންދާކަމުގެ ޝަރުއީ ލިޔުން ދަރިންގެ ބައްޕަ ގޯއްޗަށް އެދި ހުށަހަޅާއިރު ހުށަހަޅައިފިނަމަ، މިބައިން އެ ދެފަރާތަށްވެސް ޕޮއިންޓް ލިބޭނެއެވެ. އަދި ކައިވެނީގެ މުއްދަތަށް ޕޮއިންޓް ދެވޭނީ، ގޯއްޗަށް އެދި ހުށަހަޅާފަރާތުން ހުށަހަޅާފައިވާ ކައިވެނީގެ ސެޓްފިކެޓްތަކަށް ބަލައިގެންނެވެ.

v     ނަމްބަރ 02 ގައިވާ ޢުމުރުގެ ބައި ބަލާނި ގޯތި ދޫކުރުމަށް ކުރި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚާ ހަމައަށެވެ. އަދި މިބައިން ޕޮއިންޓް ދެވޭނީ ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތުން ހުށަހަޅާފައިވާ އެފަރާތުގެ އައި.ޑީ ކާޑްގެ ކޮޕީއަށް ބަލައިގެންނެވެ.

 

v     ނަމްބަރ 03  ގެ (ށ) ގައިވާ ދަރިންގެ ޢަދަދަށް ޕޮއިންޓް ދިނުމުގައި 04 ދަރިންނަށްވުރެ ގިނައިން ދަރިން ތިބިކަމުގައިވިޔަސް ދެވޭނި ޖުމަލަ 16 ޕޮއިންޓެވެ. މިބައިން ޕޮއިންޓް ދެވޭނީ ގޯއްޗަށް އެދި ހުށަހަޅާފަރާތުން ހުށަހަޅާފައިވާ ދަރިންގެ އުފަންދުވަސް ސެޓްފިކެޓްތަކުގެ ކޮޕީއަށް ބަލައިގެންނެވެ. އަދި ދާއިމީ ގޮތެއްގައި ޚާއްސަ އެހީއަށް ބޭނުންޖެހިފައިވާ ކުދިންނަށް ޕޮއިންޓް ދެވޭނީ، އެ ކުދިންގެ އުފަންދުވަސް ސެޓްފިކެޓް އަދި އެކުދިންނަކީ ޚާއްސަ އެހީއަށް ބޭނުންޖެހިފައިވާ ކުދިންކަން އަންގައިދެ ޑޮކްޓަރުގެ ލިޔުމެއް ހުށަހަޅާފައިވާނަމައެވެ.

 

v     ނަމްބަރ 04 ގައިވާ މައިންބަފައިން ބަލަމުންގެންދާތީ ލިބޭޕޮއިންޓް ލިބޭނީ މަންމަ ނުވަތަ ބައްޕަގެ ގޯތިނެތި މަންމަ ނުވަތަ ބައްޕަ ބަލަމުން ގެންދާނަމައެވެ. އަދި މި ބައިގެ މަންމަ ނުވަތަ ބައްޕަ ބަލަމުންގެންދާނަމަ، ޕޮއިންޓްލިބޭނީ މަންމަ ނުވަތަ ބައްޕަ ބަލަމުންގެންދާކަމުގެ ލިޔުމެއް އެފަރާތުން ހުށަހަޅާފައިވާނަމައެވެ. 

 

v     ނަމްބަރ 04 ގެ (ނ) ގައިވާ ފަދަ ޝަރުޢީ ގޮތުން ބަލަންޖެހޭ މީހަކު ބަލަމުންދާކަމަށް ބެލެވޭނީ އެ މީހަކީ މުސްކުޅިވުމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކާހުރެ އަމިއްލައަށް އެއްވެސް މަސައްކަތެއް ކޮށްނޫޅެވޭފަދަ މީހަކަށްވެފައި އެ މިހެއްގެ ގޯއްޗެއް ނެތި އެމީހުން ކައިރީގަ ބަހައްޓައިގެން ބަލަމުންގެންދާނަމައެވެ. އަދި ޝަރުޢީ ގޮތުން ބަލަންޖެހޭ އެހެން މީހެއް ބަލަމުން ގެންދާނަމަ، ޕޮއިންޓްލިބޭނީ އެފަރާތެއް ބަލަމުންގެންދާކަމުގެ ޝަރުޢީ ލިޔުމެއް ގޯއްޗަށް އެދި ހުށަހަޅާފަރާތުން ހުށަހަޅާފައިވާނަމައެވެ.

 

v     ނަންބަރު 05 ގެ (ށ) ގައިވާ ބަޔަށް ޕޮއިންޓް ދެވޭނީ ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތުން އެރަށުގައި ދިރިއުޅޭކަން އަންގައިދޭ ރަސްމީ ލިޔުމެއް އެފަރާތުން ހުށަހަޅާފައިވާނަމައެވެ. އަދި ރަށުން ބޭރުގައި ދިރިއުޅުނު ނަމަވެސް، ރަށުން ބޭރުގައި ދިރިއުޅެމުންދަނީ، ކިޔެވުމަށް ނުވަތަ ބޭސް ފަރުވާގެ ބޭނުމަށް 6 މަސް ނުވަތަ އެއަށްވުރެ ދިގު މުއްދަތަކަށް ކަމަށްވާނަމަ، އެކަން ސާބިތުކުރުމަށް ބޭސްފަރުވާގެ ލިޔުމުގެ ކޮޕީ ނުވަތަ ތަޢުލީމީ ލިޔުމުގެ ކޮޕީ ނުވަތަ ވަޒީފާގެ ލިޔުމުގެ ކޮޕީ ހުށަހަޅާފައިވާނަމައެވެ. 06 މަސް ދުވަހަށްވުރެ ކުރު މުއްދަތަކަށް ރަށުން ބޭރުގައި ދިރިއުޅުނު ނަމަވެސް އެއީ ރަށުން ބެރުގައި ދިރިއުޅެމުންދާ ފަރާތެއްގެ ގޮތުގައި ނުބެލެވޭނެއެވެ.

v     ނަންބަރު 05 ގެ (ނ) ގައިވާ ބަޔަށް ޕޮއިންޓް ދެވޭނީ ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތުން އެރަށުގައި ދިރިއުޅޭތާ 05 އަހަރުވެފައިވާކަން އަންގައިދޭ ރަސްމީ ލިޔުމެއް އެފަރާތުން ހުށަހަޅާފައިވާނަމައެވެ.

 

v     ގޯއްޗަށް އެދިފައިވާ ފަރާތުގެ އަނބި ނުވަތަ ފިރިމީހާއަށް 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ލިބި އެ ގޯތި ދަޢުލަތަށް ދޫކޮށްލުމަށް އެއްބަސްވާނަމަ، އެކަމައިގުޅޭ އެންމެހައި ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

v     ގޯއްޗަށްއެދި ފޯމްހުށަހަޅާފައިވާ މީހުންގެ މަޢުލޫމާތުތަކަށް އައިސްފައިވާ އުނިއިތުރު ބަލާނީ ގޯއްޗަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ތާރީޚާ ހަމައަށެވެ.

 

 

މިގޮތުން ގޯއްޗަށް އެދި ހުށަހެޅުމަށް ޝައުޤުވެރިވާ ފަރާތްތަކުން "ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމު" ފުރިހަމަކޮށް، އެފަރާތެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީއާއި، ފޯމާއެކު ހުށަހަޅަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ އެހެނިހެން ލިޔެކިއުންތައް 12 އޮކްޓޯބަރ 2018ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ލޭނޑް ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސަސްޑިޕާރޓްމަންޓް/އައްޑޫސިޓީ ހިތަދޫ، އަދި ފޭދޫ، އަދި ހުޅުދޫމީދޫ ގައި ޤާއިމުކުރެވިފައިވާ މިޑިޕާރޓްމަންޓްގެ ސެކްޝަންތަކަށް ހުށަހެޅުއްވުން އެދެމެވެ.  

 

 

"އައްޑޫސިޓިން ގޯއްޗަށް އެދި ހުށަހެޅުމަށް އެދޭ ފޯމު" ލޭނޑް ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސަސްޑިޕާރޓްމަންޓް/އައްޑޫސިޓީ ހިތަދޫ، އަދި ފޭދޫ، އަދި ހުޅުދޫމީދޫ ގައި ޤާއިމުކުރެވިފައިވާ މިޑިޕާރޓްމަންޓްގެ ސެކްޝަން ތަކުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ފޯމު މި މިނސްޓްރީގެ ވެބްސައިޓުން ވެސް ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.  

 

ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ. މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މި ޑިޕާޓްމެންޓުގެ ނަންބަރު 6885753، ސ.ފޭދޫ ސެކްޝަނުގެ ނަންބަރު:6893051 އަދި ހުޅުމީދޫ ސެކްޝަނުގެ ނަންބަރު: 6894655ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

 

 

13 ސެޕްޓެންބަރު 2018
ހޯދާ