އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ރިޔާސީ އިންތިޚާބު 2018 އާ ގުޅިގެން ސިޔާސީ ޕާޓީތަކުން ބާއްވާ ޕްރައިމަރީއާ ގުޅޭ

ނަންބަރު: A)DA-2018/71​)

އިޢުލާން

ރިޔާސީ އިންތިޚާބު 2018 އާ ގުޅިގެން ސިޔާސީ ޕާޓީތަކުން ބާއްވާ ޕްރައިމަރީއާ ގުޅޭ

   ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) އަށް ގެނެވުނު 3 ވަނަ އިސްލާޙާ ގުޅިގެން، ސިޔާސީ ޕާޓީއެއްގެ ޕްރައިމަރީގައި ވާދަކޮށްފައިވާ މެންބަރަކު، އެ އިންތިޚާބުގައި އެއްވެސް ހައިސިއްޔަތަކުން ކެނޑިޑޭޓެއްގެ ގޮތުގައި ކުރިމަތި ނުލެވޭނެކަމާއި މިފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ، އެ މީހެއްގެ ކެންޑިޑަސީ އިލެކްޝަންސް ކޮމިޝަނުން ބާޠިލްކުރަންވާނެ ކަމަށް ބަޔާންކޮށްފައިވާތީ ދަންނަވަމެވެ.

   2018 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ސިޔާސީ ޕާޓީ ތަމްޞީލްކުރާނެ ކެންޑިޑޭޓެއް ހޮވުމަށްޓަކައި، ޕާޓީއަކުން ޕްރައިމަރީއެއް ބާއްވާނަމަ، ނުވަތަ ޕްރައިމަރީއަކާ ނުލައި ޓިކެޓް ދޭން ނިންމާނަމަ، އެކަން މިކޮމިޝަނަށް އަންގަންވާނެއެވެ. މިގޮތުން ޕްރައިމަރީއެއް ބާއްވާނަމަ، 21 މެއި 2018 އިން 01 ޖުލައި 2018 އާއި ދެމެދު ޕްރައިމަރީ ބާއްވާ، ޕްރައިމަރީ ބޭއްވުމުގެ 3 (ތިނެއް) ދުވަސް ކުރިން ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ މަޢުލޫމާތާއި ޕްރައިމަރީ ބާއްވާ ތާރީޚް މި ކޮމިޝަނަށް އަންގަންވާނެއެވެ. މީގެ އިތުރުން ޕްރައިމަރީ ބޭއްވުމަށް ފަހު ޕްރައިމަރީގެ ނަތީޖާ 8 ޖުލައި 2018 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން މިކޮމިޝަނަށް ފޮނުވަންވާނެއެވެ.

   ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 170 ވަނަ މާއްދާގެ (ޅ) އަދި ޤާނޫނު ނަންބަރު: 2008/8 (އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު) ގެ 21 ވަނަ މާއްދާގެ (ޅ) ގައި ސިޔާސީ ޕާޓީތައް ރަޖިސްޓަރީކުރުމާއި، ސިޔާސީ ޕާޓީތަކާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ކުރާންޖެހޭކަމަށް ޤާނޫނުން ކަނޑައަޅައިފައިވާ ކަންކަން ކުރުމަކީ އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނީ ޒިންމާކަމުގައި ބަޔާންކޮށްފައިވާތީ، އިސްވެ ބަޔާންކުރެވުނު ފަދައިން ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީ ބާއްވަނީ ސިޔާސީ ޕާޓީގެ ޤާނޫނާއި ސިޔާސީ ޕާޓީގެ ގަވާއިދާ އަދި މިނޫންވެސް ދިވެހިރާއްޖޭގައި ތަސްދީޤުކޮށްފައިވާ ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަކަށް ކަން ކަށަވަރު ކުރުމަކީ އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނީ ޒިންމާއެއް ކަމަށްވާތީ، ސިޔާސީ ޕާޓީތަކުގެ ރިޔާސީ ޕްރައިމަރީ ބާއްވާއިރު އަންނަނިވި ކަންކަމަށް ސަމާލުކަން ދޭންވާނެއެވެ.

  1. ސިޔާސީ ޕާޓީގެ އަސާސީ ގަވާއިދުގައި ނުވަތަ ހިންގާ ގަވާއިދުގައި ޕްރައިމަރީ ބާއްވާނެގޮތް ބަޔާންކޮށްފައިވާނަމަ، އެގޮތުގެ މަތިން ޕާޓީގެ ރިޔާސީ ޕްރައިމަރީ ބޭއްވުން. އަދި ސިޔާސީ ޕާޓީގެ އަސާސީ ގަވާއިދުގައި ނުވަތަ ހިންގާ ގަވާއިދުގައި ޕްރައިމަރީ ބާއްވާނެގޮތް ބަޔާންކޮށްފައިނުވާނަމަ، މީގެ ކުރިން ޕާޓީގެ ޕްރައިމަރީތައް ބޭއްވުމުގައި ޢަމަލުކޮށްފައިވާ އުޞޫލާ އެއްގޮތަށް ޕާޓީގެ ރިޔާސީ ޕްރައިމަރީ ބޭއްވުން.
  2. ސިޔާސީ ޕާޓީގެ ޤާނޫނާއި ގަވާއިދު ނުވަތަ އެނޫންވެސް ޤާނޫނަކާއި ނުވަތަ ގަވާއިދަކާ ޚިލާފަށް އެއްވެސް ޢަމަލެއް ނުހިންގުން.
  3. ސިޔާސީ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ކުރިމަތިލުމުގެ ފުރުޞަތު ޕާޓީގެ ހުރިހާ މެންބަރުންނަށްވެސް ފަހިކޮށްދިނުން.
  4. ހަމަހަމަކަމާއެކު ދެފުށްފެންނަ ގޮތަށް ސިޔާސީ ޕާޓީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުމުގެ ކަންކަން ކުރިއަށް ގެންދިޔުން.
  5. ސިޔާސީ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ބައިވެރިވާ ކެންޑިޑޭޓުންނަކީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 109 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިޚާބުކުރާ މީހެއްގައި ހުންނާންވީ ޝަރުޠުތައް ފުރިހަމަވާ މީހެއްކަމުގައި ކަށަވަރުކުރުން.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި، އިޢުލާން ކުރީމެވެ.

05 ރަމަޟާން 1439

20 މޭ 2018
ހޯދާ