ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
2017 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގެ ނޯޓިސް

2017 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގެ ނޯޓިސް

1. ޖަލްސާގެ ދަޢުވަތު

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ގެ 2017 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާއަށް ކުންފުނީގެ އެންމެހައި ޙިއްޞާދާރުންނަށް ދަޢުވަތު އަރުވަމެވެ. ކުންފުނީގެ އަހަރީ ޢާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ 2018 މެއި 30 ވާ ބުދަ ދުވަހުގެ 22:00 ގައި ދަރުބާރުގެ، ދޮށިމޭނާ މާލަމުގައެވެ.

2. ޖަލްސާގެ އެޖެންޑާ

  1. ކީރިތި ޤުރުއާނުގެ ބަރަކާތުން ޖަލްސާ ފެށުން.
  2. ޗެއާމަންގެ މެސެޖް އިއްވުން.
  3. ފާއިތުވި އަހަރު  ކުންފުނީގެ ޕަރފޯމަންސް ރިޕޯޓް ހުށަހެޅުން.
  4. ޖަލްސާގައި ފާސްކުރުމަށް ހުށަހަޅާ އައިޓަމްތަކަށް ވޯޓަށް އެހުން؛

4.1. 2017 މެއި 30 ގައި ބޭއްވި މިކުންފުނީގެ 2016 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގެ ޔައުމިއްޔާ.

4.2. 2017 ވަނަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓް.

4.3. 2017 ވަނަ އަހަރުގެ އޮޑިޓް ކޮށްފައިވާ ކުންފުނީގެ ހިސާބުތައް.

4.4. ޑިރެކްޓަރުންގެ ބޯޑުން ޙިއްޞާދާރުންނަށް ބަހަން ހުށަހަޅާ ފައިދާ.

4.5. 2018 ވަނަ އަހަރަށް ޢައްޔަންކުރާ ކުންފުނީގެ އޮޑިޓަރުން ހޮވާ އެފަރާތުގެ އުޖޫރަ ކަނޑައެޅުން.

4.6. ކުންފުނީގެ ހިންގާ ޤަވާޢިދަށް ގެންނަން ހުށަހަޅާ އިސްލާޙްތައް.

5. ކުރިޔަށް އޮތް އަހަރަށް ކުންފުނީގެ ބޯޑަށް ޑިރެކްޓަރުން ޢައްޔަންކުރުން.

6. ޙިއްޞާދާރުންގެ ޚިޔާލުފާޅުކުރުން.

7. ޖަލްސާ ނިންމުން.

3. ޖަލްސާގައި ބައިވެރިވެވޭނެ ފަރާތްތައް

ޖަލްސާގައި ބައިވެރިވެވަޑައިގަނެވޭނީ 2018 އޭޕްރިލް 30 ގެ ނިޔަލަށް ކުންފުނީގެ ޙިއްޞާދާރުންގެ ދަފްތަރުގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށެވެ.

4. "އަހަރީ ޢާންމު ޖަލްސާ 2017 އަށް ރަޖިސްޓަރކުރުމަށް އެދޭ ފޯމް"

އަހަރީ ޢާންމު ޖަލްސާއަށް ޙާޟިރުވެ ނުވަތަ ޕްރޮކްސީ މެދުވެރިކޮށް ޖަލްސާގައި ބައިވެރިވުމަށް، "އަހަރީ ޢާންމު ޖަލްސާ 2017 އަށް ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމު" މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މި ފޯމު ކުންފުނީގެ މައި އޮފީހުގެ ރިސެޕްޝަނުން ލިބިވަޑައިގަންނަވާނެއެވެ. އަދި ކުންފުނީގެ ވެބްސައިޓް www.sto.mv  އިން ޑައުންލޯޑްކުރެވެންވެސް ހުންނާނެއެވެ.

5. ޖަލްސާއަށް ރަޖިސްޓަރީކުރުން

ޖަލްސާއަށް ޙާޟިރުވާން ބޭނުންފުޅުވާ ޙިއްޞާދާރުން 2018 މެއި 29 ވާ އަންގާރަ ދުވަހުގެ 22:00 ގެ ކުރިން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ކުންފުނީގެ ވެބްސައިޓް www.sto.mv  ގައި ޖަލްސާއަށް ޚާއްޞަކޮށްފައިވާ އޮންލައިން ޕޭޖު މެދުވެރިކޮށް ނުވަތަ ކުންފުނީގެ ވެބްސައިޓްގައި ޢާންމު ކޮށްފައިވާ "އަހަރީ ޢާންމު ޖަލްސާ 2017 އަށް ރަޖިސްޓަރކުރުމަށް އެދޭ ފޯމު"، [email protected] އަށް އީމެއިލް ކުރައްވައިގެން ނުވަތަ 3344533 ނަންބަރަށް ފެކްސް ކުރައްވައިގެން ނުވަތަ މި ކުންފުނީގެ މައި އޮފީހުގެ ރިސެޕްޝަނަށް ފޯމު ހުށަހަޅުއްވައިގެން ރަޖިސްޓަރީ ކުރެއްވިދާނެއެވެ. އެހެންނަމަވެސް، އިދާރީ ކަންކަމަށް ފަސޭހަ ކުރުމަށްޓަކައި 2018 މެއި 28 ވާ ހޯމަ ދުވަހުގެ 22:00 ގެ ކުރިން ރަޖިސްޓަރ ކުރެއްވުމަކީ ކުންފުނީގެ ވަރަށް ބޮޑު އެދުމެކެވެ. ރަޖިސްޓަރީކުރައްވާއިރު ފޯމާއެކު ހުށަހަޅުއްވަންޖެހޭ ޑޮކިއުމަންޓްތައް ހުށަހެޅުއްވުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ. ރަޖިސްޓަރީ ކުރައްވާ ފަރާތްތަކަށް އެޑްމިޝަން ކާޑެއް ހަވާލުކުރެވޭނެއެވެ.

އަހަރީ ޢާންމު ޖަލްސާ އަދި ރަޖިސްޓަރީ ކުރުމާގުޅޭ އިތުރު މަޢުލޫމާތު "ޙިއްޞާދާރުންގެ މަޢުލޫމާތު ފޮތް2017" ގައި ތަފްޞީލްކޮށް ބަޔާންކޮށްފައިވާނެއެވެ.

6. ޕްރޮކްސީ ހުށަހެޅުން

ޙިއްޞާދާރެއްގެ ބަދަލުގައި ޖަލްސާއަށް އެހެން ފަރާތެއް ފޮނުއްވަން ބޭނުންފުޅުވާނަމަ، "އަހަރީ ޢާންމު ޖަލްސާ 2017 އަށް ރަޖިސްޓަރކުމަށް އެދޭ ފޯމު" މެދުވެރިކޮށް 2018 މެއި 29 ވާ އަންގާރަ ދުވަހުގެ 22:00 ގެ ކުރިން ރަޖިސްޓަރީކުރެއްވުން އެދެމެވެ. އެހެންނަމަވެސް، އިދާރީ ކަންކަމަށް ފަސޭހަ ކުރުމަށްޓަކައި 2018 މެއި 28 ވާ ހޯމަ ދުވަހުގެ 22:00 ގެ ކުރިން ފޯމު ހުށަހެޅުއްވުމަކީ ކުންފުނީގެ ވަރަށް ބޮޑު އެދުމެކެވެ.

ކުންފުނީގެ ވެބްސައިޓް www.sto.mv  ގައި ޖަލްސާއަށް ޚާއްޞަކޮށްފައިވާ އޮންލައިން ޕޭޖު މެދުވެރިކޮށް ނުވަތަ ކުންފުނީގެ ވެބްސައިޓްގައި ޢާންމު ކޮށްފައިވާ "އަހަރީ ޢާންމު ޖަލްސާ 2017 އަށް ރަޖިސްޓަރ ކުރުމަށް އެދޭ ފޯމު" [email protected] އަށް އީމެއިލް ކުރައްވައިގެން ނުވަތަ 3344533 ނަންބަރަށް ފެކްސް ކުރައްވައިގެން ނުވަތަ މިކުންފުނީގެ މައި އޮފީހުގެ ރިސެޕްޝަނަށް ފޯމު ހުށަހަޅުއްވައިގެން ޕްރޮކްސީ ރަޖިސްޓަރީ ކުރެއްވިދާނެއެވެ. ރަޖިސްޓަރީ ކުރައްވާއިރު ފޯމާއެކު ހުށަހަޅުއްވަންޖެހޭ ޑޮކިއުމަންޓްތައް ހުށަހެޅުއްވުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ. ޕްރޮކްސީގެ ގޮތުގައި ޢައްޔަންކުރާ ފަރާތައް އެޑްމިޝަން ކާޑެއް ހަވާލުކުރެވޭނެއެވެ.

ކުންފުނީގެ ހިންގާ ޤަވާޢިދުގެ 44 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާގޮތުން، ޕްރޮކްސީ ޤަބޫލްކުރެވޭނީ ކޮންމެ ވަކި ފަރާތަކަށް ގިނަވެގެން 100 (ސަތޭކަ) މެމްބަރުންގެ ޕްރޮކްސީއެވެ. ޕްރޮކްސީ ޢައްޔަނުކުރުމާގުޅޭ އިތުރު މަޢުލޫމާތު މިކުންފުނީގެ "ޙިއްޞާދާރުންގެ މަޢުލޫމާތު ފޮތް 2017" ގައި ބަޔާންކޮށްފައިވާނެއެވެ.

6. ޕްރޮކްސީ ބާޠިލްކުރުން

ޕްރޮކްސީ ބާޠިލްކުރައްވަން ބޭނުންފުޅުވާ ޙިއްޞާދާރުން 2018 މޭ 30 ވާ ބުދަ ދުވަހުގެ 21:00 ގެ ކުރިން "ޕްރޮކްސީ ބާޠިލްކުރަން އެދޭ ފޯމު" މެދުވެރިކޮށް [email protected] އީމެއިލް އެޑްރެހަށް އަންގަވަން ވާނެއެވެ. އިތުރު މަޢުލޫމާތު މިކުންފުނީގެ "ޙިއްޞާދާރުންގެ މަޢުލޫމާތު ފޮތް 2017" ގައި ބަޔާންކޮށްފައިވާނެއެވެ.

7. ޙާޟިރީ މާކުކުރުން

ޖަލްސާގައި ބައިވެރިވުމަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުގެ ހާޟިރީ މާކުކުރުމަށް ހަމަޖެހިފައިވަނީ 2018 މޭ 30 ވާ ބުދަ ދުވަހުގެ 21:00 އިން 21:45 އަށް ދަރުބާރުގޭގައެވެ. ހާޟިރީ މާކުކުރުމަށް ވަޑައިގަންނަވާއިރު، ރެޖިސްޓްރޭޝަންގައި ހަވާލުކުރާ އެޑްމިޝަން ކާޑު އަދި އެބޭފުޅެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް ހިއްޕަވައިގެން ވަޑައިގެންދެއްވުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ. ޖަލްސާގައި ބައިވެރިވެވަޑައިގަނެވޭނީ މަތީގައި ބަޔާންކޮށްފައިވާ ސުންގަޑިތަކުގެ ކުރިން ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށެވެ.

8. ޙިއްޞާދާރުންގެ މަޢުލޫމާތު ފޮތް 2017

މިފޮތް ކުންފުނީގެ ހެޑް އޮފީހުގެ ރިސެޕްޝަނުން ލިބިވަޑައިގަންނަވާނެއެވެ. އަދި ކުންފުނީގެ ވެބްސައިޓް www.sto.mv  އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ. މިފޮތް ކޮންމެ ޙިއްޞާދާރަކުވެސް ކިޔުއްވުމަށް އިލްތިމާސްކުރަމެވެ. 

9. 2016 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގެ ޔައުމިއްޔާ

2017 މެއި 30 ވަނަ ދުވަހު ބޭއްވި މިކުންފުނީގެ 2016 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގެ ޔައުމިއްޔާއަށް އިސްލާޙު ހުށަހެޅުމުގެ ފުރުޞަތު  2018 އޭޕްރީލް 22 ވީ އާދިއްތަ ދުވަހު ކުރި މިކުންފުނީގެ ނަންބަރު 60-ADM/2018/120 އިޢުލާނުން ވާނީ ހުޅުވާލެވިފައެވެ. އިސްލާޙު ހުށަހެޅުމުގެ މުއްދަތު 2018 މެއި 22 ވާ އަންގާރަ ދުވަހުގެ 16:00 ގެ ނިޔަލަށް ހަމަވާނެއެވެ.  

ޔައުމިއްޔާއަށް އިސްލާޙެއް ހުށަހަޅުއްވަން ބޭނުންފުޅުވާނަމަ، ކޮމްޕެނީ ސެކްރެޓޭރިއަޓްއަށް އެޑްރެސްކުރައްވާ ލިޔުމަކުން ކުންފުނީގެ މައި އޮފީހުގެ ރިސެޕްޝަނަށް ނުވަތަ 3344533 ނަންބަރު ފެކްސްއަށް ނުވަތަ [email protected] އީމެއިލް އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.

10. 2017 ވަނަ އަހަރުގެ އަހަރީ ރިޕޯޓް އަދި އޮޑިޓްކޮށްފައިވާ މާލީ ހިސާބުތައް

މިކުންފުނީގެ 2017 ވަނަ އަހަރުގެ އަހަރީ ރިޕޯޓް އަދި އޮޑިޓްކޮށްފައިވާ މާލީ ހިސާބުތައް ވަނީ 2018 އޭޕްރީލް 30 ވީ ހޯމަ ދުވަހު، މިކުންފުނީގެ ވެބްސައިޓްގައި ޝާއިޢުކުރެވިފައެވެ.

11. ކުންފުނީގެ ފައިދާއިން 2017 ވަނަ އަހަރު ޙިއްޞާދާރުންނަށް ބަހަން ހުށަހަޅާ ޢަދަދު

ކުންފުނީގެ ފައިދާއިން 2017 ވަނަ އަހަރު ޙިއްޞާދާރުންނަށް ބަހަން ހުށަހެޅުމަށް، ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައިވަނީ، ޙިއްޞާއަކަށް 55.00ރ (ފަންސާސް ފަހެއް) ރުފިޔާ އެވެ. މިފައިދާ ލިބިވަޑައިގަންނަވާނީ 2018 އޭޕްރީލް 30 ގެ ނިޔަލަށް ޙިއްޞާދާރުންގެ ރަޖިސްޓަރީގައި ހިމެނޭ ފަރާތްތަކަށެވެ.

12. 2018 ވަނަ އަހަރު ކުންފުނި އޮޑިޓް ކުރުމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ މަޢުލޫމާތު

2018 ވަނަ އަހަރު ކުންފުނި އޮޑިޓް ކުރުމަށް ރާއްޖޭގައި ހަރަކާތްތެރިވާ ބައިނަލްއަޤްވާމީ އޮޑިޓް ފަރމްތަކުން އަގު ހޯދިފައިވެއެވެ. މިފަރާތްތަކުން ހުށަހަޅާފައިވާ އަގުތަކަކީ؛

އޮޑިޓް ފާރމް

ހުށަހެޅުއްވި އަގު ޔޫއެސް ޑޮލަރުން

ފާއިތުވި އަހަރު ކުންފުންޏާއެކު މަސައްކަތެއް ކުރައްވާފައިވާނަމަ އެކަން

ކޭޕީއެމްޖީ

48,230.00

ފާއިތުވި 4 އަހަރު ކުންފުނީގެ އެކްސްޓަރނަލް އޮޑިޓަރުން.

ޕްރައިސްވޯޓަރހައުސްކޫޕަރސް

50,350.00

ފާއިތުވި އަހަރު އެހެނިހެން ޕްރޮފެޝަނަލް ސަރވިސް ފޯރުކޮށްދީފައިވޭ.

އަރނެސްޓް އެންޑް ޔަންގު

52,470.00

ފާއިތުވި އަހަރު އެހެނިހެން ޕްރޮފެޝަނަލް ސަރވިސް ފޯރުކޮށްދީފައިވޭ.

މިފަރާތްތަކުގެ ތެރެއިން 2018 ވަނަ އަހަރު ކުންފުނި އޮޑިޓް ކުރުމަށް ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅުއްވާ ފަރާތަކީ ކޭޕީއެމްޖީއެވެ.

13. ކުންފުނީގެ ހިންގާ ޤަވާޢިދަށް ގެންނަން ހުށަހަޅާ އިސްލާޙްތައް

ކުންފުނީގެ ހިންގާ ޤަވާޢިދަށް ބައެއް އިސްލާޙްތައް ގެނައުމަށް ހުށަހަޅުއްވާ އެސްޓީއޯއިންވަނީ 2018 ފެބްރުއަރީ 18 ވަނަ ދުވަހު އިޢުލާންކޮށްފައެވެ. މިއިޢުލާން 2018 މާރިޗް 04 ގެ ނިޔަލަށް ހަމަވިއިރު ލިބިފައިވާ ކޮމެންޓްތަކަށް ބަލާ، ކޮމެންޓްކުރުމުގެ މުއްދަތު އިތުރުކުރެވުނެވެ. އެއަށްފަހު، މިދެންނެވި މުއްދަތުގެ ތެރޭގައި ލިބުނު ކޮމެންޓްތައް ހިމެނޭގޮތަށް، ކުންފުނިން ގެންނަން ހުށަހަޅާ އިސްލާޙްތައް، ޙިއްޞާދާރުންނާއެކު މަޝްވަރާކުރުމަށް          2018 މާރިޗް 31 ގައި ހޮޓަލް ޖެންގައި ބައްދަލުވުމެއްވެސް ވަނީ ބާއްވާފައެވެ. މި ބައްދަލުވުމަށް ކުންފުނީގެ އެންމެހައި ޙިއްޞާދާރުންނަށް ޢާންމުކޮށް ދަޢުވަތު އެރުވިފައިވެއެވެ. ކުންފުނީގެ ހިންގާ ޤަވާޢިދަށް ގެންނަން ހުށަހަޅާފައިވާ އިޞްލާޙުތަކާއި ލިބިފައިވާ ކޮމެންޓްތަކަށް ރިޢާޔަތްކޮށް، ހިންގާ ޤަވާޢިދަށް ގެނައުމަށް ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށް، އަހަރީ ޢާންމު ޖަލްސާއަށް ހުށަހެޅުމަށް ނިންމާފައިވާ އިޞްލާޙުތައް ކުންފުނީގެ ވެބްސައިޓް www.sto.mv ގައި ވަނީ 2018 މެއި 08 ވަނަ ދުވަހު ޢާންމުކޮށްފައެވެ. އަދި 2018 މެއި 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މިކުންފުނީގެ އަހަރީ ޢާންމު ޖަލްސާގައި މިއައިޓަމަށް ވޯޓަށް އެހޭނީ، މި އިޢުލާނާއެކު ހިމަނާފައިވާ ޑޮކިއުމަންޓުގައި ބަޔާންކޮށްފައިވާގޮތަށެވެ.

14. ކުރިޔަށް އޮތް އަހަރަށް ޑިރެކްޓަރުން ޢައްޔަންކުރުން އަދި އިންތިޙާބްކުރުން

ކުރިޔަށް އޮތް އަހަރަށް ސަރުކާރުގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް ޢައްޔަން ކުރައްވާފައިވާ ފަރާތްތަކަކީ؛

  1. އަލްފާޟިލް ޙުސެއިން ސާލިމް މުޙައްމަދު / ދަފްތަރު ނަންބަރު ރސ 7483
  2. އަލްފާޟިލް އަޙްމަދު ޝަހީރު / މ. ލާލްބާޣު
  3. އަލްފާޟިލް މުޙައްމަދު މިހާދު / ފިނޮޅު، ހއ. ކެލާ
  4. އަލްފާޟިލް ޢާމިރު މަންޞޫރު / މއ. މަނަސް
  5. އަލްފާޟިލާ ޢާއިޝަތު ރަފިއްޔާ / މ.ވޭވިންގ ލައިޓް
  6. އަލްފާޟިލާ މަރިޔަމް ޒާހިޔާ / ހ.ތަރަފު

ކުރިޔަށް އޮތް ދައުރަށް، ޢާންމު ޙިއްޞާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް އިންތިޙާބުކުރާ ޑިރެކްޓަރުކަމަށް 3 ފަރާތަކުން ނަން ހުށަހަޅުއްވާފައެވެ. މީގެ ތެރެއިން އެއް ފަރާތުން ނަން އަނބުރާ ގެންދެވުމާއިއެކު،  ބޯޑުގެ ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮމިޓީއިން އިންޓަވިއުކޮށް އިވެލުއޭޓް ކޮށްފައިވަނީ 2 ކެނޑިޑޭޓުންނެވެ. ކޮމިޓީއިން ކެނޑިޑޭޓުން އިވެލުއޭޓް ކުރުމަށްފަހު، ކުރިޔަށް އޮތް ދައުރަށް އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށް އިންތިޙާބް ކުރުމަށް، އެކަށީގެންވާކަމަށް ނިންމަވާ، ބޯޑުން ފާސްކުރައްވާފައިވާ ނަމަކީ؛

  1. އަލްފާޟިލާ ޢާއިޝަތު ފަޒީނާ / ބިލަތްމާގެ، ގދ.ގައްދޫ

މިފަރާތްތަކުގެ ވަނަވަރު، "ޙިއްޞާދާރުންގެ މަޢުލޫމާތު ފޮތް 2017" ގައި ހިމެނިފައިވާނެއެވެ. އަދި ކުންފުނީގެ ވެބްސައިޓްގައި ފެންނަން ހުންނާނެއެވެ.

15. އަހަރީ ޢާންމު ޖަލްސާގައި ވޯޓު ދިނުން

ކުންފުނީގެ ހިންގާ ގަވާއިދުގެ 45 ވަނަ މައްދާގެ (ށ) ގައި ވާގޮތުގެމަތީން، އެހެންގޮތަކަށް ކަނޑަނާޅާހާހިނދަކު ވޯޓު ދޭނީ އަތް އުފުލައިގެންނެވެ. މިހެން ވޯޓުދޭނަމަ، ކޮންމެ މެންބަރަކަށްވެސް ދެވޭނީ 1 (އެކެއް) ވޯޓެވެ. ކުންފުނީގެ ރައުސްމާލުގެ ޙިއްޞާގެ ތަމްޘީލްކުރާ މެންބަރުން އެދިއްޖެނަމަ ޕޯލްގެ އުޞޫލުން ވޯޓު ނެގިދާނެއެވެ. މިހެން ވޯޓު ނަގާނަމަ ކޮންމެ މެންބަރަކަށްވެސް އެމެންބަރެއްގެ މިލްކުގައިވާ ކޮންމެ ޙިއްޞާއަކަށް އެއް ވޯޓު ދެވޭނެއެވެ. ކުންފުނީގެ ހިންގާ ގަވާއިދުގެ 46 ވަނަ މާއްދާގައިވާގޮތުގެ މަތީން، ވޯޓު އެއްވަރު ވެއްޖެނަމަ، މެންބަރެއްގެ ޙައިޘިއްޔަތުން ޗެއާމަން ދޭ ވޯޓުގެ އިތުރުން، ގޮތެއް ނިންމުމަށް ކާސްޓިންގ ވޯޓެއް ޗެއާމަންއަށް ދެވިދާނެއެވެ. އަދި، 45 ވަނަ މާއްދާގެ (ނ) ގައި ވާގޮތުގެމަތިން މިފަދަ ޖަލްސާއެއްގައި ނެގޭ ވޯޓުގެ ޞައްޙަކަމާއިމެދު ގޮތެއް ނިންމުމުގެ ބާރު ލިބިގެންވަނީ، އެޖަލްސާގެ ރިޔާސަތު ބެލެހެއްޓި ފަރާތަށެވެ.

ވޯޓު ދިނުމާބެހޭ އިތުރު މަޢުލޫމާތު، "ޙިއްޞާދާރުންގެ މަޢުލޫމާތު ފޮތް 2017" ގައި ބަޔާންކުރެވިފައިވާނެއެވެ. ހަމަމިއާއެކު، ވޯޓާބެހޭ އިތުރު މަޢުލޫމާތު ކުންފުނީގެ ވެބްސައިޓުން ފެންނަން ހުންނާނެ ވާހަކަވެސް ދެންނެވީމެވެ.

 

08 މެއި 2018

22 ޝަޢުބާން 1439

 

09 މޭ 2018
ހޯދާ