މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން އަހަރީ ޢާންމު ޖަލްސާ ބޭއްވުމާއި، މާލީ ހިސާބުތަކާއި، އޮޑިޓަރުންގެ ރިޕޯޓާއި ޑިރެކްޓަރުންގެ ރިޕޯޓް ހުށަހެޅުމާގުޅޭ

އިޢްލާން

 

ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން އަހަރީ ޢާންމު ޖަލްސާ ބޭއްވުމާއި، މާލީ ހިސާބުތަކާއި، އޮޑިޓަރުންގެ ރިޕޯޓާއި ޑިރެކްޓަރުންގެ ރިޕޯޓް ހުށަހެޅުމާގުޅޭ

                ކުންފުންޏާބެހޭ ޤާނޫނުގެ 54 ވަނަ މާއްދާގެ ދަށުން، ކޮންމެ ކުންފުންޏަކަށްވެސް، އެ ކުންފުންޏެއްގެ މެންބަރުންގެ އަހަރީ ޢާންމު ޖަލްސާއެއް، ކޮންމެ މީލާދީ އަހަރަކު އެއްފަހަރު ބާއްވަން ލާޒިމުކުރެއެވެ. މިގޮތުން ބާއްވާ ދެ ޖަލްސާ ދޭތެރޭގައި 15 މަސްދުވަހަށްވުރެ ދިގުމުއްދަތެއް ހޭދަވެގެން ނުވާނެކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

އަދި، ކުންފުންޏާބެހޭ ޤާނޫނުގެ 55 ވަނަ މާއްދާގެ ދަށުން އަހަރީ ޢާންމު ޖަލްސާގައި ކުރަންޖެހޭ ކަންކަމުގެ ތެރޭގައި:

  (1)  އޮޑިޓްކޮށްފައިވާ ކުންފުނީގެ ވޭތުވެދިޔަ އަހަރުގެ ބެލެންސް ޝީޓާއި، ފައިދާއާއި ގެއްލުމުގެ ހިސާބާއީ، ޑިރެކްޓަރުންގެ ރިޕޯޓް ހުށަހަޅައި ފާސްކުރުން؛ އަދި

  (2)  ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުން ޢައްޔަން ކުރަންވެފައި ވާނަމަ، ނުވަތަ އިންތިޙާބު ކުރަންވެފައި ވާނަމަ، އެ މެންބަރުން ޢައްޔަންކުރުމާއި، އިންތިޙާބުކުރުން؛ އަދި

  (3)  މެންބަރުންނަށް ބަހަންވާ ފައިދާ ކަނޑައެޅުން ހިމެނެއެވެ.

                ކުންފުންޏާބެހޭ ޤާނޫނުގެ 69 މާއްދާގެ (ހ) ގެ ދަށުން، އަހަރީ ޢާންމު ޖަލްސާއަށް ހުށަހަޅައި ފާސްކޮށްފައިވާ މާލީ ހިސާބުތަކާއި، އޮޑިޓަރުންގެ ރިޕޯޓް އަދި ޑިރެކްޓަރުންގެ ރިޕޯޓް، އަހަރީ ޢާންމު ޖަލްސާ ބާއްވާތާ 15 ދުވަހުގެ ތެރޭގައި ރެޖިސްޓްރާރ އޮފް ކޮމްޕެނީޒްއަށް ހުށަހަޅަންޖެހެއެވެ.

                ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 17 ވަނަ މާއްދާގެ ދަށުން ހުށަހަޅަންޖެހޭ ބަޔާން (MIRA 304) ކޮންމެ ކުންފުންޏަކުންވެސް ވިދިގެން އަންނަ އަހަރުގެ ޖޫން 30ގެ ކުރިން، މޯލްޑިވްސް އިންލެންޑް ރެވެނިޔު އޮތޯރިޓީއަށް ހުށަހަޅަންޖެހެއެވެ. މިގޮތުން ހުށަހަޅަންޖެހޭ ބަޔާނާއި އެކު ހުށަހަޅަންޖެހޭ ލިޔެކިއުންތަކުގެ ތެރޭގައި ޑިރެކްޓަރުންގެ ރިޕޯޓް ހިމެނެއެވެ. ޑިރެކްޓަރުންގެ ރިޕޯޓަކީ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން އެކުންފުންޏެއްގެ އަހަރީ ޢާންމު ޖަލްސާއިން ފާސްކުރަންޖެހޭ ލިޔުމެކެވެ.

                އެހެންކަމުން، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ބީ.ޕީ.ޓީ ބަޔާން ކަނޑައަޅާފައިވާ ސުންގަޑިއަށް ހުށަހަޅާނަމަ، ކުންފުންޏާބެހޭ ޤާނޫނުގެ 54 ވަނަ މާއްދާގެ ދަށުންް ބާއްވަންޖެހޭ އަހަރީ ޢާންމު ޖަލްސާ، 30 ޖޫން ނުވަތަ އޭގެ ކުރީގެ ތާރީޚެއްގައި ބާއްވަން ޖެހޭނެއެެވެ. އަދި އިސްވެދެންނެވުނު ޖަލްސާ ބާއްވާ ތާރީޚުން ފެށިގެން 15 ދުވަހުގެ ތެރޭގައި، ކުންފުންޏާ ބެހޭ ޤާނޫނުގެ 69 މާއްދާގެ ދަށުން ފުރިހަމަ ކުރަންޖެހޭ އިލްތިޒާމްތައް ފުރިހަމަ ކުރަންޖެހޭނެއެވެ. އަދި އެމުއްދަތުގެ ތެރޭގައި އެ އިލްތިޒާމްތައް ފުރިހަމަ ނުކޮށްފިނަމަ އެފަދަ ކުންފުންޏެއްގެ މެނޭޖިންގ ޑިރެކްޓަރ 10,000 (ދިހަ ހާސް ރުފިޔާ) އިން ޖޫރިމަނާ ކުރެވޭނެ ކަމަށް ކުންފުންޏާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

                ވީމާ، 2015 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާ އާ 2016 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާއާ ދެމެދު 15 މަސްދުވަހުގެ މުއްދަތެއް ފާއިތުވުމުގެ ކުރިން، 2016 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާ ބާއްވާ،  ކުންފުންޏާބެހޭ ޤާނޫނުގެ 69 ވަނަ މާއްދާގެ (ހ) ގެ ދަށުން ފުރިހަމަކުރަންޖެހޭ އިލްތިޒާމްތައް ފުރިހަމަކުރުމަށްޓަކައި، އަހަރީ ޢާންމު ޖަލްސާއަށް ހުށަހަޅައި ފާސްކޮށްފައިވާ މާލީ ހިސާބުތަކާއި، އޮޑިޓަރުންގެ ރިޕޯޓް އަދި ޑިރެކްޓަރުންގެ ރިޕޯޓް، އަހަރީ ޢާންމު ޖަލްސާ ބާއްވާތާ 15 ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ހުށަހެޅުމަށް ދަންނަވަމެވެ. ކުންފުންޏާބެހޭ ޤާނޫނުގެ 69 ވަނަ މާއްދާގެ (ށ) ގެ ދަށުން ޖޫރިމަނާކުރާ ފަރާތްތަކަށް ޖޫރިމަނާކުރިކަމުގެ ސްލިޕް ދޫކުރަމުން ގެންދާނީ މިމިނިސްޓްރީއިން ކަމުގައި މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

18 ޖުލައި 2017
ހޯދާ