އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
މިހާރު ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ރަށެއް ނުވަތަ ތަނެއްގައި ވޯޓުލުމަށް ރަޖިސްޓަރީ ކުރުން

ނަންބަރު:A)EA-2017/121) 

އިޢުލާން

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017

މިހާރު ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ރަށެއް ނުވަތަ ތަނެއްގައި ވޯޓުލުމަށް ރަޖިސްޓަރީ ކުރުން

2017 މެއި 06 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް މިހާރު ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ރަށެއް ނުވަތަ ތަނެއްގައި ވޯޓުލުމަށް ބޭނުންވާ ފަރާތްތައް ރަޖިސްޓަރީވުމުގެ ފުރުޞަތު 2017 މާރިޗު 28 ވާ އަންގާރަ ދުވަހުން ފެށިގެން 2017 އޭޕްރީލް 01 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް ހުޅުވާލައިފީމެވެ.

މިމުއްދަތުގެ ތެރޭގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ މިހާރު ރަޖިސްޓަރީވެފައިވާ ތަން ބަދަލުކުރުމަށް ބޭނުންވާ ފަރާތްތަކާއި އަދި ރަށްވެހިވެފައިވާ ރަށްނޫން އެހެން ރަށަކަށް ނުވަތަ ތަނަކަށް ރަޖިސްޓަރީވާން އެދޭ ފަރާތްތައް އެކަންޏެވެ.

މިހާރު ރަޖިސްޓަރީވެފައިވާ ތަނުގެ މަޢުލޫމާތު ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) އިން، އަދި އެސް.އެމް.އެސް (VR (Space) IDNO Send to 1414) ގެ ޒަރިއްޔާއިން ޗެކްކުރެވޭނެއެވެ.  

ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ "ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަންނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދޭ ފޯމު" އިންނެވެ. މި ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ހުރިހާ ރަށެއްގެ ރަށު ކައުންސިލް އިދާރާތަކުންނާއި، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި މާލޭ ސިޓީގައި ނަމަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 ގެ އިންތިޚާބީ މަރުކަޒު (ބައު ޖަމާލުއްދީން) އިންނެވެ. އަދި މިފޯމު ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv)  އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.

އަދި ދަންނަވަމެވެ. އިލެކްޝަންސް ކޮމިޝަނުގެ އިދާރާ (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ) އިން ފޯމު ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައެއް ނުވެއެވެ.

ފޯމު ހުށަހަޅާއިރު، ފޯމު ހުށަހަޅަން އަންނަ މީހާ، އެމީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ރަސްމީ ލިޔުމެއްގެ އަސްލު ހުށަހަޅަންވާނެވެ. އަދި ރަޖިސްޓަރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ރަސްމީ ލިޔުމެއްގެ ކޮޕީއެއް އެފޯމާއެކު ހުށަހަޅަންވާނެއެވެ. ފޯމު ބަލައިގަނެވޭނީ އެފޯމު ހިފައިގެން އަންނަ މީހާ އެފޯމަށް ޒިންމާވާ ގޮތަށެވެ. އީމެއިލް ނުވަތަ ފެކުހުން ސީދާ އިލެކްޝަންސް ކޮމިޝަނަށް ފޮނުވާ ފޯމު ބަލައެއްނުގަނެވޭނެއެވެ.

ރަޖިސްޓަރީކުރުން އޮންނާނީ 2017 މާރިޗު 28 ވާ އަންގާރަ ދުވަހުން ފެށިގެން 2017 އެޕްރީލް 01 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން ހަވީރު 03:00 އަށެވެ. އަދި ރަސްމީ ބަންދު ދުވަސްތަކުގައި ކޮންމެ ދުވަހަކު ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށެވެ. ހުކުރު ދުވަހު ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށެވެ. ރާއްޖޭންބޭރުގައިނަމަ ރަޖިސްޓަރީ ކުރުން އޮންނާނީ ކޮލޮމްބޯގައި ހުންނަ ދިވެހިރާއްޖޭގެ އެންބަސީއިން، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:30 އިން ހަވީރު 04:00 އަށެވެ. އަދި ބަންދު ދުވަސް ދުވަހު ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މެންދުރު 12:00 އިން ހަވީރު 05:00 އަށެވެ.

މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

28  ޖުމާދަލްއާޚިރާ  1438

27 މާރިޗު 2017
ހޯދާ