އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތި ދޫކުރުމަށް

އައްޑޫސިޓީގެ ހިތަދޫ އަވަށުން ދައުލަތުގެ ބޭނުމަށް ނެގިފައިވާ ގޯތިތަކުގެ ބަދަލުގައި މާމެންދޫ ސަރަޙައްދު ރީޕްލޭންކޮށް، އެގޯތިތައް ދޫކުރެވުނު ފަރާތްތަކުގެ ތެރެއިން އެންމެ ބޮޑަށް ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ ފަރާތްތަކަށް (އެންމެ ޟަރޫރީ ފަރާތްތަކަށް) އަލުން ގޯތި ދޫކުރުމަށް ކައުންސިލުންވަނީ ނިންމާފައެވެ. މިގޮތަށް ނިންމުމާއެކު ދައުލަތުގެ ބޭނުމަށް ނެގިފައިވާ ގޯތިތަކަށް ކުރިން ހަދައިދެވިފައިވާ ރަޖިސްޓަރީތައްވެސް ވަނީ ބާޠިލުކުރެވިފައެވެ. ދައުލަތުގެ ބޭނުމަށް ނެގިފައިވާ ގޯތިތަކުގެ ބަދަލުގައި ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ދެފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި ހައުސިންގ ޔުނިޓް އެޅުމަށް ކަނޑައެޅިފައިވާ، މެދެއާރިމަގުގެ ދެކުނުން، އައްސޭރިމަގުގެ ހުޅަނގުން، ކަނބިހާމަގުގެ އުތުރުން އޮތް ސަރަޙައްދުން 3000 އަކަފޫޓުގެ 200 ގޯތި ދޫކުރުމަށާއި، ދެވަނަ ފިޔަވަހީގައި ހިތަދޫ ބަނދަރާއި ސަރަޙައްދީ ބަނދަރާ ދެމެދުގައިވާ ސަރަޙައްދުން، އެސަރަޙައްދު ހިއްކައިގެން ބާކީހުރި ފަރާތްތަކަށް 3000 އަކަފޫޓުގެ ގޯތިތައް ދޫކުރުމަށްވަނީ ނިންމަވާފައެވެ.

ވުމާއެކު، އިސްވެ ދެންނެވުނު ބޭނުންތަކަށް މާމެންދޫ ސަރަޙައްދުން ނެގިފައިވާ ގޯތިތައް ދޫކުރެވިފައިވާ ފަރާތްތަކުން "ދައުލަތުގެ ބޭނުމަށް ނެގުނު ގޯތިތައް ދޫކުރެވިފައިވާ ފަރާތްތަކުގެ މަޢުލޫމާތު ފޯމު" ފުރިހަމަކުރެއްވުމަށްފަހު 03 ސެޕްޓެންބަރު 2013 ވާ އަންގާރަ ދުވަހުގެ އޮފީސް ބަންދުވުމުގެކުރިން މިޑިޕާޓްމަންޓަށް ހުށަހެޅުއްވުން އެދެމެވެ. "ދައުލަތުގެ ބޭނުމަށް ނެގުނު ގޯތިތައް ދޫކުރެވިފައިވާ ފަރާތްތަކުގެ މަޢުލޫމާތު ފޯމު "އައްޑޫސިޓީ ކައުންސިލުގެ އިދާރާގެ ހުރިހާ ޑިޕާޓްމަންޓްތަކުންވެސް ރަސްމީގަޑީގައި ލިބެން ހުންނާނެއެވެ.

އައްޑޫސިޓީގައި ބިމުގެ ދަތިކަން ހުރުމާއެކު ކައުންސިލުން ކުރި މަސައްކަތުން މިވަގުތު މާމެންދޫ ސަރަޙައްދުން ދޫކުރެވެން އޮތް 200 ގޯތި، ގޯތިތައް ނެގުނު ފަރާތްތަކުގެ ތެރެއިން ބޯހިޔާވަހިކަން ބޭނުންވެފައިތިބި އެންމެ ޟަރޫރީ ފަރާތްތަކަށް ދޫކުރުމަށްޓަކައި، އެފަރާތްތައް ކަނޑައެޅުމުގައި ބެލުމަށް ހަމަޖެހިފައިވާ އުސޫލުތައް ތިރީގައި މިދަންނަވަނީއެވެ.

  1. ދިވެހިރައްޔިތަކު ކަމުގައިވުން.
  2. އުމުރުން 21 އަހަރުވެފައިވުން.
  3. އައްޑޫސިޓީގައި ރަޖިސްޓަރީވެފައިވާ މީހެއްކަމުގައިވުން.
  4. ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ލިބިފައިނެތުން.
  5. އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގެ ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ބޮޑު ބައެއް ލިބިފައި ނެތުން.
  6. ސަރުކާރުން ހަދާފައިވާ ފްލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން، އަދި މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، އެތަން ދޫކޮށްލާތާ ނުވަތަ ވިއްކާލާފައިވާތާ 02 އަހަރު ދުވަހަށްވުރެ ގިނަ ދުވަސް ވެފައިވުން.
  7. އެއްމެދު ޢިމާރާތެއްގެ ފްލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައިނެތުން ނުވަތަ މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، މިތަން ދޫކޮށްލާތާ ނުވަތަ ވިއްކާލާފައިވާތާ 02 އަހަރު ދުވަހަށްވުރެ ގިނަ ދުވަސްވެފައިވުން.
  8. ގޯއްޗަށް އެދިފައިވާ މީހާގެ ބެލުމުގެ ދަށުގައިވާ އުފަންދަރީންނާއި، އެމީހަކަށް ޝަރުޢިގޮތުން ބަލަންޖެހިފައިވާ މީހުންގެ އަދަދާއި، ގޯއްޗަށް އެދިފައިވާ މީހާއާއި އެމީހާގެ ބެލުމުގެ ދަށުގައިވާ މީހުންގެ ބިމުގެ ތަނަވަސްކަމަށް.
  9. ގޯއްޗަށް އެދޭމީހާގެ މައިންބަފައިންގެ ބޯހިޔާވަހިކަމުގެ ހާލަތު ހުރިނެތްގޮތް.

ފުރަތަމަ ފޭހާއި ދެވަނަ ފޭހުގައި ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދު ދައްކުވައިދޭ ޗާޓެއް މި އިޢުލާނާއެކު ހިމެނިފައިވާނެއެވެ. ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

13 ޝައްވާލް 1434

20 އޮގަސްޓް 2013
ހޯދާ