އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ލޯގޯ ބޭނުންކޮށްގެން ވޯޓު ކަރުދާހުގެ ގޮތުގައި ބެލެވިދާނެފަދަ އެއްޗެހި ތައްޔާރުކޮށް އިޝްތިހާރު ކުރުމާބެހޭ

މި ކޮމިޝަނުގެ ލޯގޯ ބޭނުންކޮށްގެން ވޯޓު ކަރުދާހުގެ ގޮތުގައި ބެލެވިދާނެފަދަ އެއްޗެއް ތައްޔާރު ކުރެވި ސޯޝަލް މީޑިޔާގައި ބޭނުންކުރަމުންދާކަން ވަނީ މި ކޮމިޝަނަށް ފާހަގަވެފައެވެ. ޤާނޫނު ނަންބަރު 2008/11 "އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު" ގެ 74 ވަނަ މާއްދާގެ (ހ) ގެ 8 ވަނަ ނަންބަރު އަދި 10 ވަނަ ނަންބަރުގައިވާ ގޮތުން އިލެކްޝަންސް ކޮމިޝަން ފިޔަވައި އެހެން އެއްވެސް ފަރާތަކުން  ވޯޓުކަރުދާސް ނުވަތަ ވޯޓުކަރުދާހުގެ ގޮތުގައި ބޭނުން ކުރެވިދާނެފަދަ އެއްޗެއް އުފައްދައި އިޝްތިހާރު ކުރުމަކީ ކުށެކެވެ.

މި ކޮމިޝަނުގެ ލޯގޯ ބޭނުންކޮށްގެން ނުވަތަ އެނޫންވެސް އެފަދަ ގޮތަކަށް ވޯޓު ކަރުދާހުގެ ނަކަލުގެ ގޮތުގައި ބެލެވިދާނެފަދަ އެއްވެސް އެއްޗެއް ހަދައި ކެމްޕެއިންގައި ބޭނުން ނުކުރެއްވުމަށް ހުރިހާ ފަރާތްތަކަށް މި ކޮމިޝަނުން އިލްތިމާސް ކުރަމެވެ.

އަދި ދިވެހި ޤައުމީ ދިދައާއި ދައުލަތުގެ ނިޝާން ބޭނުންކޮށްގެން ކެމްޕޭން ކުރަމުންދާކަމުގެ މަޢުލޫމާތު މި ކޮމިޝަނަށް ވަނީ ލިބިފައެވެ. ވީމާ، ދިވެހި ޤައުމީ ދިދައާއި ދައުލަތުގެ ނިޝާނުގެ ޙުރުމަތް ކެނޑޭފަދަ ގޮތަކަށް ނަހަމަ ގޮތުގައި އެއްވެސް ފަރާތަކުން ބޭނުންކުރުމަކީ އެދެވިގެންވާ ކަމެއް ނޫން ކަމުގައި ދެންނެވީމެވެ. މިފަދަ ޢަމަލުތައް އެއްވެސް ފަރާތަކުން ނުކުރެއްވުމަށް މި ކޮމިޝަނުން އިލްތިމާސް ކުރަމެވެ.

މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

5 ޝައްވާލް  1434

12 އޮގަސްޓް 2013
ހޯދާ