މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ފަންޑިތަ ސިޙުރު ހާހޫރަ ހެދުމަކީ އިސްލާމީ މުޖުތަމަޢެއްގައި ހުއްދަ ކަމެއްނޫން

ފަންޑިތަ ސިހުރު ހާހޫރަ ހެދުމަކީ އިސްލާމީ މުޖުތަމަޢެއްގައި ހުއްދަ ކަމެއްނޫން

ޤާނޫނު ނަންބަރު 78/74 (ދިވެހިބޭސްކުރުމާއި ފަންޑިތަ ހެދުމާއި ޚިތާންކުރުމާއި އަދި ފޫޅުމާކަންކުރުމާބެހޭ ޤާނޫ) ގައި ބަޔާންކޮށްފައިވަނީ، ފަންޑިތަ ހެދުން ފަދަ ކަމެއް ކުރަންވާނީ މިނިސްޓްރީ އޮފް ހެލްތަށް ލިޔެ ހުއްދަ ހޯދައިގެން ކަމަށެވެ. ނަމަވެސް، މިހާރަކަށްއައިސް ހުއްދަ ހޯދުމެއްނެތި ފަންޑިތަ ސިހުރު ހާހޫރަ ހަދަމުންދާ ބަޔަކު މުޖުތަޢުގައި އުޅެމުންދާކަމުގެ މި މިނިސްޓްރީއަށް މަޢުލޫމާތު ލިބިފައިވެއެވެ. މީގެ އިތުރުން ޚަބަރުފަތުރާ ބައެއް ވަސީލަތްތަކުންވެސް އިސްލާމްދީނުގައި ޙަރާމްކުރައްވާފައިވާ ބޮޑު ފާފައިގެ ތެރޭގައި ހިމެނޭ ސިހުރު ހެދުމާބެހޭގޮތުން ޕްރޮގާމުތައް ފޮނުވަމުންދެއެވެ. ފަންޑިތަ ސިހުރު ހާހޫރަ ހެދުމަކީ އިސްލާމީ މުޖުތަމަޢެއްގައި ހުއްދަ ކަމެއްނޫނެވެ. އެހެންނަމަވެސް، އީމާންކަން ބަލިކަށިވުމުގެ ސަބަބުން، ތިމާގެ ކިބައިގައި ނެތް ކުޅަދާނަކަމެއް ހޯދައިގަތުމުގެ މަޤްޞަދުގައި ބައެއް މީހުން ސިހުރު ހާހޫރައިގެ ބޭނުން ކުރެއެވެ. މިކަމުގެ ނުރައްކާތެރިކަމަކީ، މާތް اللهُ އަށް އުރެދި، ސިހުރު ހަދާ މީހާ ޝައިޠާނާގެ އަމުރުތަކަށް ކިޔަމަންވާން ޖެހުމެވެ.

ފަނާކުރަނިވި ބޮޑެތި ފާފަތަކުގެ ތެރޭގައި ސިހުރު ހިމަނުއްވާފައިވުމުން އެކަމުގެ ނުބައިކަމާއި އެކަމުގެ ސުންޕާކަން އެނގެއެވެ. މާތް اللهُ އަޅުގަނޑުމެންނަށް ޙަރާމް ކުރައްވާފައިވާ އެއްވެސް ކަމެއްގައި ޝިފާއެއް ލައްވާފައެއް ނުވާނެއެވެ. އެހެންކަމުން އަޅުގަނޑުމެންގެ މައްޗަށް އޮތީ ކަންކަމަށް އެދިގެން الله ގެ ޙަޟްރަތުގައި ދެންނެވުމެވެ. ހުރިހާ ކަމެއް މިންވަރު ކުރައްވަނީ މާތް اللهُ ކަން ޤަބޫލުކުރުމެވެ.

ވީމާ، މިފަދަ ކަންކަމާމެދު ވިސްނާ ފިކުރުކޮށް، މާތް ﷲގެ ޝަރީޢަތުގައި ސިހުރު ހާހޫރަ ހެދުން މަނާކޮށްފައިވާކަން ގަބޫލުކޮށް، އެކަމަށް ނުކިޔަމަންތެރިވާ ބަޔަކުކަމުގައި ނުވުމަށް، މިފަދަން ކަންކަން ކުރާ އެންމެހައި ފަރާތްތަކަށް އިލްތިމާސްކުރަމެވެ. އަދި މިފަދަ ފާފަވެރިކަމަކަށް އަރައި ނުގަތުމަށް ދިވެހި ލޮބުވެތި ރައްޔިތުންގެ ކިބައިން އިޙުތިރާމާއެކު އެދެމެވެ.  މާތް اللهُ އަޅަމެން އެންމެން ސިހުރުގެ ނުބައިކަމުންނާއި އެކަން ކުރާ މީހުންގެ ކިބައިންނާއި އެންމެހައި ނުބައިކަންކަމުން ސަލާމަތްކުރައްވައި ރައްކާތެރިކުރައްވާށިއެވެ! އާމީން!  

14 ޑިސެންބަރު 2015
ހޯދާ