މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދުގައި ލޭނުއަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަންކުރުމުގެ ލައިސަންސަށް ހޯދުމަށް އެދި ހުށަހެޅުމުގެ ދަޢުވަތު

ދިވެހިރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދުގައި ލޭނުއަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަންކުރުމުގެ ލައިސަންސަށް ހޯދުމަށް އެދި ހުށަހެޅުމުގެ ދަޢުވަތު

ސިޓީ ހުށަހެޅުމުގެ ދަޢުވަތު

ދިވެހިރާއްޖޭގެ އާކިޕެލަޖިކް ބޭސްލައިންއިން ފެށިގެން 100 މޭލު ފާހަގަކޮށް، އެ އިމުން ފެށިގެން ބޭރުގައިވާ ދިވެހިރާއްޖޭގެ  ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގައާއި އަދި އިންޑިއަން އޯޝަން ޓޫނާ ކޮމިޝަންގެ އިޚްތިޞާސްގެ ތެރޭގައި ހިމެނޭ މާކަނޑުގެ ސަރަޙައްދުގައި (އެއްވެސް ޤަޢުމެއްގެ އިޚްތިޞާޞްތެރޭގާއި ނުހިމެނޭ ސަރަޙައްދު) ގެ ތެރޭގައި ލޭނުއަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަންކުރުމަށް ޝައުޤުވެރިވާ ދިވެހިންނަށް ނުވަތަ ދިވެހިންގެ ކުންފުނިތަކަށް ލޭނު މަސްވެރިކަމުގައި ޙަރަކާތްތެރިވުމަށް ބޭނުންވާ ކޯޓާއަށް އެދި ހުށަހެޅުމަށް މިމިނިސްޓްރީގެ ފަރާތުން ދަޢުވަތު އަރުވަމެވެ. އިސްވެދެންނެވުނު ކޯޓާ ވިއްކުމަށް ހަމަޖެހިފައިވަނީ "ލޭނުއަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަންކުރުމުގެ ގަވާއިދު"ގެ ދަށުންނެވެ. ލޭނު އަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަންކުރުމާބެހޭ ގަވާއިދު މިނިސްޓްރީގެ ވެބްސައިޓް (www.fishargi.gov.mv) އިން ލިބިވަޑައިގަންނަވާނެއެވެ.

ކޯޓާ ވިއްކުމަށް ހަމަޖެހިފައިވާ އަދަދު

މި އަހަރުގެ 1 ޖޫން 2014 އިން ފެށިގެން ލޭނުއަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަންކުރުމަށް ހުޅުވާލި ފުރުޞަތުގައި ނުވިކި ބާކީހުރި ކޯޓާ ވިއްކުމަށް ލޭނު އަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަންކުރުމާ ބެހޭ ގަވާއިދުގެ 6 (ނ) ވަނަ މާއްދާގެ ދަށުން އަލުން ހުޅުވާލަމެވެ. އަންނަ އަހަރުގެ މޭ 31 ގެ ނިޔަލަށް ވިއްކުމަށް މިހާރު ހަމަޖެހިފައިވަނީ 8,100 (އަށް ހާސް އެއް ސަތޭކަ) މެޓްރިކް ޓަނުގެ ކޯޓާއެވެ. ކޯޓާ ވިއްކާނީ، ލޭނުއަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަންކުރުމުގެ ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ)ގައިވާ އަގަށެވެ. ކޯޓާ ވިއްކުމަށް ހަމަޖެހިފައިވަނީ ކޯޓާއަށް އެދި ސިޓީ ހުށަހަޅަމުންދާ ތަރުތީބުންނެވެ. 

ކޯޓާއަށް އެދި ހުށަހެޅުއްވަންޖެހޭ ލިއެކިއުންތައް

ކޯޓާއަށް އެދިލައްވާ ފަރާތްތަކުން ކޯޓާއަށް އެދި ހުށަހަޅުއްވަންޖެހޭ ލިއެކިއުންތަކުގެ ތަފުސީލު ތިރީގައި މިވަނީއެވެ.

1. ކޯޓާއަށް އެދި ހުށަހަޅުއްވާ ސިޓީ

- ސިޓީ ހުށަހަޅުއްވާ ފަރާތުން ލޭނު މަސްވެރިކަމަށް ނެރުމަށް ގަސްދުކުރާ ބޯޓުފަހަރުގެ އަދަދާއި އެބޯޓުފަހަރުން އަހަރެއްގެ މައްޗަށް ބޭނޭނެ ކަމަށް އަންދާޒާކުރާ މިންވަރު އަދި ކޯޓާގެ ގޮތުގައި އެކުންފުނީގެ ހުރިހާ އުޅަނދަކަށް އެއްކޮށް ބޭނުންވާ މިންވަރު މެޓްރިކް ޓަނުން ސާފުކޮށް ޖައްސަވަންވާނެއެވެ.

- ކޯޓާގެ ދަށުން ލޭނު މަސްވެރިކަމުގައި ޙަރަކާތްތެރިވާ އުޅަނދުފަހަރުގައި ބިދޭސީން ހިމެނޭނެ ނިސްބަތް (އިން ސައްތައިން) ސިޓީގައި ބަޔާންކުރަންވާނެއެވެ.

2. ކޯޓާއަށް އެދި ހުށަހަޅުއްވަނީ ދިވެހި ފަރުދެއްނަމަ އެފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަނގައިދޭ ކާޑުގެ ކޮޕީ

3. ކޯޓާއަށް އެދި ހުށަހަޅަނީ ޕާޓްނަރޝިޕަކުންނަމަ، އެޕާޓްނަރޝިޕެއްގެ ރަޖިސްޓްރީ އާއި ޕާޓްނަރޝިޕް އެއްބަސްވުން އަދި ހުރިހާ ބައިވެރިންގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ޕާސްޕޯޓްގެ ކޮޕީ. ޕާޓްނަރޝިޕަކުން ހުށަހަޅާނަމަ ޕާޓްނަރޝިޕްގެ މަޤުޞަދުތަކުގެ ތެރޭގައި ލޭނު މަސްވެރިކަމުގައި ޞިނާޢާތުގައި ޙަރަކާތްތެރިވުން ހިމެނިފައި އޮންނަވާނެއެވެ.

4. ކޯޓާއަށް އެދި ހުށަހަޅަނީ ކުންފުންޏަކުން ކަމުގައިވާނަމަ، އެކުންފުނީގެ ރަޖިސްޓަރީއާއި ކުންފުނީގެ އަސާސީ ގަވާއިދު އަދި އެވަގުތު ކުންފުނީގެ ހިއްސާދާރުންނާއި ޑިރެކްޓަރުންގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ މީހުން އެނގޭނެހެން ރަޖިސްޓްރަރ އޮފް ކޮމްޕެނީސް ދޫކޮށްފައިވާ ލިއުމަކާއި ހުރިހާ ހިއްސާދާރުންގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ޕާސްޕޯޓްގެ ކޮޕީ. ކުންފުންޏަކުން ހުށަހަޅާނަމަ ކުންފުނީގެ މަޤްޞަދުތަކުގެ ތެރޭގައި މަސްވެރިކަމުގައި ޞިނާޢަތުގައި ޙަރަކާތްތެރިވުން ހިމެނިފައި އޮންނަވާނެއެވެ.

ކޯޓާއަށް އެދި ލިއެކިއުން ހުށަހަޅެއްވުން

ލޭނު މަސްވެރިކަމުގައި ޙަރަކާތްތެރިވުމަށް ކޯޓާއަށް އެދި ހުށަހަޅުއްވާ ސިޓީ އުރައިގެ ބޭރުގައި "ލޭނު މަސްވެރިކަމުގެ ކޯޓާއަށް އެދި" ޖައްސަވަންނާއެވެ. ސިޓީ އެޑްރެސް ކުރައްވާނީ ތިރީގައިވާ ގޮތަށެވެ.

ފިޝަރީޒް މެނޭޖްމަންޓް އެޖެންސީ،

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ،

ވެލާނާގެ، 7 ވަނަ ފަންގިފިލާ،

އަމީރުއަހުމަދު މަގު،

މާލެ، ދިވެހިރާއްޖެ.

މަޢުލޫމާތު ސާފުކުރުން

ލޭނު މަސްވެރިކަމުގެ ކޯޓާއާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ގުޅުއްވާނީ ފިޝަރީޒް މެނޭޖްމަންޓް އެޖެންސީގެ 3335038 ނަންބަރު ފޯނަށެވެ.

1 ޞަފަރު 1436

23 ނޮވެންބަރު 2014
ހޯދާ