މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ބޯހިމެނުން 2014: ބިދޭސީ މުވައްޒަފުން ގެންގުޅޭ އެމްޕްލޯޔަރުންގެ ސަމާލުކަމަށް

އިޢުލާން

ބޯހިމެނުން 2014: ބިދޭސީ މުއައްޒަފުން ގެންގުޅޭ އެމްޕްލޯޔަރުންގެ ސަމާލުކަމަށް

މުޅިރާއްޖޭގައި ހިންގޭޭ އާބާދީ އާއި ދިރިއުޅޭތަންތަނުގެ ބޯހިމެނުމުގައި ޓޫރިސްޓުން ފިޔަވާ، ރާއްޖޭގައި ދިރިއުޅޭ ހުރިހާ ބިދޭސީންގެ މަޢުލޫމާތު މިސެޕްޓެންބަރު 20 ން 27 އަށް ނެގުމަށްވަނީ ހަމަޖެހިފައެވެ.

ބޯހިމެނުމަށް އެއްކުރެވޭ މަޢުލޫމާތުތަކުގެ ތެރޭގައި ރާއްޖޭގައި ދިރިއުޅެމުންދާ ކޮންމެ ބިދޭސީ މަސައްކަތު މީހެއްގެ (ޓޫރިސްޓުން ފިޔަވައި) ތަފްސީލީ މަޢުލޫމާތު ސެޕްޓެންބަރު 20 އިން 27 އަށް ނަގާ ނިންމަންޖެހެއެވެ. 20 ސެޕްޓެންބަރު ވާ ހޮނިހިރުދުވަހު ހެނދުނު 9:00 އިން އިރުއޮއްސި 6:00 އާ ދެމެދު ނެޝަނަލް ބިއުރޯ  އޮފް ސްޓެޓިސްޓިކްސްގެ ބޯހިމަނާ ޓީމުތަކުން މުޅިރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ހުރި މީހުންނިދާ ދިރިއުޅޭ ތަންތަން ފާހަގަކޮށް އެތަންތަނުގައި އުޅޭ މީހުންގެ ލިސްޓެއް އެކުލަވައިލާނެއެވެ.

ބޯހިމެނުމަށް ބޭނުންވާ ބިދޭސީންގެ ތަފްސީލް މަޢުލޫމާތު އެއްކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހެއް ހެދުނު 9:00 އިން އިރުއޮއްސި 10:00ގެ ނިޔަލަށެވެ.  ބޯހިމެނުމުގެ ފީލްޑް މަސައްކަތްކުރާ ދުވާލުގެ ހުރިހާގަޑިތަކެއްގައިހެން ގިނަ ބިދޭސީ މަސައްކަތްތެރިން އުޅޭނީ ވަރކް ސައިޓްތަކުގައިކަމަށްވާތީ، ބިދޭސީން ގެންގުޅޭ އެމްޕްލޯޔަރުން، އެފަރާތްތަކުން ގެންގުޅުއްވާ ބިދޭސީ މުވައްޒަފުންގެ މަޢުލޫމާތު ބޯހިމަނާ ޓީމުތަކަށް ފަސޭހައިން ލިބޭނެ އިންތިޒާމަތައްް ހަމަޖައްސަވައިދެއްވާ، މި ޤައުމީ މަސައްކަތުގައި ނެސަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއަށް ފުރިހަމަ އެހީތެރިމާއި އެއްބާރުލުން ދެއްވުން އެދެމެވެ.

ބޯހިމެނުމުން އެއްކުރާ ތަފުސީލު މަޢުލޫމާތުގެ ތެރޭގައި ޖިންސާއި އުމުރު، މަސައްކަތްކުރާ ދާއިރާއާއި ނިންމާފައިވާ އެންމެމަތީ ތައުލީމީ ފެންވަރުގެ އިތުރުން ރާއްޖޭގައި ދިރިއުޅޭތާވީ މުއްދަތާއި އަންހެނަކުނަމަ އުފަންވިއިރު ދިރިހުރި ކުދިންް ލިބިފައިވާ އަދަދުތަކާއި އެންމެފުރަތަމަ ދަރިފުޅަކު ލިބުނު އުމުރު ހިމެނެއެވެ. ބޯހިމެނުމުގައި ބޭނުންކުރާ ސުވާލުކަރުދާސް www.planning.gov.mv އިން ލިބެން ހުންނާނެއެވެ.

ވީމާ، ބިދޭސީން ގެންގުޅުއްވާ ހުރިހާ އެމްޕްލޯޔަރުން ނެސަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ނަމްބަރު 7826206 އާއި ގުޅުއްވައި، މާލޭގައި ދިރިއުޅޭ ބިދޭސީން ދިރިއުޅޭތަންތަން ހުރި ލޮކޭޝަންތަކާއި އެތަންތަނުގައި ދިރިއުޅޭ މީހުންގެ މަޢުލޫމާތު ނެގުމަށްޓަކާ ކަމާއިބެހޭ އިންތިޒާމުތައް ހަމަޖައްސަމުން ގެންދެވުމަށް ދަންނަވަމެވެ. އަތޮޅުތަކުގައިނަމަ ގުޅުއްވާނީ ކައުންސިލްތަކުގެ އިދާރާ އާއެވެ.

ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ގަވާއިދު 2012 (R-4/2013) ގައިވާގޮތުން ބޯހިމެނުމުންނެގޭ ވަކިވަކިފަރުދުންގެ މަޢުލޫމާތަކީ ސިއްރު ހިފެހެއްޓޭނެ މަޢުލޫމާތެކެވެ. މިމަޢުލޫމާތަކީ ހަމައެކަނި ތަފާސްހިސާބު އެކުލަވައިލުމަށްޓަކައި ބޭނުންކުރެވޭނެ މަޢުލޫމާތެކެވެ. މި މަޢުލޫމާތު ޤާނޫނީ އެއްވެސް މައްސަލައެއްގައި ބޭނުންކުރުމަކީ މަނާކަމެކެވެ. ބޯހިމެނުމަށް ތެދު މަޢުލޫމާތު ދިނުމަކީ ޢާންމުންގެ މަސްއޫލިއްޔަތެކެވެ. އަދި މިއާ ޚިލާފުވުމަކީ ކުށެއްކަމާއި އޭގެ އަދަބެއްގެ ގޮތުން ޖޫރިމަނާ ކަނޑައެޅި މި ގަވާއިދުގައި ހިމެނިފައިވެއެވެ.

މި ފުރުޞަތުގައި ބޯހިމެނުމުގެ މި ޤައުމީ ބޮޑު މަސައްކަތް ފުރިހަމައަށް ހިންގުމަށްޓަކައި އެންމެހައި އެމްޕްލޯޔަރުންގެ އެހީތެރިކަން ނެސަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއަށް  ދެއްވާނެކަމުގެ އުންމީދުގައި އިސްވެ ޝުކުރުދަންނަވަމެވެ.

 

10 ސެޕްޓެންބަރު 2014
ހޯދާ