ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ކޯސްތަކުން ނަގާ ފީ އާ ބެހޭ ސިޔާސަތު

ތަޢާރުފު

ޔުނިވަރސިޓީގެ ހިންގުމުގެ ޚަރަދުގެ ބައެއް ހޯދުމަށްޓަކައި، ކައުންސިލުން ކަނޑައަޅާ އުސޫލެއްގެ މަތިން  ކޯސްތަކަށް ފީ ނެގުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޤާނޫނު ހުއްދަ ކުރެއެވެ. މަތީ ތަޢުލީމުގެ ފުރުޞަތު ވީހާވެސް ގިނަ ބަޔަކަށް ފޯރުކޮށްދިނުމަށްޓަކައި މިގޮތުން މިހާރުވެސް ކޯސްތަކަށް ފީ ނަގައެވެ.

ޔުނިވަރސިޓީއިން ކޯސްތަކަށް ނަގާ ފީތައް ވީހާ ކުޑަކުރުމަކީ ޔުނިވަރސިޓީން އިސްކަންދޭ ކަމެކެވެ.

ސިޔާސަތު

  1. ޔުނިވަރސިޓީގެ ފީތަކަކީ، ޔުނިވަރސިޓީ ހިންގުމަށް ދާ ޚަރަދަށް ރިޢާޔަތްކޮށް ކޮންމެ އަހަރަކު ބަދަލުވެދާނޭ އެއްޗެކެވެ. ފީ ބޮޑުވާ ކަމުގައި ވަނީނަމަ، މި ބަދަލުވުން، އިންފްލޭޝަން ރޭޓުގައި ހިފެހެއްޓޭތޯ ޔުނިވަރސިޓީން މަސައްކަތް ކުރާނެއެވެ. ކޯސްތަކަށް ނަގާނެ ފީ، ކޮންމެ އަހަރެއްގެ ޖުލައިމަހު ޔުނިވަރސިޓީ ކައުންސިލުން ކަނޑައަޅާނެއެވެ.

  2. ޔުނިވަރސިޓީގައި ދަރިވަރަކު ކިޔަވަމުންދާ ކޯހަށް ފީ ދެއްކުމަކީ ދަރިވަރުގެ މަސްއޫލިއްޔަތެކެވެ. ފީ ނުދެއްކުން، ޔުނިވަރސިޓީން ދެކޭނީ ސީރިއަސް ކަމެއްގެ ގޮތުގައެވެ. ފީ ނުދައްކާ ދަރިވަރުންނާމެދު ފިޔަވަޅު އެޅޭނެއެވެ. ދަރިވަރު ނޫން ފަރާތަކުން ސްޕޮންސަރ ކުރާ ކޯހެއް ކަމުގައި ވިޔަސް ފީ ނުދެއްކުމުން އަޅާ ފިޔަވަޅުތައް އަޅާނީ ދަރިވަރާ މެދުގައެވެ. ފީ ނުދެއްކުމުން ޔުނިވަރސިޓީން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ޔުނިވަރސިޓީގެ ޚިދުމަތްތަކުން މަޙްރޫމު ކުރުމާއި، ޔުނިވަރސިޓީން ވަކިކުރުމާއި، ޓްރާންސްކްރިޕްޓް ހިފެހެއްޓުމާއި ސަނަދު ހިފެހެއްޓުމާއި ޔުނިވަރސިޓީ ކޯހަކަށް ދެން ނުވެއްދުމާއި ދަސްވެނި ނުކުރުމާއި ފައިސާ ހޯދުމަށްޓަކައި ޝަރީޢަތަށް ދިއުން ހިމެނެއެވެ.

  3. ޔުނިވަރސިޓީގެ ދަރިވަރަކަށް ވުމަށް މީހަކަށް ދޭ ޖާގަ ޤަބޫލު ކުރުމުގެ ކުރިން ކޯހަށް ދައްކަންޖެހޭ ފީ ބަލައި ދެނެގަތުމަށާއި ކޯހުގެ ފީއަށް ބަދަލު އަތުވެދާނޭކަމަށް ސަމާލުވުމަށް އިރުޝާދު ދެއެވެ.

  4. ޔުނިވަރސިޓީން ޓިއުޝަން ފީގެ ގޮތުގައި ނަގާ ފައިސާގެ މިންވަރު ބިނާވަނީ ދަރިވަރު ކިޔަވަމުންދާ މާއްދާތަކާއި ކޯހުގެ ސަނަދުގެ ފެންވަރުގެ މައްޗަށެވެ. މި މަޢުލޫމާތު މިއާއެކުވާ ޖަދުވަލުގައި ހިމެނޭނެއެވެ.

  5. ކޯހުގެ މުޤައްރަރުގެ ތެރޭގައި ހިމެނިފައިވާ ރާއްޖޭގައި ތަންފީޒުކުރާ ޕްރެކްޓިކަމް، ފީލްޑް ޓްރިޕް، އިންޑަސްޓްރިއަލް ޓްރޭނިންގ، އިންޓާރންޝިޕް ފަދަ ޙަރަކާތްތަކުގެ ދަތުރު ޚަރަދާއި އެކޮމޮޑޭޝަން ޚަރަދު ކުރާނީ ޔުނިވަރސިޓީންނެވެ.

  6. ބިދޭސީ ދަރިވަރުންގެ ޓިއުޝަން ފީއަކީ ދިވެހި ދަރިވަރުންގެ ޓިއުޝަންފީގެ 8 (އަށެއް) ގުނައެވެ.

  7. ސްޕޮންސަރ ކުރާ ކޯސްތަކާއި ކޯޕަރޭޓް ޑިވެލޮޕްމަންޓް ކޯސްތަކާއި ކްރެޑިޓް ޕޮއިންޓް ނުހިމެނޭ ޚާއްޞަ ކުރު ކޯސްތަކުގެ ފީ ކަނޑައަޅާނީ ފިނޭންސް ކޮމިޓީންނެވެ.

  8. ރާއްޖެއިން ބޭރުގެ ޖަމްޢިއްޔާތަކާއި މުއައްސަސާތަކުން  ހިންގާ ކޯސްތަކަށް ފީ ނަގާނީ ހިނގާ ޚަރަދަށް ބަލާާފައެވެ.  ކޯހުގެ ބާވަތުން ފީ ނަގާނެ މިންވަރާއި ފީ ދައްކާނެގޮތް ކަނޑައަޅާނީ ފިނޭންސް ކޮމިޓީންނެވެ.

  9. ދަރިވަރު، އެއްވެސް މާއްދާއަކަށް އަލަށް ރަޖިސްޓަރީ ވާނަމަ، ދަރިވަރުގެ ފީ ކަނޑައަޅާނީ މި ސިޔާސަތާ އެއްގޮތަށެވެ.

  10. ކޮންމެ ސެމިސްޓަރެއްގެ ދެވަނަ ހަފުތާ ނިމުމުގެެ ކުރިން ރަޖިސްޓަރީވެ ފީ ނުދައްކާ ދަރިވަރުންގެ އަތުން ފީ ބަލައިގަނެވޭނީ، އިތުުރަށް ހިނގާ ކޮންމެ ހަފުތާއަކަށް -/50 ރުފިޔާގެ ޖޫރިމަނާއަކާއެކުގައެވެ.

  11. ތިރީގައިވާ ޑިސްކްލެއިމަރ، ފީތަކާބެހޭ ޔުނިވަރސިޓީގެ ހުރިހާ ލިޔުންތަކުގައި ހިމަނަންވާނެއެވެ.

"ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ޝާއިޢުކުރާ ފީއަކީ ޞައްޙަ ފީތައްކަން ކަށަވަރު ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރެވިފައިވެއެވެ. ނަމަވެސް ޙާލަތެއް ބަދަލުވުމުގެ ސަބަބުން ނުވަތަ އެ ނޫން ސަބަބަކާ ހުރެ ވިޔަސް، ކުރިން އެންގުމަކާ ނުލައި ފީއަށް ބަދަލު ގެނައުމަކީ ޔުނިވަރސިޓީއަށް ލިބިގެންވާ ޙައްޤެކެވެ.

އެކި ކޯސްތައް ހިންގުމަށް ރާވާ ރޭވުންތައް (މިސާލެއްގެ ގޮތުން، ކިޔަވައިދޭ މުދައްރިސުންނާއި ކޯސް ހިންގާނޭ ޓާރމު ފަދަ ކަންކަން) ޔުނިވަރސިޓީން ޝާއިޢުކުރާ ތަކެތީގައި ހާމަކޮށްފައިވަނީ ގަސްދުކޮށްފައިވާ ގޮތުގެ ބަޔާނެއްގެ (އެކްސްޕްރެޝަން އޮފް އިންޓެންޓްގެ) ގޮތުގައިކަން ޔުނިވަރސިޓީގެ ކޯސްތަކަށް ވަނުމަށް އެދޭ ފަރާތްތަކުގެ ސަމާލުކަމަށް ގެންނަމެވެ. މިފަދަ ބަޔާންތަކަކީ ޔުނިވަރސިޓީން ޒިންމާވާންޖެހޭ ހުށަހެޅުމެއް ނުވަތަ އަހުދެއްގެ ގޮތުގައި ބަލައިގެން ނުވާނެއެވެ. އިޚްތިޔާރީ މާއްދާއެއްގެ ގޮތުގައި ވަކި މާއްދާއެއް ކިޔަވަން ބޭނުންވާނަމަ އެމާއްދާއަކީ އެ ޓާރމެއްގައި ކިޔަވައިދޭ މާއްދާއެއްކަން ކަށަވަރު  ކުރަންވާނެއެވެ. ޔުނިވަރސިޓީގެ އެއްވެސް މުވައްޒަފަކު އަނގަބަހުން ބުނާ އެއްޗެއް ޔުނިވަރސިޓީން ޝާއިޢުކޮށްފައިވާ ލިޔުމަކާ ތައާރުޒުވާނަމަ، ޞައްޙަ އެއްޗެއް ކަމުގައި ބަލާނީ ލިޔުމެވެ.

މިސިޔާސަތަށް ޢަމަލުކުރާނީ 1 ޖަނަވަރީ 2015 އިން ފެށިގެންނެވެ. މިސިޔާސަތު 1 ޖޫން 2015 ގެ ކުރިން މުރާޖަޢާ ކުރަންވާނެއެވެ.

މި ސިޔާސަތަށް ޢަމަލު ކުރަން ފަށާ ތާރީޚު: 1 ޖަނަވަރީ 2015

މި ސިޔާސަތު މުރާޖަޢާ ކުރާ ތާރީޚު: 1 ޖޫން 2015

ފާސްކުރެވުނު ތާރީޚު: 14 މޭ 2014 | ކައުންސިލުގެ 137 ވަނަ ޖަލްސާ

 

ޓިއުޝަން ފީ އާ ބެހޭ ސިޔާސަތު - ޖަދުވަލު

ތިރީގައި އެވަނީ ޢާންމު ކޯސްތަކަށް  2015ވަނަ އަހަރަށް ކަނޑައެޅިފައިވާ ފީއެވެ. ތިރީގައިވާ ތާވަލުގައި ފާހަކޮށްފައިވަނީ  އެކި ބޭންޑްތަކުގައި މާއްދާތަކުގެ 1 (އެކެއް) ކްރެޑިޓް ޕޮއިންޓްގެ ފީއެވެ. ކްރެޑިޓް ޕޮއިންޓް ނުހިމެނޭނަމަ، ކޯސް ހިމެނޭ ބޭންޑްގެ ކްރެޑިޓް ޕޮއިންޓް ފީގެ އަދަދު 120 އާ ގުނަކުރުމުން އަހަރީ ފީ ނުކުންނާނެއެވެ.

ޕޯސްޓްގްރޭޖުއޭޓް ކޯސްތައް

(ޕޯސްޓްގްރޭޖުއޭޓް ސެޓުފިކެޓު/ޑިޕްލޮމާ، މާސްޓަރޒް، ޑޮކްޓަރޭޓް)

އަންޑަރގްރޭޖުއޭޓް ކޯސްތައް (ސެޓުފިކެޓު، ޑިޕްލޮމާ، ބެޗްލަރ)

 

133.00

42.00

ބޭންޑް 1

މުދައްރިސްކަން، ނަރުސްކަން

161.00

53.00

ބޭންޑް 2

ސޯޝަލް ސްޓަޑީޒް، ހިޔުމިނިޓީޒް، ފޮރިން ލޭންގްއޭޖަސް،  ސައިކޮލޮޖީ، އެލައިޑް ހެލްތު، އިސްލާމިކް ސްޓަޑީޒް، ބޯޓު ދަތުރު ކުރުން

186.00

75.00

ބޭންޑް 3

ހޮސްޕިޓެލިޓީ، އައި.ޓީ، އެންޖިނިއަރިންގ، ބިލްޓް. އެންވަޔަރަމަންޓް،

225.00

80.00

ބޭންޑް 4

އެކައުންޓިންގ، އެޑްމިނިސްޓްރޭޝަން، ކޮމާރސް، ލޯ، ޝަރީޢާ

25 އޮގަސްޓް 2014
ހޯދާ