ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
2021-2020 ވަނަ އަހަރު ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރާނެ ޑިރެކްޓަރުކަމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާން

2021-2020 ވަނަ އަހަރު ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރާނެ ޑިރެކްޓަރުކަމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

ޤާނޫނު ނަންބަރު 96/10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 54 ވަނަ މާއްދާއާ އެއްގޮތްވާގޮތުގެމަތީން އަދި މި ކުންފުނީގެ ހިންގާ ގަވާއިދުގެ 31 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ކުންފުނީގެ "އަހަރީ އާންމު ޖަލްސާ 2019" ބޭއްވުމުގެ ތައްޔާރީތައް މިހާރު މިދަނީ ކުރެވެމުންނެވެ. މި ނޯޓިސްއާއެކު، އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކުރާ ޑިރެކްޓަރކަމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ.

މި ކުންފުނީގެ ހިންގާ ގަވާއިދުގައި ބަޔާންކޮށްފައިވާގޮތުން، އަދި ކުންފުނީގެ ހިއްސާ ބެހިފައިވާ ނިސްބަތަށް ބަލާއިރު، ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކުރެވޭނީ 1 (އެކެއް) ޑިރެކްޓަރެވެ. އަދި ސަރުކާރު ނުވަތަ މައި ހިއްސާދާރުގެ ފަރާތުން  ޢައްޔަނުކުރެވޭނީ 6 (ހައެއް) ޑިރެކްޓަރުންނެވެ. މިގޮތުން، މި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ޢައްޔަނުކުރާ އަދި އިންތިޚާބުކުރާ ހުރިހާ ޑިރެކްޓަރުންނަކީވެސް، ވިޔަފާރިއާއި ހިންގުމުގެ ދާއިރާއިން އެކަށީގެންވާ ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަކަށް ވުމަކީ ކުންފުނިން ބާރުއަޅާކަމެކެވެ.

މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކަކީ އެންމެ މަދުވެގެން ތިރީގައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަކަށް ވާންވާނެއެވެ.

  1. ކުންފުނީގެ ހިއްސާދާރަކަށްވުން.
  2. ދިވެހި ރައްޔިތަކު ކަމުގައިވުން.
  3. ޢުމުރުން 30 އަހަރު ވެފައިވުން.
  4. ވިޔަފާރިއާ ގުޅުންހުރި ދާއިރާއަކުން މަދުވެގެން ޑިގްރީ ފެންވަރުގެ ސަނަދަކާއެކު ހިންގުމުގެ ދާއިރާއިން މަދުވެގެން 5 (ފަހެއް) އަހަރުގެ އަމަލީ ތަޖުރިބާ ލިބިފައިވުން ނުވަތަ ޑިޕްލޮމާ ފެންވަރުގެ ސަނަދަކާއެކު 10 (ދިހައެއް) އަހަރުގެ އަމަލީ ތަޖުރިބާ ލިބިފައިވުން.
  5. ހިއްސާދާރަކީ ކުންފުންޏެއްނަމަ، މަޤާމަށް ކުރިމަތިލާ ފަރާތަކީ އެ ކުންފުނީގެ ބޯޑުން ފާސްކޮށްފައިވާ ރިޒޮލިއުޝަނަކުން ރުހުން ދީފައިވާ ފަރާތަކަށްވުން.
  6. ކުންފުނީގެ ވިޔަފާރިއާއި ވިޔަފާރީގެ ދާއިރާތަކާބެހޭގޮތުން ހޭލުންތެރި ފަރާތަކަށްވުން.
  7. ކުންފުނީގެ ކަންކަމަށާއި ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާތަކަށް އެކަށީގެންވާ ވަގުތު ދެވޭނެ، ކެރި ކުޅަދާނަވެގެންވާ ފަރާތަކަށްވުން.
  8. މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ލިސްޓުކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން 2 (ދޭއް) ކުންފުންޏަށްވުރެ އިތުރު ކުންފުންޏެއްގެ ބޯޑު ޑިރެކްޓަރަކަށް ނުވުން.
  9. މިނިވަން މުސްތަޤިއްލު ފަރާތަކަށްވުން (ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ކޯޕަރޭޓް ގަވަރނަންސް ކޯޑުގައި ބަޔާންކޮށްފައިވާ ޝަރުތުހަމަވާ ފަރާތަކަށްވުން).
  10. ކުންފުންޏެއްގެ ޑިރެކްޓަރުކަމުގެ މަޤާމު އަދާކުރުމަށް ޤާނޫނަކުން ނުވަތަ ޝަރުޢީ ކޯޓަކުން މަނާކުރެވިފައިވާ ނުވަތަ ޝަރުޠު ފުރިހަމަ ނުވާ ފަރާތެއްކަމުގައި ނުވުން.
  11. ޑިރެކްޓަރުންގެ ނަޒަރުގައި ކުންފުންޏާ ނުވަތަ ކުންފުނީގެ ވިޔަފާރިއަކާއި ތަޢާރުޟުވާ ނުވަތަ އެފަދަ ކުންފުންޏެއްގައި ނުވަތަ ވިޔަފާރިއެއްގައި އެއްވެސް ސިފައެއްގައި ޝާމިލުވާ ނުވަތަ ވަޒީފާ އަދާކުރާ ފަރާތަކަށް ނުވުން.
  12. މާލީ ރިޕޯޓްތައް ކިޔައި، ދެނަގަތުމުގެ ޤާބިލްކަން ލިބިފައިހުރި ފަރާތަކަށްވުން.
  13. ކުންފުނީގައި ނުވަތަ ކުންފުނީގެ ސަބްސިޑަރީ، ޖޮއިންޓް ވެންޗަރ ނުވަތަ އެސޯސިއޭޓް ކުންފުންޏެއްގައި ނުވަތަ ކުންފުނީގެ ވިޔަފާރިއާ ފުށުއަރާ ވިޔަފާރިއެއް ހިންގާ ކުންފުންޏެއްގައި ނުވަތަ ކޮމްޕެޓިޓަރ ކުންފުންޏެއްގައި ވަޒީފާ އަދާކުރާ ނުވަތަ ފާއިތުވި 1 (އެކެއް) އަހަރުގެ ތެރޭގައި ވަޒީފާ އަދާކޮށްފައިވާ ފަރާތަކަށް ނުވުން.
  14. ފާއިތުވި 10 (ދިހައެއް) އަހަރުގެ ތެރޭގައި އެއްވެސް ބާވަތެއްގެ ޖިނާޢީ ކުށެއް ސާބިތުވެފައިވާ ނުވަތަ ފަރާތަކަށް ނުވުން.
  15. ބަނގުރޫޓުވެފައިވާ ފަރާތެއްކަމުގައި އެއްވެސް ޝަރުޢީ ކޯޓަކުން ކަނޑައަޅާފައިވާ ފަރާތަކަށް ނުވުމާއި، ދިވެހިރާއްޖޭގައި ނުވަތަ އެހެންވެސް ޤައުމެއްގައި ޙުކުމާއި އެއްގޮތަށް އަދާކުރަމުންނުދާ ސާބިތު އަދާނުކުރެވިވާ ސާބިތު ދަރަންޏެއް އޮތް ފަރާތެއްކަމުގައި ނުވުން.
  16. ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިއެއް ނުވަތަ މަސައްކަތެއްކުރުމުގެ ލައިސަންސް އުވާލާފައިވާ ފަރާތަކަށް ނުވުން.
  17. ބަނގުރޫޓްވެފައިވާ، ދަރަނިވެރިވެފައިވާ ނުވަތަ ޤާނޫނާއި ޚިލާފުވެފައިވާ ނުވަތަ އެފަދަ އެއްވެސް ދަޢުވާއެއް މިހާރު ރައްދުވާ ފަރާތެއް ނުވަތަ އެފަދަ ދަޢުވާއެއް ރައްދުވާ ކުންފުންޏެއްގެ ބޯޑު މެންބަރަކަށް، ހިއްސާދާރަކަށް ނުވަތަ މެނޭޖަރެއްގެ ވަޒީފާ އަދާކުރާ / ނުވަތަ ވަޒީފާ އަދާކޮށްފައިވާ ފަރާތެއްކަމުގައި ނުވުން.
  18. ވައްކަމާއި، މަކަރާއި ހީލަތް، ޚިޔާނާތް ނުވަތަ ފައިސާގެ މުޢާމަލާތެއްގައި މަކަރު ހަދައި އޮޅުވާލުމުގެ ޢަމަލެއް ހިނގާފައިވާކަމަށް ކަމާބެހޭ ރަސްމީ އިދާރާއަކުން އެއްވެސް ބާވަތެއްގެ ތަޙްޤީޤެއް ހިންގާފައިވާ ފަރާތަކަށް ނުވުމާއި، އަމާނާތްތެރިކަން ގެއްލިފައިވާ ނުވަތަ ޑިރެކްޓަރެއްގެ ޒިންމާތައް އަދާކުރުމަށް ނޭދެވޭ އަސަރުކޮށްފާނެކަމަށް ބެލެވޭ އެއްވެސް ކުށެއް ސާބިތުވެފައިވާ ފަރާތެއްކަމުގައި ނުވުން.
  19. ޖިންސީ ކުށުގެ އަމަލެއް ނުވަތަ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ އަމަލެއް ނުވަތަ ޖިންސީ ފުރައްސާރައިގެ އަމަލެއް ކޮށްފައިވާކަމަށް ތުޙުމަތު ކުރެވިފައިވާ ފަރާތަކަށް ނުވުން.

މަތީގައި ދެންނެވުނު ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކުން، "ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކގެ ބޯޑު ޑިރެކްޓަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމް" އަދި އެ ފޯމުގައި ބަޔާންކޮށްފައިވާ އެންމެހައި ލިޔެކިޔުންތައް ފުރިހަމަކުރެއްވުމަށްފަހު، 19 މާރިޗް 2020 ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން ކޮމްޕެނީ ސެކްރެޓޭރިއަޓަށް އެޑްރެސްކުރައްވާ، ކުންފުނީގެ މައި އޮފީހަށް ނުވަތަ [email protected] އީމެއިލް އެޑްރެސްއަށް ނުވަތަ (960) 3344533 ފެކްސް ނަންބަރަށް ފޮނުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް (960) 3344383/(960)3344373  ނަންބަރާ ގުޅުންވުން އެދެމެވެ.

"ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކގެ ބޯޑު ޑިރެކްޓަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު"، އޮފީސް ހުޅުވިފައި ހުންނަ ގަޑިތަކުގައި ކުންފުނީގެ މައި އޮފީހުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ކުންފުނީގެ ވެބްސައިޓް، www.sto.mv އިން ޑައުންލޯޑްކުރެވެން ހުންނާނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

ފޯމު ހުށަހެޅުމުގެ ސުންގަޑި ހަމަވާއިރު ލިބިފައިވާ ފޯމުތަކުގެ ތެރެއިން ބޯޑު ޑިރެކްޓަރކަމަށް ޝަރުޠުހަމަވާ ފަރާތްތައް، "ބޯޑު ކެންޑިޑަސީ ގައިޑްލައިން"އާ  އެއްގޮތަށް ކުންފުނީގެ ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮމިޓީން އިވޭލުއޭޓްކޮށް، އިންޓަވިއުކުރައްވާނެއެވެ.

"ބޯޑު ކެންޑިޑަސީ ގައިޑްލައިން" ކުންފުނީގެ ވެބްސައިޓް www.sto.mv އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.

ޑިރެކްޓަރުކަމަށް ކުރިމަތިލާފައިވާ ފަރާތްތައް އިވޭލުއޭޓްކޮށް، އެފަރާތްތަކާއެކު އިންޓަވިއުކުރުމަށްފަހު، ކޮމިޓީން ތައްޔާރުކުރާ ރިޕޯޓް ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅައި، ޑިރެކްޓަރުންގެ ބޯޑުން ކަނޑައަޅާ ގޮތެއްގެމަތީން ޑިރެކްޓަރުކަމަށް ކުރިމަތިލާފައިވާ ފަރާތްތަކާބެހޭ މަޢުލޫމާތު ހިއްސާދާރުންނަށް ފޯރުކޮށްދެވޭނެއެވެ. އާންމު ހިއްސާދާރުން ތަމްޞީލުކުރާ ޑިރެކްޓަރު ހޮވުމަށް ހަމަޖެހިފައިވަނީ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

ވޯޓުދިނުން

ކުންފުނީގެ ހިންގާ ގަވާއިދުގެ 45 ވަނަ މައްދާގައި ވާގޮތުގެމަތީން، އެހެންގޮތަކަށް ކަނޑަނާޅާހިނދު ވޯޓު ދޭނީ އަތް އުފުލައިގެންނެވެ. މިހެން ވޯޓު ދޭނަމަ، ކޮންމެ މެންބަރަކަށްވެސް ދެވޭނީ 1 (އެކެއް) ވޯޓެވެ. ކުންފުނީގެ ރައުސުލްމާލުގެ ހިއްސާގެ ތަމްސީލުކުރާ މެންބަރުން އެދިއްޖެނަމަ ޕޯލްގެ އުޞޫލުން ވޯޓު ނެގިދާނެއެވެ. މިހެން ވޯޓު ނަގާނަމަ ކޮންމެ މެންބަރަކަށްވެސް އެ މެންބަރެއްގެ މިލްކުގައިވާ ކޮންމެ ހިއްސާއަކަށް 1 (އެކެއް) ވޯޓު ދެވޭނެއެވެ.

ހަމަ މި ގަވާއިދުގެ 46 ވަނަ މާއްދާގައިވާގޮތުން، ނެގޭ ވޯޓު އެއްވަރުވެއްޖެނަމަ، މެންބަރެއްގެ ހައިސިއްޔަތުން ޗެއާރމަން ދޭ ވޯޓުގެ އިތުރުން، ގޮތެއް ނިންމުމަށް ކާސްޓިންގ ވޯޓެއް ޗެއާރމަންއަށް ދެވިދާނެއެވެ. އަދި މި ފަދައިން ފާސްކުރެވޭ ކޮންމެ އައިޓަމްއަކަށް ނެގޭ ވޯޓުގެ ޞައްޙަކަމާމެދު ގޮތެއް ނިންމުމުގެ ބާރު ލިބިގެންވަނީ، އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓި ފަރާތަށެވެ.

26 ފެބްރުއަރީ 2020

26 ފެބުރުވަރީ 2020
ހޯދާ