މިލަދުންމަޑުލު ދެކުނުބުރީ ޅޮހީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
goathi dhookurumuge usool

c

 

  

މިލަދުންމަޑުލު ދެކުނުބުރީ ޅޮހި ކައުންސިލްގެ އިދާރާ

ނ.ޅޮހި، ދިވެހިރާއްޖެ

ނ.ޅޮހިން ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލް

 

 

ތައާރަފް:

(ހ) މިއީ،ދިރިއުޅުމަށް ބޭނުންވާ ބަންޑާރަ ގޯތި ނ.ޅޮހިން ދޫކުރުމުގައި އަމަލުކުރާނެ އުޞޫލެވެ.

(ށ) މި އުޞޫލްތައް އެކުލަވާލެވިފައިމިވަނީ ، ދިވެހިރާއްޖޭގެ ބިމާއިބެހޭ ޤާނޫނު ( ޤާނޫނޫ ނަންބަރު: 2002/1 ) އާއި މިނިސްޓްރީ އޮފް ހައުސިން އެންޑް އާރބަން ޑިވޮލޮޕްމެންޓުން އެކުލައްވާފައިވާ " ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ ޤަވާއިދު " އަދި ދެންނެވުނު ޤަވާއިދަށް ގެނެވިފައިވާ އިޞްލާޙް ތަކުގެ ދަށުންނެވެ.

(ނ) މި އުޞޫލަށް ކިޔާނީ " ނ.ޅޮހިން ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލް " އެވެ.

 

ގޯއްޗައް އެދޭފަރާތުން ސަމާލުކަންދޭންޖެހޭ ކަންތައްތައް:

(ހ) ގޯތި ދޫކުމަށް އިޢުލާނުކުރުމުން ގޯއްޗައް އެދި ހުށައަޅާނީ، އެކަމަށްޓަކައި ކަނޑައެޅިފައިވާ ފޯމަކުންނެވެ. މި ދެންނެވި ފޯމް ރަށު ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.

(ށ) ގޯއްޗަށް އެދޭ ފޯމް ދޫކުރުމަށް ހަމަޖެހިފައިވަނީ ބިމާއި ބެހޭ ޤާނޫނުގެ 12 ވަނަ މާއްދާގައި ބަޔާން  ކުރައްވާފައިވާ ގޮތުގެމަތިން ގޯތި ދޫކުރާކަން ރަށު ކައިސިލް އިދާރާގެ ފަރާތުން އިޢުލާނު ކުރުމުން އެ އެއިއުލާނުގައިވާ ތާރީޚެއްގެ ނިޔަލަށެވެ.

(ނ) ގޯއްޗަށް އެދޭ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީވެސް ގޯތި ދޫކުރާކަން ރަށު ކައުން ސިލްގެ ފަރާތުން އިއުލާން           ކުރުމުން ، އެއިއުލާނުގައި ކަނޑައަޅާފައިވާ ތާރީޚެއްގެ ނިޔަލަށެވެ.

(ރ) ގޯއްޗައް އެދޭ ފޯމް ހުށައެޅުމަށް ޙާޟިރުވާނީ، ގޯއްޗައް އެދޭ މީހާ ނުވަތަ އެނާ ފޯމް ހުށައެޅުމަށް އެދި ލިއުމުން ބާރުދީފައިވާ ފަރާތެކެވެ.

 

ފޯމް ހިފައިގެން އަންނަ މީހާ ތިރީގައި މިދަންނަވާ ތަކެތި ފޯމާއި އެކު ގެންނަންވާނެއެވެ:

  1.  ގޯއްޗަށް އެދޭ މީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު، އަދި ކާޑުގެ ދެފުށުގެ ފޮޓޯކޮޕީ
  2.  ގޯއްޗަށް އެދޭ މީހާގެ އަނބި/ ފިރިމީހާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އަދި ކާޑުގެ ދެފުށުގެ ފޮޓޯކޮޕީ
  3.  ގޯއްޗައް އެދޭ މީހާއަކީ ކައިވެނި ކޮއްގެންއުޅޭ މީހެއްނަމަ، ކައިވެނީގެ ސެޓްފިކެޓްގެ ފޮޓޯކޮޕީ
  4.  ގޯއްޗައް އެދޭ މީހާއަކީ ކައިވެނިކޮށް، ވަރިކޮއްފައިވާ މީހެއްނަމަ، ވަރީގެ ސެޓްފިކެޓްގެ ފޮޓޯކޮޕީ
  5.  ބަންޑާރަ ގޯއްޗަކުން ތަރިކައިން  ލިބެން އޮޔްބައި ދޫކޮއްލާނެކަމުގެ އިޤުރާރު

ގޯތި ދޫކުރުމުގެ ކަންކަން ވިލަރެސްކުރާ ކޮމިޓީ:

(ހ) ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމަށާއި ގޯތި ދޫކުރުމުގެ ކަންކަން ވިލަރެސް ކުރުމަށްޓަކާ، ރަށު ކައުންސިލް އިދާރާގެ ފަރާތުން 05 ( ފަހެއް) މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް އުފައްދަން ވާނެއެވެ.

(ށ) މިކޮމިޓީގެ ކޯރަމަކީ، 03 (ތިނެއް) މެމްބަރުންނެވެ. މިދެންނެވި ކޮމިޓީގައި މަޝްވަރާ ކުރެވޭ އެންމެހާ ކަންކަން ނިންމަންވާނީ ކޮމިޓީގެ އަޣްލަބިއްޔަތުންނެވެ.

(ނ) ގޯތި ލިބޭ ފަރާތްތަކަށް ގޯތި ޙަވާލު ކުރުމުގެ މަސައްކަތް ޤުރުއަތުލުމަށްފަހު ލަސްވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ފެށޭނެއެވެ.

ކޮމެޓީގެ މަސްއޫލިއްޔަތު:

(ހ) ދިވެހި ރާއްޖޭގެ ބިމާއިބެހޭ ޤާނުނާއި އަދި ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ ޤަވާޢިދާއި އެއްގޮތްވާ ގޮތުގެ މަތިން އެކުލަވާލެވިފައިވާ ބަންޑާރަ ގޯތި ދޫކުރުމުގެ ޤަވާޢިދުގެ 13 ވަނަ މާއްދާގައިވާ އުޞޫލުތަކަށް ގޯތި ދިނުމަށް ޝަރުތު ހަމަވާ ފަރާތްތައް ކަނޑައެޅުމުގައި ބަލަންވާނެއެވެ.

(ށ) "ގޯއްޗައް އެދޭމީހުންނަށް ޕޮއިންޓް ދިނުމުގެ އުޞޫލް " ގައިވާ ގޮތުގެމަތިން ލިބިފައިވާ ޕޮއިންޓައްބަލައިގެން ގޯތިލިބޭފަރާތްތައް ކަނޑައެޅުން.

(ނ) ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމަށްފަހު ކޮމެޓީ މެމްބަރުން، ގޯތި ދިނުމަށް ޝަރުތު ހަމަވާކަމަށް ސޮއިކުރަންވާނެއެވެ. އަދި ޝަރުތު ހަމަނުވާ ފަރާތްތައް ސަބަބް ބަޔާންކޮއް އެކަން ލިއުމަކުން އަންގަންވާނެއެވެ.

(ރ) ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމަށްފަހު އެފަރާތްތަކުގެ ލިސްޓް އާންމުންނަށް ފެންނާނެގޮތައް އިއުލާނު ކުރަންވާނެއެވެ.

ގޯތިދޫކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދު:

 މިބުރުގައި ނ.ޅޮހިން ގޯތި ދޫކުމަށް ހަމަޖެހިފައިވާ ސަރަހައްދުތައް ފާހަގަކޮއް އެކަން އޮޅުން ފިލާނެ ޗާޓެއް ކައުންސިލް އިދާރާގެ ފަރާތުން އާންމުކުރަންވާނެއެވެ.

ގޯތި ދޫކުރާ އަދަދާއި ބޮޑުމިން:

މި ބުރުގައި ނ.ޅޮހީން ދިރިއުޅުމަށްޓަކައި ދޫކުރުމަށް ހަމަޖެހިފައިވަނީ 2000 އަކަފޫޓްގެ 42 ގޯއްޗެވެ.

ގޯއްޗައްއެދި ކުރިމަތިލެވޭނެ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް:

ގޯތި ދިނުމުގައި ތިރީގައި މިދަންނަވާ ކަންކަން ފުރިހަމަ ވާންވާނެއެވެ.

(ހ) ދިވެހި ރައްޔިތަކު ކަމުގައިވުން

(ށ) އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައިވުން.

(ނ) 600 އަކަފޫޓައްވުރެ ބޮޑު ގޯއްޗެއް އަދި ގޯއްޗަކުން ބައެއްވިޔަސް އެމީހެއްގެ ނަމުގައި ރެޖިސްޓުރީ ކުރެވިފައި ނެތުން.

(ރ) ރާއްޖޭގެ އެއްވެސް ރަށެއްގައި ސަރުކާރުން ހަދައިދީފައިވާ ޢިމާރާތެއްގެ ފްލެޓެއް ނުވަތަ އެއްމެދު ޢިމާރާތެއްވިޔަސް  އެމީހެއްގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައި ނެތުން.

(ބ) ގޯއްޗަށް އެދިފައިވާ މީހާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ރާއްޖޭގެ          އެއްވެސް ރަށަކުން ލިބިފައިނެތުން.

  (ޅ) ސަރުކާރުން އިމާރާތް ކޮއްދެއްވާފައިވާ ރޯހައުސްއެއް ނުވަތަ ފުލެޓެއް ނުވަތަ އެނޫންވެސް އިމާރާތެއް އެމީހެއްގެ ނަމުގައި އޮވެ އެފަދަ އިމާރާތެއް ދޫކޮއްލާ ނުވަތަ ވިއްކާލާފައިވާތާ 02 (ދެއަހަރު) އައްވުރެ ދިގު މުއްދަތެއް ފާއިތުވެފައިވުން.

(ކ) އެއްމެދު އިމާރާތެއް އެމީހެއްގެ ނަމުގައި އޮވެ އެފަދަ އިމާރާތެއް ދޫކޮއްލާ ނުވަތަ ވިއްކާލާފައިވާތާ 02 (ދެއަހަރު) އައްވުރެ ދިގު މުއްދަތެއް ފާއިތުވެފައިވުން.

ގޯތި ދިނުމަށް ޝަރުތު ހަމަވާކަން ކަނޑައެޅުން:

 

     ގޯތި ދިނުމުގައި ޝަރުތު ހަމަވާކަމަށް ކަނޑައެޅުމުގައި އަމަލުކުރާނީ ތިރީގައި ބަޔާން ކުރެވިފައިވާ ގޮތުގެމަތީންނެވެ.

(ހ) މަތީގައި ބަޔާން ކުރެވިފައިވާ ޝަރުތުތަކުގެ އިތުރުން ގޯތި ދިނުމުގައި ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ  ޤަވާޢިދުގެ 13 ވަނަ މާއްދާގައި ބަޔާން ކުރެވިފައިވާ އުޞޫލުން ގޯތީގެ ޙައްޤުވެރިން ކަނޑައެޅުމުގައި "ގޯއްޗައް އެދޭ މީހުންނަށް ޕޮއިންޓް ދިނުމުގެ އުޞޫލް" ގައިވާ މިންގަޑުތަކުގެމަތިން ޕޮއިންޓްލިބޭ ފަރާތްތައް ކަނޑައެޅޭނެއެވެ.

(ށ) ބަޔާން ކުރެވިފައިވާ އުޞޫލުން އެންމެމަތީ ޕޮއިންޓް ލިބިފައިވާ ފަރާތްތައް، ގޯތި ދިނުމުގެ ޤުރުއަތަށް ނެގޭނެއެވެ.

(ނ) ޝަރުތު ހަމަވާ ފަރާތްތަކަށް ޕޮއިންޓް ދިނުމުގައި " ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާއިބެހޭ ޤަވާއިދު" ގެ 15 ވަނަ މާއްދާއަށް ގެނެވިފައިވާ އިސްލާހަށް އިސްކަންދޭންވާނެއެވެ.

(ރ) ޤުރުއަތުގައި ބައިވެރިވާނީ ގޯއްޗަށްއެދޭ މީހާގެ ނުވަތަ އެޤުރުއަތުގައި ބައިވެރިވުމަށް ލިޔުމުން ބާރު ދީފައިވާ ފަރާތެވެ.

(ބ) ޤުރުއަތުލުން ކުރިޔަށް ގެންދާނީ، ގޯއްޗަށް އެދުނު ފަރާތްތަކުގެ ނުވަތަ އެޤުރުއަތުގައި ބައިވެރިވުމަށް ލިޔުމުން ބާރު ދީފައިވާ ފަރާތްތަކުގެ މެދުގައެވެ.

(ޅ) ޤުރުއަތު ނެގުމަށް ކަނޑައެޅޭ ފޮށި ހުންނަންވާނީ، އެތެރެ ފެންނަ ގޮތަށެވެ.

10. ބަންޑާރަ ގޯއްޗަކުން ތަރިކައިން ލިބެންއޮތްބައި ދޫކޮއްލުން:

ގޯއްޗެއްލިބިއްޖެނަމަ ގޯއްޗައް އެދޭފަރާތުން ބަންޑާރަ ގޯއްޗަކުން ތަރިކައިން ލިބެންއޮންނަ ބައި ދޫކޮއްލަންވާނެއެވެ. ބަނޑާރަ ގޯއްޗަށް އެދޭއިރު ގޯއްޗައް އެދޭފަރާތުން ބަންޑާރަ ގޯއްޗަކުން ތަރިކައިން ލިބެންއޮންނަ ބައި ދޫކޮއްލާނެކަމުގެ އިޤުރާރު ހުށަހަޅަންވާނެއެވެ.

 

 

 

މި އުޞޫލްގައިވާ އެއްވެސްކަމެއް ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާއިބެހޭ ޤަވާއިދާއި ފުށުއަރާނަމަ އިސްކަންދޭންވާނީ ޤަވާއިދުގައިވާ ގޮތަށެވެ.

 

( މިއުޞޫލަކީ ގާނޫނު ނަންބާރު 2002/1 ދިވެހިރާއްޖޭގެ ބިމާއިބެހޭ ޤާނޫނު ގެ ދަށުން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓުން އެކުލަވާ ލައްވާފައިވާ " ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާއިބެހޭ ޤަވާއިދު" ގެ ދަށުން ނ.ޅޮހިން ބަންޑާރަ ގޯތި ދޫކުރުމަށް 10 އޮކްޓޯބަރ 2019 ގައި ނ.ޅޮހި ކައުންސިލްއިދާރާގެ ފަރާތުން އެކުލަވާލެވިފައިވާ އުޞޫލެކެވެ. )

 

10 އޮކްޓޯބަރ 2019

 

20 ޖަނަވަރީ 2020
ހޯދާ