މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެއިން ބޭރުގައި މަތީ ތަޢުލީމާއި ތަމްރީނު ޕްރޮގްރާމްތަކުގައި ބައިވެރިވުމުގައި މެދުވެރިއެއްގެ ރޯލު އަދާކުރާ އެޖެންސީތަކާއި ގުޅޭ

ދިވެހިރާއްޖޭގައި ބާއްވާ ތަޢުލީމާއި ގުޅުންހުރި ފެއަރތަށް ބޭއްވުމުގައި ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަންގެ ހުއްދަ ބޭނުންވާނެކަމަށް 9 ޖަނަވަރީ 2018 ގައިވާނީ ޢާއްމުކޮށް އިޢުލާނުކޮށްފައެވެ. އަދި މިއަހަރުގެ ޖަނަވަރީ މަހުގެ 23 ވަނަ ދުވަހު މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުންވެސްވާނީ މިކަމާއި ގުޅުންހުރި އިޢުލާނެއްކޮށްފައެވެ. މި ޢިއުލާނުގައި އެޑިއުކޭޝަން ފެއަރތަކުގައި ނުވަތަ މަޢުލޫމާތު ދޭ ސެޝަންތަކުގައި ދަރިވަރުން ބައިވެރިވާއިރު، އެ ހަރަކާތެއް ބޭއްވުމަށް މި މިނިސްޓްރީއިން ހުއްދަ ނަގާފައިވޭތޯ ބަލައި، އެ ފަދަ ތަނަކުން އިޝްތިހާރުކުރާ ކޯހެއްގައި ބައިވެރިވާނަމަ، އެ ކޯހާއި މަރުކަޒަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ގަބޫލުކުރާ ކޯހަކާއި މަރުކަޒެއްތޯ ބެލުމަށްވާނީ އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން، ދަރިވަރުން ކިޔަވަމުންދާ ނުވަތަ ކިޔަވަން އެދޭ ދާއިރާއަކީ ލައިސެންސެއް ލިބިގެން މަސައްކަތް ކުރެވޭ ދާއިރާއެއްނަމަ، ލައިސަންސަށް ހުއްދަ ދޭ ފަރާތުން ޤަބޫލުކުރާ ޕްރޮގްރާމެއްތޯ ބެލުމަށްވެސްވާނީ އިލްތިމާސްކޮށްފައެވެ.

 

މަދު ހާލަތެއްގައި ނަމަވެސް، ބައެއް ފަރާތްތަކުން މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުސަތުތައް އިޝްތިހާރުކޮށް، ދަރިވަރުންނަށް ފުރުސަތު ހޯދައިދިނުމުގެ ނަމުގައި ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެއްވެސް ފެންވަރަކަށް ނުފެތޭ ޕްރޮގްރާމްތައް ދަނީ އިޝްތިހާރުކުރުމުންނެވެ. އަދި މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ފަދަ ލައިސަންސަށް ހުއްދަ ދޭ ފަރާތުން ޤަބޫލުނުކުރާ ކޯސްތަކާއި މަރުކަޒުތަކުގައިދަނީ ދަރިވަރުން އެންރޯލްކުރަމުންނެވެ. މިގޮތަށް ދަރިވަރުން ކޯހުގައި އެންރޯލުކުރުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރާ ފަރާތްތަކުން ދަރިވަރުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނަގަމުންދާކަމުގެ ޝަކުވާ މި މިނިސްޓްރީއަށް ވަނީ ލިބިފައެވެ.

 

ވީމާ، އެޑިއުކޭޝަން ފެއަރ ނުވަތަ މަޢުލޫމާތު ދޭ ސެޝަނެއް ނުވަތަ މެދުވެރިއެއްގެ ރޯލު އަދާކުރާ އެއްވެސް އެޖެންޓެއް މެދުވެރިކޮށް މަރުކަޒުތަކުގެ ނުވަތަ ކޯހުގެ މަޢުލޫމާތު ހޯދާނަމަ، އެ ކޯހަކީ އަދި މަރުކަޒަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ ނުވަތަ ލައިސެންސެއް ލިބިގެން މަސައްކަތް ކުރެވޭ ދާއިރާއެއްނަމަ، ލައިސަންސަށް ހުއްދަ ދޭ ފަރާތުން ޤަބޫލުކުރާ ކޯހެއް އަދި މަރުކަޒެއްތޯ ބެލުމަށާއި، މެދުވެރިއެއްގެ ދައުރު އަދާކުރަމުންދާ އެޖެންޓުން ނަގަމުންދާ ފީ އަކީ ދަރިވަރު ކިޔަވަންދާ މަރުކަޒުގެ ހުއްދަ ލިބިގެން ނަގަމުންދާ ފީ އެއްތޯ ބެލުމަށް އިލްތިމާސްކުރަމެވެ.

 

18 ނޮވެމްބަރު 2019

18 ނޮވެންބަރު 2019
ހޯދާ