ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް
ދިވެހިރާއްޖެ
މާލެގައި ނުރައްކާތެރި ތަކެތި ރައްކާކުރާ ގުދަންތައް ކ.ތިލަފުއްޓަށް ބަދަލުކުރުމާއި ގުޅޭ

ނޫސް ބަޔާން

 

                                                                      GMIZL/PRESS/2019-003

 

މާލެގައި ނުރައްކާތެރި ތަކެތި ރައްކާކުރާ ގުދަންތައް ކ.ތިލަފުއްޓަށް ބަދަލުކުރުމާއި ގުޅޭ

 

20 ސެޕްޓެމްބަރ 2019 ވަނަ ދުވަހުގެރޭ މާލޭގައި ހިގާދިޔަ ނުރައްކާތެރި އަދި ހިތާމަވެރި އަލިފާނުގެ ޙާދިސާއާއި ގުޅިގެން އެންމެހައި ފަރާތްތަކަށް ރައްކާތެރި ވެއްޓެއް ޤާއިމްކޮށްދިނުމުގެ މަޤްސަދުގައި، މާލޭގައި ހުރި އެންމެހައި ނުރައްކާތެރި ކެމިކަލް ރައްކާކުރާ ގުދަންތައް މީހުން ދިރިނޫޅޭ ތަންތަނަށް ބަދަލުކުރުމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙް ނިންމަވާފައިވާތީ، އެކަންކަން ތަންފީޒު ކުރުމަށްޓަކައި 21 ސެޕްޓެމްބަރ 2019 ވަނަ ދުވަހުން ފެށިގެން ސަރުކާރުގެ މުއައްސަސާތަކާއި އިދާރާތަކާއި ގުޅިގެން މިކުންފުނިން މަސައްކަތްކުރަމުންދާވާހަކަ ދަންނަވަމެވެ. އެގޮތުގެ މަތިން ކ.ތިލަފުށީގައި ވަކި ސަރަޙައްދެއް ކެމިކަލް ރައްކާކުރުމަށްޓަކައި ކަނޑައެޅި ވެއަރހައުސިންގ ޔުނިޓްތަކެއް ޤާއިމްކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް މިކުންފުނިން ކުރަމުންދާވާހަކަވެސް ދަންނަވަމެވެ. އަދި ގާއިމްކުރެވޭ ގުދަންތަކަކީ ސަލާމަތާއި ރައްކާތެރިކަމުގެ މިންގަނޑުތަކަށް ރިޢާޔަތްކުރެވިގެން ފަރުމާކުރެވޭ އަދި އިމާރާތްކުރެވޭ ތަނެއްގެ ގޮތުގައި ހެދުމަކީ މިކުންފުނީގެ އެންމެ އިސްވާޖިބުކަމުގައި ދެކެމެވެ. އެހެންކަމުން އެފަދަ ނުރައްކާތެރި މުދާ ވަކި ޚާއްސަ އުޞޫލެއްގެ މަތިން ރައްކާކުރުމަށާއި އަދި އެފަދަ މާޙައުލަކީ އެހެންފަރާތްތަކަށްވެސް ރައްކާތެރި މާޙައުލަކަށް ހެދުމަށްޓަކައި ވަކިޚާއްސަ އުޞޫލެއްގެ ދަށުން ކަންކަން ކުރުމަށް މިކުންފުނިން މިދަނީ މަސައްކަތް ކުރަމުންނެވެ.

 

އަދި މިވަގުތު މާލެއާއި އެނޫންވެސް މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ބޭނުންކުރަމުންދާ ކެމިކަލް  އަދި އެނޫންވެސް ނުރައްކާތެރި  ސާމާނު ރައްކާކުރަމުންދާ ގުދަންތައް ދެނެގަތުމުގެ މަސައްކަތްތައް ކަމާބެހޭ އިދާރާތަކާއި މުއައްސަސާތަކާއި ގުޅިގެން މިކުންފުނިން ދަނީކުރަމުންނެވެ. އަދި އެފަދަ މުދާ މާލޭގައި ރައްކާކުރައްވާ އަދި ކުރަމުންދާ ފަރާތްތަކަށް ކ. ތިލަފުށިން ވެއަރހައުސް ޔުނިޓް ކުއްޔަށް ދިނުމަށް ނިންމަވާފައިވާތީ، 23 ސެޕްޓެމްބަރ 2019 ވަނަ ދުވަހުން ފެށިގެން، 'ކެމިކަލް އަދި ނުރައްކާތެރި މުދާ ގުދަންކުރުމަށް އެދި ހުށަހަޅާ ފޯމް" ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ. އަދި މިފޯމް މިދެންނެވުނު ތާރީޚުން ފެށިގެން މިކުންފުނީގެ ވެބްސައިޓުންނާއި ރިސެޕްޝަނުން ލިބެން ހުންނާނެ ކަމުގައި ވެސް ދަންނަވަމެވެ. އަދި ވެއަރހައުސް ޔުނިޓްތައް ކުއްޔަށްދޫކުރުމުގައި އެންމެ ބޮޑު އިސްކަމެއްދެވޭނީ މިވަގުތު ކެމިކަލް ގުދަންކުރަމުން ގެންދާ ފަރާތްތަކުގެ ތެރެއިން އެންމެ ނުރައްކާތެރި މުދާ މިވަގުތު ގުދަންކޮށްފައިވާ ފަރާތަކަށް ކަމުގައިވެސް ދަންނަވަމެވެ. އަދި މިކަންކަމާއި ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރެއްވުމަށް އެދިލައްވާނަމަ މިކުންފުނީގެ ހޮޓްލައިން ނަންބަރު 7957601 އަށް ގުޅުއްވުމަށްވެސް ދަންނަވަމެވެ.  

 

އަދި ހިނގާދިޔަ ހިތާމަވެރި އަލިފާނުގެ ޙާދިސާގައި ގެއްލުން ލިބުނު އެންމެހައި ފަރާތްތަކަށާއި އެފަރާތްތަކުގެ އާއިލާއަށް ކެތްތެރިކަން ދެއްވުމަށާއި އަދި މިހިތާމަވެރި ޙާދިސާގައި ނިޔާވި ތ. ބުރުނީ ފެންފިޔާޒްގެ އާއިޝަތު ޝައުނާއަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރައްވައި އާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި މާތްﷲގެ ޙަޟްރަތަށް އެދި ދަންނަވަމެވެ. މިކުންފުނީގެ އުންމީދަކީ އަދި ދުޢާއަކީ މިފަދަ ނުރައްކާތެރި އަލިފާނުގެ ޙާދިސާތައް ތަކުރާރުނުވެ އަމާންވެއްޓެއް ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް ގާއިމްވެގެން ދިއުމެވެ.

 

 

23 ސެޕްޓެމްބަރ 2019

 

 

23 ސެޕްޓެންބަރު 2019
ހޯދާ