މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތައް ރަޖިސްޓަރީކުރާއިރު އެ ތަންތަނަށް ކިޔަން ހުށަހަޅާ ނަން ފާސްކުރުމުގެ އުސޫލު

1

ތަޢާރުފު

މިއީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުގައި ރަޖިސްޓަރީކުރުމަށް ހުށަހަޅާ، މަތީ ތަޢުލީމާއި ތަމުރީނުދޭ މަރުކަޒުތައް ރަޖިސްޓަރީކުރާއިރު އެތަންތަނަށް ކިޔަން ހުށަހަޅާ ނަން ފާސްކުރުމުގެ  އުސޫލެވެ.

2

މާނަކުރުން

މި އުސޫލުގައި:

"މަތީތަޢުލީމާއި ތަމްރީނުދޭ މަރުކަޒު" މާނަކޮށްފައި އެވަނީ،

1) މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އެކުލަވާލާފައިވާ "ކިޔަވައިދޭ ތަންތަން ރަޖިސްޓަރީކޮށް ހިންގުމުގެ ގަވާއިދު (19 އެޕްރީލް 2000)" ގެ 1.5 އާއި 1.6 ގެ ދަށުން ރަޖިސްޓަރީ ކޮށްދޭ މަރުކަޒުތަކާއި

2) މަތީތަޢުލީމާ ބެހޭ މަޖިލީހުން 17 ޖެނުއަރީ 2001 ގައި އިސްލާހުކޮށްފައިވާ "ކޮލެޖް ރަޖިސްޓްރީ ކުރުން" ގަވާއިދުގެ ދަށުން ރަޖިސްޓަރީކޮށްދެވޭ މަރުކަޒުތަކާއި

3) ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނެއްގެ ދަށުން ނުވަތަ ސަރުކާރުން ކަނޑައަޅާ އުސޫލެއްގެ ދަށުން ޔުނިވަރސިޓީއެއްގެ ގޮތުގައި ރަޖިސްޓަރީކޮށްދޭ ތަންތަނާއި

4) މި އުސޫލުގެ 'މާނަކުރުން' ގެ 1 އަދި 2 ގައި ހަވާލާ ދެވިފައިވާ ގަވާއިދަށް ގެނެވޭ އިސްލާހުތަކާ އެއްގޮތަށް ރަޖިސްޓަރީ ކޮށްދޭ ތަންތަނެވެ.

3

މަޤުސަދު

މި އުސޫލުގެ މަޤްސަދަކީ މަތީ ތަޢުލީމާއި ތަމުރީނުދޭ މަރުކަޒަށް އިސްލާމީ ދިވެހި މުޖުތަމަޢެއްގައި  ކިޔަން އެކަށީގެންވާ ނަން ކިއުމުގެ މިންގަނޑު ކަނޑައަޅައި އަދި އެފަދަ ތަންތަނަށް ނަންކިއުން އެއް މިންގަނޑެއްގައި ހިފެހެއްޓުމެވެ.

4

ނަމާއި ނަންބޯޑު

(ހ)

މަތީ ތަޢުލީމާއި ތަމުރީނު ދިނުމަށް ރަޖިސްޓަރީކުރާ ކޮންމެ މަރުކަޒަކަށް ކިޔާނީ އެއް (1) ނަމެވެ.

1)       ރަޖިސްޓަރީކުރާ ނަމަކީ އެފަދަ ތަނަކަށް ކިޔުމަށް އެކަށީގެންވާ މާނައެއް ހިމެނޭ ނުވަތަ ރަމްޒު ކޮށްދޭ ނަމަކަށް ވާންވާނެއެވެ. ވަކި ޝަޚުޞިއްޔަތަކަށް ނުވަތަ ކުންފުންޏަކަށް ނިސްބަތްކޮށްގެން ވެސް މަތީތަޢުލީމާއި ތަމްރީނުދޭ މަރުކަޒަކަށް ކިޔަން އެކަށީގެންވާ ނަމެއް ނަމަ ކިޔޭނެއެވެ.

2)       ވަކި ދާއިރާއަކަށް ޚާއްސަކޮށްގެން މަރުކަޒަށް ނަމެއް ދޭނަމަ  އެ މަރުކަޒެއް ވާންޖެހޭނީ މައިގަނޑު ގޮތެއްގައި އެތަނެއްގައި އެދާއިރާއެއްގެ ޕްރޮގްރާމްތައް ކިޔަވާދޭ ތަނަކަށެވެ.

3)       ރަޖިސްޓަރީކުރާ ނަން އެހެންބަހަކުން ބޭނުންކުރަން ބޭނުން ނަމަ އެ ނަން ވެސް މި މިނިސްޓްރީގައި ރަޖިސްޓަރީ ކުރަންވާނެއެވެ.  މި ނަން ވާން ވާނީ ރަޖިސްޓަރީ ކުރި ނަމުގެ ތަރުޖަމާއަށެވެ. މިގޮތުން ރަޖިސްޓަރީ ކޮށްދެވޭނީ 1 (އެކެއް) ތަރުޖަމާ ނަމެވެ.

4)       އާއްމުންނަށް ފެންނަގޮތަށް ބަހައްޓާ ނަންބޯޑުގައި މަތީތަޢުލީމާއި ތަމްރީނުދޭ މަރުކަޒުގެ ނަން ލިޔަންވާނީ މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ ގޮތަށެވެ.

 

 

(ށ)

ތަޢުލީމާއި ތަމުރީނުދޭ މަރުކަޒެއްކަން އާއްމުންނަށް އެގޭނޭފަދަ ލަފުޒެއް، މަރުކަޒު ރަޖިސްޓަރީކުރުމަށް ހުށަހަޅާ ނަމުގައި ހިމަނަންވާނެއެވެ. މިގޮތުން ބޭނުންކުރެވޭ ލަފުޒުތަކަކީ:

  1. 'އިންސްޓިޓިއުޓް' ނުވަތަ އިންސްޓިޓިއުޓެއްކަން ދޭހަވާ ނަމެއް (ޓްރޭނިންގ ސެންޓަރ، މަރުކަޒު، އެކަޑަމީ): މި ފަދަ ނަމެއް ކިޔޭނީ "ކިޔަވައިދޭ ތަންތަން ރަޖިސްޓްރީކޮށް ހިންގުމުގެ ގަވާއިދު" ގެ 1.5 އާއި 1.6ގައިވާ ޝަރުޠުތައް ފުރިހަމަވުމުންނެވެ.
  2. ކޮލެޖް (މި ލަފުޒު ބޭނުންކުރެވޭނީ "ކޮލެޖް ރަޖިސްޓްރީ ކުރުން" ގަވާއިދުގައިވާ ޝަރުޠުތައް ފުރިހަމަވުމާއެކު "މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ބަލާ މިންގަނޑު" އާއި "ކޮލެޖް ގެ ދަރަޖަ ހޯދުމަށް އެދި ހުށަހަޅާ ޕްރޮޕޯސަލް ވަޒަންކުރުމުގައި ބޭނުންކުރުވޭ މިންގަނޑު" ގައި ވާ ޝަރުޠުތައް ފުރިހަމަ ވުމުންނެވެ.)
  3. ޔުނިވަރސިޓީ (މި ލަފުޒު ބޭނުންކުރެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނެއްގެ ދަށުން ނުވަތަ ސަރުކާރުން ކަނޑައަޅާ އުސޫލެއްގެ ދަށުން ޔުނިވަރސިޓީއެއްގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ތަންތަނަށެވެ.)
  4. އިންޓަރނޭޝަނަލް (މި ލަފުޒު ބޭނުންކުރެވޭނީ މި އުސޫލުގެ 5 ވަނަ ނަންބަރު ގައިވާ ޝަރުޠުތައް ފުރިހަމަވުމުންނެވެ.)

5

'އިންޓަރނޭޝަނަލް' ކިޔޭނެ ގޮތް

'އިންޓަރނޭޝަނަލް' ކިޔޭނީ މަތީތަޢުލީމުދޭ މަރުކަޒަކުން މަތީތަޢުލީމު ދިނުމުގަޔާއި، މަތީތަޢުލީމުގެ މަޤުޞަދާއި، ކުރާ ކަންތައްތަކުގައި އިންޓަރނޭޝަނަލް އަދި އިންޓަރކަލްޗަރަލް ސިފަތައް ހިމެނޭ ނަމައެވެ. މީގެ ތެރޭގައި އަންނަނިވި ކަންތައްތައް ފުރިހަމަވެފައި ވާންވާނެއެވެ.

 

 

(ހ)

ކޯސް ނުވަތަ ޕްރޮގްރާމް:

ތަނުގައި ހިންގާ ކޯސްތަކުގެ މަދުވެގެން %75 އަކީ ބޭރުގެ ކަރިކިޔުލަމަށް ކިޔަވައިދީ ބޭރުގެ މަރުކަޒަކުން ސެޓްފިކެޓް ދޫކުރާ، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ އެޕްރޫވް ކޮށްފައިވާ ކޯސްތަކަށްވުން.

 

 

(ށ)

ދަރިވަރުން:

ތަނުގައި ކިޔަވާދޭ ކޯސްތަކުގައި ކިޔަވާ ދަރިވަރުންގެ %20 އަކީ ތަފާތު އެކި ޤައުމުތަކުގެ ދަރިވަރުންނަށް ވުން.

 

 

(ނ)

މަތީތަޢުލީމާއި ތަމްރީނުދޭ މަރުކަޒު:

ކޮލެޖް ފެންވަރު ނުވަތަ އެއަށްވުރެ މަތީ ފެންވަރުގެ ތަނަކަށް ވުން.

6

ރަޖިސްޓަރީކޮށް ނުދެވޭނެ ޙާލަތްތައް

އަންނަނިވި ނަންތައް ފަދަ ނަމެއްގައި މަތީ ތަޢުލީމާއި ތަމުރީނުދޭ މަރުކަޒެއް ރަޖިސްޓަރީކުރުމަށް ހުށަހަޅައިފިނަމަ، އެނަމުގައި ތަން ރަޖިސްޓަރީކޮށެއް ނުދެވޭނެއެވެ.

 

 

(ހ)

އެހެން ފަރާތަކުން ރަޖިސްޓަރީކޮށްފައިވާ ޓްރޭޑް މާރކް؛

 

 

(ށ)

ރަޖިސްޓަރީކޮށްދީފައިވާ އެހެން މަތީތަޢުލީމާއި ތަމްރީނުދޭ މަރުކަޒަކާ އެއްނަމަކަށް ވުން ނުވަތަ އެއްވައްތަރެއްގެ ނަމަކަށްވުން؛

 

 

(ނ)

އަމިއްލަފަރާތަކުން ހުށަހަޅާ ނަމެއްގައި 'ނެޝަނަލް'، 'ޤައުމީ'، 'މޯލްޑިވްސް'، 'ދިވެހިރާއްޖޭގެ'  'މޯލްޑިވިއަން' ނުވަތަ މި މާނަ ދޭހަވާ ނަމެއް ހިމެނިފައިވުން؛

 

 

(ރ)

ދިވެހި މުޖުތަމަޢުގައި ވަކިތަނަކަށް ޚާއްޞަކޮށްގެން ބޭނުންކުރާ 'ކުއްލިއްޔާ' 'މަޢުހަދު' 'ޢަރަބިއްޔާ' ނުވަތަ 'ސްކޫލް'، 'މަދަރުސާ' ފަދަ ނަމަކަށްވުން؛

 

 

(ބ)

ރާއްޖެއިން ބޭރުގެ މަރުކަޒަކާ ގުޅިގެން ހިންގާ މަރުކަޒެއް ނޫންނަމަ ރާއްޖެއިން ބޭރުގެ މަރުކަޒެއް ކަމަށް ޢާންމުންނަށް އޮޅުންއަރާފަދަ ނަމަކަށްވުން؛

 

 

(ޅ)

މަތީ ތަޢުލީމާއި ތަމުރީނުދޭ މަރުކަޒެއްގެ ގޮތުގައި ބޭނުންކޮށްގެން ނުވާނެ ކަމަށް، ޝަރުޢީ ކޯޓެއްގެ ޙުކުމެއްގައި ކަނޑައަޅާފައިވާ ނަމަކަށްވުން؛

 

 

(ކ)

ދުނިޔޭގެ މަޝްހޫރު އެކިއެކި ސަރަހައްދުތަކުންކުރެ ސަރަހައްދަކަށް ނިސްބަތްވާ (މިސާލު: ސައުތު އޭޝިއަން، ޔޫރަޕިއަން ނުވަތަ ވަކި ޤައުމެއްގެ ނަން) ނަމަކަށްވުން؛

 

 

(އ)

ދުނިޔޭގެ މަޝްހޫރު އެކިއެކި ބައިނަލްއަޤްވާމީ ނުވަތަ ސަރަހައްދުތަކަށް ނިސްބަތްވާ ޖަމިއްޔާތަކުންކުރެ ޖަމިއްޔާއަކަށް ނިސްބަތްވާ (މިސާލު: ސާރކް، ޔޫ.އެން. ނުވަތަ އާސިއަން ފަދަ) ނަމަކަށްވުން؛ ނަމަވެސް ހުށަހަޅާ ފަރާތަކީ، އެ ނަން ނިސްބަތްވާ ފަރާތްކަމުގައި ވާނަމަ

އެބަޔަކަށް އެ ނަން ބޭނުންކުރުމުގެ ހުއްދަ ދޫކުރެވޭނެއެވެ.

 

 

(ވ)

މަތީ ތަޢުލީމުދޭ  މަރުކަޒެއް ރަޖިސްޓަރީކުރުމަށް ހުށަހަޅާ ނަމަކީ މުޖުތަމަޢުގެ އަޚުލާޤީ މިންގަނޑުތަކާ ޚިލާފު ނަމަކަށްވުން.

7

އެހެނިހެން

މި އުސޫލުގައި ހިމެނިފައިނުވާ ކަމެއް ދިމާވެއްޖެނަމަ އެކަމެއް ނިންމާނީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުންނެވެ.

8

އުސޫލަށް ޢަމަލުކުރުން

މި އޫސޫލަށް ޢަމަލުކުރަން ފަށާނީ މި އުސޫލު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.

 

 

10 ސެޕްޓެންބަރު 2019
ހޯދާ