އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިދޭސީންގެ ދަފްތަރު އެކުލަވާލުމާއިގުޅޭ

އިޢުލާން

ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ރަޖިސްޓްރީއެއް ސަރުކާރުން ބެލެހެއްޓުމަށްޓަކައި މީހުންދިރިއުޅޭ ކޮންމެރަށެއްގައި ބިދޭސީން ރަޖިސްޓްރީކުރާ ދަފްތަރެއް އޮންނަންވާނެކަމުގައި ވަޒީފާ އަދާކުރުމަށް ދިވެހިރާއްޖެއަށް ބިދޭސީން ގެނައުމުގެ ޤަވާޢިދުގެ 24 ވަނަ މާއްދާގައި ބަޔާންކޮށްފައި ވެއެވެ.

ޤާނޫނު ނަންބަރު  7/2010 ގެ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 42 މާއްދާގެ (ހށ) ގައި ބިދޭސިންގެ ދަފްތަރު ލިޔެ ބެލެހެއްޓުން ބަޔާންކޮށްފައިވެއެވެ. ބިދޭސީންގެ ދަފްތަރު ބެލެހެއްޓުމަށްޓަކައި "ހަރަހެރި" މިނަމުގައި  ވެބް ޕޯޓަލްއެއް ފަރުމާކޮށް، މިހާރުދަނީ އައްޑޫސިޓީގެ އަވަށު އޮފީސްތަކުގައި ދަފްތަރު އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުންނެވެ.

ވަޒީފާ އަދާކުރުމަށް ދިވެހިރާއްޖެއަށް ބިދޭސީން ގެނައުމުގެ ޤަވާޢިދަކީ ވަޒީފާއާއިބެހޭ ޤާނޫނުގެ 65 ވަނަ މާއްދާގެދަށުން ހަދާފައިވާ ޤަވާޢިދެކެވެ. މިޤަވާޢިދުވަނީ 2011 ވަނަ އަހަރު މޭމަހުގެ 26 ވަނަ ދުވަހު، ދިވެހި ސަރުކާރުގެ ގެޒްޓްގައިވެސް ޝާއިޢުކުރެވިފައެވެ.

ވީމާ، ލޭބަރ ރިލޭޝަން އޮތޯރިޓީން ހަމަޖައްސަވާފައިވާ ގޮތުގެމަތިން އައްޑޫސިޓީގައި މަސައްކަތްކުރާ ބިދޭސީންގެ މަޢުލޫމާތު، ބިދޭސީންނާއި ޙަވާލުވެފައިވާ ފަރާތުން އެބިދޭސީއަކު މަސައްކަތްކުރާ އަވަށެއްގެ އަވަށުއޮފީހަށް ދެއްވައި ރަޖިސްޓްރީ ކުރެއްވުމަށް ޢާންމުކޮށް އަންގާ އިޢުލާންކުރަމެވެ. އައްޑޫސިޓީގައި ބިދޭސިން ގެންގުޅޭ ފަރާތްތަކުގެ ތެރެއިން މި އިދާރާއިން ބިދޭސިންގެ ދަފްތަރު ބެލެހެއްޓުމަށް ކުރާ މަސައްކަތަށް އެއްބާރުލުން ނުދެއްވާ ފަރާތްތަކާއި މެދެ ޤާނޫނު ނަންބަރު 7/2010 ގެ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 143 ވަނަ މާއްދާގެ ދަށުން ފިޔަވަޅުއަޅާނެ ވާހަކަވެސް ދެންނެވީމެވެ.

15 ޛުލްޤައިދާ  1440

18 ޖުލައި 2019
ހޯދާ