މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. ހުޅުދުއްފާރުން ދިރިއުޅުމަށް ބަންޑާރަގޯތި ދޫކުރުން

ރ. ހުޅުދުއްފާރުން ދިރިއުޅުމަށް 2000 އަކަފޫޓުގެ 70 ގޯތި ދޫކުރުމަށް ކަނޑައަޅާފައިވާތީ މިގޯތިތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ގޯއްޗަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން "ރ. ހުޅުދުއްފާރުން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް ޕޮއިންޓް ދިނުމުގައި ޢަމަލުކުރާނެ އުސޫލް" އާއި އެއްގޮތަށް ޝަރުތުހަމަވާ ފަރާތްތަކަށް މާރކްސްދީ، އެންމެމަތިން މާރކްސްލިބޭ ފަރާތްތަކަށް އިސްކަންދޭ ތަރުތީބުންނެވެ. މިދެންނެވި ތަރުތީބުން ގޯތި ދޫކުރަމުން ގޮސް، ދޫކުރުމަށް ހަމަޖެހިފައިވާ ގޯތީގެ ޢަދަދަށްވުރެ އިތުރަށް އެއްވަރަކަށް ޕޮއިންޓް ލިބިފައިވާ މީހުން ތިބިނަމަ، އޭގެތެރެއިން ގޯތި ލިބޭމީހުން ކަނޑައަޅާނީ ގުރުއަތުލައިގެންނެވެ.

ރ. ހުޅުދުއްފާރުން ގޯތި ދޫކުރުމަށް އެދޭ ފޯމް މިއިދާރާއިން ލިބެން ހުންނާނެއެވެ. ފޯމު ދޫކުރުމާއި ބަލައިގަތުން ކުރިއަށްދާނީ ތިރީގައިވާ ގޮތުގެ މަތިންނެވެ.

ފޯމު ދޫކުރުމާއި ފޯމު ބަލައިގަންނަ ތާރީޚް:

ރަމަޟާން މަހާއި ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު

އެހެނިހެން ދުވަސްތަކުގައި

ފޯމު ދޫކުރުން: 23 މެއި 2019ން 25 ޖޫން 2019ށް

ރަސްމީ ކޮންމެ ދުވަހެއްގެ 9:00ން 13:00ށް

ރަސްމީ ކޮންމެ ދުވަހެއްގެ 8:00ން 14:00ށް

ފޯމު ބަލައިގަތުން: 23 މެއި 2019ން 30 ޖޫން 2019ށް

ރަސްމީ ކޮންމެ ދުވަހެއްގެ 9:30ން 12:00ށް

ރަސްމީ ކޮންމެ ދުވަހެއްގެ 8:30ން 13:00ށް

ފޯމް ފުރިހަމަކުރެއްވުމަށްފަހު ފޯމާއިއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުމެއް މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ މަޢުލޫމާތު ގޯއްޗަށްއެދި ހުށަހަޅާފައިވާ ފޯމްގައި ބަޔާންކުރެވިފައިވާނެއެވެ. ފޯމާއިއެކު ކޮންމެހެން ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުވާނަމަ ފޯމް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ރ. ހުޅުދުއްފާރުން ދިރިއުޅުމަށް ގޯތި ދޫކުރުމަށް ޕޮއިންޓް ދިނުމުގައި ޢަމަލުކުރާނެ އުސޫލާއި ޕޮއިންޓް ދިނުމުގެ މިންގަނޑާއި ރ. ހުޅުދުއްފާރުން ގޯއްޗަށްއެދި ހުށަހަޅާ ފަރާތުގައި ހުންނަންޖެހޭ ޝަރުތުތައް އަދި ގޯތި ދޫކުރުމަށް ކަނޑައަޅާފައިވާ ސަރަޙައްދުތައް މިޢިއުލާނާއިއެކު ޢާއްމުކުރީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ ނަންބަރު 6580069 ފޯނާއި ރަސްމީގަޑީގައި ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

18 ރަމަޟާން 1440

23 މެއި 2019

 

 

 

 

ރ. ހުޅުދުއްފާރުން ގޯއްޗަށްއެދި ހުށަހަޅާ ފަރާތުގައި ހުންނަންޖެހޭ ޝަރުތުތައް:

 

  1. ދިވެހި ރައްޔިތެއް ކަމުގައިވުން
  2. މީލާދީ ގޮތުން އުމުރުން 18 އަހަރު ވެފައިވާ މީހެއްކަމުގައިވުން (ޢުމުރު ބަލާނީ ފޯމު ހުށަހެޅުމަށް ދީފައިވާ އެންމެ ފަހުގެ ތާރީޚާއި ހަމައަށެވެ.)
  3. ރާއްޖޭގެ އެއްވެސް ރަށަކުން ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން
  4. ރާއްޖޭގެ އެއްވެސް ރަށަކުން އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލަކުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓް ހަމަވާ ނުވަތަ އެއަށްވުރެ ބޮޑުބައެއް ލިބިފައި ނެތުން، ނުވަތަ ލިބިފައިވާ މިފަދަ ބައެއް ޤަވާއިދާއި އެއްގޮތްވާ ގޮތުގެމަތިން ދޫކޮށްލުން
  5. 600 އަކަފޫޓަށްވުރެ ކުޑަ ނުވަތަ ބޮޑުބައެއް ލިބިފައިވާނަމަ "ދިރިއުޅުމަށް ބަންޑާރަގޯތި ދޫކުރުމާބެހޭ ޤަވާއިދު"އާއި އެއްގޮތްވާ ގޮތުގެމަތިން އެ ބިން ދޫކޮށްލަން އެއްބަސްވުން. އަދި، އެފަދައިން ބިން ދޫކޮށްލަން އެއްބަސްވާ ކަމުގެ ލިޔުމެއް ފޯމާއެކު ހުށަހަޅަންވާނެއެވެ. އަދި އެފަދަ ލިޔުމެއް ހުށަނާޅާނަމަ، ފޯމުބާތިލްވާނެއެވެ.
  6. ރާއްޖޭގެ އެއްވެސް ރަށެއްގައި ސަރުކާރުން ހަދައިދީފައިވާ ޢިމާރާތެއްގެ ފުލެޓެއް ނުވަތަ އެއްމެދު ޢިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން. އަދި މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، މިތަން ދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ 2 އަހަރު ދުވަހަށްވުރެ ގިނަދުވަސް ވެފައިވުން.
  7. ރާއްޖޭގެ އެއްވެސް ރަށެއްގައި ސަރުކާރުން ހަދާފައިވާ ޢިމާރާތެއްގެ ފްލެޓެއް، އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި ރަޖިސްޓަރީ ވެފައިނެތުން، ނުވަތަ މިފަދަ ތަނެއް އަމިއްލަ ނަމުގައި ރަޖިސްޓަރީކޮށްފައިވީނަމަވެސް އެތަނެއް ދޫކޮށްލިތާ ނުވަތަ އެހެން ފަރާތަކަށް ދީ ނުވަތަ ވިއްކާފައިވާތާ 2 އަހަރަށްވުރެ ގިނަދުވަސް ވެފައިވުން.
  8. ފާއިތުވި 2 އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި ވާރުތަ މުދަލުގެ ގޮތުގައި ލިބިފައިވާ 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް ޝަރުއީ މަރުހަލާގެ ތެރެއިން ދޫކޮށްލާފައިވާ ފަރާތަކަށް ނުވުން
  9. ރާއްޖޭގެ އެއްވެސް ރަށަކުން މީގެކުރިން ލިބިފައިވާގޯއްޗެއް ނުވަތަ ގޯއްޗަކުން ލިބިފައިވާ 600 އަކަފޫޓަށްވުރެ ބޮޑުބައެއް ވޭތުވެދިޔަ 2 އަހަރުގެތެރޭގައި މީހަކަށްދީ ނުވަތަ ވިއްކާފައި ނުވުން.
  10. ގޯއްޗަށް އެދިފައިވާ މީހާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް ރާއްޖޭގެ އެއްވެސްރަށަކުން 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ލިބިފައި ނެތުން.

 

  • މިޝަރުތުތައް ހަމަނުވާ ފަރާތްތަކުގެ ފޯމް އިވެލުއޭޝަން މަރުހަލާގައި ބާތިލްވާނެއެވެ. އަދި އެ ފޯމްތައް ބާޠިލްވެފައިވާކަން ސަބަބާއެކު، ފޯމް ހުށަހެޅި ފަރާތަށް އަންގާނެއެވެ.

 

 

ރ. ހުޅުދުއްފާރުން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް ޕޮއިންޓް ދިނުމުގައި ޢަމަލުކުރާނެ އުސޫލް

  1. މިއީ ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 23 ވަނަ މާއްދާއިން ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން، އެމާއްދާގެ (ވ) ގެ ދަށުން ރ. ހުޅުދުއްފާރު ކައުންސިލުން އެކުލަވާލެވިފައިވާ އުސޫލެކެވެ.
  2. މިއުސޫލަށް އަމަލުކުރަން ފަށާނީ ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލުމަށް އިޢުލާން ކުރާ ތާރީޚުން ފެށިގެންނެވެ.
  3. ޕޮއިންޓް ދިނުމުގައި، ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ހާލަތުކަމަށް ބަލާނީ، ފޯމު ހުށަހެޅުމަށް ދީފައިވާ އެންމެ ފަހުގެ ތާރީޚާއި ހަމައަށް އެފަރާތެއްގެ ޚާލަތު ހުރި ގޮތަށެވެ. ނަމަވެސް، ތިރީގައިވާ ޙާލަތަކުންކުރެ ހާލަތަކަށް ބަދަލެއް އައިސްފައިވާނަމަ، ޕޮއިންޓް ދިނުމުގައި އަދި ގޯތިދިނުމުގައި އެހާލަތަކަށް ރިޢާޔަތް ކުރެވޭނެއެވެ.

  ހ. ފޯމް ހުށަހަޅާފައިވާ ފަރާތް ނިޔާވުން.

  ށ. ހިބައިން ނުވަތަ ވަޞިއްޔަތުން، ނުވަތަ ތަރިކައިން ނުވަތަ އެނޫންވެސް ގޮތަކުން ގޯއްޗެއް ނުވަތަ ފްލެޓެއް ނުވަތަ ބިމެއް ލިބުން.

  ނ. ދިވެހިރައްޔިތުކަން ދޫކުރުން.

  1. އިޢުލާނުގެ މުއްދަތު ހަމަވުމުގެ ކުރިން ގޯއްޗަށް އެދި ހުށަހަޅާ ހުރިހާ ފޯމެއްވެސް ބަލައިގަނެވޭނެއެވެ. އެގޮތުން، ހުށަހަޅާފައިވާ ފޯމްތަކާމެދު ގޮތެއް ނިންމައި، ބާޠިލްވާ ފޯމްތައް ކަނޑައަޅައި، އަދި އެ ނޫންވެސް އިވެލުއޭޝަންގެ މަސައްކަތްކުރާނީ އެކަމަށް އެކުލަވާލާފައިވާ އިވެލުއޭޝަން ކޮމިޓީއިންނެވެ. އަދި ކޮމެޓީ އެކުލަވާލުމަށްފަހު ކޮމެޓީގައި ހިމެނޭ ފަރާތްތައް އިޢުލާން ކުރެވޭނެއެވެ.
  2. ގޯއްޗަށް އެދޭ ފޯމުގައި ޙަޤީޤަތާއި ޚިލާފު އެއްވެސް މަޢުލޫމާތެއް ދީފައިވާކަން ސާބިތުވެއްޖެނަމަ ފޯމު ބާޠިލް ކުރެވޭނެއެވެ.
  3. ގޯއްޗަށް އެދޭ ފޯމްގައި ބަޔާންކޮށްފައިވާ މަޢުލޫމާތަކީ ޞައްޙަ މަޢުލޫމާތުކަން ސާބިތުކުރުމަށް، ފޯމުގެ ޗެކްލިސްޓްގައި ހިމަނާފައިވާ ލިޔުންތައް ފޯމާއެކު ހުށަހަޅަންޖެހޭނެއެވެ. ނަމަވެސް ގޯއްޗަށްއެދި ހުށަހަޅާ ފަރާތުގެ ޝަރުތު ފުރިހަމަވާކަން ސާބިތުކުރުމަށް ހުށަހަޅަންޖެހޭ ލިޔުމެއްކަމުގައި ނުވާނަމަ، އެލިޔުމެއްނެތި ސާބިތުކުރެވެން ނެތް ބައިތަކަށް ޕޮއިންޓް ނުދީ، ދެންހުރި ބައިތަކަށް ޕޮއިންޓް ދެވޭނެއެވެ.
  4. ޕޮއިންޓް ދެވޭނީ "ރ. ހުޅުދުއްފާރުން ގޯއްޗަށް އެދޭ މީހުންނަށް ޕޮއިންޓް ދިނުމުގެ މިންގަނޑު"ގައިވާ ގޮތުގެ މަތިން ކަނޑައެޅިފައިވާ ޕޮއިންޓެވެ.
  5. ގޯއްޗަށް އެދޭ ފޯމުގައިވާ މަޢުލޫމާތުތަކަށް ރިޢާޔަތްކޮށް އެއްވެސް ފަރާތަކަށް ގޯތި ލިބިފައިވަނިކޮށް، ގޯތި ދޫކުރެވިފައިވަނީ ފޯމުގައި ހިމަނާފައިވާ ދޮގު މަޢުލޫމާތެއްގެ މައްޗަށް ބިނާކޮށް ދެވިފައިވާ ޕޮއިންޓްގެ މައްޗަށް ކަމަށް ސާބިތުވެއްޖެނަމަ، ބަދަލު ދިނުމަކާނުލައި، އެގޯތި އެފަރާތެއްގެ ކިބައިން ވަކިކުރެވޭނެއެވެ.
  6. ގޯއްޗަށް އެދިފައިވާ މީހުންގެ ފޯމުތަކުގައިވާ މަޢުލޫމާތުތައް ޗެކްކޮށް ޝަރުޠުހަމަވާ މީހުންނަށް ޕޮއިންޓްދީ ޕޮއިންޓް ލިބޭމީހުން ކަނޑައަޅާނީ ގޯތިދިނުމުގެ ޢަމަލީ މަސައްކަތްތައް ކުރުމަށް އެކުލަވާލެވިފައިވާ ކޮމެޓީންނެވެ.
  7. 10.  ދެމަފިރިން ގޯއްޗަށްއެދި، ޕޮއިންޓުގެ ގޮތުން އެދެފަރާތް އެއްވަރުވެއްޖެނަމަ ގޯތި ދޭނެ ފަރާތެއް ދެމަފިރިން ކަނޑައަޅާ ކައުންސިލަށް އަންގަންވާނެއެވެ. އެދެފަރާތުން ވަކި ގޮތެއް ނާންގާނަމަ، ގޯތި ދެވޭނީ އެދެފަރާތުގެ މެދުގައި ގުރުއަތުން ނަގައިގެންނެވެ. ނަމަވެސް ދެމަފިރިން ގޯއްޗަށްއެދި، ޕޮއިންޓުގެ ގޮތުން ތަފާތުނަމަ، ގޯތި ދެވޭނީ އެންމެ މަތިން މާކުސް ލިބިފައިވާ ފަރާތަށެވެ.

 

 

 

ރ. ހުޅުދުއްފާރުން ގޯއްޗަށް އެދޭ މީހުންނަށް ޕޮއިންޓް ދިނުމުގެ މިންގަނޑު

 1.               ގޯތި ގެދޮރުގެ ބައި:

ގޯއްޗަށް އެދޭމީހާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ލިބިފައި ނުވާނަމަ

25 ޕޮއިންޓް

 2.               ކައިވެނީގެ ބައި:

(ހ) މީހަކާއި އިނދެގެން ހުރިނަމަ

10 ޕޮއިންޓް

(ށ) މީހަކާއި އިނދެ ވަރިކޮށްފައި ނުވަތަ އަނބިމީހާ/ފިރިމީހާ ނިޔާވެފައި ވީނަމަވެސް 18 އަހަރުން ދަށުގެ ދަރިން ތިބިނަމަ ދަރިން ބަލާ ފަރާތަށް

10 ޕޮއިންޓް

(ނ) ކައިވެނީގައި ދެމިހުރި މުއްދަތަށް 5 އަހަރު ވެފައިވާނަމަ (އެކިފަހަރުމަތިން ކައިވެނި ކޮށްގެންވެސް އެމުއްދަތު ހަމަވާނަމަ މިބަޔަށް ޕޮއިންޓް ލިބޭނެއެވެ.)

05 ޕޮއިންޓް

 3.               ޚާއްސައެހީއަށް ބޭނުންވާ މީހުންގެ ބައި:

(ހ) ޚާއްސައެހީއަށް ބޭނުންވާ މީހެއްނަމަ

(ޚާއްސައެހީއަށް ބޭނުންވާ މީހެއްކަމަށް ބެލެވޭނީ ދައުލަތުން އިނާޔަތް ލިބޭފަރާތްތަކަށެވެ.)

20 ޕޮއިންޓް

 4.               ޢުމުރުގެ ބައި:

(ހ) އުމުރުން 18 އަހަރާއި 25 އަހަރާ ދެމެދު ނަމަ

(އުމުރު ބަލާނީ ފޯމު ހުށަހެޅުމަށް ދީފައިވާ އެންމެ ފަހުގެ ތާރީޚާއި ހަމައަށެވެ.)

05 ޕޮއިންޓް

(ށ) އުމުރުން 25 އަހަރުން މަތިނަމަ

(އުމުރު ބަލާނީ ފޯމު ހުށަހެޅުމަށް ދީފައިވާ އެންމެ ފަހުގެ ތާރީޚާއި ހަމައަށެވެ.)

07 ޕޮއިންޓް

 5.               ދަރިންގެ ބައި:

(ހ) 18 އަހަރުން ދަށުގެ ދަރިއަކު ހުރިނަމަ

(ޝަރުޢީގޮތުން ކޯޓު މެދުވެރިކޮށް ބެލުން ޙަވާލުކޮށްފައިވާ 18 އަހަރުން ދަށުގެ ކުދިންނަށްވެސް އެކަމާއިގުޅޭ ރަސްމީ ލިޔުމެއް ހުށަހަޅާފައިވާނަމަ މިބަޔަށް ޕޮއިންޓް ލިބޭނެއެވެ.)

10 ޕޮއިންޓް

(ށ) 18 އަހަރުން ދަށުގެ އެއްކުއްޖަކަށްވުރެ ގިނަކުދިން ތިބިނަމަ، އިތުރުވާ ކޮންމެ ކުއްޖަކަށް.

(މިބަޔަށް ގިނަވެގެން ދެވޭނީ 16 ޕޮއިންޓް)

04 ޕޮއިންޓް

(ނ) ދާއިމީ ގޮތެއްގައި ޚާއްސައެހީއަށް ބޭނުންވާ 18 އަހަރުންދަށުގެ ކުއްޖަކު ހުރިނަމަ

03 ޕޮއިންޓް

(ރ) ދާއިމީ ގޮތެއްގައި ޚާއްސައެހީއަށް ބޭނުންވާ 18 އަހަރުންދަށުގެ 1 ކުއްޖަކަށްވުރެ ގިނަ ކުދިން ތިބިނަމަ އިތުރުވާ ކޮންމެ ކުއްޖަކަށް 

( މިބަޔަށް ގިނަވެގެން ދެވޭނީ 08 ޕޮއިންޓް )

04 ޕޮއިންޓް

 6.                މައިން ބަފައިންގެ ބައި:

(ހ) މަންމަ ދިރިއުޅޭނެ ތަނެއް ނެތިގެން ޢަމަލީ ގޮތުން މަންމަ ބަލަމުން ގެންދާނަމަ 

03 ޕޮއިންޓް

(ށ) ބައްޕަ ދިރިއުޅޭނެ ތަނެއް ނެތިގެން ޢަމަލީގޮތުން ބައްޕަ ބަލަމުން ގެންދާނަމަ   

03 ޕޮއިންޓް

(ނ) މައިން ބަފައިންނާއި ދަރިން ފިޔަވާ ޝަރުޢީގޮތުން ބަލަންޖެހިފައިވާ މީހަކު ޢަމަލީގޮތުން ބަލަމުންގެންދާނަމަ

03 ޕޮއިންޓް

7.               ރަށްވެހިކަމުގެ ބައި:

(ހ) ރ. ހުޅުދުއްފާރުގެ ރަށްވެއްސެއްނަމަ

20 ޕޮއިންޓް

(ށ) ރ. ހުޅުދުއްފާރުގެ ރަށްވެއްސަކަށް ނުވިނަމަވެސް ރ. ހުޅުދުއްފާރުގައި ދިރިއުޅުން ހަމަޖެހިގެން ދިރިއުޅޭތާ 5 އަހަރުވެފައިވާ އެހެންރަށެއްގެ މީހެއްނަމަ

10 ޕޮއިންޓް

(ނ) ރ. ހުޅުދުއްފާރުގައި ދިރިއުޅުން ހަމަޖެހިގެން ދިރިއުޅޭތާ 2 އަހަރު ފުރިހަމަވެ 5 އަހަރުނުވާ އެހެން ރަށެއްގެ މީހެއްނަމަ

5 ޕޮއިންޓް

(ރ) ރަށުންބޭރު މީހެއްނަމަ

03 ޕޮއިންޓް

8.               ރ. ހުޅުދުއްފާރަށް ރަށްވެހިކަން ބަދަލުކޮށްފައިވާ ފަރާތްތަކުގެ ބައި:

(ހ) ރ. ހުޅުދުއްފާރުގައި ރަޖިސްޓްރީ ވެފައިވާތާ 1 އަހަރާއި 5 އަހަރާއި ދެމެދުނަމަ (1 އަހަރު ނުވާނަމަ ޕޮއިންޓެއް ނުލިބޭނެއެވެ.)

(ރަށްވެހިކަން ބަދަލުކޮށްފައިވާ ފަރާތްތަކަށް ނަންބަރު 7 ގެ (ހ)ގައި ބަޔާންކޮށްފައިވާ ބަޔަށް ޕޮއިންޓެއް ނުލިބޭނެއެވެ.)

6 ޕޮއިންޓް

(ށ) ރ. ހުޅުދުއްފާރުގައި ރަޖިސްޓްރީ ވެފައިވާތާ 5 އަހަރަށްވުރެ ގިނަދުވަސް ވެފައިވާނަމަ

(ރަށްވެހިކަން ބަދަލުކޮށްފައިވާ ފަރާތްތަކަށް ނަންބަރު 7 ގެ (ހ)ގައި ބަޔާންކޮށްފައިވާ ބަޔަށް ޕޮއިންޓެއް ނުލިބޭނެއެވެ.)

15 ޕޮއިންޓް

9.               ޕޮއިންޓް އުނިކުރުން:

(ހ) ގޯއްޗަށް އެދިފައިވާ މީހާގެ މަންމަގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް އޮވެފައި ގޯތި ނުލިބިހުރީ ހަމައެކަނި މީނާ ކަމަށްވާނަމަ (މަންމައާއި ބައްޕަގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް އޮތްކަމުގައި ވާނަމަވެސް ކެނޑޭނީ 10 ޕޮއިންޓެވެ.)

10 ޕޮއިންޓް

(ށ) ގޯއްޗަށް އެދިފައިވާ މީހާގެ ބައްޕަގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު  ގޯއްޗެއް އޮވެފައި ގޯތި ނުލިބިހުރީ ހަމައެކަނި މީނާ ކަމަށްވާނަމަ (މަންމައާއި ބައްޕަގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް އޮތްކަމުގައި ވާނަމަވެސް ކެނޑޭނީ 10 ޕޮއިންޓެވެ.)

10 ޕޮއިންޓް

(ނ) ގޯއްޗަށް އެދިފައިވާ މީހާގެ މަންމަގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު އެއްގޯއްޗަށްވުރެ ގިނަގޯތިއޮތްނަމަ އިތުރުވާ ކޮންމެގޯއްޗަކަށް (މަންމައާއި ބައްޕަގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު އެއްގޯއްޗަށްވުރެ ގިނަގޯތިއޮތްނަމަވެސް އިތުރުވާ ކޮންމެގޯއްޗަކަށް ކެނޑޭނީ 05 ޕޮއިންޓެވެ.)

05 ޕޮއިންޓް

(ރ) ގޯއްޗަށް އެދިފައިވާ މީހާގެ ބައްޕަގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު އެއްގޯއްޗަށްވުރެ ގިނަގޯތިއޮތްނަމަ އިތުރުވާ ކޮންމެގޯއްޗަކަށް (މަންމައާއި ބައްޕަގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު އެއްގޯއްޗަށްވުރެ ގިނަގޯތިއޮތްނަމަވެސް އިތުރުވާ ކޮންމެގޯއްޗަކަށް ކެނޑޭނީ 05 ޕޮއިންޓެވެ.)

05 ޕޮއިންޓް

 

އިތުރު ތަފްޞީލް:

* ކައިވެނީގެ ބައި: (ނަންބަރު 2)ގެ (ހ)އަށް ޕޮއިންޓު ލިބޭނީ ކައިވެނީގެ ސެޓްފިކެޓްގެ ކޮޕީ ހުށަހަޅާފައި ވާނަމައެވެ.

* ކައިވެނީގެ ބައި: (ނަންބަރު 2)ގެ (ށ)އަށް ޕޮއިންޓު ލިބޭނީ 18 އަހަރުން ދަށުގެ ދަރިއެއް/ދަރިންބަލާ ފަރާތްތަށެވެ. އެފަދަ ފަރާތެއްނަމަ އެކަން އެނގޭނޭ ލިޔުން ހުށަހަޅަންވާނެއެވެ.

* ކައިވެނީގެ ބައި: (ނަންބަރު 2)ގެ (ނ)އަށް ޕޮއިންޓު ލިބޭނީ ކައިވެނީގައި ދެމިހުރި މުއްދަތަށް 5 އަހަރު ވެފައިވާ ފަރާތްތަކަށެވެ. މީގެތެރޭގައި އެކިފަހަރުމަތިން ކައިވެނި ކޮށްގެންވެސް އެމުއްދަތު ހަމަވެފައިވާ ފަރާތްތައް ހިމެނޭނެއެވެ. އަދި އެފަރާތަކީ ގޯއްޗަށްއެދުނުއިރު ކައިވެނިކޮށްގެންހުރި ފަރާތަކަށް ވާކަށް ނުޖެހެއެވެ. އެފަދަ ފަރާތްތަކަށް ޕޮއިންޓް ލިބޭނީ އެކަން އެނގޭނޭ ރަސްމީ ލިޔުމެއް ހުށަހެޅުމުންނެވެ.

* ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ ބައި: (ނަންބަރ 3)އަށް ޕޮއިންޓް ލިބޭނީ ދައުލަތުން ޚާއްސައެހީއަށް ބޭނުންވާ މީހުންނަށްދޭ އިނާޔަތް ލިބޭފަރާތްތަކަށެވެ. އެފަދަ ފަރާތެއްނަމަ އެކަން އެނގޭނޭ ރަސްމީ ލިޔުން ހުށަހަޅަންވާނެއެވެ.

* ޢުމުރުގެ ބައި: (ނަންބަރު 4)ގެ (ހ) އަދި (ށ)އަށް ޕޮއިންޓް ދިނުމުގައި ބަލާނީ  ގޯއްޗަށްއެދި ފޯމް ހުށަހެޅުމަށް ކަނޑައެޅިފައިވާ އެންމެ ފަހު ތާރީޚާއި ހަމައަށެވެ. ވަކި ސަބަބަކާއިހުރެ ފޯމު ހުށަހެޅުމަށް ދީފައިވާ މުއްދަތު އިތުރުކުރިކަމުގައި ވީނަމަވެސް އުމުރު ބަލާނީ ކުރިން ކުރި އިޢުލާނުގައި ފޯމު ހުށަހެޅުމަށް ދީފައިވާ މުއްދަތާއި ހަމައަށް އެފަރާތަކަށް ވެފައިވާ އުމުރަށެވެ.

*  ދަރިންގެ ބައި: (ނަމްބަރ 05)ގެ (ހ) އަށް ޕޮއިންޓް ދިނުމުގައި ޝަރުޢީގޮތުން ކޯޓު މެދުވެރިކޮށް ބެލުން ޙަވާލުކޮށްފައިވާ 18 އަހަރުން ދަށުގެ ކުދިންނަށްވެސް އެކަމާއިގުޅޭ ރަސްމީ ލިޔުމެއް ހުށަހަޅާފައިވާނަމަ ޕޮއިންޓް ލިބޭނެއެވެ. އަދި އެފަދަ ދަރިންގެ އުފަން ދުވަހުގެ ސެޓްފިކެޓްގެ ކޮޕީއެއް ފޯމާއިއެކު ހުށަހަޅަންވާނެއެވެ.

* ދަރިންގެ ބައި: (ނަމްބަރ 05)ގެ (ށ) ގައިވާ ދަރިންގެ ޢަދަދަށް ޕޮއިންޓް ދިނުމުގައި 04 ދަރިންނަށްވުރެ ގިނައިން ދަރިން ތިބި ކަމުގައި ވިއަސް ދެވޭނީ ޖުމްލަ 16 ޕޮއިންޓެވެ. ދަރިން ތިބެގެން ޕޮއިންޓްދޭނީ ގޯއްޗަށް އެދިފައިވާ މީހާގެ ބެލުމުގެ ދަށުގައި ތިބި ދަރިންނަށެވެ. (މިސާލަކަށް ދަރިފުޅު ނުވަތަ ދަރިން ބަލަމުން ގެންދަނީ ގޯއްޗަށް އެދިފައިވާމީހާ ނުވަތަ އޭނާގެ ފަރާތުން ބަލަންޖެހޭ މީހެއްކަމުގައި ނުވާނަމަ ދަރިންނަށްދޭ ޕޮއިންޓް ގޯއްޗަށް އެދިފައިވާ މީހާއަށް ދޭކަށްނުޖެހޭނެއެވެ.) އަދި ހުރިހާ ދަރިންގެ އުފަންދުވަހުގެ ސެޓްފިކެޓްގެ ކޮޕީއެއް ފޯމާއިއެކު ހުށަހަޅަންޖެހޭނެއެވެ.

* ދަރިންގެ ބައި: (ނަމްބަރ 05)ގެ (ނ)އަށް ޕޮއިންޓް ލިބޭނީ ދައުލަތުން ޚާއްސައެހީއަށް ބޭނުންވާ މީހުންނަށްދޭ އިނާޔަތް ލިބޭފަރާތްތަކަށެވެ. އެފަދަ ފަރާތެއްނަމަ އެކަން އެނގޭނޭ ރަސްމީ ލިޔުން ހުށަހަޅަންވާނެއެވެ. އަދި އެފަރާތުގެ އުފަންދުވަހުގެ ސެޓްފިކެޓްގެ ކޮޕީއެއްވެސް ފޯމާއިއެކު ހުށަހަޅަން ވާނެއެވެ.

* ދަރިންގެ ބައި: (ނަމްބަރ 05)ގެ (ރ)އަށް ޕޮއިންޓް ދިނުމުގައި ޚާއްޞައެހީއަށް ބޭނުންވާ 02 ދަރިންނަށްވުރެ ގިނައިން ދަރިން ތިބި ކަމުގައި ވިއަސް ދެވޭނީ ޖުމްލަ 08 ޕޮއިންޓެވެ. ދަރިން ތިބެގެން ޕޮއިންޓްދޭނީ ގޯއްޗަށް އެދިފައިވާ މީހާގެ ބެލުމުގެ ދަށުގައި ތިބި ދަރިންނަށެވެ. (މިސާލަކަށް ދަރިފުޅު ނުވަތަ ދަރިން ބަލަމުން ގެންދަނީ ގޯއްޗަށް އެދިފައިވާމީހާ ނުވަތަ އޭނާގެ ފަރާތުން ބަލަންޖެހޭ މީހެއްކަމުގައި ނުވާނަމަ ދަރިންނަށްދޭ ޕޮއިންޓް ގޯއްޗަށް އެދިފައިވާ މީހާއަށް ދޭކަށްނުޖެހޭނެއެވެ.) އެފަދަ ފަރާތެއްނަމަ އެކަން އެނގޭނޭ ލިޔުން ހުށަހަޅަންވާނެއެވެ. އަދި އެފަދަ ފަރާތްތަކުގެ އުފަންދުވަހުގެ ސެޓްފިކެޓްގެ ކޮޕީއެއްވެސް ފޯމާއިއެކު ހުށަހަޅަން ވާނެއެވެ.

*   މައިން ބަފައިންގެ ބައި: (ނަމްބަރ 06)ގެ (ހ) އަދި (ށ) ގައިވާ މައިންބަފައިން ބަލަމުން ގެންދާތީ ލިބޭ ޕޮއިންޓް ލިބޭނީ މަންމަ ނުވަތަ ބައްޕަގެ ގޯތިނެތި މަންމަ ނުވަތަ ބައްޕަ ޢަމަލީ ގޮތުން ބަލަމުން ގެންދާނަމައެވެ. އެފަދަ ފަރާތެއްނަމަ އެކަން އެނގޭނޭ ލިޔުން ހުށަހަޅަންވާނެއެވެ.

*   މައިންބަފައިންގެ ބައި: (ނަމްބަރ 06) ގެ (ނ) ގައިވާފަދަ މީހަކު ބަލަމުންދާކަމަށް ބެލެވޭނީ މުސްކުޅިވުމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކާހުރެ އަމިއްލައަށް އެއްވެސް މަސައްކަތެއް ކޮށް ނޫޅެވޭފަދަ މީހަކު ޝަރީޢަތް މެދުވެރިކޮށް ބެލުމަށް ޙަވާލުކޮށްފައިވާ ފަރާތެއްނަމައެވެ. އެފަދަ ފަރާތެއްނަމަ އެކަން އެނގޭނޭ ރަސްމީ ލިޔުން ހުށަހަޅަންވާނެއެވެ.

* ރަށްވެހިކަމުގެ ބައި: (ނަންބަރ 07) ގެ (ށ) އަދި (ނ)ގައިވާ ބަޔަށް ޕޮއިންޓްދެވޭނީ ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތުން މިރަށުގައި ދިރިއުޅޭކަން އެނގޭނޭ ލިޔުން ހުށަހަޅާފައިވާ ފަރާތްތަކަށެވެ.

* ރ. ހުޅުދުއްފާރަށް ރަށްވެހިކަން ބަދަލުކޮށްފައިވާ މީހުންގެ ބައި: (ނަންބަރު 8)ގެ (ހ) އަދި (ށ)އަށް ޕޮއިންޓް ލިބެންޖެހޭ ފަރާތްތަކަށް، ރަށްވެހިކަމުގެ ބައި (ނަންބަރު7) ގެ (ހ)ގައި ބަޔާންކޮށްފައިވާ ޕޮއިންޓެއް ނުލިބޭނެއެވެ. އަދި ރަށްވެހިކަން ބަދަލުކޮށްފައިވާނަމަ އެކަން އެނގޭނޭ ރަސްމީ ލިޔުން ހުށަހަޅަންވާނެއެވެ. މިލިޔުން ހުށަނާޅާ ފަރާތްތަކަށް ޕޮއިންޓެއް ނުލިބޭނެއެވެ.

* ޕޮއިންޓް އުނިކުރުން: (ނަންބަރު 9)ގެ (ހ) އަށް ޕޮއިންޓް ކެނޑޭނީ މަންމަގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް އޮވެފައި، ގޯތި ނުލިބިހުރީ ހަމައެކަނި ގޯއްޗަށް އެދިފައިވާ ފަރާތް ކަމަށްވާނަމައެވެ. އަދި މަންމައާއި ބައްޕަގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް އޮތްކަމުގައި ވާނަމަވެސް ކެނޑޭނީ ހަމަ 10 ޕޮއިންޓެވެ.

* ޕޮއިންޓް އުނިކުރުން: (ނަންބަރު 9)ގެ (ށ) އަށް ޕޮއިންޓް ކެނޑޭނީ ބައްޕަގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް އޮވެފައި، ގޯތި ނުލިބިހުރީ ހަމައެކަނި ގޯއްޗަށް އެދިފައިވާ ފަރާތް ކަމަށްވާނަމައެވެ. އަދި މަންމައާއި ބައްޕަގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް އޮތްކަމުގައި ވާނަމަވެސް ކެނޑޭނީ ހަމަ 10 ޕޮއިންޓެވެ.

* ޕޮއިންޓް އުނިކުރުން: (ނަންބަރު 9)ގެ (ނ) އަށް ޕޮއިންޓް ކެނޑޭނީ ގޯއްޗަށް އެދިފައިވާ މީހާގެ މަންމަގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު އެއްގޯއްޗަށްވުރެ ގިނަގޯތިއޮތްނަމަ އިތުރުވާ ކޮންމެގޯއްޗަކަށް 5 ޕޮއިންޓެވެ. އަދި މަންމައާއި ބައްޕަގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު އެއްގޯއްޗަށްވުރެ ގިނަގޯތިއޮތްނަމަވެސް އިތުރުވާ ކޮންމެގޯއްޗަކަށް ކެނޑޭނީ ހަމަ 05 ޕޮއިންޓެވެ.

* ޕޮއިންޓް އުނިކުރުން: (ނަންބަރު 9)ގެ (ރ) އަށް ޕޮއިންޓް ކެނޑޭނީ ގޯއްޗަށް އެދިފައިވާ މީހާގެ ބައްޕަގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު އެއްގޯއްޗަށްވުރެ ގިނަގޯތިއޮތްނަމަ އިތުރުވާ ކޮންމެގޯއްޗަކަށް 5 ޕޮއިންޓެވެ. އަދި މަންމައާއި ބައްޕަގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު އެއްގޯއްޗަށްވުރެ ގިނަގޯތިއޮތްނަމަވެސް އިތުރުވާ ކޮންމެގޯއްޗަކަށް ކެނޑޭނީ ހަމަ 05 ޕޮއިންޓެވެ.

* ފޯމާއިއެކު ހުށަހަޅަން ބުނެފައިވާ ހުރިހާ ލިޔުމެއް (ހުށަހަޅަން ޖެހޭފަރާތްތަކުން) ފުރިހަމަކޮށް ހުށަހަޅަންޖެހޭނެއެވެ. އެފަދަ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ، އެބަޔަށް ޕޮއިންޓެއް ނުލިބޭނެއެވެ.

23 މޭ 2019
ހޯދާ