ޢާންމު މަޢުލޫމާތު
ނަންބަރު: IL-CNS/2013/40
ޕަބްލިޝްކުރި ތާރީޚް: 09 ޖޫން 2013
ޕަބްލިޝްކުރި ގަޑި: 14:29
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ވަގުނޫޓުު މަދުންނަމަވެސް ފެންނަމުންދާތީ، އެކަން ހުރިހައިފަރާތްތަކެއްގެ ސަމާލުކަމަށް ގެނައުން.

އިޢުލާން       

ދިވެހިރާއްޖޭގެ ފައިސާގެ މަތީ ނޫޓުތައް ކަމަށްވާ 500 ރުފިޔާ އާއި 100 ރުފިޔާގެ ވަގު ނޫޓުު މަދުން ނަމަވެސް ފެންނަމުން ދާތީ، ހުރިހައި ފަރާތްތަކެއްގެ ސަމާލު ކަމަށްޓަކައި ދަންނަވަމެވެ.

މި ވަގު ނޫޓުތަކަކީ ކަރުދާހާއި ޗާޕަށް ބަލާއިރު ޞައްޙަ ނޫޓަށް ވުރެ ފެންވަރު ދެރަ ކަރުދާހުގައިި ހަދައިފައިވާ ނޫޓުތަކެކެވެ. ނަމަވެސް، ގިނަ ނޫޓު ތަކެއްގެ ތެރޭގައި މިފަދަ ވަގު ނޫޓެއް އޮތް ނަމަވެސް ފަރުވާތެރިކަމާ އެކު ނޫޓުތައް ވަކިވަކިން ބައްލަވައި ޗެކު ނުކުރައްވައިފިނަމަ، ނޭނގުމެއްގެތެރޭގައި ބަލައިގެންނެވި ގެއްލުމާ ކުރިމަތިލައްވަން ޖެހިވަޑައިގަތުމަކީ ވެދާނެ ކަމެކެވެ.

އެހެންކަމުން، ފައިސާ ބަލައިގެންނެވުމުގައި 500 ރުފިޔާ އާއި 100 ރުފިޔާގެ ޞައްޙަ ނޫޓެއް އަބަދުވެސް ފެންނަގޮތަށް ބާއްވަވައިގެން، ލިބޭ ފައިސާއާ އަޅައިބައްލަވައި، ފައިސާ ބަލައިގެންނެވުމުގައި އެކަށީގެންވާ ފަރުވާތެރިކަން ބެހެއްޓެވުން މުހިންމެވެ. ބަލައިގަންނަވާ ނޫޓުގެ ޞައްޙަކަމާ މެދު ޝައްކުކުރެވޭ އެއްވެސް ނޫޓެއް ފެނިވަޑައިގެންފިނަމަ، މި އޮތޯރިޓީއަށް ގެންނަވައި އެ ނޫޓެއްގެ ޞައްޙަކަން ނުވަތަ ނޫންކަން ޔަޤީން ކުރެއްވުމަށް އިލްތިމާސްކުރަމެވެ.

މި ކަމާ ގުޅޭ އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުނަމަ، މި އޮތޯރިޓީގެ ފޯނު ނަންބަރު 3331739 އާ ގުޅުއްވުން އެދެމެވެ.

މިފަދަ ކަންތައްތަކުގައި ހުރިހައި ފަރާތަކުންވެސް ދެއްވާ އެއްބާރުލެއްވުން މި ފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.  

30 ރަޖަބު     1434

09 ޖޫން 2013