ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)452-OA/23/2014/7
ޕަބްލިޝްކުރި ތާރީޚް: 12 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 17:41
ހެލްތު ޕްރޮޓެކްޝަން އެޖެންސީ
ދިވެހިރާއްޖެ
ލޭބަލްކުރުމުގެ މިންގަނޑުތަކާ ޚިލާފަށް ބައެއް ތަކެތި ލޭބަލްކުރެވިފައި ހުރުން

ރާއްޖެ އެތެރެކުރުމަށް ގެނެވޭ ކާބޯތަކެތީގެ ތެރެއިން އިންސާނުން ކެއިންބުއިމަށް ރައްކާތެރި ތަކެތިކަން ކަށަވަރުކުރުމަށްޓަކައި ހެދިފައިވާ ލޭބަލްކުރުމުގެ މިންގަނޑުތަކާ ޚިލާފަށް ބައެއް ތަކެތި ލޭބަލްކުރެވިފައި ހުންނަކަން ދަނީ ފާހަގަކުރެވެމުންނެވެ. އެގޮތުން، އިނގިރޭސި ނުވަތަ ދިވެހިބަހުން ނޫން ބަހަކުން ލޭބަލްކުރެވިފައި ހުންނަ ބޭރު ޤައުމުތަކުގެ ލޯކަލް މާކެޓަށް ތައްޔާރުކޮށް، އެޤައުމެއްގެ ބަހަކުން ލިޔެވިފައި ހުންނަ ތަކެތި ރާއްޖެ އެތެރެކުރުމަށް، އެތަކެތި ގެނައުމަށްފަހު އެތެރެކުރެވޭނެ އެހެންގޮތެއް ހަމަޖައްސައިދިނުމަށް އެދި މިއެޖެންސީގައި އެދެމުން އަންނަކަން ފާހަގަކުރަމެވެ.

ދިމާވެދާނެ ޞިއްޙީ ނުރައްކަލަކުން ޢާންމު ރައްޔިތުން ރައްކާތެރިކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫން (07/2012) މަތިކޮށްފައިވާ ފަރާތަކީ މިއެޖެންސީކަމަށްވާތީ، މިއެޖެންސީގެ ބެލުމުގެ ދަށުން ހިނގަމުން އަންނަ އިންޓަރ ނޭޝަނަލް ބޯޑަރ ހެލްތު ސެކްޝަނުގެ ޕޯޓް ހެލްތު ޔުނިޓްތަކުން އެފަދަ ތަކެތި އެތެރެކުރުމަށް ހުއްދަ ދިނުމުގައި ވަކި އުސޫލުތަކަކަށް ދަނީ ޢަމަލުކުރަމުންނެވެ. އަދި މިއުސޫލުގެ ތެރެއިން ކަންކަން ކުރިއަށް ގެންދާއިރު ޢާންމު ޞިއްޙަތު ރައްކާތެރިކުރުމަށްޓަކައި ދުނިޔޭގެ އެހެނިހެން ޤައުމުތަކުންވެސް ގެންގުޅެމުން އަންނަ ކޮޑެކްސް އެލިމެންޓަރިއަސް - "Codex Alimentarius" މިންގަނޑުގައި ބުނާ އުސޫލުގެ ތެރެއިން ކަންކަން ކުރުމަށް މަސައްކަތްކުރުމާއެކު، ދިވެހިރާއްޖޭގައި އެފަދަކަންކަން ހަމަޖެއްސުމުގައިވެސް މުދާ އެތެރެކުރާ ފަރާތްތަކަށް ލުއި ފަސޭހަކަން ލިބިގެންދާފަދަ ގޮތަށް ޢާންމު ރައްޔިތުންގެ ޞިއްޙަތަށް އެއްވެސް ނުރަނގަޅު އަސަރެއް ނުކުރާނޭފަދަގޮތަކަށް ކަންކަން ހަމަޖައްސަމުން އަންނަކަމުގެ ޔަޤީންކަން މިފުރުޞަތުގައި އަރުވަމެވެ.

އެގޮތުން، މަތީގައި ދެންނެވިފައިވާ ފަދަ ތަކެތި އެތެރެކުރުމަށް ހުއްދަދިނުމުގައި އެތަކެތީގެ ބޭނުންކުރައްވާ ފަރާތްތަކަށް އެއީ ކޮން އެއްޗެއްކަމާއި، އެކުލެވިގެންވާ ބައިތައް/މާއްދާތަކާއި އަދި ތާރީޚުތައް އެނގޭނެގޮތަށް ލޭބަލްކުރެވިފައި ހުރިތޯ ބެލުމަކީ ޞިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ މުހިންމު ކަމެއްކަމުގައި ދަންނަވަމެވެ.

މިދެންނެވިފަދަ ކާބޯތަކެއްޗަކީ އިންސާނުންގެ ކެއުންބުއިމަށް ޞިއްޙީގޮތުން ރައްކާތެރިކަން ކަށަވަރުކުރުމަށް އޮންނަ އުސޫލުގެ ތެރެއިން ދެވޭ ލުޔެއްގެގޮތުގައި، އެހެން ބަސްބަހުން ލޭބަލްކުރެވިފައި ހުންނަ ތަކެއްޗަށް އެތަކެތި އުފެއްދި ފަރާތުން ލޭބަލްކުރުމުގައި ހުންނަންވާ ތަފުސީލު މަޢުލޫމާތު ހިމެނޭ ފަރާތުން އިނގިރޭސިބަހުން ލިޔެފައިވާ އަސްލު ލިޔުމެއް ފޯރުކޮށްދިނުމުން އެފަދަ ތަކެތި ދޫކުރަމުން އަންނަކަންވެސް ފާހަގަކުރަމެވެ. ނަމަވެސް މިދެންނެވި ގޮތަށް އެކަން ހަމަޖައްސައިދިނުމަކީ އެންމެ ރަނގަޅު އުސޫލުކަމަށްނުވާތީ، އެގޮތަށް ހަމަޖައްސައިދެމުން އަންނަ އައުން ހުއްޓާލުމަށް ގަސްތުކުރެވިފައިވާ ވާހަކަ ދުރާލާ ދަންނަވަމެވެ.

ވީމާ، ދިވެހިރާއްޖެއަށް އެތެރެކުރުމަށް ގެންނަ ކާބޯތަކެއްޗަކީ ޞިއްޙީގޮތުން ރައްކާތެރި ތަކެތިކަން ކަށަވަރުކުރުމަށްޓަކައި ރާއްޖެ އެތެރެކުރުމަށް ގެންނަ ކާބޯތަކެއްޗާމެދު ޢަމަލުކުރުމަށް ހެދިފައިވާ އުސޫލުތަކާބެހޭ މަޢުލޫމާތު، މުދާ ގެނައުމުގެ ކުރިން ދުރާލައި، ޕޯޓް ހެލްތު ޔުނިޓްތަކުންނާއި މިއެޖެންސީގެ ވެބްސައިޓުން ހޯއްދެވުމަށް ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށްޓަކައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ނަންބަރު:3014322 އަދި ޕޯޓް ހެލްތު ޔުނިޓްގެ ނަންބަރު:3323963 ފޯނަށް ގުޅުއްވުމާއެކު www.hpa.gov.mv ވެބްސައިޓަށް ޒިޔާރަތްކުރެއްވުން އެދެމެވެ.

13 ޛުލްޙިއްޖާ 1435

12 އޮކްޓޫބަރު 2014