ދިވެހިރާއްޖެ
މާލިއްޔަތުގެ ސަރކިއުލަރ
2019
ނަންބަރު: 13-K/CIR/2019/27
ދަޢުލަތުގެ މާލިއްޔަތުގެ ޤަވާޢިދުގެ ބާބު 10 ބެހޭ
ދަޢުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ޤަވާޢިދުގެ ބާބު 10- "ދަޢުލަތުގެ ޕްރޮކިއުމަންޓް ނިޒާމު" ދަށުން ދަޢުލަތުގެ އޮފީސްތަކުން ޢަމަލުކުރުމުގައި 07 ޖުލައި 2019 އިން ފެށިގެން މި ސަރކިއުލަރއާއި އެކު ހިމަނާފައިވާ ކަންތައްތަކާއި އެއްގޮތަށް ޢަމަލުކުރެއްވުމަށް ދެންނެވީމެވެ.
ދިވެހިފަރާތްތަކަށް އިސްކަންދިނުން
މާލިއްޔަތު ޤަވާޢިދުގެ ބާބު 10ގައި ބަޔާންކޮށްފައިވާ ފަދައިން ތަކެތި ގަތުމާއި މަސައްކަތް ކުރުވުމާއި ޙިދުމަތް ހޯދުމުގައި ދިވެހިންނަށް އިސްކަންދިނުމުގެ ގޮތުން، ސަރުކާރުގެ އޮފީސްތަކުންނާއި، މިނިވަން މުޢައްޞަޞާތަކުން ކުރިއަށް ގެންދާ ޕްރޮކިއުމަންޓްގެ (ކޮންސަލްޓެންސީ އަދި ދިވެހި ރާއްޖެއިން ލިބެން ނުހުންނަ ތަކެއްޗާއި އެހެނިހެން ޚިދުމަތްތައް ނުހިމެނޭގޮތަށް) އަގު މާލިއްޔަތު ޤަވާޢިދުގެ ބާބު 10 ގެ ޖަދުވަލު 1 ގެ 4 ވަނަ ނަންބަރުގައިވާ އަގަށްވުރެ ދަށްނަމަ، މި ފަދަ ޕްރޮކިއުމަންޓްތަކުގައި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށް އެކަނި ބައިވެރިވެވޭ ގޮތަށް ޕްރޮކިއުމަންޓްގެ ކަންތައް ކުރިއަށް ގެންދިއުމަށް ދަންނަވަމެވެ.